އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
16 އޭޕްރިލް 2025
(2025 އެޕްރީލު 9ވަނަ ދުވަހާ ގުޅޭ)
ކޮންމެއަކަސް އެ ރޭ ވޭތުކުރި ގޮތަކަށް ވޭތުވުމަށް ފަހު، އަނެއް ދުވަހު ރަން ބާޒާރުން ބާޒާރުކޮށްލައިގެން އެރޭ ރާއްޖެއައި ޔޫއެލް 102 ގެ ފުލައިޓުން ދަންވަރު ވާލެ އަތުވެއްޖެއެވެ. އަދި ހަތަރެއް ޖެހި އިރު ފުރި ކިޔޫޓޫ 112ގެ ފްލައިޓުން ހައްދުންމައްޗަށް ހިނގައްޖެއެވެ. ހައެއް ޖެހި އިރު ދެ މީހުން ތިބީ އެ މީހެއްގެ ގޭގައެވެ. ދަތުރުގެ ހަނދާންތައް ނުފިލާނެ ދެއްޔަތުން ދެ މީހުންގެ ޙަޔާތުގެ ޑައިރީގައި ކުލަގަދަކޮށް ލިޔެލުމަށްފަހުގައެވެ.
(10)
ވަރުގަދަ ޒުވާބެއް
އާދީއްތަ ދުވަހު ހެނދުނު ނުވައެއްޖެހި އިރު، ނީނާ އިނީ ޝޯރޫމްގައެވެ. ހައެއްކަ ކަސްޓަމަރުންނަށް ޚިދުމަތްދީ ނިމުނުތަނާ ދާއޫދު ގުޅައިފިއެވެ.
"ހޭލައިފިންތަ؟" ދާއޫދު ސުވާލުކޮށްލިއެވެ. "ފިހާރައަށް ކުއްޖަކު ފޮނުވިންތަ؟"
"ނުނިދަމޭ. މީނީ ފިހާރައިގައި." ނީނާ ޖަވާބުދިނެވެ. "މިހާރު ވަރަށް ގިނަ ބަޔަކަށް ޚިދުމަތް ވެސް ދީފިން."
"އަޅޭ އެހެންތަ؟ ހާދަ މުރާލިކުއްޖެކޭ ދޯ؟ މަ ހަނދާންނެތުނީއްޔޭ." ދާއުދު ހައިރާންކަން ފާޅުކުރިއެވެ. "ގުދަނުން ކުއްޖަކު ގެނެސް ތިތާ ބައިންދައިފައި ނީނާ ދޭ މިއަދު އަރާމުކޮށްލާން."
"ވާ ވަރަށް އަރާމު ކުރެވިއްޖެއް ނޫންތަ؟" ނީނާ ސަމާސާކޮށްލިއެވެ. "އެކަމަކު ކުޑަކޮށް ނިދައިލާން ބޭނުންވޭ. ދާނަން އިނގޭ އިރުކޮޅަކުން."
ނީނާއަށް ފިހާރައިން ނުނިކުމެވިގެން އުޅެނިކޮށް އަލޫފް އަންނަ ތަން ފެނިއްޖެއެވެ. ނީނާ ކުޑަކޮށް ހައިރާންވިއެވެ. ސަބަބަކީ ގަވާއިދުން އަލޫފަށް އޮފް ލިބޭނީ މި އަންނަ ބުދަދުވަހު ކަމަށް ވާތީއެވެ. އައިސް ފިހާރައަށް ވަންތަނާ ނިނާ ބުނެލިއެވެ. "ހޭ ކޮން އިރަކު އައީ؟ ކިހިނެއް ހާލު. ނުވެސް ބުނަމެއްނު."
"ހުކުރު ދުވަހުއްސުރެ މަ މިއުޅެނީ ރަށުގައި. މުންޑޫގައި." އަލޫފް ޖަވާބު ދިނެވެ. "ހާލު ރަނގަޅެއް ނޫން."
