އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
27 ފެބްރުވަރީ 2025
ރަމަޟާންމަހަކީ މުސްލިމުންގެ ހިތްތަކުގައި ވަރަށް ޚާއްޞަ މައްސަރެކެވެ. އެ މަސް އަންނާތީ، ހިތްތައް ފަރިވެފޮޅޭ މަހެކެވެ.
ނަމަވެސް ޒަމާން ބަދަލުވަމުންދާ އިރު، ރަމަޟާން މަހަށް މީހުން ތައްޔާރުވަމުންދާ ގޮތް ވެސް ދަނީ ބަދަލުވަމުންނެވެ. ކާބޯތަކެއްޗާއި ގެވެހި ކަންވާރުތައް ވިއްކާ ތަންތަން ރަމަޟާންމަހުގެ ފައިދާ ލިބިގަނެ، މުދާތައް ގިނަކޮށް، މީހުންނަށް އެ ތަކެތި ގަތުމަށް ގޮވައިލާ ތަން ފެނެއެވެ. ރަމަޟާންމަހަކީ ގޭތެރޭގެ އާބާތުރަފިލުވައި ފަރުނީޗަރު އައުކުރާ މަހަކަށް މިހާރުވަނީ ބަދަލުވެފައެވެ. މީރުކޮށް ކައިބޮއި ހެދުމާއި މަޖާކުރުމުގެ މަހަކަށް ވެސް ރަމަޟާން މަސް ވަނީ ބަދަލުވެފައެވެ.
އަޅުގަނޑުމެން ރަމަޟާން މަހަށް މާއްދީ ގޮތުން ތައްޔާރުވާ މިންވަރަށް ރޫޙާނީ ގޮތުން ތައްޔާރުވެވޭބާވައެވެ! ރަމަޟާންމަހަށް ޓަކައި ގޭތެރެ ސާފުކުރާ މިންވަރަށް، އަޅުގަނޑުމެންގެ ހިތްތައް ސާފުކުރުމަށް އަހައްމިއްޔަތު ދެވޭބާވައެވެ! ކުރެވިފައިވާ ކުށްފާފަތަކަށް ތައުބާވެ، ﷲގެ ޙަޟްރަތަށް އިނާބާވުމަށް އަޅައިލެވޭބާވައެވެ!
ކީރިތިރަސޫލާއާއި އެކަލޭގެފާނުގެ މިތުރު އަޞްޙާބުން ޝަޢުބާން މަސް އައުމުން ރަމަޟާން މަހަށް ތައްޔާރުވެވަޑައިގަންނަވާން ފަށްޓަވައެވެ. ތައުބާގެ ދޮރުން ލައިގެން ރަމަޟާން މަހުގެ ރަޙުމަތާއި، ފުއްސެވުމާއި، މުއްތިކުރެއްވުން ޙާޞިލުކުރެއްވޭތޯއެވެ. ރަމަޟާންމަހުގެ ގިނަގުނަ ސަވާބާއި ދަރުމައާއި ﷲގެ ރަޙުމަތާއި ނަފްޙާތަށް ހުށަހޮޅިވަޑައިގެންނެވުމަށް ޓަކައެވެ. މުވާސާތާއި ހަމްދަރްދީގެ މަސްކަމުގައިވާތީ، ފަޤީރުންނަށާއި މިސްކީނުންނަށް އަޅައިލެއްވުމަށް ޓަކައެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވައިދެއްވާ މައްސަރުކަމުގައިވާތީ، ސުވަރުގެ ޖާމިނުކުރެއްވޭތޯއެވެ. ރޯދަވެރީންނަށް ސުވަރުގޭގައި ޚާއްޞަ ދޮރުކޮޅެއް ލައްވައިފައިވާތީ، އެ ދޮރުކޮޅުން ސުވަރުގެ ވަދެވަޑައިގެންނެވޭތޯއެވެ. ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މަސްކަމުގައިވާތީ ޤުރްއާން ދިރާސާކުރެއްވުމާއި އުގެނިވަޑައިގެންނެވޭތޯއެވެ. ކީރިތިރަސޫލާއާއި ޖިބްރީލްގެފާނު މި މަހުގައި ޤުރްއާން މުދާރާސާކުރައްވައި ކިޔަވައިވިދާޅުވެފައިވާތީ އެ މާތް ނަމޫނާއަށް ތަބާވެވަޑައިގެންނެވުމަށް ޓަކައެވެ. ރަމަޟާން މަހުގައި ކީރިތިޤުރްއާން ބާވައިލައްވާފައިވާތީ، އެ މަތިވެރި މުނާސަބާ ފާހަގަކުރެއްވުމަށް ޓަކައެވެ.
ރަމަޟާން މަހަކީ މަތިވެރި މައްސަރެކެވެ. ދީލަތި މޫސުމެކެވެ. އެއީ އަޅުގަނޑުމެން ކުރާ އަޅުކަންތަކާއި ހެޔޮ ޢަމަލުތަކުގެ ސަވާބު ގުނަވެގެންދާ މަހެކެވެ. ﷲގެ ޙަޟުރަތުގައިވާ ސަވާބާއި މަތިވެރިކަމަށް ޓަކަ ހަށިގަނޑުގެ އެންމެހައި މާއްދީ އެދުންތައް އެއްކިބާކުރެވޭތޯ މަސައްކަތްކުރާން ޖެހޭ މަހެކެވެ.
