އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
8 އޭޕްރިލް 2025
އަޅުގަނޑުމެން ލިޔާ ޢިބާރާތެއްގައި އަތުކުށަކީ ކިހައި މުހިންމު އެއްޗެއްކަން ދެނެގަންނާން ޖެހެނީ އަތުކުށުން ސަލާމަތް ނުވެވިއްޖެ ނަމަ، ތިމާ ލިޔާ ޢިބާރާތުން ތިމާ ގަސްތުކުރި މާނަ ނޫން މާނައެއް، އެ ލިޔުމެއް ކިޔާ މީހަކަށް ދޭހަވެދާނެތީއެވެ. އެހެންވެއްޖެ ނަމަ، އެއީ ކޮންމެ ފަދަ ނޭދެވޭ ނަތީޖާއެއް ވެސް ނުކުމެދާނެ ކަމެކެވެ. ގިނަ ކުށްތައް އަޅުގަނަޑުމެންނަށް ލިޔެވޭކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ ދޭންވާ ސަމާލުކަން ނުދެވި ލިޔެލުމާ އެކު، އެ ލިޔާ ލިޔުމެއް ދޫކޮށްލެވޭތީއެވެ.
ޢިބާރާތުގެ ލަފުޒީ މާނައަކީ [މާނައެއް ދޭހަވާ ގޮތަށް އެތުރިފައިވާ ލަފުޒުތައް]ކަމަށް ބަސްފޮތުގައި އޮވެއެވެ. އެހެންނަމަވެސް ޢިބާރާތުގެ އިޞްޠިލާޙީ މާނައަކީ ވަކި ކަމެއް މާނަކޮށްދިނުމަށް ޓަކައި ނުވަތަ އޮޅުންފިލުވައިދިނުމަށް ޓަކައި ނުވަތަ ބަޔާންކޮށްދިނުމަށް ޓަކައި ޖުމުލައެއްގެ ބައަކުން، ނުވަތަ ޖުމުލައަކުން، ނުވަތަ ޖުމުލަތަކަކުން އަތުރައިލެވޭ ލަފުޒުތަކެވެ. އެހެންކަމުން ޢިބާރާތްކުރާ އިރު، ލަފުޒުތައް ތަރުތީބުކުރާންވާނީ އެ ޢިބާރާތެއް ކުރާ މަގުސަދު ހާސިލުވާ ގޮތަށެވެ.
އަތުކުށް ނުވަތަ އިނގިރޭސިބަހުން ކިޔާ ޓައިޕޯއަކީ ލިޔާއިރު ނުވަތަ ޓައިޕުކުރާ އިރު، (ސަމާލުކަން ކުޑަވުމުގެ ސަބަބުން) ޖެހޭ ނުވަތަ ލިޔެވޭ ކުށެވެ. އަތުކުށުން ސަލާމަތްވުމަށް ޓަކައި ވަރަށް އާދައިގެ ކުޑަކުޑަ ކަމެއް ކޮށްލައްވައިގެން އެ ކަމުން ސަލާމަތްވެވިދާނެއެވެ. ތިމާ ކޮށްފައިވާ ޢިބާރާތުން ދޭހަވަނީ ތިމާ ބޭނުންވާ މާނަތޯއާއި އެހެން މާނައެއް ދޭހަނުވޭތޯ ކަށަވަރުކޮށްލެއްވީމާ އެ ނިމުނީއެވެ. ނަމަވެސް ގިނަ ފަހަރަށް ތިމާ އެއްޗެއް ލިޔެފައި އެ ވަގުތު ކިޔައިލައިފި ނަމަ، ތިމާއަށް ދޭހަވާނީ ތިމާ ގަސްތުކުޅަ މާނައެވެ. ޢިބާރާތުގެ ދެލިގަނޑުން ދޭހަވާ މާނައެއް ނޫނެވެ. އެހެންވީމާ، ފުރުސަތު އޮތް ނަމަ، އެހެން މީހަކު ލައްވައި ޗެކުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
