ad_banner
ފިކުރީ ވައްކަންތަކާއި "ފޮށިފެޅުންތައް"

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

16 އޭޕްރިލް 2025

ވަގުލުކުރުން

ސިއްރިއްޔާތުގައި ތަންތަނަށް ވަދެ މީހުންގެ މުދާތައް ވަގަށް ނަގާ ގޮތަށް މީހުންގެ ވިސްނުމާއި ފިކުރުގެ އުފެއްދުންތަކާއި އީޖާދުތަކާއި ޅެންތަކާއި ފިކުރާތުތަކުން ވައްކަންކޮށްގެން (ވަގުލުކޮށްގެން) މަޝްހޫރުކަމާއި ސަނަދުތަކާއި ވަޒީފާތައް ހޯދާ މީހުން އުޅެއެވެ. މިއީ މި ޒަމާނަށް ޚާއްޞަ ކަމެއްނޫނެވެ. ޤަދީމީ ޒަމާނުއްސުރެ ހިނގަމުންދާ ކަމެކެވެ. އެހެނަސް މި ޒަމާނުގައި މަތީތަޢުލީމުގެ މައިދާން ފުޅައުވުމާ ވިދިގެން ފިކުރީ ވައްކަމުގެ ދާއިރާ ވެސް ވަނީ ވަރަށް ބޮޑަށް ފުޅައުވެފައެވެ. 

އަދަބީ ވައްކަންތައް

އެއީ މީހަކު ގަސްތުގައި  އެހެން މީހަކު ލިޔެފައިވާ އެއްޗެއް ނުވަތަ އެހެން މީހަކު ކޮށްފައިވާ އައު އީޖާދެއް ނުވަތަ މަތުބާއެއް އޭނާގެ އަމިއްލަ އުފެއްދުމަކަށް ނުވަތަ ލިޔުމަކަށް ނުވަތަ މަތުބާއަކަށް ހެދުމެވެ. މިއީ ދުނިޔޭގެ ޤާނޫނުތަކުގައި ބޮޑު ޖަރީމާއެކެވެ. މި ފަދަ ވައްކަންތައް  ކުރާ މީހާގެ އަތް ކަޑަން ނުޖެހުނަސް އެއީ ވެސް ހަމަ ވައްކަމެވެ.

އަދަބީ ވައްކަން (ނުވަތަ ވަގުލުކުރުން) އެތައް ބަޔަކަށް ބެހިގެން ވެއެވެ. އޭގެ ތެރޭގައި:

1-    މާނަ ވަގަށް ނެގުން: މި ޙާލަތުގައި އަދަބީ ވަގުކަލޭގެ އަސްލު ނައްޞުން، ނައްޞުތައް ވަގަށް ނަގައިގެން އޭގައި ހިމެނޭ މާނަތައް އަލުން ޢިބާރާތްކޮށްލަނީއެވެ. ފިކުރަށް ޚިޔާލަށް ބަދަލެއް ނާންނާނެތެވެ. މިއީ ވަރަށް މަކަރުވެރި ވައްކަމެކެވެ. އަދަބީ މަސައްކަތުގެ މައިދާނުގައި "ފޮށިފަޅާ މީހުން" މި ކަން ކުރަނީ މަޝްހޫރުވުމަށް ޓަކައެވެ. އަދި އަދަބިއްޔާތުގެ ތެރޭގައި އުދުހުމުގެ ޤާބިލުކަން ލިބިފައިވާ މީހެއްކަން ދެއްކުމަށް ޓަކައެވެ.

2-    ލަފުޒުތައް ވަގަށް ނެގުން: މި ޙާލަތުގައި ވަގުކަލޭގެ އަދަބީ ފޮތްފޮތުގެ ނައްޞުތަކުން  ލަފުޒުތައް ނަގައި އޭނަގެ ފޮޅުވަތްތަކުގައި މި ރީތި ފަށުވި ލަފުޒުތައް ހިމަނައިލާނެއެވެ. މި ކަމުގެ ސަބަބުން އޭނާގެ ޢިބާރާތްތަކާއި ޖުމުލުތައް ރިވެތިވެ ފަށުވިވާނެއެވެ. މިއީ މަޝްހޫރު ބަސްވާރަކަށް ވުމަށް ޓަކައި ކުރާ ވައްކަމެކެވެ.

3-    މާނައާއި ލަފުޒު ވަގަށް ނެގުން: މިއީ އެންމެ ވަރުގަދަ އެންމެ ނުބައި ފިކުރީ އަދި އަދަބީ ވައްކަމެވެ. މިއީ ސާފު ޞަރީޙަ ސިފައެއްގައި މާނަތަކާއި ލަފުޒުތަކާއި ބައެއް ޖުމްލަތައް އެއްކޮށް އަދި ބައެއް ފަހަރަށް އަޞްލު ނައްޞުގެ އެތައް ސަފުހާތަކެއް ތިމާގެ އަމިއްލަ އެއްޗަކަށް ހެދުމެވެ. މި ބާވަތުގެ ވައްކަން ވަރަށް ފަސޭހައިން ބޭޒާރުވާނެއެވެ. ފަޅައިއަރައިގެންދާނެއެވެ.

ތަޢުލީމީ ދާއިރާގައި

ފިކުރީ އަދި އަދަބީ ވައްކަމަކީ ފަހަކަށް އައިސް ވަރަށް ބޮޑަށް ފެތުރިފައިވާ ރޯގާއެކެވެ. ތިނަވި ތައުލީމުގެ ދާއިރާގައި ބައެއް ކުދީންގެ މުޅި އަމާޒަކީ ސަނަދު ހޯދުމެވެ. އެ ކުދިން އިސްކަންދެނީ ޢިލްމަކަށް މަޢުލޫމާތަކަށް ނޫނެވެ. ކިޔަވާ މާއްދާއިން ޙަވާލުކުރެވޭ އެސައިންމެންޓުތައް ކިޔައިލާ އިރު، ދަރިވަރުން އަސްލު މަޞްދަރަށް ޙަވާލާނުދީ އެސައިންމެންޓުތައް ހަދައިފައި ހުންނަ ތަން އަޅުގަނޑަށް ފެނިފައި ވެއެވެ. ބައެއް އެސައިންމެންޓް ހެދުމުގައި މަރުޖާގެ ގޮތުގައި ބޭނުންކޮށްފައި ހުންނަ މަރުޖާތައް އެ ކުދިން ކިޔާފައި ނުވާކަން އަޅުގަނޑަށް ކަށަވަރުވެފައިވަނީ އެންމެ ފަހަރަކު ދެ ފަހަރަކު ނޫނެވެ. އެ މަރުޖާ އެ ދަރިވަރަކު ހޯދި ތަނާ ބެހޭ ގޮތުން ސުވާލުކުރުމުން ޖަވާބުދެވިފައި ނުހުންނަ ތަން ފެނިފައިވަނީ މަދެއްކޮށެއްނޫނެވެ. ބައެއް ފަހަރަށް މަރުޖާގެ ގޮތުގައި ބޭނުންކުރި ފޮތުގެ މުޞައްނިފަކީ ކޮން ބޭފުޅެއްކަމެއް ވެސް ނޭނގެއެވެ.  ހަދާ އެސައިންމެންޓުތަކުގައި ވަރަށް ގިނައިން ވަގުލުކުރުންތައް ހުރެއެވެ. ބައެއް ފަހަރަށް އެއް ކިލާހުގެ ކުދިން އެއް ކުއްޖެއްގެ އެސައިމެންޓުން އެހެން ކުދީން ވަގުލުކޮށްފައި ވެސް ހުރެއެވެ. ރިވާކުރުމެއްނެތިއެވެ.

މަތީތަޢުލީމުގެ ވަށަލައިގެ ތެރޭގައި ވަގުލުކުރުމާއި ޢިލްމީ ވައްކަންތަކާއި "ފޮށިފެޅުން" ފެތުރެމުންދާ މިންވަރު މިއަދު ވަނީ މުޞީބަތަކަށް ވެފައެވެ. މިއަދުގެ ޒުވާން ޖީލުތައް ފިކުރީ މަލަކާތުތައް ތަރައްޤީކުރުމަށް ޓަކައި ޢިލްމީ ދިރާސާތައްކުރުމުގެ މުހިންމުކަން މި ކުދީންނަށް ޤަބޫލުނުކުރެވޭތީއެވެ. މަތީތަޢުލީމު ޙާޞިލުކުރަމުންދާ ބައެއް ކުދީން މަޢުލޫމާތު ހޯދަނީ އިންޓަނެޓުގެ ވެބު ޞަފުޙާތަކުންނެވެ. މި ޞަފުޙާތަކުގައި ހުންނަ މަޢުލޫމާތުތައް ތެދު އެއްޗެއްކަމުގައި ބަލައިގެންނެވެ.

އަޅުގަނޑު ވަރަށް ގިނައިން ދަރިވަރުން ގާތުގައި ދީނީ މަޢުލޫމާތު ހޯދާ އިރު، ކޮން މަޒުހަބެއްގެ ނުވަތަ ކޮން މަދުރަސާއެއްގެ ފިކުރުގެ ބައެއްތޯ ރަނގަޅަށް ބެލުމަށް އިރުޝާދުދެމެވެ. އަޅުގަނޑުމެން ސުންނީންކަމުގައިވާތީ އެހެން މަޒުހަބުތަކުގެ ނެޓުތަކުން އަޅުގަނޑުމެންނަށް ބޭނުންވާ ޞައްޙަ މަޢުލޫމާތު ނުލިބޭނެ ވާހަކަ ވެސް ބުނަމެވެ. ތަރިކަ މުދަލާ ބެހޭ ޢިލްމަށް ބަލާ އިރު، ސުންނީންނާއި ޝީޢީންގެ ބައެއް އުޞޫލުތައް އުޑާއި ބިމާ ހައި ތަފާތެއެވެ. މިސާލަކަށް، ޝީޢީންނަކީ ތަރިކައިގެ އުޞޫލުތަކުގައި ޢަޞަބަތްތެރިކަން ޤަބޫލުކުރާ ބަޔެއްނޫނެވެ.

މަތީތަޢުލީމުގެ އެސައިންމެންޓުތައް ދަރިވަރުން ހުށައަޅާ އިރު، މުހިންމު ބައެއް މަޢުލޫމާތު ބައެއް ކުދީންނަށް އެނގިފައި ނުވާކަން ވެސް ފާހަގަކުރެވެއެވެ. ފިޤުހީ ގަވާއިދުތަކާ ބެހޭ އެސައިންމެންޓެއް ހުށައެޅި ކުއްޖަކަށް، مجلة الأحكام العدليةއަކީ ކޮން އެއްޗެއްތޯ ސުވާލުކޮށްލުމުން އެ ކުއްޖާއަށް މިއީ ކޮން އެއްޗެއްކަމެއް ނޭނގުނެވެ.  

ފިކުރީ ވައްކަމާއި ވަގުލުކުރުމުގެ ނުބައިކަމާއި އެހެން ބޭބޭފުޅުން ކުރައްވައިފައި ހުންނަ ޢިލްމީ ދިރާސާތަކާއި ލިޔުއްވައިފައި ހުންނަ ހުކުރު ޚުޠުބާތަކާއި ތައްޔާރުކުރައްވައިފައި ހުންނަ ނަދުވާ ކަރުދާސްތަކުން "އެއްވެސް ޖެހިލުމެއް ނެތި" އޮތް ގޮތަށް ނުވަތަ ބައެއް ޞަފުޙާތައް "ނަގައިގެން" ތިމާގެ އަމިއްލަ އެއްޗަކަށް ހަދައިގެން ޝާއިޢުކޮށް ފެތުރުމުން ބައެއް ގައުމުތަކުގައި އަދަބު ނުލިބުނަސް، ބައެއް ގައުމުތަކުގައި އެއީ ވަރަށް ބޮޑު ކުށެކެވެ.

