އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
9 އޭޕްރިލް 2025
(2025 އެޕްރީލް 2ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ރަނގަޅު ނޫނަސް ދިން އެއްޗެއްތާ ލިބޭނީ ދޯ؟" ދާއޫދު ވެސް ސަމާސާ ފާޑަކަށް ބުނެލިއެވެ. "ކޮބާ ސުވާލަކީ؟ އެންމެ ސުވާލެއް އިނގޭ!"
ދާއޫދު ހީކުރީ ކުރީ ދުވަހު ފަރަޙަނާޒާ އެކީ ދާއޫދު ހޭދަކުރި ވަގުތާ ހިތްހަމަ ނުޖެހިގެން އޭގެ ތަފުސީލު ހޯދާން އުޅެނީކަމަށެވެ. އެންމެ ސުވާލެއްކަމަށް ބުނީ ވެސް އެހެންވެއެވެ. އަދި ދޭނެ ޖަވާބު ވެސް ދާއޫދުގެ ހިތުގައި ރާވައިލައިފިއެވެ.
"ކޮބާ، ސުވާލަކީ؟" ދާއޫދު ނީނާއަށް ސުވާލުކުރާން ފުރުޞަތު ދީފިއެވެ. "އެންމެ ސުވާލެއްކަމަށް އެއްބަސްވެފައި އޮތީ."
"ދާއޫދާ ބައްދަލުކުރާން އެ އަންނަނީ ކީއްކުރާން އަންނަ ބަޔެއް؟" ނީނާގެ ސުވާލުވީ ދާއޫދު ހީކުރި ކަހަލަ ސުވާލަކަށް ނޫނެވެ. "އަދި ފަރަޙައަކީ ދާއޫދުގެ.............................."
"އެންމެ ސުވާލެކޭ ބުނީމެއްނު!" ދާއޫދު ވަރަށް ރުޅިވެރިކަމާ އެކު ބުންޏެވެ. "އިތުރު ސުވާލެއް ނުކުރެވޭނެ."
"އެންމެ ރަނގަޅު." ނީނާ އޮތީ އެންމެ ސުވާލެއްގެ ޖަވާބު ދިނަސް އޭނާއާ އެކީ ލަންކާއަށް ދާން އެއްބަސްވެފައެވެ. "ފުރަތަމަ ސުވާލުގެ ޖަވާބުދީ! އެކަމަކު ރުޅިނައިސްބަލަ!"
"އެއީ އަހަރެންގެ ކަސްޓަމަރުން. އެ މީހުން އަންނަނީ އަހަރެންގެ ކައިރިއަށް އެހީއަށް އެދިގެން. އަހަރެން އެ މީހުންނަށް އެހީތެރިކަން ދެނީ. ..... ނޫން. އެހީތެރިކަން ވިއްކަނީ." ދާއޫދު ވިސްނައިލަމުން ޖަވާބު ދިނެވެ. "ޖަވާބު ލިބިއްޖެއްނު."
"އެކަމަކު ކޮންކަހަލަ......................"
ނީނާއަށް މިހިސާބަށް ބުނެވުނު ތަނާ ދާއޫދު ވަރަށް ރުޅިއައިސްފައި ބުންޏެވެ. "ހަމަ އެންމެ ސުވާލެކޭ ބުނީމެއްނު. އިތުރު ސުވާލެއް ނުކުރެވޭނެ."
"އެންމެ ރަނގަޅު. އެކަމަކު ހާދަ ރުޅިއެކޭ ތިޔައައީ ފަރަހަގެ ވާހަކަ ދައްކަފާނެތީ ދޯ؟" ނީނާ ބުނެލިއެވެ.
"ފަރަހަގެ ވާހަކަ ބުނެދީފާނަން، ޝައްކުވަންޏާ. ފަރަހައަކީ ކުރީން އަހަރެން ދަންނަ މީހެއް ނޫން، އިހައް ދުވަހުގެ ކުރިޔަކުން." ދާއުދު އިތުރަށް އޮޅުންފިލުވައިދީފިއެވެ. "ނީނާ ތިޔަ ހީކުރާ ކަންތައްވި. އެ ކަމަށް ޓަކައި މާފަށް އެދެން."
"ނީނާ ކުރެން މާފަށް އެދޭން ޖެހޭތަ"؟ ނީނާ ސުވާލު އުފެއްދިއެވެ. "އަހަރެން ކަމުނުދާތީތާ، އެހެން އެ ކަންވީ."