މި ކަމާ މެހޭ ގޮތުން މަޝްހޫރު ލިޔުންތެރިޔާ މަޑުލު މުޙަންމަދު ވަޙީދު [ލިޔާންވީ ކީއްވެ؟] މި މައުޟޫޢުގެ ދަށުން ލިޔުއްވައިފައިވާ ލިޔުއްވުމެއް ނިންމައިލެއްވި ޢިބާރާތުން ތަންކޮޅެއް ނަކަލުކޮށްލާނަމެވެ. އޭނާ ލިޔުއްވައިފައިވެއެވެ. [ލިޔެ ނިންމައިލައިފައި އެއްކޮޅުން އަނެއް ކޮޅަށް ކިޔައިލާންވާނެއެވެ. މިއީ ތާކުންތާކުޖެހޭ އެއްޗެއްތޯ ކަނޑައަޅާންވާނެއެވެ. އިމްލާ ކުށެއް، ޢިބާރާތުގެ ކުށެއް އޮތް ނަމަ ރަނގަޅުކޮށްލާންވާނެއެވެ. ހިމަނާންޖެހޭ ނުކުތާއެއް ނުހިމެނި އޮތްތޯ ވިސްނައިލާންވާނެއެވެ.]
މި ޢިބާރާތް ލިޔުއްވުމަށް ފަހު ނިންމައިލައްވަމުން އޭނާ ވިދާޅުވެފައިވަނީ ވަރަށް ވަރުގަދަ ވާހަކައެކެވެ. [މި ގޮތަށް ނުލިޔެވޭ ނަމަ، ހަމަ ގައިމު ވެސް އަޅުގަނޑެއް ނުލިޔާނަމެވެ. މިއީ އުނދަގޫ، [އަދި] ގިރާކުރާން ދަތި ހަރުފަތްތަކެއްކަމަށްވާ ނަމަ، ލިޔުމަށް ވުރެ ނުލިޔެ ހުރުން މާ ބުއްދިވެރިއެވެ.]
މި ވާހަކަ އަޅުގަނޑު މި ލިޔެލީ އަޅުގަނޑުމެން އެންމެންނަށް ވެސް ލިޔެވިފައި ހުންނަ ކުށް ޢިބާރާތްތައް ހުންނަނީ ހަމަ ގައިމު ވެސް ނޭނގިގެންނެއް ނޫންކަން އެނގޭތީއެވެ. އަދި ވަކީން ޚާއްޞަކޮށް ނޫސްވެރިކަމުގެ ދާއިރާގައި އުޅުއްވާ ގިނަ ބޭފުޅުންނަކީ ތަޢުލީމީ ޤާބިލު ބޭފުޅުންނެވެ. ތަޖުރިބާކާރު، ޢިލްމީ ބޭފުޅުންނެވެ. އެ ފަދަ ބޭފުޅުން ނެރުއްވާ ލިޔުންތަކުގައި ޢިބާރާތުގެ ކުށްތައް ހުންނަނީ، އަޅުގަނޑު މި ދެންނެވި ނަޒަރުން ވިސްނައިވަޑައި ނުގަންނަވާތީއެވެ. ނުވަތަ އަލުން ވިދާޅުވާން ނުވަތަ އިޞްލާޙުކޮށްލާން ވަގުތު ލިބިވަޑައިނުގަންނަވާތީއެވެ. ނަމަވެސް ކުށް ރަނގަޅުކުރާން ވަކި މުވައްޒަފަކު ބަހައްޓަވައިފި ނަމަ، ހަމަ ގައިމު ވެސް، އެ އޮންނަ ކުށާއެކު ތާ އަބަދަކަށް އެ ލިޔުމެއް ނޯތީހެވެ.