"ކިހިނެއްވީ އަނެއްކާ؟" ނީނާ ވަރަށް ސީރިއްސަކަމާއެކު ސުވާލުކޮށްލިއެވެ. "ޑަކުޓަރަށް ދައްކައިފީންތަ؟"
"ސަބަބަކީ ނީނާ."
"މަށޭ......................؟!
"އާނ!........ ނީނާއާ ދާއުދު."
"މަ މި ރަށުގައި ހުއްޓައި އިނބަންނާ ދާއޫދާ ދެމީހުންލަންކާއަށް ދިޔައު..." އަލޫފު ރަށުބަހުން ފަށައިގަތެވެ.
"އަލޫފޫ........" ނީނާ ހާސްނުވާ ގޮތް ދައްކަމުން ބުނެލިއެވެ. "ދާއޫދާއެކީ ދިޔައު ވިޔަފާރި ދަތުރަކު. އިނބަ އަންނަންކަން އެނގުނު ނަމަ ކޮންމެސް އެއްޗެކޭ ކިޔައިފައި ނުގޮހޮ ހުންނާނެން. އިނބަ ނުމެއް ބޮނަމެއްނޮ."
"ކޮންހައި ވާހަކައެއް. އިނބަ ތެއްހެރޯ ދާއޫދާ ތަތްތެޅިފައި."އަލޫފު ރަށުބަހުން ވަރަށް ބާރަށް އެތިވަރު ގޮވަމުން ދިޔައެވެ. "އިނބައިމެން ގަނޑަގަންނާން ދިޔައު. މަށް އެނގެއި އެކަން."
"މަ ނުދަންނަން އަލޫފު ތެޔޯ ތެއްހައި ގޮތެއް ނެތް މީހެއްކަމެއް." ނީނާ ވެސް ރުޅިއަތުވެއްޖެއެވެ.
"ގޮތްނެތޫ މަތެ، އިނބަތެ؟" އަލޫފު ހުރީ އަށްޑިހަ ފަހަކަށް އަރައިފައެވެ. "އަދި ގޮތް ނެތޭ އެބަ ކިޔައެއްނޮ"
"އަލޫފު ބޮނަން ވާހަކައެއް" ނީނާ ހަރުދަނާ ގޮތް ދައްކާލަމުން ނީނާ ބުނެލިއެވެ. "މަ ބޭނުމެއް ނޯން އިނބަންނާ ވާހަކަދައްކާކަށް." ނީނާ މިހެން ބުނުމަށްފަހު މޫސާފުޅުބެއަށް ގުޅައިގެން ކޮންމެވެސް ވާހަކަތަކެއް ދައްކައިލިއެވެ.
އިރުކޮޅަކުން މޫސާފުޅުބެ ފޮނުވައިގެން ގުދަނުން އައި ކުއްޖަކު އައިމާ އޭނަޔާ އަދުގެ މަސައްކަތް ޙަވާލުކުރުމަށްފަހު ނީނާ އަރާމުކޮށްލުމަށްޓަކައި ގެޔަށް ހިނގައްޖެއެވެ.
(11)
އެތެރެދޫ ޓޫރިސްޓް ލޮޖް
އާދައިގެ މަތީން ކަންމަތީ ފިހާރައިގެ ޝޯރޫމުގައި ނީނާ މަޝްޣޫލުވެގެން އިނެވެ. މާ ބާރުބޮޑު ދުވަހެއް ވެސް ނޫނެވެ. ކުޑަ އިރުކޮޅަކުން ދާއޫދު އައިސް ޝޯރޫމަށް ވަދެއްޖެއެވެ. އާދައިގެ މަތީން ވަރަށް ހިނިތުންވުމާއެކު ދާއޫދު ވާހަކަ ފެށިއެވެ.
"ކިހިނެއް ނީނާ؟"
"ރަނގަޅު." ނީނާ ވެސް ހީނލިއެވެ.
