ad_banner
މުސްލިމުންނާއި މުތައަސްލިމުން

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

18 އޭޕްރިލް 2025

މުސްލިމުންނާއި މުތައަސްލިމުންނަކީ ތަފާތު ދެ ފިކުރެކެވެ. ރާއްޖެއިން ވެސް މި ދެ ބާވަތް ފެނެއެވެ.

ފަހަކަށް އައިސް މުސްލިމުންނާ މުތައަސްލިމުން މަސްހުނިކޮށް ދެ ލަފުޒުގެ މަފުހޫމު އޮޅުވައިލުން ގިނަވަމުންދާ ތަން ފެނެއެވެ. މި ދެ މަފުހޫމު އޮޅުވައިލުމުގެ ސަބަބުން ދައްކާން ޖެހޭ އަދި ދައްކަމުންދާ އަގު ވަރަށް ބޮޑެވެ. އޮހުރުވޭ ލޭތައް ވަރަށް ގިނައެވެ. މި މުޞީބަތުގެ ސަބަބުން ކަތިލެވެމުންދާ ގިނަ މީހުންނަކީ ޞުލްޙައަށް ލޯބިކުރާ މުސްލިމުންނެވެ. ހައްދުފަހަނަޅައިފައިވާ މަދު މުތައަސްލިމުންނެއްނޫނެވެ.

ތަފާތަކީ ކޮބާ؟

މުސްލިމުންނަކީ އެ މީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތާ ކުއްތަންވުމަށް ޓަކައި ދީނީ ކަންތައްތަކުގައި ހިފަހައްޓައިގެން އުޅޭ ބަޔެކެވެ. މުސްލިމުން ދެކޭ ގޮތުގައި އެއީ އެ މީހުންގެ ރޫޙާނީ ހަކަތަ ވަރުގަދަކުރުމަށް ޓަކައި ލިބިގެންވާ ވަސީލަތެކެވެ. އެއީ އެ މީހުންގެ ނަފުސާނީ ތަވާޒުނު ހިފެހެއްޓުމަށް ޓަކައި މުހިންމު ބަހާއެކެވެ. މިއާ ޚިލާފަށް މުތައަސްލިމުން ދެކޭ ގޮތުގައި ދީނަކީ ވެރިކަމުގެ ބާރުތަކާ ގާތްވުމަށް ލިބިގެންވާ ވަސީލަތެކެވެ. އެއީ ގޮނޑިއަށް އެރުމަށް ޓަކައި ބޭނުންކުރާން ލިބިފައިވާ އުސް ހަރުގަނޑެކެވެ.

މުސްލިމުން ދެކޭ ގޮތުގައި ދީނަކީ ޝަޚުޞިއްޔަތު ތަރައްޤީކުރުމަށް ޓަކައި ލިބިފައިވާ ގިޔަމުތަކަކާއި އަޚުލާޤީ އުޞޫލުތަކެކެވެ. މުތައަސްލިމުން ދެކޭ ގޮތުގައި ދީނަކީ ހަޔާތްކަނޑައިލުމަށާއި، އެ މީހުންގެ ރައުޔާއި ސިޔާސީ މާގައަށް ތާއީދުނުކުރާ މީހުންގެ އަބުރަށް އަރައިގަތުމަށާއި، އެ މީހުންނަށް ފުރައްސާރަކުރުމަށް ލިބިގެންވާ ބަހަނާއެކެވެ.

މުސްލިމުން ދެކޭގޮތުގައި އެ މީހުންނަށް އިސްލާންދީނުން މި ސިންދަފާތު ޢާލަމަށް ބޭނުންވާ ތަސާމުޙާއި ތަޢާރުފު ފެނެއެވެ. ދުނިޔޭގެ އެތަންމިތާނގައި އުޅޭ މުސްލިމުންގެ ކިބައިން ފެންނަ ގުޅިގެން އުޅުމުގެ ރީތި މަންޒަރު މި ފެންނަނީ އިސްލާންދީނުގައި އައިސްފައިވާ ((يَٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ [1]ۚ - އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ.)) މި ބަސްފުޅާ އެއް ގޮތަށް އުޅުމުންނެވެ. މުސްލިމުންނާ ޚިލާފަށް މުތައަސްލިމުން ދީން ބޭނުންކުރަނީ ގައުމުތައް ބައިބައިކުރުމަށާއި މުޖުތަމަޢުގައި  ފިތުނައާއި ނަފުރަތްތެރިކަން ފެތުރުމަށް ޓަކައެވެ.

މުސްލިމުން އެންމެންނަށް ވެސް އެދެނީ ޙަޔާތެވެ. ދިރުމާއި ދިރިއުޅުމެވެ. މިއާ ޚިލާފަށް މުތައަސްލިމުން އެދޭނީ އެހެންމީހުންނަށް މަރާއި ނެތިވެދިޔުމެވެ.

