Advertisement

ޖުމްހޫރީ އާ ދައުރެއް ފެށޭ މި ދަނޑިވަޅުގައި....

photo:genidark

އާދޭހެވެ! މިއަދަކީ ދިވެހިރާއްޖޭގެ އުފާވެރި ޖުމްހޫރީ ދުވަހެވެ. މިއަދުގެ މުނާސަބަތުގައި "ފަރަގު"ގެ ކިޔުންތެރީންނަށާއި ދިވެހިރާއްޖޭގެ އެންމެހައި ވެރީންނަށް ތަހުނިޔާއާއި މުބާރިކުބާދީ ދަންނަވަމެވެ. އަދި ދިވެހި ދައުލަތުގެ ވެރީން – ރައީސުލްޖުމްހޫރިއްޔާ ޞާޙިބުލްފަޚާމާ އަލްފޟިލް އިބްރާހީމް މުޙަންމަދު ޞާލިޙަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް އަލްފާޟިލް މުޙަންމަދު ނަޝީދަށާއި، އުއްތަމަ ފަނޑިޔާރު، އޮންރަބްލް އަލްއުސްތާޒު މުޙަންމަދު މުޢުތަޞިމް ޢަދުނާނު - ވެސް މި ތަހުނިޔާގައި ޝާމިލުކުރަމެވެ. އަދި އުންމީދީ ރައީސް ރައީސް މުންތަޚަބު، ޞާޙިބުލްފަޚާމާ ޑރ. މުޙަންމަދު މުޢިއްޒަށް ވެސް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.

ކޮންމެ އަހަރެއްގެ ވެސް ނޮވެންބަރު މަހު 11ވަނަ ދުވަހަކީ ގައުމީ ހަޔާތުގައި މުހިންމު ދުވަހެކެވެ. ދިވެހިރާއްޖޭގެ އުފާވެރި ޖުމްހޫރީ ދުވަހެވެ. އާދޭހެވެ! ދިވެހިރާއްޖޭގެ ޖުމްހޫރީ ވެރިކަމަށް ފަންސާސް އެތައް އަހަރެއް ވެއްޖެއެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، ޖުމްހޫރިއްޔަތުގެ ހިޔަލުގައި އަޅުގަނޑުމެން ތިބޭތާ ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވީއެވެ. ނަމަވެސް،............... މާފުކުރެއްވުން އެދެމެވެ! ދުވަހުގެ މުހިންމުކަން ދިވެހީންގެ ހިތަށް މާ ބޮޑަށް ވަދެފައި ވެޔެކޭ ދެންނެވޭކަށް ނެތެވެ. ދައުލަތުން ބާއްވާ ރަސްމިއްޔާތެއް ނުވަތަ މީޑިއާއިން ފޮނުވާ ޕްރޮގްރާމެއް ފިޔަވައި، އެ ދުވަސް ފާހަގަވާ މާ ޚާއްޞަ ކަމެއް ނުފެނެއެވެ. މި ފަދަ ދުވަސްތަކަށް އާންމުންގެ ފަރާތުން މާ ބޮޑު ސަމާލުކަމެއް ލިބޭކަމަކަށް ދެންނެވޭކަށް ވެސް ނެތެވެ. ބައެއް އަހަރުތަކުގައި ބައެއް އިސްކޫލުތަކުން ވެސް ކޮންމެވެސް ވަރަކަށް މި ދުވަސް ފާހަގަކުރޭމެވެ. ނަމަވެސް މި ދުވަސް މުހިންމުވަނީ ހަގީގަތުގައި ރައްޔިތުންނަށެވެ. ރަސްކަމަކުން ޖުމުހޫރިއްޔަތަކަށް ބަދަލުވުމުގެ ހުރިހާ ވެސް ލާބައަކާއި މަންފާއެއް އޮތީ ރައްޔިތުންނަށެވެ. ދެ ނިޒާމުގެ ސިފަތަކަށް ބަލާ ނަމައެވެ. ނިޒާމުގެ ފަލްސަފާއަށް ރިޢާޔަތްކުރާނަމައެވެ.

ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެ ދިރިއުޅޭން ފެށީ ވަކި މިވެނި ތާރީޚަކުންކަން ސާބިތު ގޮތެއްގައި ފެންނާކަށް ނެތެވެ. ނަމަވެސް އެނގޭ ހަގީގަތްތަކެއް އެބަ ހުށްޓެވެ. ދިވެހިރާއްޖޭގައި ދިވެހީން އުޅޭތާ އެތައް ހާސް އަހަރެއްވެއްޖެކަމެވެ. ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވީއްސުރެ، ދިވެހީންގެ އަމިއްލަ ވެރިކަމެއް ކުރަމުން އައިކަމެވެ. އެބައިމީހުންގެ މުސްތަޤިއްލު ރަސްކަމެއް ހިންގި ކަމެވެ. ތާރީޚުން ފެންނާން އޮތް އެންމެ ދުރަކަށް ދާއިރު 12ވަނަ ޤަރުނުގެ ވަރަށް ކުރީން ފެށިގެން ދިވެހިރާއްޖޭގައި ރަސްކަމެއް އޮތެވެ. ގިނަ ފަހަރަށް ވިރާސީ ރަސްކަމެއްގެ ސިފައިގައެވެ. އަނެއްބައި ފަހަރު އިންތިޚާބީ ރަސްކަމެއްގެ ގޮތުގައެވެ. މި ގޮތުގެ މަތީން 1952 ވަނަ އަހަރުގެ ނިޔަލަށް މި ރަސްކަން ދެމި އޮތެވެ. ކޮންމެއަކަސް، އަށް ޤަރުނަށް ވުރެ، ގިނަ ދުވަހަށް ދެމިގެން އައި ރަސްކަން 1953ގައި ޖުމްހޫރިއްޔަކަށް ބަދަލުކުރީ ސީދާ މި ސަބަބުތަކާ ހުރެ ކަމެއް ނޭނގެއެވެ. ފެންނާންހުރި ލިޔުންތަކަށް ބަލާ އިރު، އެ ގޮތަށް އެ ބަދަލު ގެނައީ ރާއްޖޭގެ އެންމެ މަތީ ވަލީ (ވެރިކަން)، ސުމުއްވުލްއަމީރު މުޙައްމަދު އަމީނަށް އަރުވާންވެގެންނެވެ. މުޙައްމަދު އަމީން ރަސްކަން ބޭނުންފުޅު ނުވީއެވެ. ސަބަބަކީ ރަސްކަލަކީ ޢަމަލީ މަޤާމަކަށްވުރެ ޝަރަފުވެރި މަޤާމަކަށްވުމެވެ. ރަސްކަމުގައި ނަމަ، ރަދުންގެ ނަންފުޅުގައި ސަރުކާރު ހިންގަވާން ޙަވާލުވެވަޑައިގެން ހުންނަވާނީ ބޮޑުވަޒީރެވެ. އަމީނަކީ ވަރަށް ޙަރަކާތްތެރި ޢަމަލީ ބޭފުޅެކެވެ. ޒަމާނީ ވިސްނުންފުޅެއްގެ ވެރި ބޭފުޅެކެވެ. ތަޢުލީމީ ބޭފުޅެކެވެ. ރައްޔިތުން ނުވަތަ ބޮޑުން "ބޭނުންވީ" ރާއްޖޭގެ އެންމެ މަތީ ވެރިކަން މުޙައްމަދު އަމީނާ ޙަވާލުކުރާށެވެ. ވެރިކަމަށް ކިޔާ ނަމެއް އެ މީހުންނަށް މުހިންމެއް ނޫނެވެ. އަމީންދީދީ ބޭފުންފުޅުވި ނަމަ، ރަސްކަމަށް އިސްވެވަޑައިގެން އަރާމާއި ޢިއްޒަތުގައި ހުންނެވުނީހެވެ. ނަމަވެސް ވިލާތުންނާއި ބޭރު ކަރަކަރައިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަމީނުދީދީގެ ޤައުމީ ތަޞައްވުރެއް އޮތެވެ. ޢުމްރާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި އިޤުތިޞާދީ ރޮނގުތަކުން ރާއްޖެ ކުރިއަށް ގެންދަވާނޭ އަމާޒެއް ހިތްޕުޅުގައި އޮތެވެ. އެހެންކަމުން މުޙައްމަދު އަމީނަށް އެންމެ މަތީ ވެރިކަމުގައި ހުންނަވައިގެން މި ކަންކަން ކުރެއްވެން އޮތީ ޖުމްހޫރިއްޔަތަކަށް ބަދަލުކުރައްވައިގެން ކަމަށް ވާތީ، ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުންއައި ރަސްކަން ޖުމްހޫރިއްޔަތަކަށް ފުރޮޅައިލެއްވީއެވެ. މި ކަމުގައި ތަފާތު ޚިޔާލުފުޅުތައް ގެންގުޅުއްވާ ބޭފުޅުން ތިއްބަވައިފާނެއެވެ. ނަމަވެސް ތާރީޚީ ލިޔުންތަކުން އަޅުގަނޑަށް ފެންނާން ހުރީ މި ހަގީގަތްތަކެވެ.

