އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
14 އޭޕްރިލް 2025
މިއަދު ދިވެހިބަހުގެ ދުވަސް ފާހަގަކުރަމުން ދާ އިރު ދިވެހިބަހާއި އަދަބަށް ލިބުނު އެންމެ ބޮޑު ހިތާމައަކީ، ދިވެހިބަހާއި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ މަޑުލު މުޙައްމަދު ވަޙީދު، މިއަދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުފުޅުކުރެއްވުމެވެ. މާތް ﷲ އެ މަރުޙޫމުގެ ފުރާނަފުޅަށް ފުއްސެވުމާއި ރުއްސެވުން ދެއްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ! އާމީން!
މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ.
މަޑުލު މުޙައްމަދު ވަޙީދަށް ދިވެހި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވަނީ ލިބިވަޑައިގެންފައެވެ. ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 1985ވަނަ އަހަރު ހިތްވަރުދިނުމުގެ އިނާމު ޙާޞިލުކުރައްވައިފައި ވެއެވެ. އޭނާއަކީ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުންވަރަށްގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އެއީ ދައުލަތުގެ މީޑިއާ އެންމެ ފުރަތަމަ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އެއީ ރާއްޖޭގައި ދެވަނައަށް ޑިރެކްޓަރ-ޖެނެރަލްގެ މަގާމު ފުރުއްވި މުވައްޒަފެވެ. އެއީ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގައެވެ. އެންމެފަހުން އޭނާ އަދާކުރެއްވި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރުކަމުގެ މަޤާމެވެ. އަވަހާރަވި އިރު ހުންނެވީ އެ މަގާމުގައެވެ.
މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހި ލިޔުންތެރިކަމުގެ ދުނިޔޭގައި އެންމެ ވިދާ އެއް ނަމެވެ. ކުރުވާހަކަ ލިޔުއްވުމުގައި އެއްވަނައެވެ. ފާޑުކިޔުމާއި، ސިފަކުރުމުގެ ލިޔުންތަކުގެ މައިދާނުގައި އެންމެ ކުރީގައި އުޅުއްވާ ލިޔުންތެރިއަކީ ވަޙީދެވެ. ކުރު އިބާރާތް ބޭނުން ކުރައްވައިގެން ސާފުކޮށް، ރީތިކޮށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ. ރާއްޖޭގެ އެންމެ މޮޅު ކުރުވާހަކަ ލިޔުންތެރިއަކީ ކާކުތޯ ރާއްޖޭގެ އަދީބެއްގެ އަރިހުގައި ސުވާލު ދަންނަވައިފި ނަމަ ވިދާޅުވާނީ އެއީ މަޑުލުވަޙީދުކަމުގައެވެ. ފެންނަ މަންޒަރާއި އިވޭ އަޑުތައް އެއްވެސް ފޮރުވުމެއްނެތި ލިޔުއްވާން ޝައުޤުވެރިވެވަޑައިގަންނަވައެވެ.
ސަރުކާރުން ދެއްވި ގޯއްޗެއްގައި ގެޔެއް ބިނާކުރައްވައި އެ ގެއަށް "މަޑުލު" ވިދާޅުވެ ނަން ދެއްވުމުގެ ކުރީން އޭނާ މަޝްހޫރުވެފައިވަނީ ހޯރަފުށީ ވަޙީދުގެ ނަމުންނެވެ. މާލޭގައި ކިޔަވައިވިދާޅުވާން މއ. ބވައްބެރުގޭގައި ހުންނެވި އިރުއްސުރެ ޢާއިލީ ރައްޓެހީންގެ މެދުގައި މަޝްހޫރު ނަމަކީ ވެސް ހޯރަފުށީ ވަޙީދެވެ. އެއީ ހޯރަފުއްޓަށް އުފަން ބޭފުޅަކަށްވާތީއެވެ.
