ޝުކުރު
އަސްމާ އަބޫބަކުރު
އަރައިގެން އައި އިރުގެ ރަންދޯދި އެކުލެވޭ ހިތްގައިމު ހެނދުނު އަހަރެން ތައްޔާރުވަމުން މި ދަނީ ލަންޑަނާ އަލްވަދާޢުކިޔުމަށް ޓަކައެވެ. ބައެއް މީހުންގެ ހިތް ފުރެނީ ފައިސާ ގިނައިން ލިބުނު ވަރަކުންނެވެ. އަނެއް ބަޔަކު ހިތްފުރެނީ ހިތް އެދޭ ފަރާތުގެ ލޯބީންނެވެ. އަހަރެން މިއީ އެ ހުރިހާ ކަމަކާ އިދިކޮޅު މީހާއެވެ. އެއް ކޮލެޖުގައި ކިޔެވި ޑޭވިޑަކީ އަހަރެންގެ ލޯބިވެރިޔާއެވެ. މިއަދު އަހަރެންގެ ހިތަށް ހަމަޖެހުން ގެނުވަނީ އޭނާއާ ވަކިވެވޭތީއެވެ. އަދި އުފަން ޤައުމަށް ދެވޭތީއެވެ.
ހެދުންތައް ފޮށްޓަށް އަޅަމުން ދިޔަ އިރު، އަހަރެންގެ ގާތުގައި އެންމެ އެކުވެރި ލީލާ ހުށްޓެވެ. އަހަރެމެން ދެ މީހުން ކިޔެވީ އެކީގައި އެއް ކޮލެޖެއްގައެވެ. ލީލާ ދިމާކުރަމުން ދިޔަ ނަމަވެސް އަހަރެން އަވަސްވެފައިވާ ހިތަކާއެކު ފޮށި ލައްޕައިލުމަށްފަހު ދުވެފައި ކަހަލަ ގޮތަކަށް އެޕާޓުމަންޓުން ނިކުތީ ފުލައިޓު ފުރާ ގަޑި ޖެހޭތީއެވެ.
"ޒީނިޔާ ތިޔަ ދަނީ ހާދަހާ ފައިސާ އެއް ބަހައްޓައިފައޭ." ލީލާ ހަޅޭއްލަވައިގަތެވެ.
"ތިޔަ ކަހަލަ އެކުވެރިއަކަށް ވުރެ ފައިސާ މުހިންމެއް ނުވާނެ." އަހަރެން ކާރަށް އަރަމުން ލީލާ އެ ފައިސާ ބޭނުންކުރުމަށް ބުނެ ކާރުގެ ދޮރު ލައްޕައިލީމެވެ.
މަތިންދާ ބޯޓަށް އެރުމާއެކު އާދައިގެ މަތީން ލޯމަރައިލުމަށްފަހު ރީތި ހަނދާންތައް ހިތަށް ގެނެވޭތޯ އަހަރެން އަބަދު ވެސް ބަލަމެވެ. ދަތުރު ކުރުކުރަނީ ރީތި ހަނދާންތަކުންނެވެ.
އަހަރެންގެ ޢުމުރުން ދިހަ އަހަރުގައި ބައްޕަ ނިޔާވެއްޖެއެވެ. އަހަރެމެންގެ އުފާވެރި ދުވަސްތަކަށް ބަނަކަން ވެރިވީ ކުއްލިއަކަށެވެ. އެ ދުވަސްވަރު މަންމަ، ކަށީން ހިތްވަރު ނެރެގެން ބައްޕަގެ ވިޔަފާރި ކޮޅަށް ޖެއްސެވެ. އަހަރެން ބޭރަށް ކިޔަވާން ފޮނުވީ ބައްޕަގެ ހުވަފެން ޙަޤީޤަތަކަށް ހެދުމުގެ ބޭނުމުގައިކަމަށް މަންމަ އަބަދު ވެސް ބުނަމުން ގެންދިޔައެވެ.
ވިޔަފާރީގެ ހިސާބުތައް ނިންމުމުގައި ދަންވަރު ވަންދެން މަންމަ ހޭލައި އިންނަ ތަން އަހަރެން ދެކެމެވެ. އަހަރެން ހެނދުނު ހޭލާ އިރު މަންމަ ހުންނާނީ ހެނދުނުގެ ސައި ތައްޔާރުކޮށްފައެވެ. އޭރު ގޭގައި އެއްވެސް ނޯކަރެއް ވެސް ނޫޅެއެވެ. އަހަރެން ނިދާއިރު މަންމަ ހުންނަނީ ހޭލައެވެ. އަދި އަހަރެން ހެނދުނު ހޭލާ އިރު ވެސް މަންމަ ތަންމަތީގައި އޮންނަ ތަނެއް ނުފެނެއެވެ. ގެއާއި ގޯތިތެރެ އެހާމެ ސާފުކޮށް އޮވެއެވެ. އަހަރެން އިސްކޫލުން ނިމުމުން ދެ މީހުން އެކުގައި ހިނގައިލާން ދަމެވެ. މާލޭގެ އެކި މަގުތަކާއި މަގުތަކަށް ކިޔާ ނަންތައް ދަސްވީ ވެސް ކޮންމެ ދުވަހަކު ހިނގައިލާން ދިޔުމުގެ ތެރޭގައެވެ.
ބައްޕަ ނެތަސް އެއްވެސް ކަމަކަށް ދަތިވިޔަ ނުދީ ހުރިހާ ކަމެއް މަންމަ ގެންދިޔައީ ވީ އެންމެ ރަނގަޅަށް ބަލަހައްޓަމުންނެވެ. މަންމަގެ ހިތްވަރަށް އަހަރެން ސާބަސް ދެމެވެ. އެކަނިމާއެކަނި އެތައް ޤުރުބާނީއެއް ވެއްޖެއެވެ. އެހެން ކުދީން ދޮން ބައްޕައިންގެ ތަފާތު ވާހަކަތައް ކިޔައިދޭ އަޑު އިވުމުން އަހަރެންގެ ހިތަށް އުފާވެރިކަން ވެރިވަނީ މަންމަ އެހެން އެއްވެސް ފިރިހެނެއް ޙަޔާތަށް ނުގެންނާތީއެވެ.