މުސްލިމުން ބަލާނީ ކުރިމަގަށެވެ. އެހެނަސް މުތައަސްލިމުން ބަލާނީ މާޒީއަށެވެ. މުސްލިމުން މަސައްކަތްކުރާނީ އެ މީހުންގެ ވަޠަން ބިނާކުރުމަށެވެ. އެ މީހުންގެ ގައުމު ކުރިއަރައިފައިވާ ގައުމަކަށް ހެދޭތޯއެވެ. އެހެނަސް މުތައަސްލިމުން އުޅޭނީ އެމީހުންގެ މަޞްލަޙަތު ނެތް މުޖްތަމަޢެއް ނަމަ، އެ މުޖްތަމަޢެއް ހަލާކުކޮށް ޚަރާބުކުރެވޭތޯއެވެ. ޢިރާޤާއި ލުބުނާނު ފަދަ ތަފާތު މަޒުހަބުތަކުގެ މީހުން ދިރިއުޅެމުން އައި ގައުމުތަކަށް ބަލައިބަލާށެވެ. ކުރީ ޒަމާންތަކުގައި މަޒުހަބީ ދެބަސްވުންތަކުގެ ގިނީގައި އެ މުޖްތަމަޢުތައް ބައިބައިވެގެން ހަލާކުވެގެން ގޮސްފައެއް ނުވެއެވެ. މިއަދު މި މަންޒަރު ވަނީ ބަދަލުވެފައެވެ. މުތައަސްލިމު ޖަމާޢަތްތަކުން ގައުމު ދަނީ ހަލާކުކުރަމުންނެވެ.

މުސްލިމުން ދީނާ އެކު މުޢާމަލާތުކުރަމުންދަނީ އެއީ އަތްލެވޭ ވަރަށް ވުރެ، މަތިވެރި ގިޔަމެއް ކަމުގައި ދެކެގެންނެވެ. މިއާ ޚިލާފަށް މުތައަސްލިމުން ދެކޭ ގޮތުގައި ދީނަކީ އައިޑިޔޮލޮޖީއެކެވެ. އަދި ބަންދު މުއައްސަސާއެކެވެ. މުސްލިމުން ދައުލަތުގެ ފިކުރަށް އީމާންވާ އިރު، މުތައަސްލިމުން ބަލައިގަންނަ ފިކުރަކީ މިލީޝިޔާ (ނުވަތަ ހަތިޔާރުއެޅި ޖަމާޢަތް)އެވެ. ޖިހާދުގެ ޝިއާރުގެ ދަށުން މުތައަސްލިމުން ދިރިއުޅޭން ބޭނުންވާނީ ދާއިމީ ހަނގުރާމައެއްގެ ވިލާގަނޑެއްގެ ދަށުގައެވެ. މުސްލިމުން އޯގާވެރިކަމަށާއި ލޯތްބަށާއި އަޅައިލުމަށް ގޮވައިލާ އިރު، މުތައަސްލިމުން ބޭނުންވާނީ ހަރުކަށި ޢަމަލުތަކާއި ލޭއޮހޮރުވުންތައް ކުރިއަށް ގެންގޮސް ޞުލްޙައެއްނެތް ހަނގުރާމައެއް ނެތް ޙާލަތެއްގައި މުޖްތަމަޢު ބޭއްވުމަށެވެ.

ތަފާތު ދެނެގަތުން މުހިންމު

މުސްލިމުންނާއި މުތައަސްލިމުންގެ ތަފާތު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ދިވެހިރާއްޖެ ފަދަ ޤުދްރަތީ މުއްސަނދިކަން ކުޑަ، އާބާދީ މަދު،  ބިންކޮޅު ކުޑަ، ހާވިޔާވެފައިވާ ކުދިކުދި ރަށްތަކެއްގެ ގޮތުގައި އޮތް މުސްލިމު ގައުމަކަށް މިއީ ވަރަށް މުހިންމު ކަމެކެވެ. ދިވެހިރާއްޖެ ސައްތަ އިން ސައްތަ ސުންނީ މުސްލިމު ގައުމެއްގެ ގޮތުގައި ދެމި އޮންނާތީ އެ ކަމާ މެދު ޙަސަދަވެރިވާ ފަރާތްތަކެއް (ބާރުތަކެއް) ވެއެވެ. މި ފަދަ ބާރުތަކުން ރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ޚަރާބުކުރުމަށް ކުރާ މަސައްކަތުގައި މުތައަސްލިމު ބާރުތައް އުފައްދައިގެން ސީދާކޮށްނާއި ނުސީދާކޮށް މަސައްކަތްކުރަމުންދާ ގޮތްތަކާއި ބޭނުންކުރާ ވަސީލަތްތަކާ މެދު  އަޅުގަނޑުމެން ވިސްނާންޖެހޭނެއެވެ.

