ad_banner
ކޮލަމް ހަމަ (28): ރަފާލު މަރުކާގެ ހަނގުރާމަމަތީ 36 މަތީންދާބޯޓު

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

14 އޭޕްރިލް 2025

އައިބައިފިލީގެ ހަމަތަކަކީ ދަސްކޮށްލާން ފަސޭހަ ހަމަތަކެކެވެ.

ދިވެހިބަހުގެ ހަމަތަކާއި ގަވާއިދާ އެއް ގޮތަށް ލިޔެކިޔައި ހަދާން ބޭނުންވާ މީހުން އިތުރުވަމުން އަންނަކަން އަޅުގަނޑު އުފަލާ އެކު، ފާހަގަކޮށް އެ ފަދަ ފަރާތްތަކަށް ޝުކުރާއި ތަހުނިޔާ ރައްދުކުރަމެވެ. މި ފަދަ ބޭބޭފުޅުންނަށް އެންމެ އުނދަގޫފުޅުވަނީ އައިބައިފިލީގެ ހަމަތައް ދެނެގަންނާންކަން ފާހަގަކުރެވޭތީ އެ ކަމާ ވަރަށް ދެރަވެސްވެއެވެ. އަދި އެ ކަމާ ހިތާމަވެސްކުރަމެވެ.

މިއަދަކީ ދިވެހިބަހުގެ ދުވަހެވެ. މިއަދުގެ މުނާސަބަތުގައި ދިވެހިބަހުގެ އަހުލުވެރީންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ރައްދުކުރަމުން، މިއަދު އަޅުގަނޑު ފާހަގަކޮށްލާން މި އުޅެނީ އައިބައިފިލީގެ ހަމަތަކުގެ މަތީން އައިބައިފިލި ބޭނުންފުޅުކުރައްވާން ވިސްނުންފުޅު ބަހައްޓަވައިގެން އުޅުއްވާ ބޭފުޅަކު، އައިބައިފިލި ނުޖެހޭނެ ނުވަތަ ޖަހާން ނުޖެހޭ ތަނެއްގައި އައިބައިފިލި ބޭނުންފުޅުކުރައްވައިފައިވާ ގޮތުގެ މިސާލަކާއި އެ ކަން ރަނގަޅުކޮށްލައްވާނެ ގޮތުގެ ކުޑަކުޑަ އިރުޝާދެކެވެ.

އިއްޔެ އޮންލައިން ނޫހަކުން ފެނުނު ޢިބާރާތެއް ނަކަލުކޮށްލާނަމެވެ. ތިރީގައި ރަތްކުލައިން އެ ވަނީ އެ ޢިބާރަތުން އަޅުގަނޑު ފާހަގަކޮށްލާން ބޭނުންވި ތަންކޮޅު އެކަންޏެވެ.

[. . . އިންޑިޔާއާއި ފަރަންސޭސިވިލާތާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ރަފާލު މަރުކައިގެ ހަނގުރާމަމަތީ 36 މަތިންދާބޯޓު އިންޑިޔާއަށް ފޯރުކޮށްދިނުމަށް ފަރަންސޭސިވިލާތުންވަނީ އެއްބަސްވެފައެވެ. ދުރު ރާސްތާއަށް ދަތުރުކުރެވޭ މިސައިލު ހަރުކުރެވޭ ރަފާލު މަރުކައިގެ 4 މަތިންދާބޯޓު . . . ]

މި ޢިބާރަތުގައި އަޅުގަނޑު ދަށުރޮނގަކުން ފާހަގަކޮށްފައި އެ ވަނީ ރަނގަޅު ނޫން ގޮތަކަށް ބޭނުންފުޅުކުރައްވައިފައިވާ ދެ އައިބައިފިއްޔެވެ.

އެންމެ ފުރަތަމަ ފާހަގަކޮށްލާން ބޭނުންވަނީ އެ ތާނގައި އައިބައިފިލިޖެހޭނީ ދިވެހިބަހުގައި [މަރުކަ] ކިޔާ ލަފުޒެއް އޮންނަ ނަމައެވެ. ނަމަވެސް [މަރުކަ] ކިޔާ ލަފުޒެއް ދިވެހިބަހުގައި އޮންނަކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ހަމަ ގައިމު ވެސް [މަރުކަ] ކިޔާ ލަފުޒެއް ދިވެހިބަހުގެ ރަދީފަކު ނޯވެއެވެ. ނަމަވެސް [މަރުކާ] ކިޔާ ލަފުޒެއް އޮވެއެވެ. މަރުކާގެ އެއް މާނައެއްކަމަށް އޮންނަނީ އެއީ [ކުންފުންޏަކުން ނުވަތަ ކާރުޚާނާއަކުން ވިޔަފާރީގެ ދާއިރާގައި ގެންގުޅޭ ޚާއްޞަ ނިޝާން]ކަމަށެވެ. އަދި އެއީ [ޚާއްޞަ ކަމެއް ފާހަގަކުރުމަށް ޓަކައި ބޭނުންކުރާ ނިޝާނެއް]ކަމަށް ވެސް ދިވެހިބަހުގެ ރަދީފުގައި އޮވެއެވެ.