"ނޫން. ނޫން. އެހެންނެއް ނޫން. ނީނާ މަދެކެ ލައިކްވޭތަ؟" ދާއޫދު މައުޟޫޢު ބަދަލުކޮށް މާ ބޮޑަށް މައިތިރި ވެއްޖެއެވެ. "ނީނާ މާފެއް ނުކުރާނަންތަ؟"
"ނީނާ މާފުކުރާންޖެހޭ ނަމަ މާފުކޮށްފިން." ނީނާ ހިނގަނޑެއް ޖަހައިލިއެވެ. "އެކަމަކު ވަރަށް ދެރަވި."
"އަސްލުގައި ވެސްތަ؟" ދާއޫދު ޝައުޤުވެރިކަމާ އެކު ސުވާލުކޮށްލިއެވެ. "މާނައަކީ ލައިކްވެޔޭ ދޯ؟"
ނީނާ އެއްވެސް އެއްޗެކޭ ނުބުނެ ހަމަ އެކަނި ހީނލީއެވެ.
***
ފިހާރައަށް ފޮތިކޮޅަކާއި ފައިވާންކޮޅެއް ގެންނާން ލަންކާއަށް ދާ ވާހަކަ މި ފަހަރު ގޭ މީހުންނަށް ވެސް ނީނާ އެންގިއެވެ. އަދި ޑޮކްޓަރަށް ދައްކައިލާނަމޭ ވެސް ބުންޏެވެ. ދާއޫދަށް ރަށުގެ އެންމެން ކުރާ އިތުބާރާއި އިޙުތިރާމެއްގެ ސަބަބުން ނީނާގެ މައިންބަފައިން ވެސް އެ ދަތުރާ ވަރަށް ހިތްހަމަޖެހެއެވެ. އެ ކަމުގެ ސަބަބުން ނީނާއަށް އިތުރު ކުރިއެރުމަށް ލިބޭނެކަމަށް އުންމީދުކުރަމުންނެވެ.
ހުކުރު ވިލޭރޭ އިރުއޮއްސި އަށެއްޖެހި އިރު ލަންކާއަށް ފުރި ގަޠަރު އެއަރގެ ފްލައިޓުން ދާއޫދާއި ނީނާ ލަންކާއަށް ފުރައިފިއެވެ. ބިޒިނަސް ކްލާހުން ޓިކެޓް ނަގައިފައިވާތީ މާ ގިނަ ދިވެހީންނަކަށް އެ ދެ މީހުންނެއް ނުފެނެއެވެ. ދަތުރަށް އެރުމާ އެކު ދެ މީހުންގެ މެދުގައި ފެނުނީ ވަރަށް ގާތް ގުޅުމެކެވެ. ސަމާސާ ކުރުމާއި މަޖާ ވާހަކަދެއްކުމުގައި ވަގުތުތައް ހޭދަކުރަމުން ގެންދަނިކޮށް 9:15 ހާއިރު ބަންޑާރަނައިގެ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޯޓު ޖައްސައިފިއެވެ. ކަސްޓަމާއި އިމިގްރޭޝަނުން ނިމިގެން ހޮޓަލަށް ދެވުނު އިރު ދިހަގަޑިބައިވާން އުޅެއެވެ. އެ މީހުން ދިޔައީ ކުރީން ހޮޓަލެއް ބުކްނުކޮށްކަމަށް ވާތީ، މާ ދުރަށް ދާކަށް ގަސްތެއް ނުކުރިއެވެ. ވައްތަލައިގައި ހުންނަ އެއަރޕޯޓް ގާޑްން ހޮޓެލުގައި މިރޭ މަޑުކޮށްލުމަށް ފަހު މާދަމާ ޗެކްއައުޓްކޮށް ކޮޅުނބުގެ ބާޒާރުތަކާ ކައިރި ހިސާބަކަށް ދާން އެއްބަސްވެގެން އެ ދިމާއަށް ދިޔައީ ޓެކްސީއެއްގައެވެ.