ކުށެއް ލިޔެވިދާނެއެވެ. ލިޔެވޭނެއެވެ. [މުގުރީންނަށް ވެސް ކުށް ކިޔެއެވެ.] ނަމަވެސް މި ޒަމާނުގެ ގިނަ ނޫސްތަކަކީ އޮންލައިނުކޮށް ޝާއިޢުކުރާ، އަދި ޗާޕުނުކުރާ ނޫހަށްވާ އިރު، ފަހުން ވެސް އެ ފަދަ ކުށްތައް ރަނގަޅުކުރެވޭންވާނެކަމަށް އަޅުގަނޑު ދެކެމެވެ. ނޫސްތަކުގެ މައި ސުރުޚީތަކާއި ޓީވީ އިސްކިރީނުގެ ތިރިއަށް އަރާ ލިޔުންތައް، ފަހުން ނަމަވެސް ބަލައިލައި އިސްލާހުކޮށްލާނޭ ޒިންމާދާރު އެކަކު ވެސް ނުހުންނަނީބާއޭ ހިތަށް އަރާ ކިތަންމެ ފަހަރެއް އާދެއެވެ. ކޮންމެ ބޭފުޅަކު ބައްލަވައިލެއްވިޔަސް އެއީ ކުށެއްކަން ޔަގީންވާނޭ ކިތަންމެ ކުށެއް، ކުށުގެ ގޮތުގައި ދާއިމަށް އެބަ އޮވެއެވެ. ކުށަކާ އެކު، ޗާޕުކުރެވިއްޖެ ނަމަ، އެ ކުށެއް އަބަދު ވެސް އެ ގޮތަށް އޮވެދާނެއެވެ. އޮންނާނެއެވެ. ނަމަވެސް މި ޒަމާނުގެ އޮންލައިނު ނޫސްތަކުގައި އެ ފަދަ ކުށްތައް ދާއިމަށް އޮންނާން ޖެހޭނެކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަމެވެ.
އަޅުގަނޑުގެ ވާހަކަ މާ ދިގުވެއްޖެއެވެ. "ދަންބެރަށް ވުރެ ތަގުޑި ދިގުވެއްޖެއެވެ." މިއަދު އަޅުގަނޑު މި އުޅެނީ ނޫހެއްގެ ސުރުޚީއެއްގެ ޢިބާރާތުގައި ލަފުޒުތައް ތަރުތީބުކޮށްފައި އޮތް ގޮތުން ވަރަށް ނުރަނގަޅު މާނައެއް ދޭހަވާތީ އެ ވާހަކަ ދަންނަވައިލާށެވެ. ދެތިން ދުވަސް ވީއިރު ވެސް ހަމަ އެ ކުށް އެ ގޮތަށް އޮތީތީއެވެ. މިއީ ޚަބަރެއްގެ ސުރުޚީއެވެ. ފަރުވާތެރިކަމާއެކު ވިދާޅުވާށެވެ. މީގެ ދެތިން އަހަރު ކުރީން އޮންލައިނު ނޫހެއްގައި ޝާއިޢުކޮށްފައި އޮތް ޚަބަރެއްގެ ސުރުޚީއެއްގައި އޮތެވެ. [ޢާއިލާއިން އެދިގެން ޔާމީން މަރާލި މައްސަލައިގަ ޙުކުމް ކުރުން ފަސްކޮށްފި]އެވެ. މި ސުރުޚީގައި ހުރި ގަވާއިދުގެ ކުށްތަކަށް ނުބައްލަވައި ފުރަތަމަ، ހަމައެކަނި ޢިބާރާތްކުރުމުގެ ކުށަށް ނަޒަރެއްދެއްވާށެވެ. އެ ޢިބާރާތުން ގަސްތުކޮށްފައި އޮތްކަމަށް ދޭހަވާ މާނައަށް ނުބައްލަވައި ސީދާ ދެލިގަނޑުން ދޭހަވާ މާނައަށް ވިސްނަވާށެވެ!