އެއްވެސް ޝައްކެއްނެތް ގޮތުގައި ރޯދައަކީ އަޅުގަނޑުމެންގެ ޢަޒުމު ހަނުލައި ތޫނުކުރުމަށް ތަނަވަސްވެފައިވާ މައިދާނެކެވެ. އެއީ ﷲގެ ސާފު ސީދާ މަގަށް ހުރަސްއަޅާ ޝައިޠާނާގެ މަގުތަކުން ރައްކައުތެރިކަމާ އެކު، ދަތުރުކުރުމަށް ޓަކައި ނަފުސު ތައްޔާރުކުރުމަށް ލިބޭ ތަމްރީނުތަކެކެވެ. އެއީ ޝަހުވަތްތަކުގެ ދަލުގައި ނުޖެހި ދަތުރު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހަކަތަ ލިބިދޭ ތަޤްވާވެރިކަމުގެ ހިޔާވައްސެވެ. ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ. (( يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ - (البقرة: 183) - އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرضކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ فرضކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށް ޓަކައެވެ. ((
ރޯދަވެރީންނޭވެ! ((لعلكم تتقون - ތިޔަބައިމީހުން تقوىވެރި ވުމަށް ޓަކައެވެ.)) މި ބަސްފުޅާ މެދު ވިސްނައިލުމަށް ހުއްޓިލަމާ ހިނގާށެވެ! މަސްއަލައަކީ ކެއުން ބުއިމެއްނޫނެވެ. ފަތިސްވާ ވަގުތުން ފަށައިގެން ގޮސް އިރު އޮއްސެންދެން ކެއުމާއި ބުއިމާއި ތިމާގެ ނަފުސާނީ އެދުންތައް ފަސްކޮށްލުމެއްނޫނެވެ. އެއީ ހައިހޫނުކުރުވުމެއް ނޫނެވެ. އެއީ ޖިންސީ ޙަލާލު އެދުމަކުން ވަގުތުކޮޅަކަށް ޙިރްމާންކުރުމެއް ވެސް ނުމެނޫންމެއެވެ. އެއަށް ވުރެ މާ ބޮޑު ކަމެކެވެ. އެއީ އިންސާނާގެ އީމާންކަމާއި ތަޤްވާވެރިކަމެވެ. އެއީ ޟަމީރުތައް ދިރުވުމަށް ބޭނުންވާ ޢަޒުމާއި ސާބިތުކަމެވެ.
ތަޤްވާއަކީ އެންމެ ވަރުގަދަ މައިތިރިއެވެ. އެއީ ދުރާލައި އިންޒާރުދޭ ނިޒާމެވެ. އެއީ ޝައިޠާނާގެ މިސައިލްތަކުން އިންސާނާ ޙިމާޔަތް ކޮށްދޭ ކިއްލާއެވެ. ޝައިޠާނާގެ ވަސްވާސްތަކުންނާއި މަގުފުރެއްދުމުގެ ފިތުނަތަކުން އިންސާނާ ރައްކައުތެރިކޮށް ބަލަހައްޓާ ހަށިފާރަވެރިޔާއެވެ.
ކީރިތި ޤުރްއާނުގެ އާޔަތްތަކާމެދު ވިސްނާ ކޮންމެ މީހަކަށް ﷲގެ ޙަޟުރަތުގައި ތަޤްވާވެރިކަމުގެ މަޤާމު ވަޒަންކުރާކަށް ދައްޗެއް ނުވާނެއެވެ. މާތްﷲގެ ޙަޟްރަތުގައި އެންމެ މާތް މީހަކީ އެންމެ ތަޤްވާވެރި މީހާއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ((إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ - الحجرات :13 - ހަމަކަށަވަރުން، اللَّهގެ حضرةގައި ތިޔަބައިމީހުން ކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުން ކުރެ އެންމެ تقوىވެރި މީހާއެވެ.))
އެހެންވީމާ ތަޤްވާއާ ނުލައި އިންސާނާގެ އަގަކީ ކޮބައިހެއްޔެވެ؟ އީމާންކަމާ ނުލައި އިންސާނާގެ އަގަކީ ކޮބައިހެއްޔެވެ؟ ރޯދައިގެ ސަބަބުން ﷲ ދެކެ ބިރުގަތުމާއި ﷲއަށް ތައުބާވުމާއި ﷲގެ ޙަޟުރަތަށް އެނބުރި ނުދެވޭ ނަމަ ރޯދައިގެ އަގަކީ ކޮބައިހެއްޔެވެ؟ ރޯދައިގެ ސަބަބުން ނަފުސު ޠާހިރުނުވާ ނަމަ، ﷲގެ ތަރާދުގައި ތިބާގެ ބަރުދަނަކީ ކޮބައިހެއްޔެވެ؟
ލަފުޒެއްގެ މާނަ:
ތަރާދު ނ. (1) ރަންރިހި ފަދަ އަގުހުރި އެއްޗެއްސާއި ބޭސް ފަދަ ތަކެތީގެ މަދުމިންވަރެއް ކިރަން ގެންގުޅޭ ވަރަށް ކުޑަ ތިލަފަތެއް. (2) އަންހެނުންގެ ލިބާސް ކަނޑާފޮތި ވިޔުމުގައި ކުލަ ބަދަލުވެލައިފައި ހުންނަ ތަން.