އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
15 އޭޕްރިލް 2025
ބައެއް ޤައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފު ބޮޑު ކުރުމަށް ފަހު، އޭގެ އެއް ދުވަސް ފަހުން ރައީސް ޑޮނަލްޑް ޓުރަންޕު އޭނާގެ ނިންމުން މުރާޖާކޮށް ބަދަލުކުރިއެވެ. ޓުރަންޕު ހާމަކޮށްފައި ވަނީ ބައެއް ޤައުމުތަކުން އެތެރެކުރާ މުދަލުން ނަގާ ޓެރިފްތައް، (ނުވަތަ އެ ޤައުމުތަކުން އެމެރިކާއަށް އިންޕޯޓު ކުރާ މުދަލުން ނަގާ މަޢުމޫލު) ބޮޑުކުރުމަށް ފަހު، އޭގެ ތެރެއިން ގިނަ ޤައުމުތަކަށް ލުއިތަކެއް ދޭން ނިންމައިފައިވާކަމުގައެވެ. ނަމަވެސް، ލުއިދޭން ނިންމި ޤައުމުތަކުގެ ލިސްޓުގައި އެ ފަހަރަކު ޗައިނާގެ ނަމެއް ނެތެވެ.
ނަމަވެސް އެމެރިކާގެ ގިނަ މީހުން ބަރޯސާވާ އިލެކްޓުރޯނިކު ބައެއް ސާމާނުގެ އަގުމައްޗަށް ދާން ފެށުމުން ޓުރަންޕަކަށް އޭނާގެ ނިންމުން ބަދަލުނުކޮށެއް ނުހުރެވުނެވެ. އެހެންކަމުން، ޓެރިފު (ނުވަތަ އިންޕޯޓު މައުމޫލު) ބޮޑުކުރި ތަކެތީގެ ލިސްޓުގައި ސުމާޓު ފޯނާއި ކޮންޕިޔުޓަރާއި މި ނޫނަސް އިލެކުޓުރޯނިކު ސާމާނު ނުހިމަނާ ގޮތަށް ފަހުން ބަދަލުކުރިއެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، ޓުރަންޕުގެ އެއް ފިޔަވަޅު ފަހަތަށް އެޅީއެވެ.
ޗައިނާއިން އެތެރެކުރާ މުދަލުން 145 އިންސައްތައިގެ މައުމޫލެއް ނަގާން ޓުރަންޕު ނިންމުމަށް ފަހު، ޓެރިފު އިސްތިސްނާކުރި މުދަލުގެ ތެރޭގައި މީހުން އެންމެ ގިނައިން ބޭނުންކުރާ ސުމާޓު އަތުފޯނާއި ކޮންޕިޔުޓަރު ފަދަ އިލެކުޓުރޯނިކު ސާމާނު އިސްތިސްނާކުރާން އިޢުލާނުކުރުމުން ޗައިނާއިން ވަނީ އެ ކަމަށް މަރުހަބާކިޔައިފައެވެ. އަދި އެއީ ޗައިނާގެ މުދަލުން 145 އިންސައްތައިގެ މައުމޫލެއް ނަގާން ނިންމި ނުރަނގަޅު ނިންމުން، ރަނގަޅުކުރާން އެޅި [ވަރަށް ކުޑަކުޑަ] ފިޔަވަޅެއްގެ ގޮތުގައި ޗައިނާއިން ވަނީ ސިފަކޮށްފައެވެ.
އާދީއްތަ ދުވަހު ޗައިނާގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސުމާޓުފާނާއި ކޮންޕިޔުޓަރާއި އިލެކުޓުރޯނިކު ސާމާނު، މައުމޫލު ބޮޑުކުރި ތަކެތީގެ ލިސްޓުން އިސްތިސްނާކުރާން ވޮޝިންޓަނުން ނިންމުމާ އެކު، އެ [ނިންމުމުން ފޯރާނެ އަސަރުތައް ވަޒަންކުރާން ޗައިނާއިން ފަށައިފައިވާނެ]ކަމަށެވެ.