އެ ޢިބާރާތުގެ ދެލިގަނޑުން ދޭހަވާ މާނައަކީ، ޔާމީންގެ ޢާއިލާއިން އެދިގެން ޔާމީން މަރައިލައިފައިވާކަމެވެ. މަރައިލީ ކާކުކަމެއް ނޭނގެއެވެ. އަދި އެ މައްސަލަ ބަލަމުން ގެންގޮސް ޙުކުމާ ހަމައަށް ދިޔަކަމެވެ. ނަމަވެސް އެ މައްސަލައިގެ ޙުކުމް ކުރުން ފަސްކޮށްފިކަމެވެ. ނަމަވެސް އެއީ މަޒުލޫމުގެ ޢާއިލާއިން ނުވަތަ މުއްތަހަމްގެ ނުވަތަ ގާތިލުގެ ޢާއިލާއިން އެދިގެންކަމެއް ސާފެއް ނޫނެވެ. ނަމަވެސް އަޅުގަނޑަށް ލަފާކުރެވޭ ގޮތުން، އަދި މުޖުތަމަޢުން އެނގިފައިވާ މަޢުލޫމާތަށް ބަލާ އިރު، ޔާމީން މަރައިލީ އޭނާގެ ޢާއިލާއިން އެދިގެންކަމަކަށް އެއްވެސް މީހަކު ހީއެއް ވެސް ނުކުރެއެވެ. އަދި އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ އެހެން މީހުން ވެސް އެބަ ތިއްބެވެ. މީޑިއާގެ މަޢުލޫމާތަށް ބަލާ އިރު، ޙުކުމްކުރުން ފަސްކުރީ ޔާމީން ރަޝީދުގެ ޢާއިލާއިން އެދިގެންނެވެ. އެއީ ޢާއިލާގެ މެންބަރަކު މި ވަގުތު ބަލިވެ އުޅޭތީއެވެ. ޝަރީޢަތުގެ ކޮންމެ މަޖިލީހަކަށް ވެސް އެ ޢާއިލާއިން ހާޒިރުވާތީ ހުކުން އިއްވާ ޖަލްސާއަށް ވެސް ހާޒިރުވާން ބޭނުންވާތީއެވެ.
ވީމާ، ސުރުޚީގެ ޢިބާރާތުގައި ލަފުޒުތައް ތަރުތީބުކޮށްފައިވަނީ ރަނގަޅަކަށް ނޫންކަން އެބަ ސާބިތުވެއެވެ. ޢިބާރާތުގެ ދެލިގަނޑުން ދޭހަވަނީ، ޢިބާރާތުން ދޭހަކުރާން ލިޔުންތެރިޔާ ގަސްތުކުޅަ މާނަ ނޫންކަން ވަރަށް ސާފެވެ. ސުރުޚީގެ ޢިބާރާތުގައި ލަފުޒުތައް ތަރުތީބު ވެފައި އެ ވަނީ ފުރިހަމަ މާނަ ދޭހަވާ ގޮތަކަށް ނޫނެވެ. ނުރަނގަޅު މާނައެއް ދޭހަވާ ގޮތަކަށެވެ.
މި ސުރުޚީގެ ޢިބާރާތުން ފުރިހަމަ މާނައެއް ދޭހަކުރުމަށް ޓަކައި ކިތަންމެ ގޮތަކަށް އެ ވާހަކަ ލިޔެވިދާނެއެވެ. އަދި އެ ޢިބާރާތުގައި މިހާރު ހުރި ލަފުޒުތައް ފިޔަވައި އިތުރު ލަފުޒެއް ބޭނުންނުކޮށް ހަމައެކަނި ލަފުޒުތަކުގެ ތަރުތީބު ބަދަލުކޮށްލައިގެން ވެސް މާނަ ފުރިހަމަކޮށްލެވިދާނެއެވެ. މިސާލަކަށް: [ޔާމީން މަރާލި މައްސަލައިގަ ޙުކުމް ކުރުން ޢާއިލާއިން އެދިގެން ފަސްކޮށްފި] މި ގޮތަށް ތަރުތީބުކޮށްލެވިދާނެއެވެ. މި ގޮތަށް ތަރުތީބުކޮށްލީމާ ދޭހަކޮށްދޭން ގަސްތުކުޅަ މާނަ ދެލިގަނޑުން ދޭހަވާނެކަން ކަށަވަރެވެ.