މަދްރަސީ ދައުރުގައިވެސް މުޙައްމަދު ވަޙީދަކީ، ލިޔުންތެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ބައިނަލްއަޤްވާމީ ކުޑަކުދިންގެ އަހަރުކަމުގައި ފާހަގަކުރެވުނު އަހަރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވައިލެއްވި ފޮތްލިޔުމުގެ މުބާރާތުން އެއްވަނަ ހޯއްދަވައިފައިވަނީ އޭނާއެވެ. ރޭޑިޔޯއަށް ލިޔުމުގެ ހުނަރުވެރިކަން ހޯދުމާއި، ޚަބަރު ލިޔުމުގެ ތަމްރީނު އިންޑިޔާއިންނާއި، އިނގިރޭސިވިލާތުންނާއި، ޔޫގޯސްލޭވިޔާއިން އޭނާ ހޯއްދަވައިފައިވެއެވެ. އޭނާގެ ލިޔުންތެރިކަމުގައި، އިނގިރޭސިބަހުން ދިވެހިބަހަށް ކުރައްވައިފައިވާ ތަރުޖަމާތަކާއި، އިޖްތިމާޢީ މައްސަލަތަކާއި، މީހުންނަށް ދިމާވާ އާދަޔާ ޚިލާފު ދަތި ޙާލަތު ސިފަކޮށްދޭ ވަރަށް އަސަރުގަދަ ރީތި ކުރު ވާހަކަތައް ހިމެނެއެވެ.
މަޑުލު މުޙައްމަދު ވަޙީދު ލިޔުއްވައިފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި، [އިސްލާމީ އަދަބު އަޚްލާޤު] [ދޭހައިގެ އަތްމަތީ ފޮތް] [ޙަޔާތުގެ ހަދިޔާ] [ހަރުދަނާ ޝަޚްޞިއްޔަތު] [ހަލީސާ] [ހަދިޔާ 2] [ދިރިއުޅުމުގެ ރަހަތައް] [ދިވެހިރާއްޖޭގެ ފަތުރުވެރިކަން] [ކިޔަވާށެވެ. އަދި ވިސްނާށެވެ.] ހިމެނެއެވެ. އަދި ވަޙީދުގެ ކުރު ވާހަކަތައްވެސް، ފޮތްތަކަކަށް އެއްކުރައްވައި ނެރުއްވައިފައިވެއެވެ. ވަޙީދު ލިޔުއްވައިފައިވާ ގިނަ މަޒުމޫނުތަކުގެ ތެރޭގައި، އަމިއްލަފުޅު ޚިޔާލުގެ މައްޗަށް ލިޔުއްވައިފައިވާ މަޒުމޫނުތަކާއި، އަދަބީ މައުޟޫޢުތަކަށް ލިޔުއްވައިފައިވާ މަޒުމޫނުތައް ހިމެނެއެވެ. ލިޔުއްވައިފައިވާ ވާހަކަތަކުގެ ތެރެއިން އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެފައިވާ ވާހަކަތަކުގެ ތެރޭގައި، [ނުކުޅެދޭ އަސަރު] [ސަކީނާގެ ހިތްދަތިކަން] [އަމިއްލަ ވަޒަނުގައި ބީރައްޓެއްސަކަށްވެފައި] [ނަފްސަށްވެވޭ ހަމްދަރުދީ] [މައެއްގެ އަސަރު] [ފުނޑުފުނޑުވި ހުވަފެން] ފަދަ ވާހަކަތައް ހިމެނެއެވެ.
އޭނާއަކީ، ރާއްޖޭގެ އެހުންތެރީންނާއި، ކިޔުންތެރީންނަށް 1973ވަނަ އަހަރުން ފެށިގެން މެދުނުކެނޑި 10 އަހަރުވަންދެން ބޭރު ދުނިޔޭގެ ޚަބަރުތައް ގެނެސްދެއްވުމުގެ ސަބަބުން ވެސް މަޝްހޫރުވެފައިވާ ބޭފުޅެކެވެ.
ފަރަގު މީޑިއާ އެދެނީ މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުމެވެ.