ad_banner
"އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާން އެހީތެރިވުން އިސްލާމީ އުންމަތަށް ވާޖިބު" - ދީނީ ފަތުވާ

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

17 އޭޕްރިލް 2025

ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިޔާ فضيلة الشخ الدكتور علي محيي الدين القره داغي

އިސްރާއިލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެއްވެސް މީހަކު އެތެރެވުން މަނާކުރުމަކީ ތާރީޚީ ނިންމުމެކެވެ. އެއީ ނިންމާން ފަސޭހަ ނިންމުމެއް ނޫނެވެ. އަދި އެ ކަމުން އިސްރާއީލަށް މާބޮޑު އަސަރެއް ވެސް ނުކުރާނެއެވެ. ނަމަވެސް މި ކުޑަކުޑަ ރާއްޖެއަކީ އިސްރާއީލުގެ ޢަމަލުތަކާ ދެކޮޅު، އަދި އުޚުއްވަތްތެރި ފަލަސްތީނާ އެއްބައިވަންތަ ބަޔެއްކަމުގެ މެސެޖު ދުނިޔެއަށް ލިބުމަކީ ވެސް ކުޑަ ކަމެއް ނޫނެވެ. މި ޚަބަރު ދުނިޔޭގެ ބޮޑެތި ހުރިހައި މީޑީއާއަކުން ގެންސްދިނެވެ. ސަރުކާރުގެ މި ހިތްވަރުގަދަ ނިންމެވުން ދިވެހި ރައްޔިތުންގެ އަޣުލަބިއްޔަތު ބަލައިގަނެ، ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ތަހުނިޔާ ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މައްސަލައަށް ދެއްވި ސަމާލުކަން ހާމަވީ ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރެއްވުމާ އެކު، އެ ދުވަހުން އެ ދުވަހަށް އެ ބިލު ފާސްކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވީމައެވެ. އެހެން ނޫންނަމަ، އެ ބިލާ މެދު ގޮތެއް ނިންމަވާން ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް 14 ދުވަސް ލިބިވަޑައިގަންނަވާތީ އެ ބިލު ތަޞްދީޤު ނުކުރައްވައި ފަސްވެސްކޮށްލެއްވިއްޖައީހެވެ. އެހެންކަމުން އެ ކަމަށް ރައީސް ދެއްވި އަހަންމިއްޔަތު އެ ކަމުން ހާމަވިއެވެ.

ސަރުކާރުން އެ އޮތީ އެ ކަން ކުރައްވައިފައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ޢިލްމުވެރީންގެ ކިބައިން އަދި މި ކަމާ ބެހޭ ފަތުވާއެއް ނުނެރުއްވައެވެ.

އެހެންނަމަވެސް ދުނިޔޭގެ ނަންހިނގާ ގަދަރުވެރި މަޝްހޫރު ޢިލްމުވެރީން މި ވަނީ ނާދިރު ފަތުވާއެއް ނެރުއްވައިފައެވެ. އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ހިންގަމުންގެންދާ، (18 މަސް ދުވަހަށް ދެމިގެން މިދާ)، ނަސްލުހޭދުތައް އޭގެ އެންމެ ނުރައްކާތެރި ހިސާބަށް ގޮސްފައިވާ މި ދަނޑިވަޅުގައި މުސްލިމުންނަށާއި މުސްލިމު އަޣުލަބިއްޔަތު ލިބިފައިވާ ގައުމުތަކަށް ޢިލްމުވެރީން ފަތުވާ ނެރުއްވައިފައިވަނީ އިސްރާއީލާ ދެކޮޅަށް ޖިހާދުކުރުން ލާޒިމުވެއްޖެކަމަށާއި އެ ކަމަށް އެހީވުމަށެވެ.

ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިއެއްކަމަށްވާ، يوسف القرضاوي (ޔޫސުފު އަލްޤަރުޟާވީ) އިސްވެ ހިންގެވި އިންޓަރނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޮލާރސްގެ މިހާރުގެ އަމީންޢާންމު އަދި ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިޔާ علي محيي الدين القره داغي (ޢަލީ މުހޫޔިއްދީން އަލްޤަރާދާޣީ) ހުރިހައި މުސްލިމު ޤައުމުތަކަށް މި ދިޔަ ހުކުރުދުވަހު ގޮވައިލައްވައިފައިވަނީ އިސްރާއީލުން ހިންގަމުން ގެންދާ ނަސްލުހޭދާއި ފަނާކުރުމުގެ ޢަމަލުތައް ހުއްޓުވުމަށް ޓަކައި އަސްކަރީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ހަމަ މިހާރުން މިހާރަށް އެ ކަމަށް ތަދައްޚުލުވުމަކީ އިސްލާމީ ގައުމުތަކުގެ ޙަވާލަތެއްކަމަށެވެ. 

އިންޓަރނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޮލާރސްގެ ފަރާތުން علي القره داغي އިއްވެވި 15 ނުކުރާގެ މައްޗަށް އެކުލެވޭ ފަތުވާ (ދީނީ ޤަރާރު)ގައި ވިދާޅުވެފައިވަނީ ޣައްޒާގައި ދިރިއުޅޭ އަހަރެމެންގެ ނިކަމެތި އަޚުންނާއި އުޚުތުންނާ ދެކޮޅަށް ހިންގާ ފަނާކުރަނިވި ޢަމަލުތައް ހިންގައި މުޅި ރަށް ސުންނާފަތިކޮށް ފަލަސްތީނުގެ ނަސްލުނައްތައިލުމަށްޓަކައި ނަސްލުހޭދު ހިންގަމުން ދާއިރު ޣައްޒާއަށް އެހީތެރިކަމެއް ފޯރުކޮށްނުދެވުމަކީ ޢަރަބި އުންމަތާއި އިސްލާމީ ސަރުކާރުތަކުގެ ވަރަށް ބޮޑު ނާކާމިޔާބީއެއްކަމަށެވެ. އިސްރާއީލުގެ މި ނުބައި ޢަމަލުތަކަކީ އިސްލާމީ ޝަރީޢާތުގައި އެންމެ ބޮޑު ޖަރިމާއެއްކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

علي القره داغيއަކީ އިސްލާމީ އެންމެ މަތީ ޢިލްމުވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އެންމެ އިޙުތިރާމް ލިބިވަޑައިގެންވާ، މަތިވެރި ޢިލްމުވެރިއެކެވެ. އަދި އޭނާގެ ބަހަކީ ދުނިޔޭގެ 1.7 މިލިއަން މުސްލިމުންގެ ކުރިމަތީގައި ފާހަގަކޮށްލެވޭ ފަދަ ބުރަދަނެއް ހުރި އެއްޗެއްކަމުގައިވެއެވެ.

ފަތުވާއަކީ ކީރިތި ޤުރުއާނާއި ކައުއިތުރު ރަސޫލާގެ ސުންނަތުގެ އަލީގައި ނެރުއްވާ ޝަރުޢީ ޙުކުމެކެވެ. ނަމަވެސް ފަތުވާއަކީ ޝަރުޢީ ކޯޓުތަކުން ޤާޟީ އިއްވަވާ ޙުކުމާ ޚިލާފަށް ތަންފީޒުކުރުން ޤާނޫނީ ގޮތުން ލާޒިމު އެއްޗެއް ނޫނެވެ. ނަމަވެސް ފަތުވާއަކީ ދީނުގައި ކަން އޮތްގޮތް ބަޔާންކުރައްވައި ނެރުއްވާ ޤަރާރެކެވެ. ފަތުވާއަކަށް ޢަމަލުނުކޮށްގެން ޤާނޫނީ ގޮތުން ކުށްވެރި ނުވިޔަސް އެއީ ދީނުގައި ކަން އޮންނަ ގޮތް ބަޔާންކުރާ ޙުކުމެއްކަމަށްވާތީ ހަގީގަތުގައި އެއަށް މުސްލިމުން ޢަމަލުކުރުން ދީނީ ގޮތުން ލާޒިމުވާނެއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ގަތުލުޢާންމު ހިންގައި މުޅި ރަށް ސުންނާފަތިކުރަމުންދާ މުޝްރިކު ދުޝްމަނުން (އިސްރާއީލު)އަށް އެއްވެސްގޮތަކުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ޙަރާމްކަމެކެވެ." ޤަރާދާޣީ އިއްވެވި ފަތުވާގައި ވިދާޅުވެފައިވެއެވެ.

"އިސްރާއީލަށް އެއްވެސް ބާވަތެއްގެ ހަތިޔާރެއްވިއްކުމާއި އެ މީހުންގެ ދަތުރުފަތުރަށް އެހީވެދިނުމާއި ބަނދަރުތަކާއި ސުއޭޒުކެނެލާއި ބާބުލްމަނަދަބާއި ހުރުމޫޒު ކަނޑުއޮޅި ފަދަ ބައިނަލްއަގުވާމީ ކަރުނާލުތަކާއި، އެއްވެސް ބިމަކާއި ކަނޑާއި ވައިގެމަގުން ދަތުރުފަތުރުކުރާން އިސްރާއީލަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ވެސް ޙަރާންކަމެކެވެ." އެ ފަތުވާގައި ވެއެވެ.