މި ގޮތަށް ބަދަލުކޮށްލިޔަސް އެ ޖުމުލަ އަދި ކުށުން ސަލާމަތެއް ނުވެއެވެ. އައިބައިފިލީގެ ދެ ކުށަކާއި ލަފުޒު ރޫޅުމުގެ ކުށެއް އިޞްލާޙުކޮށްލާން އެބަޖެހެއެވެ. ވީމާ، އެ ގޮތަށް އިޞްލާޙުކޮށްލީމާ އޮންނަ ގޮތަށް އެ ޢިބާރާތުގެ ޖުމުލަ (ސުރުޚީ) ބަދަލުކޮށްލާނަމެވެ. އިޞްލާޙުކުރިބައިގެ އަކުރުތައް ފަލަކޮށްފައި އެ ވަނީއެވެ. "ޔާމީން މަރައިލި މައްސަލައިގައި ޙުކުމްކުރުން ، ޢާއިލާއިން އެދިގެން ފަސްކޮށްފި"އެވެ.
"މަރާލި" އޮތް ތަން އަޅުގަނޑު "މަރައިލި"އަށް ބަދަލުކޮށްލީ، މީޔާރު ބަހުރުވައިން "މަރާލި"، "މަރާފި" "ކާފި"، "ހިނގާފި" މި ގޮތްގޮތަށް ކިޔައި ނޫޅޭތީއެވެ. "މަރާލި"ގެ ބަދަލުގައި އޮންނާންވީ "މަރައިލި" މިހެންކަން ސާބިތުކޮށްލުމަށް ޓަކައި އެ ނިމިނިމުނުކަން ނަފީކޮށްލައްވާށެވެ! އަޅުގަނޑުމެން ލިޔެކިޔައި ހަދަނީ، "މަރައެއްނުލައި" މިހެންތޯ ނުވަތަ "މަރާއެއްނުލައި" މިހެންތޯ ވިސްނަވާށެވެ. އެ ރާގައި އޮންނަނީ އާބާފިއްޔެއް ނަމަ، ނަފީކުރިޔަސް ނުވަތަ އެކަހެރިކުރިޔަސް އަދި އާންމުކޮށްލިޔަސް އޮންނާނީ "މަރާއެއް" މިހެންނެވެ. ނަމަވެސް މިއީ އަޅުގަނޑުމެން ލިޔެކިޔައި އުޅޭ ގޮތެއްނޫނެވެ. ވީމާ އެއީ އައިބައިފިލި އޮންނާން ޖެހޭ ތަނެއްކަން އެބަ އެނގެއެވެ. އޮންނާން ޖެހޭނީ [މަރައިލި] މިހެންކަން އެބަ ސާބިތުވެއެވެ.
"މައްސަލައިގަ" މިއީ ވެސް ކުށް ގޮތެކެވެ. ސަބަބަކީ ދިވެހިބަހުގެ ހުރިހައި ގަވާއިދު ފޮތެއްގައި ވެސް ބަޔާންކޮށްފައިވަނީ ވަގުތާއި ތަން ބަޔާންކުރާން ބޭނުންކުރާ އަކުރަކީ "ގައި"ކަމަށެވެ. "ގަ"އެއް ނޫނެވެ. ވީމާ، ވާހަކަދައްކާ އިރު، ބައެއް އަކުރު މަދުކޮށްގެން ވާހަކަދެއްކުމަކީ ހުރިހައިބަހެއްގައި ވެސް ކުރާކަމަކަށް ވާތީ، ވާހަކަދައްކާ އިރު، އަކުރާއި ފިލި ބައެއް ފަހަރު ބަދަލުވިޔަސް ލިޔާ ލިޔުންތަކުގައި އަޅުގަނޑުމެން ލިޔާންވާނީ ރަނގަޅަށެވެ. ވާހަކަދައްކާ އިރު، ބައެއް މީހުން [އަޅުނޑްމެން]، [ކޮޓްރި]، [ސަމްސާ] [ބުނެބަ] ފަދަ ގޮތްގޮތަށް ކުރުކޮށްގެން އަކުރު މަދުކޮށްގެން ނުވަތަ ފިލި ބަދަލުކޮށްލައިގެން ބޭނުންކުރޭ ނޫންތޯއެވެ؟ އަޅުގަނޑަކަށް އެއީ މައްސަލައެއް ނޫނެވެ. ހުރިހައި ބަހެއްގައި ވެސް މި ކަން މި މަގަށް ހުންނާތީއެވެ. ނަމަވެސް ލިޔުންތަކުގައި ލިޔާންވާނީ، އަޅުގަނޑުމެން، ކޮޓަރި، ސަމުސާ، ބުނެބަލަ، މި ގޮތްގޮތަށް ރަނގަޅަށެވެ.
