Advertisement

ޢަރަބި އިސްލާމީ ސަމިޓް: ހިތްޕުޅުގައި އޮތް އެއްޗެއް ނޭނގެއެވެ. ވިދާޅުވީ ހެޔޮ ބަސްފުޅެކެވެ.

11 Nov 2023 | 14:00
މިއަދު ރިޔާޟުގައި ބޭއްވި ޢަރަބި އިސްލާމީ ސަމިޓުގެ އިފްތިތާޙީ ޖަލްސާއަށް ފަހު ފޮޓޯއަކަށް ހުއްޓިލައްވައިގެން (ފޮޓޯ: އޮމާން އޮބްޒާރވަރ)

އެމެރިކާއާއި އިނގިރޭސީންގެ ބައިވެރިވުމާއި ވިލާތުގެ ގިނަ ގައުމުތަކެއްގެ ތާއީދާއެކު ނިރުބަވެރި ޔަހޫދީ ދައުލަތުން ފަލަސްތީނުގެ 11 ހާހަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށް ޣައްޒާގައި ހުރި 35 ހޮސްޕިޓަލުގެ ތެރެއިން 20 ހޮސްޕިޓަލް ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލި އިރު ޢަރަބީންނާއި މުސްލިމު ގައުތަކަށް ކުރެވުނު ކަމެއް ނެތެވެ. ދުނިޔޭގެ ސުލްހައަށް ޓަކައި މަސައްކަތްކުރާކަމަށް ބުނާ އދ. އޮތީ ނުކުޅެދިފައެވެ. ބައިނަލްއަގުވާމީ މުޖުތަމަޢު އޮތީ ހިމޭންކަމުގައެވެ. މުސްލިމު ގައުމުތަކާއި ޣައިރުމުސްލިމު ގައުމުތަކުގެ އާންމު ރައްޔިތުން ފަލަސްތީނަށް ތާއީދުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގައިލުންތަކާއި މުޒާހަރާތައް ބާއްވަމުންގެންދިޔައިރު، ނިރުބަވެރި ޔަހޫދީ ދައުލަތާ ގުޅުން ކަނޑައިލާން ވެސް ކެރުނީ ހަމައެކަނި ބޮލީވިޔާއޭ ކިޔާ ނަޞާރާ ދައުލަތަކަށެވެ.

އިސްރާއީލުގެ މި ޢުދުވާނަށް މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު، އިސްރާއީލުން އެ ބުނާ ޙަމާސް ޖަމާޢަތް ނައްތައެއް ނުލެވުނެވެ. ނައްތައިލެވުނީ ފަލަސްތީނުގެ ކުށެއް ނެތް އެގާރަ ހާސް އެތައް ރައްޔިތުންނެވެ. ޣައްޒާގެ 20 ހޮސްޕިޓަލާއި އެތައް އިސްކޫލެކެވެ. އެތައް ހާސް ބަޔެއްގެ ގެދޮރެވެ. އިންޖީނުގެތަކާއި ފެން އުފައްދާ ކާރުޚާނާތަކެވެ. ފާރޮށިގެތަކާއި އިޖުތިމާޢީ ޚިދުމަތްދޭ އެހެން ތަންތަނެވެ. ކުރުކޮށް ދަންނަވާނަމަ މުޅި ޣައްޒާގެ ބިނާރެވެ.

މި ހުރިހައި ދުވަހު ކުޅިބައްލަވާން ތިއްބެވުމަށް ފަހު، މިއަދު (ހޮނިހިރު ދުވަހު) ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ޢަރަބި-އިސްލާމީ ސަމިޓެއް ބޭއްވިކަމަށް ޚަބަރު ލިބެއެވެ. މި ސަމިޓުގައި ސުޢޫދީ ވަލީޢަހުދު އަދި ބޮޑުވަޒީރު މުޙަންމަދު ބިން ސަލްމާނު ދެއްވި އިފުތިތާޙީ ތަޤުރީރުގައި އިސްރާއީލަށް ހަރުކަށި އަމުރުފުޅުތަކެއް ކުރެއްވިއެވެ. އޭނާ ވިދާޅުވެފައިވަނީ "ޣައްޒާގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް އިސްރާއީލުން ޒިންމާވާން ޖެހޭނެ"ކަމަށެވެ.

މިއަދު ރިޔާޒުގައި ބޭއްވި ޢަރަބި އިސްލާމީ ސަމިޓުގެ ތެރެއިން..... (ފޮޓޯ: އޮމާން އޮބްޒާރވަރ)<br>

އެ ސަރަހައްދުގައި އިސްރާއީލުން ހިންގާ ހަނގުރާމަވެރި ޙަރަކާތްތައް މިހާރުން މިހާރަށް ހުއްޓައިލާން އޭނާ ގޮވައިލައްވައިފައިވެއެވެ.

އިންސާނީ އެހީ ދޭ ޖަމާޢަތްތަކުން މަދަނީންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދީ އެ ޖަމާޢަތްތަކުގެ ދައުރު އަދާކުރެވޭނެ ދޮރުތައް ހުޅުވާން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

"ހުރިހައި ގައިދީންނާއި އަސީރުން ދޫކޮށްލުމަށާއި މަޢުޞޫމު ރައްޔިތުންގެ ޙިމާޔަތަށް އެދި އަހަރެމެން [ސަޢޫދީ ޢަރަބިއްޔާއިން] ގޮވައިލާ ގޮވައިލުމަށް [މި އަދު ވެސް] އަހަރެމެން ބާރުލަމެވެ." އެ ސަމިޓުގައި ވަލީއަހުދު މުޙަންމަދު ވިދާޅުވެފައިވެއެވެ.

