ad_banner
އިސްރާއީލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް މީހުން އެތެރެވުން މަނާކުރުން

އަލްއުސްތާޒު އަޙުމަދު މާޖިދު

15 އޭޕްރިލް 2025

އިންޑިއާއިން އެކަނި ވެސް ލިބޭން ހުރި، އިސްރާއީލުގެ ބައެއް އުފެއްދުންތަކުގެ މަރުކާތައް: މި ފަދަ އުފެއްދުންތަކަށް ނޫނެކޭ ބުނާން މުސްލިމުންނަށް ނުކެރެނީ ކީއްވެގެންހެއްޔެވެ؟

މީސްމީޑިއާގައި ވަރަށް ގިނަ މީހުން "އިސްރާއީލުގެ ޕާސްޕޯޓު މަނާ ކުރާށޭ" ކިޔައި ވާހަކަ އެބަ ދައްކައެވެ. އެކަން ނުކޮށްގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވެސް އެބަކިޔައެވެ. ފިއްތުންތައް އެބަ ކުރިމަތިކުރެއެވެ. މިހާރު އެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމެޓީއިން އެ ކަން އެ ގޮތަށް ފާސްވެސްކޮށްފައެވެ. ޣައްޒާގައި އިސްރާއީލުން ހިންގާ ޖަރީމާ ހުއްޓައިލަންދެން އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރާން ފާސްކޮށްފައެވެ.

ރަނގަޅެވެ! އިސްރާއީލަކީ މުސްލިމުން، އެ ބަޔަކާ އެއްވެސް ގުޅުމެއް ބާއްވާކަށް އެއްވެސް ގޮތަކުން ޖާއިޒު ވެގެންނުވާ، އަނިޔާވެރި، ޝައިޠާނީ، ޣައިރުޤާނޫނީ ކިޔާނެކެވެ. އެ ކިޔާނާ ދެކޮޅަށް ހަނގުރާމަކުރުމަކީ ވެސް މުސްލިމުންގެ މައްޗަށް އޮތް ވާޖިބެއްކަން، އުންމަތުގައި މިއަދު ތިއްބެވި ތެދުވެރި ޢިލްމުވެރީންގެ ފަތުވާއިން ވެސް އެނގި ސާފުވެއްޖެއެވެ.

ނަމަވެސް، އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް ވުރެ، އަހަރެމެން ދިވެހި ރައްޔިތުންނަށް ކުރެވިދާނޭ މާ މުހިންމު ކަންކަން އެބަހުއްޓެވެ! އެ ކަންކަން ނުކޮށް، އިސްރާއީލުގެ ޕާސްޕޯޓުގެ ވާހަކަ މި ދައްކަނީ، އަހަރެމެންނަށް ވެސް [ކޮންމެވެސް ކަމެއް އެބަ ކުރެވެޔޭ] އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް ޤަބޫލުކޮށްދިނުމުގެ ގޮތުން ބާވައެވެ!

އިސްރާއީލަކީ ހަތިޔާރެކެވެ. އެ ހަތިޔާރުގެ ވެރިޔަކީ ހުޅަނގެވެ! އިނގިރޭސިވިލާތާއި އެމެރިކާއެވެ. ޖަރުމަނުވިލާތެވެ. އިސްރާއީލު އުފެއްދީ، އަދި އިސްރާއީލު ރައްކައުތެރިކޮށް ބާރުވެރިކުރުވަނީ، އަދި އިސްރާއީލުގެ ވަސީލަތުން އަހަރެމެންގެ އަޚުންނާއި އުޚްތުން ތަޅައި މަރައި ފަނާކުރަމުން ގެންދަނީ އަދި މުސްލިމުންގެ މުގައްދަސް ބިމެއް ސުންނާފަތިކޮށް އެ ނިންމީ ހުޅަނގުންނެވެ. އެމެރިކާއާއި އިނގިރޭސީންނާއި ޖަރުމަނުންނާއި އެމީހުންގެ ބައިވެރީންނެވެ. ވީ އިރު، އަހަރެމެންނަށް ހުޅަނގާ ދެކޮޅަށް ކުރެވޭން ހުރި ކަންކަން ވެސް ނުކޮށް ތިބެ، އިސްރާއީލުގެ ޕާސްޕޯޓުގެ ވާހަކަ ދެއްކުން ދެކޮޅު ޖެހޭ ބާވައޭ ހިތަށް އަރައެވެ.

އިނގިރޭސިވިލާތާއި ދެންވެސް ހުޅަނގުގެ ޔުނިވަރުސިޓިތަކާއި، މުޤައްރަރުތަކާއި، އިމްތިޙާނުތައް ދޫކޮށް، އަމިއްލަ ޢިލްމީ ފުދުންތެރިކަން ގެންނާން ނޫޅެ މި ތިބެނީ ކީއްވެގެންހެއްޔެވެ؟ ދަރީން "ޔޫކޭ ޔުނިވަރސިޓީއަކަށް" ނުފޮނުވެންޏާ ކިޔަވައިނުދެވޭކަމަށް ޤަބޫލުކުރާކުރުން ދޫކޮށްލާން ނުކެރެނީ ކީއްވެގެންހެއްޔެވެ؟ ކޮންމެ އަހަރަކު އެމެރިކާއަށް - އިސްރާއީލަށް ހަތިޔާރު ގަނެދޭ ބަޖެޓަށް - އައިފޯނާއި އައިޕެޑާއި އައިޕޮޑާއި ނެޓްފްލިކްސްއަށް ފައިސާ ދީގެން އަހަރެމެން ކޮށްދޭ ބޮޑު ޙިއްޞާއާ މެދު ވިސްނައިނުލަނީ ކީއްވެގެންހެއްޔެވެ؟ .......... ސަރުކާރުން ޕާސްޕޯޓު މަނާނުކުރިއްޔާ، އަހަރެމެންގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ ވެރީންނަށް، އިސްރާއީލުގެ ރައްޔިތުންނަށް ކޮޓަރި ނުވިއްކުމަށް ހުރަހެއް އެބަ އޮތްހެއްޔެވެ؟ ............. އިތުރު އެތައް އެއްޗެއްގެ ވާހަކަ ދެއްކިދާނެއެވެ. އެހެންނަމަވެސް މި ވަރުން ވެސް އަޅުގަނޑު ފާހަގަކުރާން ބޭނުންވާ ނުކުތާ އޮޅުންފިލާނޭކަމަށް ބަލައި މި ވަގުތަށް ކުރުކޮށްލަމެވެ.

 

ކޮމެންޓު