"ހިނގާބަލަ މިރޭ ހޮޓަލަށް ޖައްސާލާން" ދާއޫދު ދަޢުވަތު ދިނެވެ. "އޯވަރނައިޓަކަށް."
"ކޮން ހޮޓަލަކަށް" ނީނާ ސުވާލުކޮށްލިއެވެ. "ރަށުގައި ގޭގައި ނިދިއްޔާ މާ ރަނގަޅުވާނެނު."
"ދެން އާދެވިއްޖިއްޔާ ނިދާން އަންނާނީ." ދާއޫދު އިތުރަށް އޮޅުން ފިލުވައި ދިނެވެ. "ލަސްވެއްޖިއްޔާ އޯވަރނައިޓް ހަދައިލައިފައި ފަތިހު އަންނާނީ."
"ނުވިސްނުނު" ނީނާ އޮޅުންފިލުވުމުގެ ގޮތުން ސުވާލުކުރިއެވެ. "އެހެން ރަށަކަށް ދާ ވާހަކަތަ ތިޔަ ދައްކަނީ؟"
"އޯހ! ނީނާއަކަށް އަދި ނޭނގޭ ދޯ، މަގޭ ބޮޑު ހޮޓަލެއް އިސްދޫ އެތެރެދޫގައި ހުންނަ ކަމެއް؟"
"ހޫމމމމ! ނުބުނަންޏަކާ ނޭނގޭނެނު" ނީނާ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. "ނީނާއަށް ނޭނގޭ ކިތަންމެ ބިޒިނަސްތަކެއް ވެސް މި އަތޮޅުގައި ހިންގަންދޯ؟"
"ސޮރީ ނީނާ!" ދާއޫދު މާފަށް އެދުނެވެ. "އަދި ނުބުނެވި އޮތީ ދޯ؟ މިހާރު މި ބުނީނު އިސްދޫގައި ހުންނާނެ ވަރަށް ބޮޑު ގެސްޓް ހައުސްއެއް. އަދި މާވަށުގައި ހުންނާނެ ވަރަށް ރީތި ހޮޓެލްއެއް. އެތަނަށް ކިޔާނީ އެއަރޕޯޓް ބީޗް އިން".
ނިނާ ކުޑަކޮށް ވިސްނައިލުމަށް ފަހު ބުންޏެވެ. "ހާދަ ބައިވަރު ވިޔަފާރިއެއް މި އަތޮޅުގައި އެކަނި ތިޔަ ހިންގަނީ. ވަރަށް ގިނަ ބިޓުން ވެސް ތިބޭނެދޯ؟" ނީނާ އެހެން ބުނީ މަޖަލަކަށެވެ.
"ނޫން. ބިޓަކަށް ހުންނާނީ ހަމައެކަނި........." ދާއޫދު ޖުމުލަ ފުރިހަމައެއް ނުކުރިއެވެ.
"ދެން ކޮންތާކަށް މި ރޭ ދާން ތިޔަ އުޅެނީ؟" ނީނާ ސުވާލުކުރިއެވެ. "މާވަށަށްތަ؟"
"ނޫން. މާވަށަށް ދަންޏާ މާ ގިނަ އިރުވާނެ. ދެ ގަޑިއެއްހާ އިރުން ދެވޭނީ. ޓްރެފިކް ވެސް ވަރަށް ބާރުބޮޑުވާނެ." ދާއޫދު އޮޅުން ފިލުވައިދިނެވެ. "އެހެންވެ 'އެތެރެދޫ ޓުރިސްޓް ލޮޖް'އަށް މި ރޭ ދާން މި އުޅެނީ. ކުޑަކަމެއް އޮތީމާ. ލަސްވެދާނެތީ އޮވަރނައިޓެއްގެ ވާހަކަ ބުނީ ވެސް."