އޭބީސީ ނިއުސްއަށް މި ހަފުތާގައި ދިން ބަސްދީގަތުމެއްގައި އެމެރިކާގެ ވިޔަފާރިއާ ބެހޭ ވަޒީރު ހޮވާރޑް ލުތުނިކު ބުނެފައިވަނީ ސުމާޓުފޯނާއި ކޮންޕިޔުޓަރާއި އިލެކުޓުރޯނިކު ސާމާނާއި އެހެން ބައެއް މުދަލުން ނަގާނީ ތަފާތު މައުމޫލެއްކަމަށާއި މި ގެންނަ ބަދަލު މަހެއްހައި ދުވަހުގެ ތެރޭގައި އިއުލާނުކުރާނެކަމަށެވެ.
ބެއިޖިނުން ވޮޝިންގޓަނަށް ގޮވައިލައިފައިވަނީ މި މައުމޫލުތައް އެކީ އެކައްޗަކަށް ކެންސަލުކޮށް ދެ ފަރާތުގެ ފައިދާއަށް މަސައްކަތްކުރުމަށެވެ. [އަހަރެމެން އެމެރިކާއަށް މި އިލްތިމާސްކުރަނީ އެ މީހުންގެ ގޯސްތައް ރަނގަޅުކުރުމަށް ޓަކައި ބޮޑުފިޔަވަޅެއް އަޅާށެވެ. މި ތާކުންތާކު ނުޖެހޭ މައުމޫލުތައް ނެގުން އެކީއެކަށް ކެންސަލުކޮށް އެއް ފަރާތުން އަނެއް ފަރާތަށް އިޙުތިރާމުކުރުމުގެ ރަނގަޅު މަގު ޚިޔާރުކުރުމަށެވެ.] ޗައިނާގެ ވިޔަފާރި ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޓުރަންޕުގެ ސަރުކާރުން ހުކުރުދުވަހު ވަނީ ޗައިނާއިން ގިނަ ޢަދަދަކަށް އެމެރިކާއަށް އެތެރެކުރާ އިލެކުޓުރޯނިކު ބާވަތްތައް މައުމޫލު ބޮޑުކުރި ލިސްޓުން އިސްތިސްނާކޮށް 'އެޕްލް'ފަދަ ފަންނިއްޔާތު ކުންފުނިތަކަށް ލުޔެއް ދީފައެވެ. މި ފަދަ ކުންފުނިތަކުން ޗައިނާއިން އެތެރެކުރާ އިލެކުޓުރޯނިކު ވަރަށް ގިނަ ބާވަތްތަކަށް ބަރޯސާވެއެވެ.
ޓުރަންޕު ފަހަތަށް މި އެޅި ފިޔަވަޅުން އަންގައިދެނީ ޓުރަންޕަށް ވެސް ބޭނުންހައި ކަމެއް ނުކުރެވޭނެކަމެވެ.
އެކި ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ މައުމޫލު ބޮޑުކުރާން ޓުރަންޕު ނިންމެވުމާ އެކު ދުނިޔޭގެ މާލީ ބާޒާރަށާއި ޚާއްސަކޮށް ހިއްސާގެ ބާޒާރުތަކަށް ވަރަށް ބޮޑަށް ލޮޅުންއެރިއެވެ. އަދި، ވުނޭރުންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވިއެވެ. މި ކަންކަން ދިރާސާ ކުރާ އިގުތިސާދީ ތަޖުރިބާކާރުން ބުނެފައިވަނީ އެއީ ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު ދުނިޔޭގެ މާލީ ބާޒާރުތަކަށް އައިސްފައިވާ އެންމެ ބޮޑު ލޮޅުންކަމަށެވެ. ޓުރަންޕުގެ އެ ނިންމުމާ އެކު ހިއްސާގެ ބާޒާރުތަކުން އެތަކެއް ޓްރިލިޔަން އެމެރިކާ ޑޮލަރެއް ވަނީ ދަށްވެފައެވެ. ދެން ޓުރަންޕު ހަދާ އެއްޗެއް ބަލާން ތިބެމާ ހިނގާށެވެ!