އަސްމާ އަބޫބަކުރު
2 މާރިޗް 2025
ހަޔާތުގެ ގޮށްޖެހުމުގެ ކުރީން އަހަރެން ވިސްނީ ފިރިހެނެއްގެ ސިފައިގައި ހުންނާން ޖެހޭ ސިފަތަކަށެވެ. އެއީ އޯގާތެރިކަމާއި، ކުލުނާއި ލޯތްބެވެ. އެއް ދުވަހަކު އަހަރެން އެކުވެރީންނާ އެކު ސްކޫލުން ނިމިގެން އައި މަގުމަތީގައި ޒާހިދު ބުނި އަޑު އިވުނެވެ. ދުނިޔޭގައިވާ އެންމެ ރީތި އެއް ކަމަކީ އަންހެނެއްގެ ހިތެވެ. އެއީ ނާޒުކު ނަމަވެސް ވަރުގަދަ އެއްޗެކެވެ. އަންހެން ކުދީންގެ އެންމެ ވަރުގަދަ މުދާކަމުގައިވާ ހިތް ދެނީ ހާދަ އިތުބާރުކުރާ ފިރިހެނަކަށެވެ.
ޒާހިދުގެ އެ ޖުމްލަތައް އަހަރެންގެ ހިތަށް ފޯރީ ހާދަ ފަސޭހައަކުންނެވެ. އަހަރެން އޯލެވެލް ނިމުނުއިރު ޒާހިދަށް ހިތްދެވިއްޖެއެވެ. ޒާހިދަކީ އަހަރެމެން ރަށު ޒުވާނެކެވެ. އެހެންނަމަވެސް އޭނާ ވަޒީފާއަދާކުރަނީ މާލޭގައެވެ. މި ދުވަސްކޮޅު އައިސް އުޅެނީ ޗުއްޓީއެއްގައެވެ.
"ސަލްމާ. މިހާރަކަށް އައިސް އެކަނިމާއެކަނި އިންނަ އިރު ވެސް ތުންފަތްމަތީން ހިނިތުންވުން ނުފިލާ. ކޮން މަޅިފައްޗެއްގައި ޖެހިގެންތަ ތިޔަ އުޅެނީ"
"ޒާހިދު ޖަހައިގެން އުޅޭ މަޅިފަތީގައި" އަހަރެން އެންމެ އެކުވެރި ދީނާއަށް ވީ ގޮތް ކިޔައިދިނީމެވެ.
"ޒާހިދު ބޭނުންވަނީ އަވަހަށް މެރީ ކުރަން. އަދި މަށަށް އަށާރަ ނުވޭ."
"ދެން ނެތެއްނު މާގިނަ ދުވަހެއް. ސަލްމާ ބޭނުންވި ކޯސް އޮންލައިންކޮށް އަވަހަށް ފަށާ. އޭރުން މާލެ ގޮސް ވަޒީފާއަކަށް ވަންނާން ފަސޭހަވާނެ."
"އެ ކޯހަށް އެޕްލައި ކޮށްގެން މި އުޅެނީ." އަހަރެންގެ އުންމީދުތަކާއި ބޭނުންތައް އަބަދު ވެސް ދީނާއާ ހިއްސާކުރަމެވެ. އެ ވަރުގެ އެކުވެރިއެއް ނުލިބޭނެއެވެ. ކޮންމެ ކަމެއްގައި ވެސް އެންމެ ގާތުގައި ދީނާ ހުންނާނެއެވެ.
ޒާހިދާ އެކު، އަހަރެންވީ ކޮންމެ ވަގުތަކީ ސެންޓުގެ ބަގީޗާއެއްގައި ހޭދަކުރެވުނު ވަގުތުތަކެވެ. އެ ބަގީޗާ އަށް އިރު އޮއްސުމެއް ނުވެއެވެ. އެހައި ވެސް އުފަލުގައި ދުވަސްތައް ވޭތުކުރެވުނެވެ. އެންމެފަހުން ޒާހިދު ފުރައިގެން ދިޔައީ އަހަރެންގެ އުމުރުން އަށާރަ އަހަރު ފުރޭ ދުވަހު ރަށަށް އަންނާނެކަމަށް ބުނެފައެވެ.