"ހޫމމމމ. ވަޒީފާގެ ގޮތުން ދާންޖެހޭ ތާކަށް ދާން މަންމަ ވެސް ރުހޭނެ. މަންމަމެންނަށް އެނގޭ، ދާއޫދުގެ ވިޔަފާރީގައި ނީނާ ކޮންމެވެސް ވަރަކަށް ހިއްސާ އޮންނަކަން." ނީނާ އެއްބަސްވިއެވެ. އެހެންވީމާ، މައްސަލައެއް ނޯންނާނެ. އެކަމަކު ދެން ހަމަ ކީއްކުރަން އޯވަރނައިޓަކަށް ދަނީ؟ ގޮސްފައި އެތަން ބަލައިލައިފައި އާދެވިދާނެއެއްނު؟"
"އަޅޭ! އެ ތަނަށް ގޮސްފައި ހިޔެއް ނުވޭ ނީނާ ވެސް އަންނަ ހިތްވާނެހެނެއް." ދާއޫދު ޚިޔާލު ފާޅުކޮށްލިއެވެ. "އެހާ ސަޅިވާނެ."
"ސަޅިއަކަސް އާދެވިދާނެނު." ނީނާ ބަހުސްކޮށްލިއެވެ. އަނެއްކާ ލަންކާގެ ހަނދާން އާވެގެންތަ، ތިޔަ އުޅެނީ؟"
"ތިޔަބުނީ ރަނގަޅަށް"
"އަދިވެސް ހިތް ނުފުރެނީތަ؟" ނީނާ ވައްބަހުން އެއްޗެކޭ ބުނެލިއެވެ. "އަޅުގަނޑު ދަތުރަށް ތައްޔާރު."
ނީނާ މަންމަ ގާތު ބުނެލުމަށްފަހު ރޭގަނޑު 8 ޖަހާލިހާއިރު ދާއޫދާ އެކީ އޭނާގެ ވިޓާރާ ވޭންގައި އިސްދޫއާ ދިމާއަށް ބުރިޖު ހަލިމަގުން ދަތުރު ފަށައިފިއެވެ. މި ދަތުރުގެ ހަގީގީ ބޭނުމެއް ނީނާއަކަށް ނޭނގެއެވެ. ހަމަ އެކަނި ވިސްނެނީ ދާއޫދުގެ ނަފުސުގެ ކަރުހިއްކުން މިނިވަން މާހައުލެއްގައި ފިލުވައިލުމަކީ މުޅި ދަތުރުގެ މަޤުޞަދު ކަމުގައެވެ. ނަމަވެސް ދާއޫދުގެ މި ދަތުރަކީ ވިޔަފާރީގެ މުހިންމު ދަތުރެކެވެ. ދަތުރުގައި ފޫހިވާނެތީ ނީނާ ބައިވެރިކުރީއެވެ. އަދި ދާއޫދުގެ ހަތްތަރީގެ ހޮޓެލެއް ކަމުގައިވާ "އެތެރެދޫ ޓޫރިސްޓް ލޮޖް" ނީނާއަށް ދައްކައިލުމަކީ ވެސް ދާއޫދުގެ އެންމެ ބޮޑު އެދުމެވެ. އަނެއް ބޭނުމަކީ ދާއޫދު މުންޑޫގައި ފެށި ކަންމަތީ ފިހާރައިގެ އަހަރީ ދުވަސް ނީނާއާ އެކީ "ފުރިހަމައަށް" ފާހަގަކޮށްލުމެވެ. ދުވަސްތައް ދިޔަލެއް އަވަދިނެތިކަމުން ވިޔަފާރި ފެށިތާ އަހަރެއްވީކަމެއް ނީނާ ހަނދާނެއް ވެސް ނެތެވެ.
