ad_banner
ތަޢުލީމުގެ ބޭނުމާއި މަގުސަދުގެ މައްޗަށް ވަރަށް ޚާއްޞަ ތަގުރީރެއް މިރޭ ސަލްމާނު މިސްކިތުގައި!

އަބާ މުޙަންމަދު

17 އޭޕްރިލް 2025

ސަލަމާން ރަސްގެފާނު މަރުކަޒު: ޒުވާން ޝައިޚޫން މި ރޭ ތަޤުރީރުކުރައްވާނީ މި މަރުކަޒުގެ އޮޑިޓޯރިއަމުގައެވެ.

ތަޢުލީމުގެ މަގުސަދަކީ ކޮބައިކަން އަޅުގަނޑުމެންނަކަށް މިހާރަކު ދެނެގަންނާކަށް ފަސޭހައެއް ނޫނެވެ. ގިނަ މީހުންގެ ނަޒަރުގައި ތަޢުލީމުގެ މަގުސަދަކީ ރަނގަޅު އާމްދަނީއެއް ހޯދުމެވެ. ރަނގަޅު ވަޒީފާއެއް ހޯދުމެވެ. ނުވަތަ މޮޅު މަސައްކަތެއް ދަސްކުރުމެވެ. އަދި އަނެއް ބަޔަކު ގަބޫލުކުރަނީ އެއީ މަތީ މާކުސްތަކެއް ހޯދުންކަމުގައެވެ. ނަމަވެސް އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ތަޢުލީމުގެ ގައުމީ މަންހަޖުގައި ތަޢުލީމުގެ މަގުސަދާއި ބޭނުން ބަޔާންކުރައްވައިފައިވަނީ އެއަށް ވުރެ މާ ފުޅާކޮށެވެ.

ވިސްނައިވަޑައިގަތުން ހުއްޓެވެ! އެންމެ ފުރިހަމަ ޞޫރައިގައި މާތް ﷲ އިންސާނުން ޚަލްޤުކުރައްވައި ދުނިޔެއަށް ފޮނުއްވީ އެކަލާނގެ ޚަލީފައިންގެ ގޮތުގައެވެ. އެހެންކަމުން ދުނިޔެ ތަޢުމީރުކުރުމަކީ އިންސާނުންގެ މައްޗަށް ވާޖިބުކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿ وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً ۖ قَالُوا أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ﴾  ("ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެ ހިނދު) ދެންނެވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް ޙަމްދާ އެކު ތަސްބީޙަކިޔައި، އިބަރަސްކަލާނގެއަށް ތަޤުދީސުކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.") (البقرة:30)  މި އާޔަތުން އެނގެނީ އިންސާނުން މި ބިންމަތީގައި ލެއްވީ އެ ކަލާނގެ ޚަލީފާއެއްކަމުގައެވެ. އެހެންކަމުން ދުނިޔޭގެ ކަންކަން ހެޔޮ ގޮތުގައި ބަލަހައްޓައި ދުނިޔެ ތަޢުމީރުކުރުމަކީ އޭނާގެ މައްޗަށް ވާޖިބު ކަމެކެވެ. ﷲއަށް ޓަކައި މި ކަން ކުރާ ނަމަ، އެއީ ﷲއަށް ޓަކައި ކުރެވޭ އަޅުކަމަކަށް ވާނެއެވެ.

އެހެން އާޔަތެއްގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ﴾  "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ." (الذاريات: 56)

މި ދެ އާޔަތުން އަޅުގަނޑުމެންނަށް ދަލީލު ލިބެނީ ދުނިޔެ އާރާސްތުކޮށް މި ދުނިޔޭގައި ހެޔޮ ގޮތުގައި އުޅޭނެ ގޮތުގެ ޢިލްމާއި ހުނަރު އިންސާނުން ހޯދުމަކީ ލާޒިމުކަމެއްކަމުގައެވެ. އަދި މާތް ﷲއަށް ހެޔޮ ގޮތުގައި އަޅުކަންކޮށް އާޚިރަތް ބާއްޖަވެރިކުރާނޭ ގޮތް ކޮންމެހެން ވެސް ދަސްކޮށް އުނގެނޭން ލާޒިމުކަމެވެ. އެހެންކަމުން ތަޢުލީމުގެ ހަގީގީ ބޭނުން މި ދެ އާޔަތުން ވަރަށް ރީތިކޮށް އެބަ ދޭހަވެއެވެ.