އެއަރޕޯޓުން ނުކުންނަން ދަނިކޮށް އަހަރެންގެ ނަމުން ގޮވައިލި އަޑު އިވުމާއެކު ފަހަތް ބަލައިލީމެވެ. ފަހަތުގައި މަންމަ ހުރީ ވަރަށް ރީތި މާބޮނޑިއެއް ހިފައިގެން އައިހެވެ.
"މަންމާ" އަހަންނަށް ދުވެފައި ގޮސް މަންމަގެ ގައިގައި ބައްދައިލެވިއްޖެއެވެ. ބޯޓު މަތީގައި އިނދެ އެކި ފަހަރު މަތީން މަންމަ ކޮށްދީފައިވާ ކަންކަން ހިތަށް އެރުމާއެކު މި ހިތް ފުރިފައިވަނީ މަންމައަށް ޓަކައި އޮތް ލޯބީންނެވެ.
މަންމަގެ މޫނުމަތީން އުފާވެރިކަން ފެނުމާއެކު އަހަރެންގެ ހިތަށް އަރަމުން ދިޔައީ އަދިވެސް މަންމަ ހާދަ ޒުވާނެވެ. އަހަރެމެން ކައިރީގައި ތިބޭ އިރު އެއްވެސް މީހަކު އަހަރެމެންނަށް ބަލައިލައިފައި އެއީ އަހަރެންގެ މަންމަ ކަމުގައި ނުނިންމާނެކަން ޔަގީނެވެ.
"ޒީނިޔާ، ދަރިފުޅާ! މަންމަގެ އިންތިޒާރު ނިމުމަކަށް އަތުވެއްޖެ. މިއަދު މިހުރީ ހާދަ އުފާވެފައޭ."
" މަންމަ ތި ކިޔާ އެއްޗެއް އަދި ނޭނގުނު" އަޞުލު ވެސް މަންމަ އެ ކިޔާ އެއްޗެ އަހަރެންގެ މި ސިކުނޑިއަކަށް ނުވަދެއެވެ.
"ދަރިފުޅު ކިޔަވައި ނިމިގެން އައުމަކީ ބައްޕަގެ އެދުމެއްނު. އެ ކަން ފުރިހަމަވުމުން އުފާވާ ވާހަކަ މި ބުނީ. ދެން ދަރިފުޅު ބޭނުންނަމަ ބައްޕަގެ ވިޔަފާރިއާ ޙަވާލު ވެވިދާނެ. ދަރިފުޅުގެ މުދާ މަންމަ މި ހުރިހާ ދުވަހު ރައްކައުތެރިކަމާއެކު މި ބެލެހެއްޓީ." މަންމަ އާ އަހަރެން ވާހަކައިގައި ތިއްބައި ގެއަށް ދެވިއްޖެއެވެ.
އޭގެ ދެތިން ދުވަސް ފަހެވެ. މަންމަ ގެއަށް އައީ ފިރިހެނަކާއެކުގައެވެ. ބަލައިލާން ރީތި ފިރިހެނެކެވެ. މަންމަ މި ގެއަށް ދުވަހަކު ވެސް މީގެ ކުރީން އެއްވެސް ފިރިހެނަކު ނުގެނެއެވެ. އަދި އެއްވެސް މީހަކާ އެ ކަހަލަ ނަޒަރަކުން ވާހަކަ ދައްކާ ކަމެއް ވެސް އެނގިފައެއް ނެތެވެ. ކުއްލިއަކަށް މިއަދު ފިރިހެނެއް ގެނައީ ކީއްވެބާއެވެ!؟ އަހަރެންގެ ކޮޓަރީގެ ދޮރުފޮތި ކަހާލުމުން ގޯތިތެރޭގައި ތިބި މަންމަ އާއި އެ ފިރިހެނާގެ މަންޒަރުތައް ވަރަށް ރީތިކޮށް ފެނެއެވެ. އެ ދެމީހުންގެ ޙަރަކާތްތައް ފެނުމުން މަންމައާއި އެ ފިރިހެން މީހާގެ ޚާއްޞަ ގުޅުމެއް އޮންނަކަން އަހަންނަށް ވަރަށް ހީވެއެވެ.
އަހަރެންގެ ރުޅި ގަދަވާން ފެށިއެވެ. މި ހުރިހާ ދުވަހު އަހަރެންގެ މަންމައަށް ކުރި އިޙުތިރާމް ކުއްލިއަކަށް ރުޅިވެރިކަމަށް ބަދަލުވާން ފަށައިފިއެވެ. ބައްޕަގެ މުދާތައް ލިބުމުން މަންމަގެ އުޅުން ވިޔާނުދާވެފައި މުޑުދާރުކަން ދެކިބަލާށެވެ. އެހެން ފިރިހެނުން މި މުދަލުގައި ހިއްސާކުރާން މަންމަ ބޭނުންވަނީއެވެ.
އެ ވަގުތު މަންމަ އަހަންނަށް ގޮވައިލި އަޑު އިވިއްޖެއެވެ. އަހަރެން ހުޅުވައިލި ކުޑަދޮރު އަވަހަށް ލައްޕައިލީމެވެ. އަހަރެން މަންމަ ގާތަށް ދާކަށް ބޭނުމެއް ނޫނެވެ.
ކުޑައިރުކޮޅަކަށް ފަހު، މަންމަ އައިސް އަހަރެންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާ އަޑުއިވުނެވެ. ހިތާ ދެކޮޅަށް ނަމަވެސް ގޮސް ދޮރު ހުޅުވީމެވެ.