ޣައްޒާގައި ހިނގާ "ހަނގުރާމަ" (އިސްރާއީލުން ހިންގާ ޢުދުވާނު) ސުޢޫދީ ޢަރަބިއްޔާއިން ކުށްވެރިކުރާކުރުން އޭނާ ތަކުރާރުކުރެއްވިއެވެ. ކުޑަކުދީންނާއި އަންހެނުން ހިމެނޭ ހެން މަދަނީންގެ އެތައް ހާސް ފުރާނައެއް މި ޢުދުވާނުގެ ސަބަބުން ވަނީ ގެއްލިފައެވެ. ހޮސްޕިޓަލްތަކާއި ބިނާރުތައްވަނީ ފަނާކޮށްލައިފައެވެ.

ސޫރިއާގެ ރައީސާއި ވަލީއަހުދު މުޙަންމަދު (މިއަދު ބޭއްވި ސަމިޓްގެ ތެރެއިން) (ފޮޓޯ: ވަލީއަހުދު މުޙަންމަދުގެ އެކްސް)<br>

"އަހަރެމެންނަށް ކުރިމަތިވެފައި މިވަނީ އިންސާނީ ބޮޑު ކާރިސާއަކާއެވެ. މި ކަމުން އަހަރެމެންނަށް މި ސާބިތުވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އިސްރާއީލުން ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓުވުމުގައި އދ.ގެ ސަލާމަތީ މަޖިލީހާއި މުޅި ބައިނަލްއަގުވާމީ މުޖުތަމަޢު ފޭލިވެފައިވާ ތަނެވެ. އަދި ދެ މިންގަނޑަކުން ވަކި ބަޔަކާމެދު ޢަމަލުކުރަމުން ގެންދާ ތަނެވެ. މި ކަމުގެ ސަބަބުން ދުނިޔޭގެ ސަލާމަތާއި ހަމަޖެހުމަށް ވަނީ ނުރައްކާވެފައެވެ." ވަލީއަހުދު މުޙަންމަދު ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި މި ސަރަހައްދުގައި ހަމަޖެހުމާއި ރައްކާތެރިކަން ގާއިމުކުރެވޭނެ ހަމައެކަނި ގޮތަކީ ފަލަސްތީނު އިސްތިއުމާރުކުރުމާއި ސަރަހައްދު ބަންދުކުރުމާއި [ގަވާއިދާ ޚިލާފަށް] ފަލަސްތީނުގެ ބިންތަކުގައި [ޔަހޫދީން] އާބާދުކުރުމަށް ނިމުމެއް ގެނެވިގެންނެވެ.

މުޅި ޣައްޒާ ތަޅައި ސުންނާފަތި ކުރުމަށް ފަހު ވެސް ޢަރަބީންނާއި މުސްލިމުން ބައްދަލުވެ އެއްގަލަކަށް އަރައިފައިވާތީ އެއީ ލިބޭ ހިތްހަމަޖެހުމެކެވެ. އަދި ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، ހިތްޕުޅުގައި ކޮންމެ އެއްޗެއް އޮތް ނަމަވެސް، މިއަދު ސުޢޫދީ ވަލީއަހުދު ވިދާޅުވި ބަސްފުޅުތަކަކީ އުންމީދީ ހެޔޮ ބަސްފުޅުތަކެކެވެ. އެ ކަމަށް ޓަކައި ތަހުނިޔާ ދަންނަވަމެވެ.

މި އަދުގެ ޙާލަތާ ގުޅޭ އިތުރު ބައެއް މަޢުލޫމާތު:

· ޢަރަބި އިސްވާރުން ރިޔާޟުގައި ބޭއްވި ސަމިޓް, އިސްރާއީލާއެކު ބާއްވާ ވިޔަފާރީގެ ގުޅުންތައް ކަނޑައިލުމަށް އެއްބަސްވަމުން އަދި ޣައްޒާގައި ހިންގާ ޢުދުވާނު ވަގުތުން ހުއްޓައިލުމަށް ގޮވައިލަމުން ނިންމައިލައިފިއެވެ.

· ފަލަސްތީނަށް ތާއީދުކޮށް ލަންޑަންގައި މިއަދު ވެސް ހިނގައިލުންތައް ބާއްވަމުން އެބަ ގެންދެއެވެ.

· ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވެފައިވާ ގޮތުގައި ޣައްޒާގައި ހުރި 35 ހޮސްޕިޓަލުގެ ތެރެއިން 20 ހޮސްޕިޓަލުގެ ޚިދުމަތް ވަނީ ހުއްޓިފައެވެ.

· ޙިޒުބުﷲގެ ވެރިޔާ ޝައިޚު ނަޞްރުﷲ އޭނާގެ ބައިވެރީންނާ މުޚާޠަބުކުރައްވާން އެބަ ތައްޔާރުވެވަޑައިގަނެއެވެ.

· ޙަމާސުން ދިން ޙަމަލާގައި އިސްރައީލުން މަރުވިކަމަށް ބުނި 1400 މީހުންގެ ޢަދަދު މިހާރު 1200 އަށް ދަށްކޮށްފިއެވެ.

· ޣައްޒާ ސަރަޙައްދުން މިހާތަނަށް 11078 މީހުން ޝަހީދުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.

Advertisement

ކޮމެންޓް
މަރީ
ބަނޑު ފުރައި ކަމުން ފޮޓޯނަގާން އުޅޭ މުނާފިގު ގުރޫޕެއް
11 Nov 2023