ފެންނާން ހުރި ހެކިތަކަށް ބަލާއިރު، ދެންނެވޭން އޮތީ ރާއްޖޭގައި އޮތް ރަސްކަމުގެ އެންމެ އާންމު ސިފައަކީ ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް ވުރެ ބޮޑަށް ރައްޔިތުން ވެރީންނަށް ޚިދުމަތްކުރުމުގެ ސިފައެވެ. ރަސްގެފާނުގެ އަރިހަށް މަގަމުތަކާ ޙަވާލުވާން އަންނަ މީހުން ވެސް އަންނާން ޖެހެނީ "ވެދުމަކާއިގެން"ނެވެ. ބޭރުގެ ޢިއްޒަތްތެރިއަކު ރަދުންގެ ފައިވާންޕުޅު ދެކޭން އަޔަސް "ވެދުން" ގެންނާންޖެހެއެވެ. މި ޒަމާނުގައި ނަމަ އެ "ވެދުމަށް" ކިޔާނީ އެހެން ނަމެކެވެ. ނަމަވެސް މިއީ މިއަދުގެ މައުޟޫޢާ ގުޅޭ ވާހަކައަކަށް ނުވާތީ ތަފުޞީލަކަށް ދާކަށް ނެތީމެވެ. ރަދުންގެ ފަރާތްޕުޅުން ރައްޔިތުންނަށް "އިއްވަވާ" އަމުރުފުޅުތަކުގައި ވެސް ރައްޔިތުންނާ މުޚާޠަބުކުރައްވައިފައި ހުންނަނީ "އަޅުތަކުން"ގެ ގޮތުގައެވެ. ރަސްގެފާނުގެ މަތިވެރިކަމާއި ބާރުވެރިކަން ބަޔާންކުރެއްވުމަށްފަހުގައެވެ. ރައްޔިތުންނަށް އެހެން ގޮތެއް، އެހެން ނިޒާމެއް ފެނިފައެއް ނެތެވެ. ރާއްޖޭގެ ތަޢުލީމީ ޙާލަތު އޭރު އޮތީ ވަރަށް ދަށުގައެވެ. ރަށެއްގައި ދިރިއުޅޭ ރަށްރަށުގައި ތިބި ލިޔާންކިޔާން ދަންނަ މީހުންގެ ޢަދަދު އަތުގެ އިނގިލިތަކުން ވިޔަކޮށްލެވޭހައި މަދެވެ. ރައްޔިތުން ތިބީ ރަސްކަމަށް ހޭނިފައެވެ. އެއީ އެ ކަން އޮންނާން ޖެހޭ ގޮތް ކަމަށް ގަބޫލުކޮށްގެންނެވެ. އެހެންކަމުން ރައްޔިތުންގެ އިތުބާރާއި ޤަދަރު ދެވިފައި އޮތް ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވީ، ރައްޔިތުން ބޭނުންވެގެންނެކޭ ދެންނެވޭކަށް ނެތެވެ. ޢަމުދުން ޖުމްހޫރިއްޔަތަކީ ކޮން އެއްޗެއްކަމެއް ވެސް ރައްޔިތުންނަކަށް ނުވެސް އެނގޭ ޙާލުގައެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ އެންމެ އިސްވެރިޔާގެ ގޮތުން ވަލިއްޔުލްއަމްރުކަމާ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، 1953 ޖަނަވަރީ 1ގައި ޙަވާލުވެވަޑައިގަތީ ކުރީން ދެންނެވި ތަޞައްވުރީ ވިސްނުންފުޅާއެކުގައެވެ. ނަތީޖާއެއްގެ ގޮތުން ކުރީން ދިވެހީންނަށް ނުފެންނަ ކިތަންމެ ކަމެއް، އަވަސްއަވަހަށް ފެންނާން ފަށައިފިއެވެ. އަންހެނުންނަކީ ގޭގައި ތިބޭންޖެހޭ ބަޔެއްކަމަށް ދުށް މުޖުތަމަޢުގެ އިސް ސަފަށް އަންހެނުން ނެރުއްވާން ފައްޓަވައިފިއެވެ. އަންހެނުނަކީ ފިރިހެނުންނެކޭ އެއް ފަދައިން ތަޢުލީމު ލިބެންޖެހޭ ބަޔެއް ކަމަށް ކަނޑައަޅުއްވައި އެ މީހުން މަދުރަސީ ތަޢުލީމުގެ ތެރެއަށް ނެރުއްވައިފިއެވެ. ރާއްޖޭގައި ބިޑި-ސުއްޓާ ސިނގިރެޓާއި ގުޑުގުޑާއަށް އާދަވެފައި ތިބި ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް ޓަކައި، ރާއްޖެއަށް ދުންފަތް އެތެރެކުރުން މަނާކުރައްވައިފިއެވެ. ރާއްޖެއަށް އަވަސް ބަދަލުތަކެއް ގެންނަވާން ހިތްޕުޅުގައި އަޅުއްވައިގެން ހުންނެވި ވެރިއެއްގެ ޒަޢާމަތުގައި އެތައް ޤާނޫނުތަކެއް އަވަސްއަވަހަށް ފާސްކުރައްވަން ފައްޓަވައިފިއެވެ. މި ފަދަ ބަދަލުތަކަށް ހޭނިފައި ނެތް ރައްޔިތުންނަށް މި ކަންކަން ވީ ނުރުހެވޭ ތަކުލީފުތަކަށެވެ. ތަޙައްމަލުކުރާން ދަތި އުނދަގޫތަކަކަށެވެ. މި ބަދަލުތަކާ ދިމާވީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި އިގުތިސާދީ ކާރިސާއާއެވެ. ހުރި ތަނަވަސްކަމެއް ބޭނުންކޮށްގެން ވެސް ދަތުރުފަތުކޮށް، ރާއްޖެއަށް ކާޑު އެތެރެކުރެވޭނެ މާހައުލެއް ނެތް ބިރުވެރި ދުވަސްވަރަކާއެވެ. އެހެންކަމުން ހޭލުންތެރިކަމެއް ނެތް ރައްޔިތުން ދުށީ ނުވަތަ ބަޔަކު ވިސްނައިދިނީ މިއީ ޖުމްހޫރިއްޔަތެއްގެ ސަބަބުން ރައްޔިތުންނަށް ޖެހުނު މުޞީބާތެއްކަމުގައެވެ.