ފަންސާހަކަށް މިނިޓަކަށް ފަހު، ޓޫރިސްޓް ލޮޖު އެހެން ގޮތަކަށް ދަންނަވާ ނަމަ، ދާއޫދުގެ އެންމެ ބޮޑު ހޮޓެލާ ހަމައަށް ފޯރިއިރު ނީނާ އިނީ ހައިރާންވެފައެވެ. ދާއޫދުގެ އިސްތިޤުބާލުގައި ޔުނިފޯމުއެޅި ސަލާމަތީ މީހުންނާއި އެހެނިހެން މުވައްޒިފުން ސަފުހަދައިގެން ތިއްބެވެ. ވޭން މަޑުކޮށްލުމާއެކު ސަލާމަތީ ދެ މީހަކު އައިސް ވޭންގެ ދެ ދޮރު ހުޅަވައިލަދިނެވެ. ދެބުރިއަށް ޢިމާރާތްކޮށްފައިވާ އެ ހޮޓެލްގެ މަތީބުރީ ޓެރަސްމައްޗަށް ދާއޫދާ އެކު ނީނާއަށް ދެވުނު އިރު މި އުޅެނީ ރާއްޖޭގައިކަމެއް ވެސް ހަނދާނެއް ނެތެވެ. ތަނުގެ ފުރިހަމަކަމުން ނެވެ. އެކި ދިމަ ދިމާއިން ފަތުރުވެރީން ވެސް ފެނެއެވެ. ގިނައިން ފެންނަނީ އުތުރުކަރައިގެ ފަތުރުވެރީންނާއި ޖުއްބާލީ ޢަރަބީންނެވެ. މަދުމަދުން ވިލާތު މީހުން ވެސް ފެނެއެވެ.
ސާފު އުޑު ފެންނަ ހިސާބުގައި ރީތި އިލެކްޓްރިކް އަލީން ޒީނަތްތެރިކުރެވިފައިވާ މާލަމަށް ދާއޫދާއި ނީނާ ވަނުމާ އެކު އަނެއް ދެ މޭޒުގައި ތިބި އެންމެން ކޮޅަށް ތެދުވެއްޖެއެވެ. ވަރަށް ފުރިހަމަ ބުފޭއެއް އިންތިޒާމު ކުރެވިފައި އޮތަސް ނީނާ ގޮވައިގެން ދާއޫދު ދިޔައީ ތަންކޮޅެއް ދުރުގައި ހުރި ވަކި މޭޒަކަށެވެ. މޭޒުކައިރިއަށް ދެވުމާ އެކު، ދެ މުވައްޒިފަކު ގޮނޑި ދުރުކޮށްލައިދީ އިށީންނާން ފަހިކޮށްދިނެވެ. އެއަށް ފަހު ބުފޭ މޭޒުކައިރީން އެކި ތަށިތައް ހިފައިގެން ވޭޓަރުން އައިސް މޭޒުގައި އަތުރައިލިއެވެ.
"ސަރ، ކޯއްޗެއްތޯ ހިއްޕަވާނީ؟" ވެއިޓަރަކު ވަރަށް އަދަބުވެރިކަމާ އެކު ދާއޫދާ ސުވާލުކޮށްލިއެވެ. "ހޮޓް ޑްރިންކެއްތޯ، ނުވަތަ ސޮފްޓް ޑްރިންކެއްތޯ؟"
"ހޮޓް އެއްޗެއް. ރަނގަޅު އެއްޗެއް ގެނޭ". ދާއޫދު ޖަވާބު ދިނެވެ.
"މެޑަމް" ނީނާއާ މުޚާޠަބުކޮށް ވޭޓަރު ސުވާލުކޮށްލިއެވެ. "ހިއްޕަވާނީ ކޮން އެއްޗެއްތޯ؟"
"ފްރެޝް އޮރެންޖް"
އިރުކޮޅެއްވީ ތަނާ، ތަބަކެއްގައި ދެ ތައްޓެއް ބަހައްޓައިގެން އައިސް މޭޒުމަތީގައި ބަހައްޓައިފިއެވެ. އަދި ހުއްދަ ހޯދައިގެން ކުދިކުދި ގަނޑުފެން ކޮޑިތައް ދާއޫދުގެ ތައްޓަށް އަޅައިފިއެވެ. ނީނާ ބުނީ ފިނިކުރާން ބޭނުން ނޫންކަމަށެވެ.