ބޭނުންފުޅުކުރައްވައިފައިވާ ޢިބާރާތުގެ ސިޔާގަށް ބަލާ އިރު، އެއީ [މަރުކާ]ކަން ސާފުވެއެވެ. ވީމާ، މި ގޮތަށް އާބާފިއްޔަކުން ނިމޭ ލަފުޒެއްގެ ފަހަތަށް [ގެ] ނުވަތަ [ގައި] ފަދަ އަކުރެއް (ލަފުޒެއް) އިތުރުކުރާ ޙާލަތުގައި އެ ތަނަކުން އައިބައިފިއްޔެއް އުފަނެއް ނުވާނެއެވެ. މިސާލަކަށް: ކިނާރާގައި، ފައްވާރާގެ، އޭނާގެ، ނުމަރާގައި، މި ފަދަ ތަންތަން އޮންނާންވާނީ މި ގޮތްގޮތަށެވެ. ވީމާ، ފާހަގަކުރި ޢިބާރާތުގައި ބޭނުންފުޅުކުރައްވައިފައިވާ [ކިނާރާ]ގެ ފަހަތަށް [ގެ] (މި އަކުރު) އިތުރުކުރައްވާ ނަމަ އެއްވެސް ބަދަލެއް ނުގެންނަވައި [ގެ] އިތުރުކޮށްލެއްވީމާ އެ ނިމުނީއެވެ. [ގެ]، [ގައި] މި ދެ އަކުރަކީ ވެސް ލަފުޒު ދުރުކުރުމުގެ ގަވާއިދުގައި ވާ ގޮތުން އެއްވެސް ޙާލަތެއްގައި ކުރީ ލަފުޒާ ދުރުނުކުރެވޭނެ ދެ އަކުރު (ލަފުޒު)ކަމަށްވާތީ، އެ ޢިބާރާތް އޮންނާންވާނީ،  [. . . އިންޑިޔާއާއި ފަރަންސޭސިވިލާތާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރަފާލު މަރުކާގެ ހަނގުރާމަމަތީ 36 މަތިންދާބޯޓު އިންޑިޔާއަށް ފޯރުކޮށްދިނުމަށް ފަރަންސޭސިވިލާތުން ވަނީ އެއްބަސްވެފައެވެ. ދުރު ރާސްތާއަށް ދަތުރުކުރެވޭ މިސައިލު ހަރުކުރެވޭ ރަފާލު މަރުކާގެ 4 މަތިންދާބޯޓު . . . ] މިފަދައިންނެވެ. ލަފުޒުގެ ފަހަތަށް [ގެ] މި އަކުރާއި، [ގައި] މި އަކުރު އިތުރުކުރުމުން އައިބައިފިއްޔެއް އިތުރުކުރާންޖެހޭނީ އަބަފިއްޔަށް ނިމިފައި ހުންނަ ލަފުޒުތަކުގެ ފަހަތަށް މި ދެ އަކުރު ގުޅާ ނަމައެވެ. މިސާލަކަށް: ފިހާރަ: ފިހާރައިގެ ދޮރު، ފިހާރައިގައި ވަރަށް މުދާ ގިނަ،  ވަނަ: އެއްވަނައިގެ ކާރެއް، ލިސްޓުގެ އެއްވަނައިގައި އޮތީ... މި ގޮތަގޮތަށެވެ.

އައިބައިފިއްޔަށް ސަމާލުކަން ދެއްވުމަކީ އައިބައިފިލި ޖަހާން ޖެހޭ ތަންތާނގައި ގަވާއިދާ އެއް ގޮތަށް އައިބައިފިލި ޖެއްސެވުމެވެ. އައިބައިފިލި ޖަހާން ނުޖެހޭ ތަންތާނގައި އެ ފިލިޖެއްސެވުމެއް ނޫނެވެ. ވީމާ، މި ކަންކަމާ މެދު ވިސްނައި ވަޑައިގެން ހެޔޮ ގޮތުގައި އައިބައިފިލީގެ ހަމަތަކާ އެއް ގޮތަށް އައިބައިފިލި ބޭނުންކުރާން އާދަކުރަމާތޯއެވެ! 

ލަފުޒެއްގެ މާނަ:

ސިޔާގު ނ.   ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ހާލަތު.

ކޮމެންޓު