ހޮޓަލަށް ދިޔައިރު ދިމާވީ ހީކުރި ގޮތެއް ނޫނެވެ. މުޅި ހޮޓާ އޮތީ ފުރިފައެވެ. ކެންސަލްވި ފްލައިޓެއްގެ ފާސިންޖޯރުންނަށް ނިދުން ހަމަޖައްސައިދޭންވެގެން ގިނަ ކޮޓަރިތައް ހުރީ ހަތަރު ދުވަހަށް ފުލްވެފައެވެ. ރިސެޕްޝަނުން ބުނީ ސިންގަލް އެންމެ ކޮޓަރިއެއް ލިބިދާނެ ކަމަށެވެ. މާދަމާ ސޫޓެއް ވެސް ލިބިދާނެ ކަމަށް ބުންޏެވެ.
ހަދާނެ ގޮތަކާ މެދު ދާއޫދު ލަފާއެހީ ވެސް ނީނާކުރެންނެވެ.
"ނީނާ ކިހިނެއް ހަދާނީ؟" ދާއުދު ސުވާލުކުރިއެވެ. "ހިނގާ އެހެން ހޮޓަލެއް ލިބޭތޯ ކޮލޮމްބޯއަށް ދާން."
ހާދަ ވަރުބައްޔޭ އަޅެ." ނީނާ ރަނޑު ފާޑަކަށް ބުނެލިއެވެ. "އަނެއްކާ ކޮލޮމްބޯއަށް މި ރޭ ގޮސް ތަނެއް ނުލިބިއްޖިއްޔާ އިރު އަރަންދެން ދުއްވައިލަދުއްވައިލައި ތިބޭކަންނު ޖެހޭނީ. މަށަށް ފެންނަނީ މިރޭ ތިބެން. މީހަކަށް ނޭނގޭނެއެއްނު."
ދާއޫދު ވެސް މާ ބޮޑު ދެކޮޅެއް ނެހެދިއެވެ. ނީނާ އިތުރަށް ވަރުބަލިކުރާކަށް ދާއޫދު ބޭނުމެއް ނުވިއެވެ. ކޮޓަރީގެ ތަޅުދަނޑިއާ ޙަވާލުވެގެން ކޮޓަރިއަށް ހިނގައްޖެއެވެ.
"ނީނާ އޮވޭ އެނދުގައި. އަހަރެން އޮވެދާނަން ދޫލަމަތީގައި." ދާއޫދު ހަދާނެ ގޮތް ބުނެލިއެވެ. "އެއް ރެޔަކު މިތާ ނިދައިލިޔަސް އޯކޭ ވާނެނު".
"ނޫން. ދާއޫދު އޮވޭ އެނދުގައި." ނީނާ ދާއޫދުކުރެން އެދުނެވެ. "ބޮސް ބިންމަތީގައި ބާއްވައިފައި މުވައްޒިފަށް އެނދުގައި އަރައި އޮންނާކަށް ނުކެރޭނެ."
"ސާބަސް. ކޮން ބޮހަކާ މުވައްޒިފެއްތަ؟" ދާއޫދު ވަރަށް ސާދާ ގޮތަކަށް ބުނެލިއެވެ. "މިއީ ދަތުރު ނިމެންދެން އަދި އޭގެ ފަހުން ވެސް ދެ ފުރެންޑުން."
"ދެން މި ޒުވާބުގައި އިރުއަރަންދެން ތިބެންވީތަ؟" ނީނާ ހައްލެއް ހޯދާން މަސައްކަތްފެށިއެވެ. "މެދުގައި ކަންނޭލެއް ބާއްވައިގެން ދެ މީހުން ދެ ފަރާތަށް ތިބެ މިރޭ ނިދާލީމާ އޯކޭވާނެ. އާދޭ ދެ މީހުން ވެސް އެނދަށް"
މި ގޮތާ އެއްބަސްވެ ފާޚާނާއަށް ވަދެ ނީނާ ފެންވަރައިގެން ނުކުމެ ހެދުން ބަދަލުކޮށްލާންވާ އިރަށް ދާއޫދު ވެސް ކުޑަ ގޮތަކަށް މަތިހަދައިލައިގެން ނުކުމެ ހެދުން ބަދަލުކޮށްލައިފިއެވެ.
އެނދަށް އަރައި އިރުކޮޅެއް ވީ އިރަށް ނީނާ ހަމަ ގަދަޔަށް ނިދައިފިއެވެ. ދާއޫދަކަށް ލޮލުފިޔައެއް ނުޖެހެއެވެ. ހިސާބަކަށް ބަނޑުހައިވާތީއެވެ. އެއްޗެއް ނުކައި ނުނިދޭނެއެވެ. އަދި ރީތި ތުނި ނައިޓީއެއްގައި ނީނާ ނިދައިލައިފައި އޮތް އިރު ހީވަނީ ހޫރުޕަރީއެއް ހެންނެވެ. އެހެންވެ ދެ ބަނޑުހައިކަން ދާއޫދަށް އިޙުސާސްކުރެވެން ފަށައިފިއެވެ.