"ޒީނިޔާ ދަރިފުޅާ". މަންމަގެ މިފަހަރު ގޮވައިލުމުން އަހަރެން ގާތަށް އައީ ރުޅިއެވެ. އަހަރެންގެ މޫނުމަތި ފެނުމުން މަންމައަށް އެ ކަން އެނގިއްޖެއެވެ.
"ދަރިފުޅު ޤަބޫލުތޯ އަހާކަށް ނޫން މިއައީ. އަހަރެން މި އުޅެނީ ރިޔާޒާ ކައިވެނިކުރަން." މަންމަގެ ދުލުން ނިކުތް އެ ޖުމްލައަކީ އަހަރެން ހިތަށް ހަރައިލި އަލިފާނުގެ ތީރެކެވެ.
"މި ހުރިހާ ދުވަހު މާތް މީހަކަށް ވެގެން މަންމަ ތި ގަތްގަނޑު މާ ރީއްޗެއް ނޫން." އޭރު އަހަރެންގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. ރުޅިއާއި ނަފުރަތު އެކުލެވިގެންވީ ކަރުނަ ދައްކާކަށް ވެސް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު އަހަރެންގެ އިޚުތިޔާރުން ބޭރުގައި ކަރުނަ ފައިބަނީއެވެ.
"މަންމަ އުޅުނީ މާތް މީހަކަށް ވާކަށް ނޫން. ދަރިފުޅަށްޓަކައި ދަރިފުޅު ކިޔަވައި ނިމެންދެން މަންމަގެ ޢަޒުމަކަށްވީ ދަރިފުޅު ގާތުގައި އަބަދު ވެސް ހުރުން. ވިޔަފާރީގެ ކަންކަން ހުންނަ ގޮތުން އަބަދު ގޮސް ދަރިފުޅު ގާތުގައި ނުހުރެވޭކަން ޤަބޫލުކުރަން. މިއަދު ދަރިފުޅަށް ހެވާއި ނުބައި ވަކިވާނެ. މަންމަ މިއުޅެނީ ގޯސް ކަމެއް ކުރާކަށް ނޫން." ޒަރީނާގެ ވާހަކަތައް އަޑު އަހާކަށް ޒީނިޔާ ބޭނުމެއް ނުވިއެވެ.
އައިސް ހުރި ރުޅީގައި ޒީނިޔާ ދިޔައީ ހެދުންތައް ފޮށްޓަށް އަޅަމުންނެވެ. ކޮންމެ ހެދުމެއް ނަގައިފައި ފޮށްޓަށް ހޫރުވައިލާ އިރު، ހީވަނީ އަމާޒަށް ތީރު އުކާހެންނެވެ.
"އަހަރެން އެންމެ ހިނދުކޮޅަކު ވެސް މި ގޭގައި ހުންނާކަށް ބޭނުމެއް ނޫން. މަންމަގެ ތިޔަ މުޑުދާރު ޢަމަލަކީ އަހަރެން ބަލައިގަންނާނެ ކަމެއް ނޫން." ޒީނިޔާ ހަޅޭއްލަވަމުން ގެންދިޔައެވެ.
"ދަރިފުޅަކީ ވެސް މިހާރު ކުޑަކުއްޖެއް ނޫން. ކުޑައިރު ބޮޑާ ހާކާ ގޮތަށް މިހާރު ތިހެން އުޅޭކަށް. ރުޅިގަދަވެ ހުރެ ނިންމާ ނިންމުމެއް ނުވާނެ ރަނގަޅެއް. މި ގެއިން ނިކުމެގެން ގޮސް ވަކި ކޮންތާކު ހުންނާނީ. މިއީ ޒީނިޔާގެ ގެ. މި ގެއިން ދަރިފުޅު ނިކުންނާކަށް ނުޖެހޭނެ." ޒަރީނާ ދައްކާ ވާހަކައެއް ޒީނިޔާ ޤަބޫލެއް ނުކުރިއެވެ.
އަހަރެން ފޮށި ހިފައިގެން ގެއިން ނިކުމެ ދޮރުމަތީ ހުރެ ދެތިން ރައްޓެއްސަކަށް ގުޅައިފީމެވެ. އެއްވެސް ގެއެއްގައި އަހަރެން ބަހައްޓާނެ ޖާގައެއް ނެތެވެ. މީގެ ކުރީން އަހަރެން މީ ރައްޓެހީންނަށް ކަމެއް ޖެހުނީމާ އެންމެ ފުރަތަމަ ވެސް އެ ކަމެއް ކޮށްދިން މީހާއެވެ. އެހެންނަމަވެސް އަހަންނަށް ކަމެއް ޖެހުނީމާ އެއްވެސް ރައްޓެއްސަކަށް އަހަރެންނެއްް ނުފެނުނެވެ. މީ ވެސް ފިލާވަޅެކެވެ. އަހަރެން ފޮށި ދަމަމުން ހިނގައިގަތީމެވެ. އެ ވަގުތު ޓެކުސީއެއް ކައިރި ކޮށްލައިފިއެވެ. އެ ޓެކުސީއަށް އަރައި ހަމަޖެހިލައިފީމެވެ.
" ކޮންތަނަކަށް ތޯ ދުރުވަނީ؟" ޑްރައިވަރުގެ ވާޖިބު ފެށުނީއެވެ. އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟
" އެޑްރެސް ހަނދާން ނުވެގެން މި އުޅެނީ." އަހަރެން ފޯނު ނަގައިފައި ރައްޓެހީންނަށް ގުޅާން ފަށައިފީމެވެ. ދެވަނަ ފަހަރު އަދި ތިންވަނަ ފަހަރު ވެސް ގުޅައިގެން ވެސް އެއްވެސް މީހަކު އެއްބަހެއް ނުވިއެވެ.