މި ފަދަ އަދަބީ ވައްކަންތަކުގެ ސަބަބުން ހުޅަނގުގެ ބައެއް ގައުމުތަކުގައި މަޝްހޫރު ސިޔާސީ ބައެއް ބޭފުޅުންގެ ސިޔާސީ ޙަޔާތް ވަނީ މަރުވެފައެވެ. ހަމައެކަނި މިސާލެއްގެ ގޮތުން ދެތިން ބޭފުޅެއްގެ ނަން ދަންވައިލާނަމެވެ. ޖަރުމަނުގެ ދިފާޢީ ވަޒީރު ކާރލް ތިޔޮޑޯރ ގޫޓެންބަރގް 2011 ވަނައަހަރު ޕީއެޗްޑީ ހެއްދެވި އިރު، އޭނާގެ ފިކުރާތުގައި އަދަބީ ވައްކަންކުރުންތަކެއް ހުރީތީ އޭނާއަށް މަޤާމުން އިސްތިޢުފާދެއްވާން ޖެހިވަޑައިގަތެވެ. އޭނާއަކީ އެ ދުވަސްވަރު ޖަރުމަނުގައި ވެރިކަން ކުރެއްވި ޒަޢީމާ އެންޖެލާ މަރކްލްގެ ސިޔާސީ ޕާޓީގެ އިސް މެންބަރެކެވެ. ޖަރްމަނުގައި 2013ވަނަ އަހަރު އޭރުގެ ތަޢުލީމާ ބެހޭ ވަޒީރާ އަނީޓާ ޝާވަނަށް އިސްތިޢުފާދެއްވާން ޖެހިވަޑައިގަތީ އެހެން ބޭފުޅުންތަކެއްގެ ދިރާސާތަކަކާއި ކަރުދާސްތަކަކުން މަރުޖާ ބަޔާންނުކުރައްވާ ތަންތަންކޮޅު ކޮޕީކުރެއްވި މަސްއަލައެއްގައެވެ. ހަންގެރީގެ ރައީސް ޕޯލް ޝްމިތު އޭނާގެ މަޤާމުން 2012ވަނަ އަހަރު ވަކިވެވަޑައިގަންނަވާން ޖެހިވަޑައިގަތީ އޭނާގެ ޕީއެޗްޑީ ދިރާސާގައި އަދަބީ ވައްކަންތަކެއްގެ ފަޟީޙަތާ ވިދިގެންނެވެ. އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެނަށް 1988ވަނަ އަހަރުގެ ރިޔާސީ ރޭހުން ވަކިވެވަޑައިގަންނަވާން ޖެހިވަޑައިގަތީ އަދަބީ ވައްކަންތަކެއް ކުރައްވައިފައިވާކަމަށް ކުރެވުނު ތުހުމަތުތަކަކާ ވިދިގެންނެވެ. އެއީ އޭނާ ޤާނޫނު ކިޔަވައިވިދާޅުވާން ޔުނިވަރސިޓީގައި އުޅުއްވި ދުވަސްވަރުގައެވެ.

ބައެއް ލަފުޒުގެ މާނަ:

ވަގުލުކުރުން  ނ.    (1) މީހެއްގެ ފިކުރީ މުދަލެއް ނުވަތަ އެއިން ބައެއް، އޭގެ ވެރި ފަރާތާ ހަވާލާދިނުމެއް ނެތި ތިމާގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ބޭނުންކުރުން ނުވަތަ ހާމަކުރުން. (2) ނަކަލެއް އުފައްދައިގެން އެއީ އަސްލު އެއްޗެއްކަމަށް ހަދައި އޮޅުވައިލުން.

މަތުބާ      ނ.    (1) ޗާޕުކޮށްގެން ނުވަތަ އޮންލައިނުކޮށް މީހުންގެ ތެރެއަށް ނެރެ އާންމުކުރާ ލިޔުން. (2) ޗާޕުކުރެވޭ ފޮތާއި މަޖައްލާ ފަދަ ތަކެއްޗާއި ވެބްސައިޓް ފަދަ ވަސީލަތެއް ބޭނުންކޮށްގެން އާންމުކުރާ ލިޔުމާއި އެކިއެކި މައުލޫމާތު. މި ފަދަ މަޖައްލާއެއްގައި ވަކި މީހެއްގެ މަގާލެއް އޮތް ނަމަ، އެ މަގާލެއް ވެސް ވާނީ އޭނާގެ މަތުބާއަކަށެވެ.

މަތީތަޢުލީމު   ނ.    (1) ނިޒާމީ ތަޢުލީމުގައި ހިމެނޭ ސާނަވީތަޢުލީމާއި މަތީސާނަވީ ތަޢުލީމަށް ފަހު، ކޮލެޖު/ޔުނިވަރުސިޓީ ފަދަ ތަންތަނުން ޙާޞިލުކުރާ މަތީ ފެންވަރުގެ ޢިލްމާއި ހުނަރު.

މަގާލު      ނ.    ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް.

ފިކުރާތު      ނ.    ވަކި މައިގަނޑުނަމެއްގެ މައްޗަށް ފުންކޮށް ދިރާސާކޮށް، އާ ވިސްނުމެއް ހިމަނައިގެން ލިޔެ ހުށައަޅާ ތަފުސީލު ދިރާސާ. މިފަދަ ދިރާސާ ޚާއްޞަކޮށް ހުށައަޅަނީ މަތީ ޑިގުރީއެއް ހާސިލުކުރުމަށް ޓަކައެވެ.

ތިނެވި      ނ.    (1) ދަރަޖައިގެ ގޮތުން ތިންވަނަ. (2) ސައްކަތެއް ނުވަތަ ޚިދުމަތެއްގެ ދާއިރާގައި ތިންވަނަ މަރުހަލާއަށް ނުވަތަ ފިޔަވައްސަށް ނިސްބަތްވާ.

ކޮމެންޓު