"ނީނާ އެއްޗެއް ނުކައި ނިދޭތަ؟" ގަޑިއެއްހާ އިރު ފަހުން ދާއޫދު، ނީނާއަށް ގޮވައިފިއެވެ. "ހާދަ ބަނޑުހައޭ. ޑިނަރއަކަށް އޯޑަރުކުރަންތަ؟"
ކާއެއްޗެހި ގެނެސް އެކުވެރި މާޙައުލެއްގައި ކައި ނިމިގެން އެނދުގައި އޮށޯވެ ނިދުނު އިރު ފަތިސްވާން ކައިރިވެއްޖެއެވެ.
ހަމައެކަނި ބޯ ބެޑްކަވަރަކުން ނިވައިވެލައިގެން އޮތް ނީނާއަށް ހެނދުނު ދިހައެއް ޖަހާން އުޅެނިކޮށް، ހޭލެވިގެން ލޯ ހުޅުވައިލިއެވެ. ދާއޫދު އޮތީ ނީނާއާ ދިމާއަށް ބަލަހައްޓައިގެން ހޭލައެވެ.
"ހާދަ ވަރުބައްޔޭ"؟ ނީނާ ބުނެލިއެވެ. "ބަޓް ތޭންކްސް ވެރީ މަޗް. ޔޫ އާރ ގްރޭޓް."
"ޔޫ ޑިޒަރވްސް މޯރ. ތޭންކްސް." ދާއޫދު ވެސް ވަރަށް ފަރި ގޮތަކަށް ހީނލަމުން ޖަވާބު ދިނެވެ. "ތޭންކް ޔޫ ސޯ މަޗް. އައި ނީޑް މޯރ."
ހޭލެވުނަސް ތެދުވާކަށް އެކަކު ވެސް ނޫޅުނެވެ. އެ ތިބި ގޮތަށް އަނެއްކާ ވެސް......... ނިދީއެވެ. ހޭލައިގެން ފެންވަރައިގެން ނުކުމެ މެންދުރުގެ ކެއުން ނިންމައިލުމަށް ފަހު ހޮޓަލުން ޗެކްއައުޓްކޮށްގެން ކޮޅުނބާ ދިމާއަށް ހިނގައްޖެއެވެ.
"ކޮޅުނބުގެ މެންޑަރިއާނާ ކޮލޮމްބޯ" ކިޔާ ފައިވް ސްޓާރ ހޮޓަލަކުން ދެ ކޮޓަރި ހޯދައިގެން ޗެކިން ވެއްޖެއެވެ. ހަވީރު ވަންދެން ދެ މީހުން ދެކޮޓަރީގައި އަރާމުކޮށްލުމަށް ފަހު، ނުކުރީ ބާޒާރުކުރާށެވެ. ދިވެހީން ގޮސް އުޅޭ މަޝްހޫރު "ހައުސް އޮފް ސޭލް"އާއި ހަމީދިއްޔާ ފަދަ ހުރިހައި ފިހާރަޔަކަށް ގޮސް ބާޒާރުކޮށް ލައިފިއެވެ. މި ފަހަރު ދާއޫދު ހުންނަނީ ނީނާ ނަގާހާ އެއްޗަކަށް ކޭޝްކާޑުން ފައިސާ ކަނޑައިލަކަނޑައިލައެވެ. ދާއޫދަށް ގަންނަ އެއްޗެހި ވެސް ގަންނަންނީ، އިޚުތިޔާރުކޮށް ނަގަނީ ނީނާއެވެ. ނީނާއަށް އޮތީ އެ އިޚުތިޔާރު ދީފައެވެ. ކޮޓަރިއަށް ދިޔައިރު ލަގެޖް ބަރުވެދާނެކަމާ މެދު ޝައްކުވާ ވަރަށް ތަކެތި ގެންދިޔައެވެ.