ވެރިކަމުގެ ދަހިވެތިކަމުގައި ތިބި ބަޔަކު މި ފުރުޞަތު ދުށީ ރައްޔިތުން ރުޅިއަރުވައިލައިގެން ވެރިކަމަށް އައުމަށް ފަހިވި ތަނަވަސް މަގެއް ކަމުގައެވެ. ކުރީގެ މިނިވަންކަމާއި އުއްސަކުރު ޒަމާނާއި ތަނަވަސްކަމާއި ޖުމްހޫރިއްޔާ އައި ފަހުން ދިމާވި ދަތިތައް އަޅައި ބަލައި ރައްޔިތުން ރަނގަޅަށް ރުޅިއަރުވައިލިއެވެ. އަދި "ވަލިއްޔުލްއަމްރު" މުޙައްމަދު އަމީން، ޞިއްޙީ ބޭނުންފުޅަކަށް އޮޅުދޫކަރައަށް ވަޑައިގެން ހުންނަވަނިކޮށް އެންމެ އިތުބާރުކުރެއްވި ބޭފުޅުން އިސްވެ ތިއްބަވައި 1953 ވަނަ އަހަރު އޮގަސްޓު މަހުގެ ތެރޭގައި ވެރިކަން ފުރޮޅައިލިއެވެ. އިންގިލާބެއް ގެނައީއެވެ. ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ ޖުމްހޫރިއްޔާއަށް އެންމެ ހަތްމަހާއި ސަތާރަ ދުވަސް ވީތަނާއެވެ. ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސް ނުވަތަ ވަލިއްޔުލްއަމްރުގެ ނިމުން ދިވެހި ޤައުމު ދުށީ ލަދުވެތި އަނިޔާތަކަކަށް ފަހުގައެވެ.

ފުރަތަމަ ޖުމްހޫރިއްޔާ އުވި، ދުވަސްކޮޅަކަށް ރާއްޖޭގެ ވެރިކަން ކޮމިޓީއަކުން ހިންގެވުމަށް ފަހު، ދިވެހިރާއްޖޭގައި އަލުން ރަސްކަމެއް ޤާއިމުކުރެވުނެވެ. މި ފަހަރު ތަޚުތުގައި ވެޑުވުނީ އަންނަބީލް މުޙައްމަދު ފަރީދުދީދީއެވެ. އެއީ ރާއްޖޭގެ އެންމެ ފަހުގެ ރަސްގެފާނު ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދުލްއައްވަލު ކީރިތި މަހާރަދުންނެވެ. ރަސްކަމަކަށް އަލުން ރުޖޫއަވިޔަސް ކުރީގެ ރަސްކަންތަކާ ޚިލާފަށް މި ފަހަރު ފެނުނީ ބަރުލަމާނީ ސިފަތަކެކެވެ. ސަރުކާރު ހިންގެވުމުގައި ބޮޑުވަޒީރުގެ ދައުރާއި މިނިވަންކަން ބޮޑުވެފައި އިޚުތިޔާރާއި ބާރު އިތުރުވެފައި ރަސްގެފާނުގެ ދައުރު ހަމައެކަނި ރަމްޒީ އެއްޗަކަށް ބަދަލުވެގެން ދިޔަ މަންޒަރެވެ. އެކަމަކު ހުރިހާ ކަމެއް ހިންގުން އޮތީ ރަސްގެފާނުގެ ނަންފުޅުގައެވެ. މި ގޮތަށް ދެ ބޮޑުވަޒީރަކު ސަރުކާރު ހިންގެވިއެވެ. އެއީ ސުމުއްވުމްއަމީރު އިބްރާހިމް ފާމުލަދޭރިކިލެގެފާނާއި ސުމުއްވުލްއަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރިކިލެގެފާނެވެ. އިބްރާހީމް ނާޞިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ އައްޑޫ ގަން އިނގިރޭސީންނަށް ސަތޭކަ އަހަރަށް ދިނުމަށް ކިލެގެފާނު ނިންމެވި ނިންމެވުމަކާ ގުޅިގެން އުފެދުނު ހައިޖާނުގެ ތެރޭގައެވެ.

ނާސިރަކީ ވެސް އަމީނުދީދީ ފަދައިން ތަޞައްވުރީ ބޭފުޅެކެވެ. އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ވަރަށް ގިނަގުނަ ބަދަލުތައް ރާއްޖެއަށް ގެންނަވާން ނާސިރު ބޭނުންފުޅުވިއެވެ. ރާއްޖޭގެ އިޤުތިޞާދުގައި ވަކި ހިއްޕައިލައިފައި އޮތް، އިންޑިއާގެ ވޯރާ ވިޔަފާރިވެރީންގެ ފުށުން ޤައުމު ސަލާމަތްކުރައްވާން އެ މަނިކުފާނު ބޭނުންފުޅުވިއެވެ. އެކި ކަންކަމުގެ ފަންނީ މީހުން އުފައްދަވައިގެން ނޫނީ، ހަރުދަނާ، ފުދުންތެރި އިޤުތިޞާދެއް ނޫފެއްދޭނެކަން ނާސިރަށް އެނގިވަޑައިގަނެއެވެ. ބަޔަކު ހެދިހާ ގޮތެއް ހެދިގެން އިނގިރޭސީންގެ އުނގުގައި ނިކަމެތިކަމާއެކު އަބަދު އޮންނާކަށް ނަޞިރެއް ބޭނުންފުޅެއް ނުވިއެވެ. ދުނިޔެއަށް ލޯހުޅުވިފައިވާ، ވަކި ބަޔަކަށް ބަރޯސާނުވާ، ތަރައްޤީވެފައިވާ ފުދުންތެރި މިނިވަން ދިވެހިރާއްޖެއަކީ އެ މަނިކުފާނުގެ ޤައުމީ ތަޞައްވުރެކެވެ. އެހެންކަމުން ރަސްކަލެއްގެ ނަންފުޅުމަތީގައި ވެރިކަންކުރެއްވުމުގެ އެދުންފުޅު ކުޑަވެއްޖެއެވެ. ހުރިހާ ބާރުތަކެއް ލިބިވަޑައިގެން އަމިއްލަ ބާރާއި އިޚުތިޔާރުގައި ވެރިކަން ކުރެއްވުމުގެ އެދުންފުޅު ބޮޑުވެއްޖެއެވެ. މި ކަން ކުރެއްވޭން އޮތީ އެންމެ މަގެކެވެ. އެއީ ރަސްކަން އުވައިލައި ޖުމުހޫރިއްޔަތަކަށް ބަދަލުކުރެއްވުމެވެ.

ނުފޫޒުގަދަ ބޮޑުވަޒީރު މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވިއެވެ. މި މައްސަލައާ މެދު، މަޖިލީހުގައި ބަހުސްކުރައްވައި، ރާއްޖޭގައި އޮންނާން ފެނިވަޑައިގަންނަވަނީ ޖުމްހޫރިއްޔަތެއްކަމަށް 1967 ނޮވެންބަރު 15ގައި އެ މަޖިލީހުން ފާސްކުރެއްވިއެވެ. 44 މެންބަރުންގެ ތެރެއިން 40 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ބޮޑުވަޒީރު ބޭނުންފުޅުވީ ރައްޔިތުންގެ ޚިޔާލާއެކު ނިޒާމު ބަދަލުކުރައްވާށެވެ. އެހެންނަމަވެސް ފުރަތަމަ ޖުމްހޫރިއްޔަތާމެދު ރައްޔިތުންގެ ހިތްތަކުގައި އޮތް ނުރުހުންތެރިކަން އޭރު ވެސް ކުޑައެއް ނުވެއެވެ. އެހެންކަމުން އެ ކަން ކުރެއްވުމަކީ މާ ފަސޭހަފުޅުކަމަކަށް ނުވާނެކަން ވެސް ނާޞިރަށް އެނގިވަޑައިގަނެއެވެ. އެހެނީ ނާޞިރަކީ ފުރަތަމަ ޖުމުހޫރިއްޔަތު ނާކާމިޔާބުކޮށްލެއްވުމުގެ ވެސް ފުރިހަމަ ބައިވެރިއެކެވެ.

ރައްޔިތުންގެ ވިސްނުން ބަދަލުކުރެއްވުމަށް ޓަކައި ވިސްނުންފުޅު ތޫނު ނާޞިރު ބޭނުންފުޅުކުރެއްވީ ނަފުސާނީ އުކުޅެކެވެ. ފެންނަ ނުފެންނަ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ބޭނުންފުޅުކުރެއްވީ ދެ ބާވަތެއްގެ ލޯގޯއެކެވެ. ރަސްކަމާ ދިމާގައި ވަނީ ތަރިއެކެވެ. ޖުމްހޫރިއްޔަތާ ދިމާގައި ދިވެހި ރުކެކެވެ. ނިޒާމީ (ފެންނަ ނުފެންނަ) ވޯޓުގައި ކެންޕޭނުކުރެއްވުމެއް ނެތި ރައްޔިތުންގެ ހިތްތަކަށް ވައްދަވައިދެއްވީ ތަރިއަކީ އިންސާނުންންނަށް އަތްނުލެވޭހާ މަތީގައި ހުންނަ އެއްޗެއް ކަމާއި ދިވެހި ރުކަކީ ދިވެހީންގެ ދުވަހީ ބޭނުންތަކުގެ ބައިވެރިއެއްކަމެވެ. އެހެންކަމުން ގިނަ ދިވެހީން ފާހަގަލީ ރުކާ ދިމާގައެވެ. ވޯޓުދިނީ ޖުމްހޫރިއްޔަތަށެވެ. މި ގޮތުގެ މަތީން ރައްޔިތުންގެ ވަރަށް މަތީ އަޣުލަބިއްޔަތަކުން ޖުމްހޫރިއްޔަތަކަށް ލިބުމުނު ރުހުމާއި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި އިބްރާހިމް ނާޞިރު ހުންނަވަން ފެނޭތޯ ނެގުނު ފެންނަ-ނުފެންނަ ވޯޓުގައި ނާޞިރަށް ލިބިވަޑައިގަތް ބޮޑު ތާއީދާއެކު ދެވަނަ ޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާގެ ޤާނޫނީ ހުވާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.ޢ.ވ) ކުރެއްވީ 1968 ނޮވެންބަރު 11ގައެވެ. އާދޭހެވެ! 1954 މާރޗް 7 ގައި އިޢުލާނުކުރެވުނު ރަސްކަން ސާދަ އަހަރާއި އަށް މަހާއި ހަތަރު ދުވަހަށް ފަހު އުވި ދިޔައީއެވެ. މިއީ ދެވަނަ ޖުމުހޫރިއްޔަތުގެ ފެށުމެވެ. އެ ދުވަހުން ފެށިގެން ރާއްޖޭގައި ހިނގަމުން މި އަންނީ ޖުމްހޫރީ ނިޒާމުގެ ވެރިކަމެވެ. ދިވެހިރާއްޖޭގައި ޖުމުހޫރީ ދުވަސް ފާހަގަކުރަނީ މި ތާރީޚީ މުނާސަބަތާ ގުޅުވައިގެން ނޮވެންބަރު މަހު 11ގައެވެ.

މިއަދު ދުނިޔޭގައި އޮތް، މިނިވަން، ސިޔާދަތީ، އިސްތިޤުލާލީ 206 ޤައުމެއްގެ ތެރެއިން 159 ޤައުމެއްގެ ރަސްމީ ނަމުގެ ބައެއްގެ ގޮތުގައި ޖުމްހޫރިއްޔާ (ރިޕަބްލިކް) ބޭނުންކުރެއެވެ. ތަފާތު ވައްތަރުތަކުގެ ޖުމްހޫރިއްޔާތަކެވެ. ނަމަވެސް މީގެ ތަފުސީލަކަށް ނުގޮސް ޖުމުހޫރިއްޔަތުގެ މާނައާއި ޖުމުހޫރިއްޔަތުން ޙާޞިލުކުރާން ބޭނުންވާ ކަންކަމުގެ މައްޗަށް ބަލައިލުން މުހިންމެވެ. ޢަރަބިބަހުން ޖުމްހޫރުގެ މާނައަކީ ގިނަ މީހުންނެވެ. ދިވެހި ބަސްފޮތުގައި ވާ ގޮތުން "ޖުމުހޫރިއްޔާ"ގެ މާނައަކީ ޖުމުހޫރީ ވެރިކަމެވެ. އިނގިރޭސިބަހުން "ޖުމުހޫރިއްޔާ"އަށް ކިޔަނީ "ރިޕަބްލިކް"އެވެ. ލެޓިންބަހުގެ "ރެސް ޕަބްލިކާ"އިން ގެނެވިފައިވާ މި ލަފުޒުން ދޭހަވަނީ "ރައްޔިތުންގެ ކަންކަމަށް އިސްކަންދޭ"، ނުވަތަ "ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރާ" ފަދަ މާނަތަކެކެވެ. އެހެންވީމާ ޖުމުހޫރިއްޔަތުގެ އެންމެ ސާދާ މާނައަކީ ރައްޔިތުންގެ ވެރިކަމެވެ. ޤައުމަކީ ވެރިކަންކުރާ ވެރީންގެ މިލްކެއްކަމަށް ނުބަލާ ވެރިކަމެވެ. އެހެންނަމަވެސް ރާއްޖޭގެ ވެރިކަން ޖުމުހޫރިއްޔަތަކަށް ބަދަލުކުރެވުނީ "ރައްޔިތުންގެ ވޯޓުން"ކަމަށް ފެންނާން އޮތަސް އެ ބަދަލު ގެނެވުނީ، ތަޞައްވުރީ ދެ ޤާއިދެއްގެ، ދެ އިސްވާރެއްގެ ޤައުމީ ތަރައްޤީގެ ވިސްނުންފުޅެއް އޮވެގެންނެވެ. ފުރަތަމަ ޖުމްހޫރިއްޔަތާއި ދެ ވަނަ ޖުމްހޫރިއްޔަތުގައި ވެސް މެއެވެ.