އެންމެ ފަހުން ނަސީބު އަތުގައި ހިފައިފިއެވެ. ދީމާ އެއީ އަހަރެން ހަނދާން ނެތިގެން ނުގުޅާ ހުރި އެކަކެވެ. އެންމެ ބޭނުން ދަނޑިވަޅުގައި ދީމާ އަހަންނަށް ގުޅައިފިއެވެ. ދީމާގެ ފިރިމީހާއަކީ އަހަރެން އަރައި އިން ކާރުގެ ޑްރައިވަރަށް ވެއްޖެއެވެ. އެހާ ހިސާބުން އަހަރެން އެ ގެއަށް ހިނގައްޖައީމެވެ. އެއީ ކުޑަ އަލިފާން ފޮށްޓެއް ކަހަލަ އެޕާޓުމެންޓެކެވެ. ދެ ކޮޓަރީގެ އެޕާޓުމެންޓެކޭ ބުންޏަސް އަހަރެންގެ ކޮޓަރީގެ ފާޚާނާ ވެސް މި ތަނުގެ ކޮޓަރިއަކަށް ވުރެ ބޮޑެވެ. އެ ނޫން ގޮތެއް ނެތުމުން ދީމާގެ ދަރިފުޅުގެ ކޮޓަރީގައި އަހަރެން ހުންނާން އެއްބަސްވީމެވެ.
ދީމާގެ ފިރިމީހާ ޖުނައިދަކީ ވެސް ހިތްހެޔޮ މީހެކެވެ. އަހަންނަށް ދިމާވެގެން އުޅޭ ގޮތް ކުރު ގޮތަކަށް ދީމާއަށް ކިޔައިދީފީމެވެ. ދީމާއަކީ ހިތްހެޔޮ، އަދި އެހެންމީހުންނަށް އަޅައިލާ މީހެކެވެ. އެ ދެމަފިރީންގެ ގޮތް އެއްގޮތްކަމުގައި އަހަރެން ބުނީމެވެ. ދީމާއަކީ ނަރުހެކެވެ. ޑިއުޓީ އޮންނަ ގޮތުން އޭނާއާ ދިމާވަނީ ވެސް މަދު ފަހަރަކުއެވެ. އެންމެ ދަތި ކަމަކަށްވީ ކެއްކުމުގެ މަސައްކަތެވެ.
ބައެއް ފަހަރު ޖުނައިދު ކައްކާން އުޅޭތަން ވެސް ފެނެއެވެ. އަހަރެން ކިތަންމެ ބޭނުންވިއަސް ގޮސް ތިޔަ މަސައްކަތް ދޭށޭ އެހެން ބުނާކަށް ނުކެރެއެވެ. އެއްވެސް މަސައްކަތެއް ކުރާކަށް އަހަންނަކަށް ނޭގެއެވެ. އެންމެ ކުޑަމިނުން ރޮށްޓެއް ދަމާކަށް ވެސް ނޭނގެއެވެ.
ދީމާ ބަދިގޭގައި އުޅޭނަމަ އަހަރެން ގޮސް އެހީވާން މަސައްކަތްކުރަމެވެ. ދީމާ އެދުނީ ދީމާ ނެތަސް ގޭގައި އަހަރެން ހުންނަ އިރު ދީމާގެ ދަރިފުޅު ބަލައި ދިނުމަށެވެ.
"ކެއްކުމަކީ އަންހެނަކު ދަސްކުރާން ޖެހޭނެ ކަމެއް. މިހާރުން ފެށިގެން ކައްކާން ދަސްކުރަން ފެނޭ. ޒީނިޔާއަށް އަހަރެން އެހީވާނަން." ދީމާގެ ވާހަކައަށް އަހަރެން ހިނިތުން ވެލީމެވެ. އެހެން ނަމަވެސް ކައްކާ ހިތެއް ނުވެއެވެ. އަހަރެންގެ ދެ އަތްތިލައަށް އެ ވަގުތު ބަލައިލެވުނެވެ.
"ކިހައި މަޑު ދެ އަތްތިލަ ހެއްޔެވެ؟ އަތްތިލައިގެ މަޑުކަމާއި ރީތިކަން ގެއްލޭކަށް އަހަރެން ބޭނުމެއް ނޫނެވެ. މީގެ ކުރީން އަހަރެންގެ ދެއަތުން ފެންތަށްޓެއް ވެސް ނަގާކަށް ނުޖެހެއެވެ. މަންމަ ހުންނަނީ އަހަރެން ބޭނުން ހުރިހާ ކަމަކަށް ތައްޔާރުގައެވެ. ގޭގައި މިހާރު ނޯކަރުން ވެސް އުޅެއެވެ. އަހަރެން މީ ރާނީއެވެ. ރާނީންނަށް އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެތާއެވެ.
ދީމާގެ ދަރިފުޅު ހޭލައިގެން ރޯންފެށުމުން އަހަރެން އޭނާ އުރައިލައިފީމެވެ. ކުއްޖަކު އުރާކަށް ވެސް ނޭނގެއެވެ. އެކަމަކު މިއަދު މި އޮތީ ގޭގެ ހުރިހައި ޒިންމާއެއް އަދާކުރާން ޖެހިފައެވެ. ކުޑަކުޑަ ޖޫދާ އުރައިގެން ހުރެ، ބަދިގެއަށް ވަދެ އޭނާއަށް ކާންދެވޭތޯ މަސައްކަތް ފެށީމެވެ. ވަރަށް ފަސޭހައިން ޖޫދާ ކައި ނިންމައިލައިފިއެވެ. ދީމާއާއި ޖުނައިދު ވެސް ގެއަށް އަންނާނީ ރޭގަނޑުއެވެ. މި ރެއަށް ކައްކާން ވެސް ޖެހެއެވެ. ކައްކާނެ އެއްޗަކާމެދު ވިސްނާން ހުއްޓައި ޖުނައިދު ގެއަށް އައީ ފަރުމަހެއް ހިފައިގެންނެވެ.
"މި ރެއަށް ފަރުމަސް ފިހެފައި ރޮށި ފިހުނީމާ ރަނގަޅުވާނެ." މަސް ސިންކަށް ލައިފައި އަތްދޮވެގެން ގެއިން ނިކުމެގެން ޖުނައިދު ހިނގައްޖެއެވެ.
އެ މަސް ފިހާނެ ގޮތެއް ނޭނގިގެން އަހަރެން ވަރަށް ގިނަ އިރު ވިސްނާން ހުންނާން ޖެހުނެވެ. މަސްފިހުމަށް ހަވާދު ހަދާ ގޮތް އަހަރެން ދުވަހަކު ވެސް ނުދެކެމެވެ. އެކަމަކު ކިތަންމެ ފަހަރަކު މީރުކޮށް ފަރުމަސް ފިހެފައި ހުންނައިރު އަހަރެން ކަމެވެ. މަސް ބާއްވައިފައި ރޮށި ފިހާން ފުށް މޮޑޭން ފެށީމެވެ. އެންމެ ފުރަތަމަ ފުށްގަނޑު އުކާލަން ޖެހުނީ، މާ ގިނައިން ފެން އެޅުނީމައެވެ. ދެވަނަ ފަހަރު މޮޑުނު ފުށްގަނޑު އެއްލާލަން ޖެހުނީ މަދުން ފެން އަޅައިގެން އެ ހަރުކަމުން ރޮށި ދަމާން އުޅެ ކޮނޑަށް ތަދުވާން ފެށުމުންނެވެ.
އެ މަސައްކަތުގައި އުޅެ އުޅެ ވަރުބަލިވީއިރު ވެސް ރޮށްޓެއް ފިހެވުނީކީ ނޫނެވެ. ފިހާން އޮތް ފަރުމަސް އޮތީ އޮތް ގޮތަށެވެ. އެ ފެނުނަސް އަހަރެން ފަކުރު ގަނެއެވެ. ފަރުމަހުގައި ޅިޔަ އަޅާ ގޮތާއި ހުޅުނބު ޖަހާނެ ގޮތެއް ވެސް އަހަރެންނެއް ނުދަންނަމެވެ. އެ ކަމުގައި ކަންބޮޑުވެގެން އުޅެނިކޮށް ޖުނައިދު އައިސް ގެއަށް ވަނެވެ.
"ޒީނިޔާ. ކިހިނެއްވީ. ހާދަ ކަންބޮޑުވެފައި؟" އަހަރެން ފެނުމުން ޖުނައިދަށް ވެސް އަހަރެންގެ މޫނުމަތީން ފެންނަ އަސަރު އެނގިއްޖެއެވެ.
"ކަންބޮޑު ވާނެއްނު. މި މަސް ފިހާން ހަދާނެ ގޮތެއް ރޮށި ފިހާނެ ގޮތެއް ނޭނގުނު." އަހަރެން އެހެން ބުނި ރާގުގައި ހުރި ހަރުކަށިކަމުން ކަމެއް ވެސް ނޭނގެއެވެ. ޖުނައިދު އެއްޗެއް ނުބުނެ އައިސް މަހުގައި ހުޅުނބު ޖަހައި ޅިޔައި އަޅައިފިއެވެ.
" މަސް މީރު ކޮށްލުމަށްޓަކައި ލުނބޯ ހުތް ޖަހާފައި ދިހަވަރަކަށް މިނިޓް ބާއްވަން ވާނެ. ދެން އޮތީ ލޮނުމިރުސް ފުނޑުން ދޯ! އެއީ މިޒަމާނުގައި ފުނޑަން ޖެހޭ އެއްޗެއް ވެސް ނޫނެއްނު. އަލަމާރީގައި ހުންނާނެ ގަނެފަ ހުރި ލޮނު މިރުސް ތަށްޓެއް. އެއިގެން ލޮނުމިރުސް އުނގުޅީމަ ރަނގަޅުވާނެ." ކުޑަކުއްޖަކަށް ކިޔައިދޭހެން ހުރިހާކަމެއް ކިޔައިދެމުން އެކަން ކުރީ ވެސް ޖުނައިދެވެ. އަހަރެން ހުރީ ބަލާށެވެ.
ރޮށި ފިހާން ފުށްމޮޑެފައި ރޮށި ދަމާށޭ ކިޔާފައި ޖުނައިދު އަހަރެން އަތަށް އެ މަސައްކަތް ޙަވާލު ކުރުމަށްފަހު ޖޫދާ ކޮބައިތޯ ބަލައިލިއެވެ. އޭރު ޖޫދާ އިނީ އަހަރެން ބޭންދި ތަނުގައި ކުޅޭށެވެ. ޖޫދާ އުރައިލައިގެން ޖުނައިދު ދިއުމުން އަހަރެން ރޮށި ފިހާން ފެށީމެވެ.
ކޮންމެ އަންހެނަކަށް ވެސް ރޮށްޓެއް ފިހެލުމަކީ އާދައިގެ ކަމެކެވެ. އެކަމަކު އަހަރެން މި މަސައްކަތުގައި އުޅެއުޅެ ދާހިއްލައި މީހާ ވަރުބަލިވެއްޖެއެވެ. އަދި އެންމެ ރޮށްޓެއް ވެސް ވަށްކޮށް ރީތިކޮށް ދަމައެއްނުލެވެއެވެ. މިއިން ކޮންމެ ރޮށްޓެއް ފެންނައިރު ދުނިޔޭގެ ޗާޓު ފެންނަ ކަހަލައެވެ.
"އަހަރެން ކިހިނެއް މި ކަހަލަ މަސައްކަތް ކުރާނީ. ދުވަހަކު ކުރި މަސައްކަތެއް ނޫން މީ. ނުވާނެ މަށަކަށް މި ކަމެއް. އަވަހަށް އޮފީހަކުން ވަޒީފާއެއް ހޯދާންވީ. އޭރުން ބަދިގޭގައި އުޅޭކަށް ނުޖެހޭނެ." މަސައްކަތް ކުރަމުން ދިޔައިރު އަހަރެން ހިތުން ދިޔައީ ކުދި ކިޔަމުންނެވެ.