"ދެން މާގިނަ އެއްޗެއް ނުގަނެވޭނެ. ބަރުވެދާނެ." ނީނާ ބުންޏެވެ. "އެކަމަކު މާދަމާ ޖެހޭނެނު އަތުގައި އަޅާނެ ކެވެލިކޮޅަކާ މަންމައަށް ފަށެއް ވެސް ގަންނާން."
"މާދަމާ އެކަނި ދެން އޮތީ" ދާއޫދު ބުނެލިއެވެ. "މާދަން ރޭ ކަމެއް ކުރާކަށް ވަގުތެއް ނޯންނާނެ. މި ރެޔާ މާދަމަޔާ ޖެހޭނެ ބާޒާރުކޮށް ނިންމާން."
"އަދި ހުރިހައި ކަމެއް ވެސް ދޯ؟" ނީނާ ލާނެތްވެލިއެވެ. "މިރޭ އަރާމުކޮށްލާންވާނެ. މާދަންރޭ ފުރަންޖެހެނީ ވަރަށް ދަންވަރު. ރަށަށް ދެވޭ އިރު ހުންނާނީ ފަތިސްވެފައި. ދޯ؟"
ކޮންމެއަކަސް އެ ރޭވެސް ހިމެނުނީ ނީނާއަށް އާ ތަޖުރިބާތަކަކާއި ޚާއްޞަ ހިތްހަމަޖެހުމެއް ލިބުނު ރެޔަކަށެވެ. ކޮޅުނބު ވީ ނީނާގެ ޙަޔާތުގައި ވަރަށް ޚާއްޞަ މަންޒިލަކަށެވެ. ޙަޔާތަށް އާ ތަޖުރިބާތަކެއް ގެނެސްދިން ހިތްގައިމު މަންޒިލަކަށެވެ. އެ ރޭ ދެ މީހުން ކެއީ ވެސް ކޮޓަރިއަށް ނުގެނެސް ރެސްޓޮރަންޓަށް ގޮސްގެންނެވެ. ކައި ނިމިގެން ނީނާގެ ކޮޓަރިއަށް ގޮސް ދާއޫދު އޮށޯވެލިޔެވެ. "ރޭ ކުޑަކުޑަ އެނދެއްގައި ނިދުނު އިރު މި ރޭ މި ކިންގް ސައިޒް އެނދުގައި ދެ މީހުންނަށް މާ އަރާމުކޮށް ނިދޭނެއެއްނު."
"ދެން ކީއްކުރަން ދެ ކޮޓަރި ހިފީ؟" ނީނާ ގާތަށް ހިނިއައެވެ. "އެއް ކޮޓަރީން ފުދެންޏާ."
"އެއީ ދެ މީހުން ނިދާކަށްނު." ދާއޫދު ބުނެލިއެވެ. "ނީނާ ދާންވީނު މަގޭ ކޮޓަރިއަށް."
"ނޫން. ނީނާ އޮންނާނީ މި ކޮޓަރީގައި، ނީނާގެ އެއްޗެހި މިހިރީ ފޮށިން ނަގައި އަލަމާރީގައި އަޅުވައިފައި. ދެން އަނެއްކާ ހުރިހައި އެއްޗެހި ހިފައިގެން ކިހިނެއް ދާނީ؟"
"ތިޔަ ހުރި ގޮތަށް ގޮސް ނިދައި ހޭލައިގެން އާދެވިދާނެނު."
"އެންމެ ރަނގަޅު. ހަމަ ދާންވީތަ؟" ނީނާ ސީރިއަސްކޮށް ސުވާލުކޮށްލިއެވެ.
"ދާއޫދަށް ރަނގަޅީ ނުދިޔައިއްޔާ. އެކަމަކު ދާއޫދެއް ވެސް ނުދާނަން."
"ދާއޫދަށް ރަނގަޅު ގޮތެއްތާ ދޯ ހަދާންވާނީ. މަވެސް ނުދާންނަ އެހެންވިއްޔަކާ." ނީނާ ވެސް ނުދާން ނިންމައިފިއެވެ.
ކޮންމެއަކަސް އެ ރޭ ވޭތުކުރި ގޮތަކަށް ވޭތުވުމަށް ފަހު، އަނެއް ދުވަހު ރަން ބާޒާރުން ބާޒާރުކޮށްލައިގެން އެރޭ ރާއްޖެ އައި ޔޫއެލް 102ގެ ފުލައިޓުން ދަންވަރު މާލެ އަތުވެއްޖެއެވެ. (ނުނިމޭ)