ދާއޫދުގެ ތަށީން ފޮނުއަރައިފައި ހުރި ތަން ފެނިގެން އެއީ އާދައިގެ ބުއިމެއް ނޫންކަން ވިސްނިގެން މާނަވީ ގޮތަކަށް ނީނާ އެ ތައްޓާ ދިމާއަށް ބަލައިލިއެވެ.
"ނީނާ ކީއްވެ ތިޔަ ހައި ލުއި ބުއިމެއް ތިޔަ ބޮނީ" ދާއޫދު އެހިއެވެ. "މި ކަހަލަ ތައްޓެއް ގެންނާންވީތަ؟"
"ތިޔައީ ކޯއްޗެއް؟"
ނީނާގެ އެ ސުވާލަށް ސީދާ ޖަވާބު ނުދީ ދާއޫދު ފެށީ އެހެންވާހަކައެކެވެ.
"ނީނާއަށް އެނގޭތަ މިއަދު މީ ކޮން ދުވަހެއްކަން؟"
"ނޭނގޭ" ނީނާ ބުންޏެވެ. "ބުނެބަލަ!"
"މިއަދަކީ އަހަރެމެންގެ ކަންމަތީ ފިހާރަ ރަސްމީކޮށް ހުޅުވިތާ ބަރާބަރު އެއް އަހަރު ފުރޭރޭ." ދާއޫދު އޮޅުން ފިލުވައިދިނެވެ. "ހަނދާނެއް ނެތްތަ؟"
"އޯހ. ނޭނގުނު އަހަރެއް ދިޔަ ގޮތެއް ވެސް." ނީނާ ބުނެލިއެވެ. "ތެދެކޭ، މިހާރު ހަނދާން ވެއްޖެ."
"އެހެންވެ އަހަރީ ޙަފުލާ މި ފާހަގަކުރަނީ. ކަންމަތީ ފިހާރައަކީ އަހަރެމެން ދެ މީހުންގެ ޙިއްސާ އޮންނަ ތަނެއް. އެހެންވީމާ ދެ މީހުން އެކީގައި އަހަރީ ދުވަސް ފާހަގަކޮށްލާން ވެގެން މި ތަނަށް މި އައީ."
"ހަމަ އެކަނި އަހަރީ ޑިނާރއަކަށް މި އަކީ މިއޮއް ދުރަށް"؟
"ނޫން. ވިޔަފާރީގެ އެހެން ބައެއް ކަންކަން ވެސް އެބަހުރި. އަހަރެން ހަފުތާއަކު އެއް ފަހަރު އަންނަން މި ތަނަށް. ބައެއް ރޭރޭ މިތާގައި ނިދައި ވެސް ހަދަން."
"ނީނާ" ދާއޫދު ކުއްލިއަކަށް ކަމެއް ހަނދާންވެގެން ނީނާއަށް ގޮވައިލިއެވެ. "މޫސާފުޅުބެ މިހާރު ނިދައިފާނެތަ؟"
"ކިހިނެއްވީ، ކުއްލިއަކަށް މޫސާފުޅުބޭ މަތީން ތިޔަ ހަނދާންވީ؟"
"އަޅޭ ގުޅާބަލަ! ގުޅާފަ ބުނެބަލަ! މާދަމާއަކީ ފިހާރަ ބަންދު ދުވަހެކޭ. ހުރިހައި މުއައްޒިފުންނަށް ޗުއްޓީއޭ." މިއީ އަހަރުފުރުމުގެ މުނާސަބަތުގައި ދޭ ދެ ދުވަހޭ. އަނެއް ދުވަސް ވެސް ބަންދޭ." (ނުނިމޭ)