އަނެއް ދުވަހު ސަރުކާރު ގެޒެޓާއި ނޫސްތައް ބަލާން ފެށީމެވެ. ދެތިން އޮފީހަކުން ހިތްރުހޭ ކަހަލަ ހުސް މަޤާމު ފެނުނެވެ. އަހަރެން ކިޔެވީ ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ. ދާއިރާއާ ގުޅޭ ދެތިން ވަޒީފާ ފެނުމުން އެޕްލައިކުރީމެވެ.
"އެއްވެސް ތަނަކުން ޚަބަރެއް ނުވޭތަ؟ ވަޒީފާއަށް އެޕްލައި ކުރި ފަހުން ކިހާ ދުވަހެއް ވެއްޖެ؟" ދީމާ ތަރުކާރީ ކޮށާން އިނދެ އަހައިލިއެވެ.
" ނޫނޭ. އެއް އޮފީހަކުން އިންޓަވިއުއަށް ގުޅައިފި. މާދަމާ އޮތީ އިންޓަވިއު."
" މަންމައަކަށް ނުގުޅަންތަ؟" ކުއްލި އަކަށް ދީމާ ކުރި ސުވާލުން އަހަރެންގެ ނިތަށް ރޫ ގިނަވެގެން ދިޔައެވެ.
"ކީއްކުރަން ގުޅާންވީ؟ އަހަރެން އުޅުނީ މަންމައަކީ ދެވަނައެއް ނެތް މާތް އިންސާނަކަށް ހަދައިގެން. ކުއްލިއަކަށް ފެނުނީ މަންމަ ފިރިހެނަކު ގެނެސްގެން އުޅެނިކޮށް. ދީމާ ނަމަވެސް ފޫހި ނުވާނެ؟"
"މިހާރު ވެސް ޒީނިޔާގެ މަންމަ އަކީ މާތް އަންހެނެއް. ޒީނިޔާގެ ވިސްނުން ބަދަލުކުރަންވީ. މި ހުރިހާ ދުވަހު މަންމަ ކެތްތެރިކަން އިސްކުރީ ޒީނިޔާ ކިޔަވައި ނިމެންދެން ނޫންތަ؟ މަންމައަށް ކުރީން ވެސް އެ އިޚްތިޔާރު އޮތް. އެ ކަމެއް ނުކުރެއެއްނު؟ އެކަމަކު އަދި މަންމައަކީ މުސްކުޅި އެއް ނޫން. ޙަޔާތަށް އެހެން މީހެއް ބޭނުންވާނެ. ބަލިވާ ފަހަރު އަޅައިލާނެ އޯގާތެރިއެއްގެ އެހީތެރިކަމާއި، ފިރުމައިލާނެ އަތެއް ވެސް ބޭނުންވާނެ."
ދީމާ ދެއްކި ވާހަކަތަކާ މެދު ޒީނިޔާ ވިސްނިއެވެ. އެހެންނަމަވެސް ޒީނިޔާގެ ހިތް އެ ވާހަކަތައް ޤަބޫކު ކުރާކަށް ތައްޔާރެއް ނޫނެވެ.
އިންޓަވިއުއަށް ދިއުމަށް ޓަކައި ޒީނިޔާ ތައްޔާރުވަމުން ގެންދިޔައެވެ. އެތައް ދުވަހަކަށް ފަހު ގެއިން ބޭރަށް ނިކުންނާން ތައްޔާރުވަނީއެވެ. ދީމާގެ ގޭގައި އުޅުނު ދެތިން ދުވަސް ވޭތުކުރީ މުސްކުޅި އާޔާއެއްގެ ގޮތަށެވެ. މިއަދު ޒީނިޔާ ރީތިވަމުން އެ ގެންދަނީ އެތައް ދުވަހަކަށްފަހުއެވެ. ރީތިކަމަށް ލޯބިކުރި ޒީނިޔާ މަންމަ ދެކެ ރުޅި އައިސްގެން ގެއިން ނިކުތްފަހުން މޫނުގައި ފުށްކޮޅެއް ވެސް ހާކައި ނުލައެވެ. މިއަދު އޭގެ އިދިކޮޅެވެ. ތައްޔާރުވެގެން ގެއިން ނިކުންނަންވީ އިރަށް ޖުނައިދު ޓެކްސީގައި ޒީނިޔާ ބަލައި އަތުވެއްޖެއެވެ.
"އައްދޭ. މިހާ ރީތި ޕަރީއެއްކަމެއް ކުރީން ނުދެނަހުރިން. ޒީނިޔާ ރާނީ، އަވަހަށް ކާރުކޮޅަށް އަރައިވަޑައިގަންނަވާ." ޖުނައިދު ސަމާސާ ރާގެއްގައި ބުނެލިއެވެ. ވަގުތުގެ ގޮތުން ކަމެއް ނޭނގެއެވެ. އަހަރެން ގާތަކަށް މި ފަހަރު ރުޅިއެއް ނާދެވުނެވެ. އެހެން ނޫނީ މީހަކު އެއްޗެއް ބުނާއިރަށް އަހަރެންގެ އަތްތިލައިގެ ހޫނުކަން އެމީހެއްގެ ކޯތާފަތަށް އަރާނެއެވެ.
އިންޓަވިއު ނިންމައިފައި އަހަރެން އޮފީހުން ނިކުތީ ހިނގުމުގެ ބަދަލުގައި ދުވެފައެވެ. އޭރު ޖުނައިދު އަހަރެންގެ އިންތިޒާރުގައި ކާރު ކައިރީގައި ހުއްޓެވެ.