ދެން އޮތް ކުށަކީ ލަފުޒު ރޫޅުމުގެ ކުށެކެވެ. ލަފުޒު ރޫޅުމުގެ ކުށޭ މި ދެންނެވީ ލަފުޒު މެދުން ބުރިކޮށްފައި ހުރުމަށެވެ. ނުވަތަ ދުރުކުރާން ނުޖެހޭ ތަންތަނުން ދުރުކޮށްފައި ހުރުމަށެވެ. އިސްވެ ދެންނެވި ޖުމުލައިގައި އޮތް "ހުކުމް ކުރުން" ދުރުކޮށްފައި އޮތުން ރަނގަޅެއް ނޫނެވެ. އޮންނާން ޖެހޭނީ [ޙުކުމްކުރުން] ނުވަތަ [ހުކުންކުރުން] މިހެންނެވެ. ސަބަބަކީ އެއީ [ޙުކުމް] މި ނަމުގެ ފަހަތަށް [ކުރުން] މި އެކަ ނުވަތަ [އުނިކަން] އިތުރުކޮށްގެން އުފައްދައިފައި އޮތް ލަފުޒަކަށްވާތީއެވެ. އެ ލަފުޒަކީ [ޙުކުމްކުރުން]އެވެ.
އުނިކަމެއްގެ ގޮތުގައި ލަފުޒަކާ ގުޅުވައިލެވޭ [އެކަ]ތައް ގުޅުވުމުން އެ އުފެދެނީ ވަކި ލަފުޒެކެވެ. މި ފަދަ ލަފުޒު މެދުން ބުރިކޮށްގެން ކަމަކުނުދާނެއެވެ. މިސާލަކަށް: [ވުޟޫކުރުން]، [ރޯދަހިފުން]، [ޒަކާތްދިނުން]، [ފެންވެރުން]، [ތަކުރާރުވުން] ފަދަ ލަފުޒުތަކަށް ބައްލަވާށެވެ! މި ސިޔާގުގައި މި ލަފުޒުތައް އުފެއްދުމަށް ޓަކައި، ނަމެއްގެ ފަހަތަށް އިތުރުކޮށްފައިވާ ކުރުން، ހިފުން، ދިނުން، ވެރުން، ވުން، ގެނެސްފައި އެ ވަނީ ވަކި ލަފުޒުގެ ގޮތުގައެއް ނޫނެވެ. އެއީ އެ އެކަ، ނަމަކާ ގުޅުވައިގެން ވަކި ލަފުޒެއް އުފެއްދުމަށް ޓަކައި ބޭނުންކޮށްފައިވާ އެކަތަކެކެވެ. ލަފުޒު ދުރުކުރުމުގެ ގަވާއިދުގައި ވެސް މި ވާހަކަ ބަޔާންކޮށްފައި އޮވެއެވެ. ވީމާ، އަޅުގަނޑު ކުރީން ދެންނެވި ޢިބާރާތުގައި އޮންނާން ޖެހޭނީ [ޙުކުމްކުރުން] ނުވަތަ [ހުކުންކުރުން]އެވެ. މި ދެ ގޮތް ވެސް އަޅުގަނޑަށް ރަނގަޅެވެ.