"ކޮމެޓީ (އިންޓަރނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޮލާރސް)އިން މި ފަތުވާ މި ނެރެނީ ޣައްޒާގައި ދިރިއުޅޭ ނިކަމެތި އަޚުންނާއި އުޚުތުންނަށް އެހީތެރިވުމަށް ޓަކައި، އެ ތަން އިސްތިޢުމާރުކޮށްގެނ އުޅޭ (މުޝްރިކު) ދުޝްމަނުންނަށް ވަޔާއި ބިމާއި ކަނޑު ބަންދުކުރުމުގެ ބޭނުމުގައެވެ." ފަތުވާގައި އަިއސްފައިވެއެވެ.

އިތުރު 14 ޢިލްމުވެރީންގެ ސޮޔާއެކު ނެރުއްވައިފައިވާ މި ފަތުވާގައި މުސްލިމު ހުރިހައި ގައުމުތަކަކަށް ގޮވައިލައްވައިފައިވަނީ އިސްރާއީލާ އެކު ހަދައިފައިވާ "ސުލްޙައިގެ ހުރިހައި އެއްބަސްވުންތަކެއް" އަލުން މުރާޖާކުރުމަށެވެ. އަދި އެމެރިކާގައި ދިރިއުޅޭ ހުރިހައި މުސްލިމުންނަށް ގޮވައިލައްވައިފައިވަނީ ރައީސް ޑޮނަލްޑް ޓުރަންމު ވެފައިވާ ރިޔާސީ ވަޢުދުތައް ފުއްދުމަށް ޓަކައި އޭނާއަށް ފިއްތުންތައް ކުރިމަތިކުރުމަށެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ޓުރަންޕު ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ މުސްލިމުންގެ ވޯޓާ އެކުގައެވެ. މުސްލިމުން ވޯޓުދިނީ، އޭނާ ރައީސަކަށް ހޮވައިފި ނަމަ، ޣައްޒާގައި ހިގަމުންނާ "ހަނގުރާމަ" ހުއްޓުވާނެކަމަށް މުސްލިމުންނަށް ވަޢުދުވީމައެވެ.

ދުނިޔޭގެ ބޮޑެތި ބޮޑެތި މުއްސަނދި ގައުމުތަކަށް ދިވެހި ސަރުކާރުން އެޅިވަރުގެ ފިޔަވަޅެއްވެސް އޅާކަށް ނުކެރުނެވެ. އެހެންކަމުން އިސްރާއީލުގެ ޕާސްޕޯޓު މަނާކުރައްވާން ރައްޔިތުންގެ މަޖިލީހާއި ރައީސް ޑރ. މުޙަންމަދު މުޢިއްޒު އެޅުއްވި ހިތްވަރުގަދަ ފިޔަވަޅަށްޓަކައި "ފަރަގު" މީޑިއާއިން މަރުޙަބާ ދަންނަވަމެވެ.

ބައެއް ލަފުޒުގެ މާނަ:

ހަވާލަތު      ނ.    ކަނޑައެޅިފައިވާ ބާރުތަކަކާ އެކު ރަސްމީ އިދާރާއަކާ ނުވަތަ ފަރާތަކާ ހަވާލުކުރާ މަސްއޫލިއްޔަތު ނުވަތަ މަސައްކަތް ނުވަތަ ޒިންމާ.

ނަސްލުހޭދު    ނ.    އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

ކާރުނާލު      ނ.    ފުރާދުއްވާ އެއްޗިއްސަށް ދުއްވޭނެހެން ކޮނެފައި އޮންނަ ކޯރު.

ފަތުވާ       ނ.    ޝަރުޢީ ގޮތުން ޙުކުމެއް ކަނޑައަޅާން ހުންނަ މީހަކު، ޝަރުޢީ ކަމަކާ މެދު، ހުއްދަކަމަށް، ނުވަތަ ނޫންކަމަށް ބުނާ ބުނުން.

ތަދައްޚުލުވުން  މ.    (1) ކަމެއް ރަނގަޅުކުރުމަށް ޓަކައި، ނުވަތަ ކަމެއް މަގުން ކައްސައިލިޔަ ނުދިނުމަށް ޓަކައި އެ ކަމުގެ ތެރެއަށް ވަނުން. (2) ހިނގަމުންދާ ކަމެއްގެ ތެރެއަށް ވަނުން ނުވަތަ އެ ކަމުގެ ތެރޭގައި ޝާމިލުވުން. (3) ދެ ޚަޞްމެއްގެ ދެމެދުގައި ހިނގަމުންދާ ޤަޟިއްޔާއެއްގެ ތެރެއަށް، އެ ކަމުގައި މަސްލަހަތު އޮތް ފަރާތަކުން ވަދެ ޝާމިލުވުން.

ކޮމެންޓު