މުސްލިމުން މަސައްކަތްކުރާނީ އެމީހުންގެ ގައުމުތަކުގައި އިސްލާމީ ޝަރީޢަތާ އެއް ގޮތަށް   ޤަޟާއީ ދާއިރާތައް ހިންގުމަށެވެ. ޝަރީޢަތާ ފުށުއަރާ ޙުކުންތައް ހިމެނޭ ވަޟަޢީ ޤާނޫނުތައް ނައްތައިލާށެވެ. މުތައަސްލިމުން މަސައްކަތްކުރާނީ އިސްލާމީ ޝަރީޢަތުން ބޭރަށް މި ކޯޓުތަކުގެ އިޖްރާތުތަކާއި ޙުކުންތައް ލެވޭތޯއެވެ. މަދަނީ ޤާނޫނުތަކާއި ވަޟަޢީ ގަވައިދުތައް ތަޢާރުފުކޮށް އެ ކަންކަމުގެ ސަބަބުން ލިބޭ ލުއިފަސޭހަކަން ބަޔާންކޮށްދީގެންނެވެ. މުތައަސްލިމު ބާރުތަކުން ހޭވައްޓައިލައިފައި މަސައްކަތްކުރާނީ އިސްލާމީ ޝަރީޢަތާ މުސްލިމުން ބީރަށްޓެހިކުރެވޭތޯއެވެ.

މުސްލިމުން މަސައްކަތްކުރާނީ އެ މީހުންގެ ދަރީން އިސްލާމީ ތަރުބިޔަތުގެ މަތީގައި ބޮޑުކުރުމަށެވެ. އެ ކުދީންގެ ފައިތިލަތައް މި ދީނުގެ މެދުމިން އުޞޫލުތަކުގެ މަތީގައި ސާބިތުކުރެވޭތޯއެވެ. އެ ކުދީންނަށް އުނގަންނައިދެވޭ  ޢިލްމާއި މާރިފާއާ އެއް ގޮތަށް އެ ކުދީންގެ އުޅުމާއި ގުޅުމާއި ސުލޫކާއި އަޚުލާޤު ބައްޓަންކުރެވޭތޯއެވެ. ﷲގެ ގިއުގަނޑުގެ ތެރޭގައި މި ތަޢުލީމު ދިނުމަށެވެ. މި ކަމަށް ޓަކައި މުދައްރިސުންނާއި މުރައްބީންނާއި މައިންބަފައިންގެ ކިބައިން ހެޔޮ ނަމޫނާ ފެންނާން ޖެހޭނެއެވެ. މުތައަސްލިމުން މި ތަރުބިޔަތުގައި ޢިލްމާއި ޢަމަލު އެއްފަސްކުރާކަށް މަސައްކަތެއް ނުކުރާނެއެވެ. އެ މީހުން އިސްކަންދޭނީ ސަނަދަށާއި ކަރުދާސްކޮޅަށެވެ. ވަޒީފާއަށެވެ.

މުސްލިމަކީ އޭނާގެ ވެރިރަސްކަލާނގެއާ އެކު، ގުޅުންތައް ދަމަހައްޓާ ހެޔޮލަފާ މުވާޠިނެކެވެ. މުތައަސްލިމަކީ އޭނާގެ "މުރީދު"އާ ގުޅުން އޮންނަ މީހެކެވެ. އެމީހުން ތަޢުލީމީ މުއައްސަސާތަކުގެ މައްޗަށް ވެރިވެގަންނަނީ މީސްތަކުންގެ ސިކުނޑިތައް ދޮވެލުމަށެވެ.

އިސްލާންދީނަކީ މަތިވެރި ދީނެކެވެ. މި ދީން ގޮވައިލަނީ ފަރުދުންނާއި ޖަމާޢަތުގެ ކާމިޔާބީއަށެވެ. މި ދީން ގޮވައިލަނީ އިސްލާމީ އުޞޫލުތަކުގެ ތެރެގައި ފަރުދީ މިނިވަންކަމާއި ޖަމާޢަތީ މިނިވަންކަން ދެމެހެއްޓުމަށެވެ. ތަސާމުޙާއި ބާއްޖަވެރިކަމުގެ ނާރެހުގައި ދިރިއުޅުމަށެވެ. އެކަހެރިވުމާއި ބައިބައިވުމާއި ނަފުރަތްތެރިކަމުގެ މައިދާނުން ބޭރުވުމަށެވެ.

______________________________

ބައެއް ލަފުޒުގެ މާނަ

މާގަ       ނ.    މައްސަލައެއް ޙައްލުކުރުމުގައި ނުވަތަ ކަމެއް ކުރުމުގައި ވިސްނުން ބަހައްޓާ ނުވަތަ ޢަމަލުކުރާ ގޮތް.

ތަވާޒުނު     ނ.    ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން.

ގިޔަމު      ނ.    ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް.

ސިންދަފާތު   ނ.    އިންސާނުންނާއި އެއްޗެއްސާއި ކަންކަމާއި ތަންތަނުގެ ނިސްބަތުގައި، މައިގަނޑު ގިންތިއެއް ނުވަތަ ޖަމާޢަތެއްގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި ވައްތަރުތައް ނުވަތަ ގޮތްތައް ތަފާތުވެ ގިނަގުނަ ވެގެންވާ ވުން.

 މަރުޖާ:

[1]  - الحجرات : 13

ކޮމެންޓު