ދާދި ފަހުން ޓީވީއެއްގެ އިސްކިރީނުގެ ތިރިއަށް އަރަމުން ދިޔަ ނަމެކެވެ. ގއ. ގައްދޫއެވެ. އޮޅިގެން ލިޔުއްވުނު ގޮތަކަށް ވެދާނެއެވެ. ނަމަވެސް އެ ގޮތަށް ދެތިން ދުވަސް ވަންދެން އެ ކުށް ތަކުރުރާރުވުމަކީ މައްސަލައެކެވެ. އެ ޓީވީ އިސްޓޭޝަނުގައި ވެސް، ގައްދޫ އޮންނަނީ ގދ. އަތޮޅުގައިކަން، ގއ. އަތޮޅުގައި ނޫންކަން އެނގިވަޑައިގަންނަވާ ބައިވަރު ބޭފުޅުން (އަދި އެ އަތޮޅުގެ ބޭފުޅުން ވެސް) ތިއްބަވާނެތާއެވެ.
އަޅުގަނޑު މި ދަންނަވައިލި ދެތިން ކުށް، އެ ޢިބާރާތުގައި އޮތީ އެ ލިޔުއްވި ބޭފުޅުންނަށް އެނގިވަޑައި ނުގަންނަވާތީއެއް ނޫނެވެ. ނަމަވެސް ދެއްވޭ ސަމާލުކަން ކުޑަވީމާ، ނުވަތަ ވަގުތު ނެތީމާ، ދެވަނަ ފަހަރަށް ވިދާޅުނުވެވެނީއެވެ. އެހެންވެ [އަތްދަށުން]ދަނީއެވެ. ވީމާ، މި ފަދަ ކުށްތަކުން ސަލާމަތްވެވަޑައިގަތުމަށް ޓަކައި، އެ ލިޔުމެއް ފަހުން ވެސް ބައްލަވައިލެއްވުން މުހިންމެވެ. އަދި ފަހުން ކުށެއް ފެނިވަޑައިގަތަސް ރަނގަޅުކޮށްލައްވާންވާނެއެވެ. ރަނގަޅު ގޮތަކީ މިއީއެވެ.
ބައެއް ލަފުޒުގެ މާނަ:
އަތުކުށް ނ. ލިޔުމުގައި ނުވަތަ ޓައިޕުކުރުމުގައި އޮޅިގެން ލިޔެވޭ ކުދި ކުށް.
އެކަ ނ. ލަފުޒެއްގައި އެކުލެވޭ ބައިތަކުގެ ތެރެއިން މާނައެއް ދޭހަވާ، އިތުރަށް ބައިނުކުރެވޭ އެންމެ ކުޑަ ބައި.
މަޒުލޫމު ނ. އަނިޔާއެއް ނުވަތަ ކުށެއްގެ ސަބަބުން ނިކަމެތިކަމެއް ނުވަތަ ގެއްލުމެއް ލިބުނު މީހާ. މި ގޮތުން ލިބޭ ގެއްލުމަކީ އެ މީހެއްގެ ހައްގުތަކެއް ގެއްލިދިޔުން ނުވަތަ އެ މީހެއްގެ ހަށިގަނޑާއި މުދަލަށް ގެއްލުންތަކެއް ލިބުން، ނުވަތަ މަރުވުންކަމަށް ވެސް ވެދާނެއެވެ.
މީޔާރު ނ. (1) އާންމު ހަމަ. (2) އިޚުތިޔާރު ލިބިގެންވާ ފަރާތަކުން އެއްޗަކާމެދު ނުވަތަ ކަމަކާމެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު.
މީޔާރު ނއ. އާންމުކޮށް ބަލައިގަނެވޭ ވަރަށް، ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު.
ސަމާލުކަން ނ. (1) ކަމަކަށް ޓަކައި ބަހައްޓާ ފަރުވާ. (2) ކަމަކަށް ވިސްނައި ތައްޔާރުވެ ހުންނަކަން ނުވަތަ ފަރުވާތެރިވެ ބަލާން ހުންނަކަން.
ސިޔާގު ނ. ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ހާލަތު.