އަހަރެންގެ ގޭގެ ކުރިމަތީގައި އުޅޭ ދެމަފިރިން ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް އަރައެވެ. އަހަންނާއި ޒާހިދު ވެސް އުޅޭނީ އެ ގޮތަށެވެ. އެ ދެމަފިރިންގެ ކައިވެންޏަށް މިހާރު ބައިގަރުނު ވެއްޖެއެވެ. އެ މީހުންގެ އުމުރުން އަށްޑިހައަށް ވުރެ މަތިވާނެއެވެ. އެހެންނަމަވެސް އެމީހުން ދިރިއުޅެނީ ހާދަ ލޯބީންނެވެ.
"ދީނާ. ބަލާބަލަ. އެ ބޭބެއަށް ފުރޮޅުލީ ގޮނޑި ނުވެސް ދުއްވޭ. އެކަމަކު އެހުރީ އެ ގޮނޑި ދުއްވުމުގައި." އަހަރެން ލޮލުގެ އިޝާރާތުން ދެއްކި ދިމާއަށް ދީނާ ބަލައިލިއެވެ.
"އަޙްމަދުބޭ ދަރީން ބުންޏަސް ނުދޭނެ އެ ދައްތަގެ ކަމެއް ކުރާކަށް ދަރީން އަތަށް ވެސް. އެހާ ވެސް ލޯބިން އުޅޭ ދެމަފިރިން އެއީ. އެ ބޭބެއަށް ގޮނޑި ނުދުއްވުނަސް ހިތްވަރުކޮށްފައި އެ ދަނީ. އެއީ ލޯތްބަކީ. ނޫންތަ؟"
"އެވަރަށް ލޯބިވާ ބަޔަކު މި ރަށަކުން އަދި އަހަރެންނެއް ނުދެކެން. ލޯބީގެ މީރުވަސް ފަތުރައިލެވޭނީ ހަމައެކަނި ޒުވާނުންނަކަށް ނޫނޭ." އަހަރެމެން ވާހަކަދައްކާން ތިބީ ރަށުގެ އެއް ކޮޅުގައި ގޭ ކައިރީ ހުންނަ ގަސްދޮށުގައިވާ ޖޯލިފަތީގައެވެ. މި ހިސާބަށް ބަނދަރުމަތި ރީތިކޮށް ފެނެއެވެ.
"ކޮބާ. ޒާހިދުގެ ޚަބަރަކީ. ތިޔަ ކޯސް ވެސް ނިމުނީނުން." ދީނާ އެހެން އެހި ވަގުތު ޒާހިދު އެ މަގުން ބަނދަރުމަތީން އަންނަތަން ފެނުނެވެ.
"މަރެއް ވެސް ނުވާނެ އެހެރަ އަންނަނީ. ވަރަށް އަވަހަށް އަންނާނަމޭ ބުނި މީގެ ދެ ދުވަސްކުރީން. ކޮން ދުވަހެއްކަން އަންނާނީ ނުބުނެ ސަޕްރައިޒް ދޭން ކަންނޭނގެ އެ އަންނަނީ." އަހަރެމެންނާ ދިމާއަށް އޭރު ޒާހިދަށް އާދެވިއްޖެއެވެ.
"އަހަރެން މި ވަގުތު ގޮސްލާނަން." ދީނާ ޖޯލިން ތެދުވެގެން ހިނގައިގަތެވެ.
އޭގެ ދިހަވަރަކަށް ދުވަސް ފަހުން އަހަރެން މާލެ ބަދަލުވީ ޒާހިދާ ކައިވެނި ކޮށްގެންނެވެ. އަހަރެން އުފާވެފައި ހުރިވަރު އެނގޭނީ ދީނާ އަށެވެ. އެއްވެސް މައްސަލައެއް ނުޖެހި އެތައް ދުވަހަކު ލޯބިން އުޅެފައި ކައިވެންޏާ ހަމައަށް ދެވުމަކީ ކުޑަކަމެއް ނޫނެވެ. އަހަރެން ކުރީން ދެތިން ފަހަރަކު މާލެ އައި ނަމަވެސް އެކަނި މަގުތަކުގައި ހިނގައި ތަންތަނަށް ދާކަށް ނޭނގެއެވެ. އެހެންވެ، ޒާހިދު ގެންދިޔަ ތަނަކަށް ނޫނީ ނުދަމެވެ.
މާލެ އައުމަށްފަހު ޒާހިދަށް ވިސްނިފައި އޮތީ އަހަރެން އެކަނި ތަންތަނަށް ދާން ވެސް ބިރުގަންނަނީ އަހަރެން ގައިގައި ކޮންމެ ވެސް ބައްޔެއް ހުރުމުން ކަމަށެވެ. ޒާހިދު ހިފައިފައި ހުރި ކޮޓަރިއަކާ ކުޑަވަރެއްގެ ބަދިގެއެއްގެ އިތުރުން ސޯފާއެއް ބެހެއްޓޭވަރުގެ ސިޓިންރޫމްގަނޑެއް ވެސް ވެއެވެ. ތަނުގެ ސާފުތާހިރުކަމުން އާ ތަނެއްކަން އެނގެއެވެ.
ފުރަތަމަ ތިންމަސް ދުވަސް ވޭތުވެ ދިޔައީ ވަރަށް ހިތްހަމަޖެހިގެން ހުރެއެވެ. އޭގެ ފަހުން ކޮންމެ ރެއަކު އަހަރެންގެ ލޯ ނުހުޅުވޭ ވަރުގެ ނިންޖެއް އަންނަން ފެށިއެވެ. ނިދަން އޮށޯތުމުގެ ކުރީން ޒާހިދު އަހަންނަށް ކިރުތަށްޓެއް ގެނެސްދެއެވެ. އެތަށި ބޯލުމުން އަންނަ ނިންޖެއްކަން އެނގުނީ އެތައް ދުވަހަކު އެ ބުއި ފަހުންނެވެ. އެ ކިރުތަށި ނުބޯން އެތައް ބަހަނާއެއް ދެއްކިއަސް ޒާހިދު ގަދަކަމުން ނަމަވެސް އަހަންނަށް އެ ތަށި ބޯން މަޖުބޫރުކުރުވައެވެ.
"ޒާހިދު ކީއްކުރަން މިތާ ތަޅުބަދަލުކުރަނީ؟" އޭނާ ގެނައި ތަޅުފެނިފައި އަހަންނަށް އަހައިލެވުނެވެ.
"ސަލްމާ އެކަނި ހުއްޓައި ކޮންމެ ފަދަކަމެއް ވެސް މީހަކު ކޮށްފާނެ. އަހަރެން އޮފީހަށް ދާނީ ކޮޓަރި ތަޅުލައިފައި. ކަމެއް ބޭނުން ވެއްޖިއްޔާ ގުޅާ." ޒާހިދުގެ އަޑުގައި ކިތަންމެ އޯގާތެރި ކަމެއް ހުއްޓަސް ކޮޓަރި ބޭރުން ތަޅުލުން އަހަރެން ހިތްހަމަޖެހޭ ގޮތެއް ނުވެއެވެ.
އޮފީހަކަށް ދާން ބޭނުންވިއަސް ޒާހިދު އަހަރެން އޮފީހަށް ދާކަށް އެއްބަހެއް ނުވިއެވެ. ގޭގައި އެކަނި އިނދެއިނދެ ފޫހިވާން ފެށިއެވެ. ނޭވާ ހާސްވާހެން ވެސް ހީވާން ފަށައިފިއެވެ. ވާނީ ވެސް އެހެން ނޫންހެއްޔެވެ؟ ނުލާހިކު ހިތްފަސޭހަ ވެށްޓެއްގައި އުޅެމުން އައި މީހަކު ގެނެސް ދޫންޏެއް ފަދައިން ފިޔަކޮށައިލައިފައި ކޮށްޓަކަށް ލުމުން ވާނެ ގޮތް ދެކިބަލާށެވެ!
އެއް ދުވަހެއްގެ މެންދުރުފަހު ދޮރުގައި މީހަކު ޓަކިޖަހާ އަޑުއިވެން ފެށިއެވެ. އަހަރެން ބޭނުންވީ ދޮރުހުޅުވާފައި ބޭރަށް ނިކުމެ ދުއްވައިގަންނާށެވެ. ލޯބިން އިނދެގެން އައި ޒާހިދުގެ ޢަމަލުތައް ހުރި ގޮތުން އަހަރެން ފޫހިވެއްޖެއެވެ. އަހަރެން މަޑުމަޑުން ގޮސް ދޮރުހުޅުވާން ތަޅުގައި ހިފި ވަގުތު އަހަރެންގެ އަތް ދަމައިގެންފިއެވެ.