ދެވަނަ ޖުމްހޫރިއްޔަތު ބައި ޤަރުނު ފަހަނަޅައި ޤަރުނަކާ ދިމާއަށް މިޞްރާބު ހިފައިފައި ވާ އިރު، ތަފާތު ފެންވަރުގެ ތަފާތު ސިޔާސަތުގެ ތަފާތު ވިސްނުންފުޅުގެ ހަ ބޭފުޅެއްގެ ރިޔާސަތު އަޅުގަނޑުމެން ތަޖުރިބާ ކޮށްފީމުއެވެ. މި ކުރަނީއެވެ. އެއީ ދިހަ އަހަރު ރައީސްކަންކުރެއްވި، އަދި ކުރީން ދިހަ އަހަރު ބޮޑުވަޒީރުކަން ކުރައްވައިފައިވާ އިބްރާހީމް ނާޞިރާއި ތިރީސް އަހަރު ރައީސްކަންކުރެއްވި މައުމޫން ޢަބްދުލްޤައްޔޫމާއި ތިން އަހަރެއްހާ ދުވަހު ރައީސްކަންކުރެއްވި މުޙައްމަދު ނަޝީދާއި ދެ އަހަރެއްހާ ދުވަހު ރައީސްކަން ކުރެއްވި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި ފަސް އަހަރު ދުވަހު ރައީސްކަންކުރެއްވި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި މިހާރު ރައީސްކަމުގައި ހުންނެވި އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އިންތިޚާބާ ހަމައަށް ދާއިރު، ދިއްކޮށްލާ "ހަދިޔާ"ގެ މަސްތުގައި ވޯޓު ވިއްކައިލުމަށްފަހު، އޭގެ ގެއްލުންތައް ތަޙައްމަލުކުރާން ޖެހުމުން ޝަކުވާކުރުމަކީ މައްސަލައެކެވެ. ވޯޓު ވިއްކާ މީހަކަށް އެ ޙައްޤެއް ނެތެވެ. އޭނާ ބޭނުންވީ އެ ވަގުތު ލިބޭ ފައިސާއެވެ. އެ ހޯދުމަށްފަހު އޭނާގެ ވޯޓު ވިއްކައިލީއެވެ. ވީމާ ފައިސާކޮޅު ލިބިފައިވާ ނަމަ، އޭނާއަށް އަގު ލިބުނީއެވެ. އިތުރު މަންފާއަކަށް ނުވަތަ ހެވަތަކަށް ވަކާލާތު ކުރުމަކީ އޭނާގެ ޙައްޤެއް ނޫނެވެ. މިހާ ވަރަށް މި ވާހަކަ ވެސް ތިޔަ ބޭފުޅުންގެ ސިކުންޑިތަކަށް ދޫކޮށްލާނަމެވެ.