"މާދަން އޮފީހަށް ނިކުންނަން އަންގައިފި." އެ ޖުމްލަ ބުނެވުނު އަހަރެންގެ ބައްތިރީސް ދަތް ފެންނަވަރުވިއެވެ. އެތައް ދުވަހަކަށްފަހު އަހަރެންގެ ހިތަށް އުފާވެރިކަން ވެރިވެއްޖެއެވެ. ގެއަށް ދިޔަ މަގުމަތީގައި ޖުނައިދު އައިސް ކްރީމް ދިނުމުން އަހަރެންގެ އުފާވެރިކަން އިތުރުވިއެވެ. އެތައް ދުވަހަކަށްފަހު ގެއިން ބޭރުން އެއްޗެއް ލިބުނީމާކަން ނޭގެއެވެ. އާންމު ގޮތެއްގައި އަހަރެން އެކުވެރީންނާ އެކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ރެސްޓޯރެންޓުން ކަމެވެ. ކިޔަވާން ހުރި އިރު، ކޮންމެ ދުވަހަކު ވެސް އެއްފަހަރު ބޭރުން ކެއުމަކީ އާދައެކެވެ. އެހެން ނޫނީ ޖޫސްތަށްޓެއް ނުވަތަ މޭވާ ފަދަ ތަކެތި ކައިގެން އަހަރެން ހަމަޖައްސައިލަނީއެވެ. ކެއްކުމަކީ އަހަރެން އެންމެ ފޫހިވާ ކަމެވެ.
އަހަރެންގެ ވަޒީފާ ހަމަޖެހުނު ވާހަކަ ބުނުމުން ދީމާ ވެސް އުފާވިއެވެ. އަބަދު ގޭގައި ހުންނަން ޖެހޭތީ އަހަރެން ފޫހިވާނެ ވަރު ދީމާއަށް އެނގެއެވެ.
ރޭގަނޑު ކެއުމުގެ ވަގުތު ދީމާގެ ދެމަފިރިން ވެސް ތިއްބެވެ. ތިންމީހުން އެކީގައި މަދު ފަހަރަކު ނޫނީ ދިމައެއް ނުވެއެވެ. އެކީގައި ކެއުމުގެ ވަގުތުގައި އަހަރެންގެ ޕްލޭން އޮތްގޮތް ދީމާ އަށް ކިޔައިދިނީމެވެ. ވަޒީފާ ލިބުމަށްފަހު މުސާރަ ލިބުމުން އަހަރެން ވަކީން ތަނަކަށް ބަދަލުވާނެ ވާހަކަޔާ އަބަދު އެހެން މީހުންނަށް އުނދަގޫ ކުރާކަށް ނުވާނެކަމަށް އަހަރެން ބުނީމެވެ.
"އެއްކަލަ ޒީނިޔާ. މި ގޭގައި އަހަރެމެންނަށް ކޮން އުދަގުލެއްތަ ވާނީ."
"އަހަރެން ކަހަލަ އެއްވެސް މަސައްކަތެއް ނޭނގޭ މީހަކު ބެހެއްޓުމުން ކޮން ފަސޭހައެއް ވާނީ؟" އަހަރެން ވެސް ދީމާއަށް ރައްދު ދިނީމެވެ.
ދީމާ އެދުނީ އަންހެނަކު ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަހަރެން ދަސްކުރުމެވެ. ދިރިއުޅުމެއް ފަށާންވާ އިރަށް ކޮންމެ އަންހެން ކުއްޖަކަށް އެ ކަންކަން މުހިންމުވާނެކަމަށް ދީމާ ބުންޏެވެ.
އޭގެ އަނެއް ދުވަހުން ފެށިގެން ބަރާބަރު އެއްމަސް ދުވަހުގެ ތެރޭގައި ގޭތެރޭގެ ހުރިހާ މަސައްކަތެއް ދަސްކުރާން އަހަރެން ވަޢުދު ވީމެވެ. އެއަށްފަހު ނިދަން އޮށޯތީ އޮފީހަށް ދިއުމަށް އަވަހަށް ތެދުވުމަށެވެ.
އޮފީހަށް އަހަރެން ދިއުމާއެކު މުވައްޒަފުން ހޫނު މަރުޙަބާއެއް ކިއެވެ. އަހަރެންގެ ކެބިން ހުންނަނީ ބޮސްގެ ކެބިންއާ ޖެހިގެންނެވެ. އަދި ހުރިހާ މުވައްޒަފުން އެ ކިޔާ ބޮހެއް އަހަރެން ނުދެކެމެވެ. ކުއްލިއަކަށް ފެނުނީ ބޮސް އައިސް އޭނާގެ ކެބިނަށް ވަންނަ މަންޒަރެވެ. އޭނާ ފެނުމާއެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ.
"ރިޔާޒު. މީ އަހަރެންގެ ބޮސް. ނުވާނެ މި ކަމެއް. އަހަރެން އޭނާގެ އޮފީހުގައި ނުކުރާނަން މަސައްކަތެއް." އަހަރެން ވަގުތުން އޮފީހުން ނިކުމެއްޖައީމެވެ.
ގެއަށް ދެވުމާއެކު ދީމާއަށް އެވާހަކަ ކިޔައިދިނީމެވެ. އަދި އެ އޮފީހުން ކެނޑޭން ސިޓީ ލީކަމަށް ވެސް އަހަރެން ބުނީމެވެ. އަނެއް ދުވަހުން ފެށިގެން ދީމާގެ ޝަރުޠު ޤަބޫލުކޮށް އަހަރެން މަސައްކަތް ފެށީމެވެ. އެއްޗެތި ދޮވުމާއި، އިސްތިރިކުރުން ކުނިކެހުމާއި ކެއްކުން ފަދަ އަންހެނުން ކުރާ ހުރިހާ ކަމެއް ދަސްކުރީމެވެ.