"ސަލްމާ ގޮސް އިށީނދޭ. ކީއްކުރަން ދޮރު ހުޅުވާން އައީ؟ މިފަހަރު ޒާހިދުގެ އަޑުގައި ރަހުމެއް އޯގާތެރިކަމެއް ވެސް ނެތެވެ.
"މީހަކު ދޮރުގައި މާގިނައިން ޓަކި ޖަހާތީ ޒާހިދު ފެންނަން ނެތީމަ ދޮރުހުޅުވާން އައީ." އަހަރެން މަޑުން ނަމަވެސް ޖަވާބެއް ދެވޭތޯ ބެލީމެވެ.
ދޮރު ހުޅުވާފައި ޕޯސްޓުން ލިބުނު ޕާރުސަލް ހިފައިގެން އައިސް ޒާހިދު ވަނީ ކޮޓަރިއަށެވެ. އަހަރެން މީ ގޭތެރޭގައި ހުރި މީހަކަށް ވެސް ނުހެދިއެވެ. މަޑުމަޑުން އަހަންނަށް ރޮވެން ފެށިއެވެ. ރަށުގައި މިނިވަން ކޮކާލެއްހެން އުޅެފައި އައިސް މި ހެން އުޅޭން ޖެހުނީމާ ހިތަށް ހުންނަނީ ފާޑެއްގެ ތަދެއްވެފައެވެ. ކޮންމެ ދުވަހަކު އަހަރެންގެ ލޮލުގެ ކުރިމަތީގައި ރަށުގައި ލޯބީން އުޅުނު ދުވަސްވީ ދެމަފިރިންގެ ހަނދާންތައް އެނބުރެމުންދެއެވެ. އަހަރެންގެ ހަޔާތް ބަރުބާދުވެއްޖެއެވެ.
އަހަރެން ޢާއިލާގެ އެންމެން މަތީން ހަނދާންވެ ކިތަންމެ ފަހަރަކު ރޮވެއެވެ. މަންމައާއި ބައްޕައާ ވަކިވެގެން އައީ ކިހައި އުފާވެރިކަމާ އެކުގައިހެއްޔެވެ؟ އެކުވެރި ދީނާ ހީކުރާނީ އަހަރެން ހުރީ ވަރަށް އުފަލުގައިކަމަށެވެ. މި ޒަމާނުގައި އެކިއެކި މަންސަތަކުން އެކަކު އަނެކަކުގެ ޙާލު ބަލައި މަޖާކުރެވޭން އޮއްވައި އަހަރެން މި އިންނަނީ އެ ހުރިހާ ކަމަކުން މަހުރޫމް ވެފައެވެ. އަހަރެންގެ ފޯނު ހަލާކުވީ ކީއްވެކަމެއް ނޭނގެއެވެ. އެނގޭހާ ވެސް ކަމަކީ އަހަރެން ފޯނުން އެއްވެސް ބޭނުމެއް ނުހިފޭކަމެވެ. ގޭގައި ހުންނަ ވައިފައިގެ ޕާސްވޯޑު ބަދަލުކޮށްފައި ހުރިކަމެވެ.
މިހެން އަބަދު ނޫޅެވޭނޭ އަހަރެންގެ ހިތް ބުނާން ފަށައިފިއެވެ. އެންމެ ފަހުން އަހަރެން ނިންމީ ކޮންމެ ގޮތެއް ވިއަސް ޒާހިދާ ދިމާއަށް އޭނާ އުޅޭ ގޮތުގެ ވާހަކައާއި ކަންތައް ކުރާ ގޮތުގެ ވާހަކަ ގޮވައިލާށެވެ. ހިތްހަމަނުޖެހިފައި އެއްޗެއް ނުބުނެ ހުރުމުގެ ބަދަލުގައި ޖެހޭނީ އޭނާއާ ކުރިމަތިލާށެވެ. އޭނާ ގެންނަ ކިރުތަށި އަހަރެން ދެތިން ރެއަކު އުކައިލުމުން ގައިގައި ވަރުދެރަވާ ގޮތެއް މިހާރަކު ނުވެއެވެ. ތާޒާކަން ކެނޑިފައިވާ މޫނުމަތި ރީތިވާހެން ހީވާން ފަށައިފިއެވެ.