ކޮންމެއަކަސް ޒަމާންވީ ރަސްކަމުން ޖުމުހޫރިއްޔަތަކަށް ފުރޮޅައިލައި، ވެރީންގެ ވެރިކަމަކުން ރައްޔިތުންގެ ވެރިކަމަކަށް ބަދަލުވެ، ބައި ޤަރުނަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ރައްޔިތުންނަށް ލިބުނު ކުރިއެރުމާއި ޙާޞިލުވި އުއްމީދުތަކުގެ މައްޗަށް ވާހަކަދެއްކުމަކީ އަޅުގަނޑުގެ މައުޟޫޢެއް ނޫނެވެ. ރާއްޖެއާ އެއް ދުވަސްވަރެއްގައި މިނިވަންކަން އިޢުލާންކުރި، ރާއްޖެއަށްވުރެ ވަސީލަތްތައް މަދު ސިންގަޕޫރު ކުރިއަރައިގެން އައި ގޮތާއި ރާއްޖެ މި ޙާލަތުގައި އޮންނާން ޖެހުނީ ކީއްވެގެން ކަމާމެދު އަޅުގަނޑު ބަހުސްކުރާކަށް ނެތީމެވެ. އެ ކަމަށް އިންސާފުކުރައްވާނީ ތިޔަ ޢިއްޒަތްތެރި ރައްޔިތުންނެވެ. ޖުމްހޫރިއްޔަތުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ލިބޭނީ، ވޯޓު ގަނެވިއްކުމާއި ރިޝްވަތުގެ ނުބައި ބަލީން ރައްޔިތުން ސަލާމަތްވެ، އަމާނާތްތެރިކަމާއެކު ﷲއަށް ޓަކައި، އެންމެ ރަނގަޅު އެންމެ ޤާބިލު އެންމެ އަމާނާތްތެރި ކެންޑިޑޭޓުންނަށް ވޯޓުލާން ރައްޔިތުންނަށް ދަސްވި ދުވަހަކުންނެވެ. އެހެން ނޫންނަމަ، ދިގު ކިޔޫގައި ތިބެގެން ވޯޓުކަރުދާސްކޮޅުގައި ފާހަގައެއްލައި ވޯޓުފޮއްޓަށް ވޯޓު ވައްޓައިލުން ފިޔަވައި އިތުރު ޙައްޤެއް ރައްޔިތަކަށް ނުލިބޭނެއެވެ.

މި އަހަރު ޖުމުހޫރީ ދުވަސް އަޅުގަނޑުމެން ފާހަގަކުރާއިރު، ދިވެހިވަންތަ ޖުމުހޫރީ ވެރިކަމެއް މި މަހު 17ގައި ފެށޭނެކަމަށް އުންމީދުކުރެވެއެވެ. ރައީސް މުންތަޚަބު ޑރ. މުޢިއްޒު ތަކުރާރުކުރައްވައި އެކަމަށް އިޝާރާތްކުރައްވައިފައިވާތީއެވެ. ދިވެހިބަހާއި ދިވެހި ޤައުމިއްޔަތަށް އެ މަނިކުފާނުގެ ޒަޢާމަތުގައި އިސްކަންދެއްވާނެކަމަށް ވިދާޅުވެފައިވާތީއެވެ. މި ދިޔަ އޮކްޓޫބަރު މަހު 29ގައި އެ މަނިކުފާނުގެ އަރިހަށް ޒިޔާރަތްކުރެއްވި އަދަބީ ޚިދުމަތްތެރީންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވެސް އެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އެ ވާހަކަފުޅުތަކުގެ އަލީގައި، "ފަރަގު" އުންމީދުކުރަނީ އެ ދުވަހުން ފެށިގެން ދިވެހިބަހަށް ސަރުކާރުން އިސްކަން ދެއްވާކަން މުޅި ދިވެހި ވެށީން ވެސް ފެންނާނެކަމަށެވެ. ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނުގައި ވާ ގޮތަށް ދައުލަތުގެ އެންމެހައި އިދާރާތަކަށް ނަންކިޔުމުގައި ދިވެހިބަހަށް އިސްކަންދެއްވާނެ ކަމަށެވެ.

އާދޭހެވެ! ރައްޔިތުން ލިބިގަތް ރައްޔިތުންގެ ވެރިކަމުގެ ފުރިހަމަ ލާބައާއި މަންފާ ދިވެހީންނަށް ލިބުމަކީ އަޅުގަނޑުމެންގެ އަބަދުގެ އުންމީދެވެ. ކޮންމެ މީހަކީ ވެސް އެހެން މީހެއްގެ ސިނކުޑީން ވިސްނާ މީހެއްކަމުގައި ނުވެ، އަޅުގަނޑުމެން އެންމެންނަކީ ޤައުމީ ވިސްނުމެއްގައި އެ މީހެއްގެ އަމިއްލަ ސިނުޑީން ވިސްނާ ބަޔެއްކަމުގައި ވުމަކީ އަޅުގަނޑުގެ އެދުމެވެ. މި ކަންކަމާމެދު ވިސްނައި، ދިވެހީންނަކީ، ތަޖުރިބާއިން ޢިބުރަތް ހާސީލުކުރާ ބަޔެއްކަމަށްވުމަކީ އަޅުގަނޑުމެންގެ އިޚުލާޞްތެރި ދުޢާއެވެ. ކީތިރިވަންތަ ﷲ އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވައި ހެޔޮ ގޮތް އިރާދަކުރައްވާށިއެވެ!

_____________________________

Advertisement

ކޮމެންޓް