ތަޢުލީމުގެ ބޭނުމާއި މަގުސަދުގެ މައްޗަށް އިލްމުވެރި ޒުވާނަކު ދެއްވާ ވަރަށް ޚާއްޞަ، "އާންމު ތަގުރީރެއް މިރޭ 8:30ގައި ސަލްމާނު ރަސްގެފާނު މަރުކަޒު (ސަލްމާނު މިސްކިތް)ގައި ބާއްވާ ގޮތަށް ހަމަޖެހިފައި ވެއެވެ. މިއީ "ފަރަގު މީޑިއާ"ގެ އެހީތެރިކަމާ އެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބާއްވާ އާންމު ތަގުރީރެކެވެ. މި ތަގުރީރު އަޑުއެހުމަށް މަތީ ތަޢުލީމުގެ ދަރިވަރުން ހާޒިރުވުން ވަރަށް މުހިންމެވެ. އަދި ޒުވާން އިމާމުންނާއި އެންމެހައި ޚަޠީބުން މި ތަޤުރީރު އަޑުއައްސަވާން ވަޑައިގަތުން ވަރަށް މުހިންމެވެ.

ޒުވާނުންނަށް ހުރިހައި ދާއިރާއެއްގައި، އަދި ވަކީން ޚާއްޞަކޮށް ޢިލްމީ ގޮތުން ކުރިއެރުންތައް ހޯއްދަވައިދެއްވުމަށް ޓަކައި ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ތަންފީޒުކުރައްވާން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ދެއްވާ އިސްކަން މިކަމުން ވެސް ވަރަށް ބޮޑަށް ހާމަވެއެވެ. މި ކަމަށް ޓަކައި  އެ މަނިކުފާނަށް ފަރަގު މީޑިއާގެ ނަމުގައި ޝުކުރުދަންނަވަމެވެ. މާތް ﷲ އެ މަނިކުފާނުގެ މަސައްކަތްޕުޅުގައި ބަރަކާތްލައްވާށިއެވެ! 

މިއީ މުހިންމު ތަޤުރީރެކެވެ. ތަޤުރީރުދެއްވާނީ ވަރަށް މަޝްހޫރު ދިވެހި ޢިލްމުވެރިއެއްކަމަށްވާ ޑރ. ޢަބްދުލްޣަފޫރުގެ ޒުވާން ތަޢުލީމީ ދަރިކަލުން ޝައިޚޫން ޢަބްދުލްޣަފޫރެވެ. ދުނިޔޭގައި އިންސާނުން ވާހަކަދައްކައި އުޅޭ ހަ ބަހަކުން މުޢާމަލާތުކުރައްވާން ދެނެވަޑައިގަންނަވާ ޝައިޚޫނަކީ އޮސްޓްރޭލިއާގެ އިސްކޫލެއްގައި ކިޔަވައިދެއްވާ ތަޖުރިބާކާރު ޓީޗަރެކެވެ. އެހެންކަމުން ތަޢުލީމުގެ ބޭނުމާއި މަގުސަދުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅުދައްކަވާން މިއީ ވަރަށް އެކަށީގެންވާ ބޭފުޅެކެވެ.

މި ތަގުރީރު ފޭސްބުކުން ލައިވްކުރެވޭތޯ ފަރަގު މީޑީއާއިން މަސައްކަތްކުރާނެއެވެ. އަޅުގަނޑު އުންމީދުކުރަނީ ޒުވާން ޚަޠީބުންނާއި ހުރިހައި އިމާމުންނާއި ޙާފިޒުންނާއި ޤުރުއާން ޙިފުޒުކުރާ ހުރިހައި ދަރިވަރުންނާއި މި ތަޤުރީރު އަޑުއައްސަވާން ޙާޒިރުވެވަޑައިގަންނަވާނެކަމަށެވެ.

ކޮމެންޓު
ކޮމެންޓުތައް
ޚާލިދު އަޙްމަދު
17 އޭޕްރިލް 2025 13:33
ވަރަށް ރަނގަޅު ފުރުސަތެއް، ވީހާ ގިނަ ބޭފުޅުން ވަޑައިގަތުމަށް އަޅުގަނޑު ވެސް ދަންނަވަން.