ޒާހިދު ނިދާން އޮއްވައި މަޑުމަޑުން އަހަރެން ތެދުވެ ހަނގުރާމައަށް ތައްޔާރު ވެއްޖައީމެވެ. މީގެ ކުރީން މަޒުލޫމަކަށް ވެގެން ހުރެވިއްޖެއެވެ. ދެން ނުހުންނާނަމެވެ. އަމިއްލަ ދިފާއުގައި ތެދުވެ ހައްގު ހޯދަން މަސައްކަތްކުރާން ޢަޒުމު ކަނޑައަޅާން ވެއްޖެއެވެ.
އަހަރެން ގައިގައި ނެތްހިތްވަރު ލައިފައި ޒާހިދަށް ގޮވައި ހަޅޭއްލަވައި ގަތުމުން ޒާހިދު ފުންމައިގެން ތެދުވެއްޖެއެވެ. ފުރަތަމަ އިނީ ލޯ ބޮޑުކޮށްގެން އަހަންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. ދެން ފެނުނީ ރުޅިގަދަ ޒާހިދެވެ. އެއަށް ވުރެ ބޮޑަށް އަހަރެންގެ ދެލޯ ވަށްކޮށްލައި އެހާމެ ބާރު އަޑަކުން ހަޅޭއްލަވައިގަނެވިއްޖެއެވެ. އަސްލަށް ވެސް އަހަރެންގެ ގާތަށް ރުޅިއަތުވެއްޖެއެވެ.
"އަހަރެން ފޯނުގެ ސިމް ބަދަލުކުރީ އަހަރެން މީހަކަށް ގުޅާފާނެތީތަ؟ ވައިފައި ޕާސްވޯޑު ބަދަލުކުރީ އަހަރެން މީހުންނާ ވާހަކަ ދައްކާނެތީ. ނޫންތަ؟ މަށަށް އެނގޭ ހުރިހާ ކަމެއް." ކުއްލިއަކަށް ޒާހިދު ތެދުވެއްޖެއެވެ. އަހަރެން އަތުގައި އޮތް ވަޅި ދައްކައިލުމުން މައިތިރިވެ އެނދުގައި އިށީނދެއްޖެއެވެ.
"ކީއްވެ އަހަރެން ގެނެސް މިހެން ހެދީ؟ ޒާހިދުގެ ބަލިކަށިކަމަށް އަހަރެން އެއްފަހަރު ވެސް މަލާމާތްކުރިތަ؟ އެ ކަން ފޮރުވަން ކޮންމެ ރެއަކު ބޭސް އަޅައިގެން ކިރުތަށި ގަދަކަމުން ބޯން ތިޔަ ދެނީ މަށަށް އެއް ކަމެއް ވެސް ނޭނގޭކަމަށް ހަދާން؟ ޒާހިދު ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި އުނި ކަންތައްތައް ފޮރުވާން މަސައްކަތްކުރުމުގެ ބޭނުމަކީ ކޮބާ؟. މިރޭ ހުރިހާ ވާހަކައެއް ކިޔައިދީ. އެހެންނޫނީ..."
"ސަލްމާ... އަހަންނަށް މާފުކުރޭ. އަހަރެން ހުރިހާ ކަމެއް ކުރީ ވެސް ސަލްމާގެ ފަރާތުން އެއްވެސް މީހަކަށް އަހަރެންގެ ހަޤީޤަތް އެނގިދާނެތީ." އެންމެފަހުން ޒާހިދު ކުށް ގަބޫލުކޮށް އެތައް ފަހަރަކު މާފަށް އެދުނެވެ. އަހަރެންގެ ދިރިއުޅުން ބަރުބާދުވަމުން ދަނިކޮށް ހަމަ މަގަށް އެޅުވުނީ އެ ރެއަށްފަހުއެވެ. އޭގެ ފަހުން ޒާހިދު ޑޮކްޓަރަށް ދާން އެއްބަސްވިއެވެ. ކުރީން އަންނަ ރުޅި މަޑުވެފައި މިހާރު އެ ހުރިހާކަމެއް ބަދަލުވީ އެތައް ދުވަހަކު ކައުންސިލިން ސެޝަންތައް ވެސް ނަގައިގެންނެވެ. އަލުން އާ ޙަޔާތެއް ލިބުނުކަހަލައެވެ. އެއްކަލަ ރީތި ސެންޓު ވަސް ދުވާ ރީތި ބަގީޗާ މިހާރު އަހަންނަށް ފެންނާން ފަށައިފިއެވެ. (ނިމުނީ)