"މިރޭ އެބަ އޮތް ވަރަށް ޚާއްޞަ ޕާޓީއަކަށް ދަޢުވަތު ލިބިފައި. ޒީނިޔާ ވާނެ އަހަރެމެންނާ އެކު ދާން." ދީމާ ދަޢުވަތު ކާޑު ދައްކާލަމުން ބުންޏެވެ.
ޕާޓީ އޮތީ އަލަށް ހުޅުވި ރެސްޓޯރެންޓުގައެވެ. އެ ތަނަކީ ޖާގައިގެ ތަނަވަސް ތަނެކެވެ. ޕާޓީއަށް ދެވުމުން ވެސް އަހަރެން ހުންނަނީ ނެގިމަޑުވެފައެވެ. ކުރީގައި އަހަރެން ގައިގައި އެ ހުންނަ ސިފަތަކެއް މިހާރަކު ނެތެވެ. އަހަރެން މަޑުމަޑުން ދީމާއާ އެކީގައި ޕާޓީގެ ދެމަފިރިންނާ ސަލާމް ކުރުމަށް ޓަކައި ދިޔައީމެވެ. އެ ވަގުތު ފެނުނު މަންޒަރުން އަހަރެންގެ އަނގަ ތަންމިނަށް ހުޅުވޭ ވަރު ވެއްޖެއެވެ. އެ ތިބީ އަހަރެންގެ މަންމަ އާއި ރިޔާޒެވެ. އަހަރެން މިއައީ މަންމަގެ ކައިވެނި ޕާޓީއަށެވެ. ކުރިން އެކަން ނޭނގުނީ ކީއްވެ ހެއްޔެވެ؟ އަހަރެން ބޭނުންވީ އެ ތަނުން ދުވެ ފިލާށެވެ. އެ ވަގުތު މަންމައަށް އަހަރެން ފެނިއްޖެއެވެ.
ދީމާ އަހަރެންގެ އަތުގައި ހިފައިފައި ހުއްޓުވިއެވެ. މަންމަ އައިސް އަހަރެންގެ ގައިގައި ބައްދައިލިއެވެ.
"ދަރިފުޅުގެ ޙާލު ކިހިނެއް؟" މަންމަގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. އަހަރެން މަންމައާއި ގުޅުން ކަނޑައިލި ފަހުން ހަތަރު ވަރަކަށް މަސް ވޭތުވެ ދިޔައިރު ވެސް އަހަރެން މަންމަގެ ޙާލު ވެސް ބަލައެއްނުލަމެވެ. އަދި މަންމަ ވެސް އަހަރެންގެ ޙާލު ބަލައެއް ނުލައެވެ.
އަހަރެންގެ ލޮލުން ވެސް ކަރުނަ އަންނާން ފެށިއެވެ.
"ކީއްކުރަން މިއަދު އަހަރެންގެ ޙާލު ބަލާންވީ؟ މަންމަ ތިޔަ ރަނގަޅު މީހާ އެއް ފަހަރު ވެސް އަހަރެން ކޮބައިތޯ ބެލިންތަ؟" އަހަރެން ވަރަށް ދެރަވެ ހުރެ މަންމައާ ދިމާއަށް ބުނީމެވެ.
"މަންމަ ދީމާއަށް ގުޅައިގެން އެ ގެއަށް ފޮނުވީ. މަންމަ ޖުނައިދުގެ ކާރު ވެސް އެ ދުވަހު ގެނެސްދިނީ. މަންމައަށް ދަރިފުޅު އުޅޭ ގޮތް އެނގޭ. ހުރި ތަން ވެސް އެނގޭ. އެކަމަކު ކެތްތެރިވީ ދީމާ އެދުނު ފަދައިން ދަރިފުޅަށް ވަގުތު ދިނުމަށް ޓަކައި." މަންމަގެ ވާހަކައަށް ދީމާ ހުރީ ހިނިތުންވެފައެވެ.
ދީމާ މިއަދު އަހަރެން މީހަކަށް ހަދައިފިއެވެ. އެއީ މަންމަ އާ ދީމާގެ ރޭވުމުގެ ތެރެއިން ކަމެއް އަހަރެން ކުރިއަކުން ނުދެނަހުރީމެވެ.
"ޒީނިޔާ އެ ދުވަހު ރުޅި އިސްކޮށްފައި ގެއިން ނިކުތް ހިސާބުން ޒަރީންތަ ގުޅާފައި ދީމާ ވަރަށް ރުޅި އައިސްގެން ގެއިން ނިކުތް ވާހަކަ ބުނުމުން އަހަރެން ޒީނިޔާއަށް ގުޅީ. ޒީނިއާ ބަލައި ޖުނައިދު ފޮނުވީ އަހަރެމެން. އެއީ އިއްތިފާގުން އެރުނު ޓެކުސީއެއް ނޫން."
މަންމަގެ ކައިވެންޏަށް އަހަރެންގެ ރުހުން ދިނީމެވެ. ދީމާގެ ދެމަފިރީންގެ ސަބަބުން އަހަރެންގެ ކޮށި ވިސްނުން ބަދަލުކުރުވައިފިއެވެ. ކަންކަމާ ވިސްނުމަށްފަހު، ފިޔަވަޅު އަޅާން ދަސްވެއްޖެއެވެ. ރުޅިއަކީ ކަންކަމުގެ ޙައްލު ނޫންކަމާއި، ކަންކަމުގެ ހަލާކުކަން ދަސްވިއެވެ. ގޭތެރޭގެ މަސައްކަތްތަކާއި، ސާފުތާހިރުކޮށް ކަންކަން ކުރާން ވެސް ދަސްވެއްޖެއެވެ. މިއަދު ގެއަށް މިވަނީ އެހެން ޒީނިޔާއެއްގެ ގޮތުގައެވެ. ހުރިހައި ޝުކުރެއް މަންމައާއި ދީމާއާއި ޖުނައިދު އަށެވެ. (ނިމުނީ)