އަބާ މުޙަންމަދު
25 ފެބްރުވަރީ 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގިނަވުމަކީ އިގުތިބާދީ ގޮތުން ފައިދާ ހރުި ކަމެއް ނޫންކަން އެންމެން ވެސް އެނގެއެވެ. ނަމަވެސް ސުވާލު އުފެދެނީ ސުޕްރީމް ކޯޓުން މިހައި ތަނަށް ކުރައްވައިފައިވާ މަސައްކަތްތަކަށް ބަލާ އިރު، ސުޕްރީމް ކޯޓަށް ބޭނުންވަނީ ހަގީގަތުގައި ވެސް ކިތަށް ފަނޑިޔާރުންތޯއެވެ؟
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފައެވެ. މި ބިލު ހުށައެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު އަމިއްލަފުޅު ގޮތުންނެވެ.
މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ އެކުލަވައިލެވުނު އިންތިގާލީ ސުޕްރީމް ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. އޭގެފަހުން 2010 ވަނަ އަހަރު ދާއިމީ ސުޕްރީމް ކޯޓެއް ގާއިމުކުރި އިރު، ސުޕްރީމް ކޯޓާށް ހަމަޖެއްސެވީ ހަތް ފަނޑިޔާރުންނެވެ. އޭގެ ފަހުން 2014ވަނަ އަހަރު ފަނޑިޔާރުންގެ އަދަދު އަނެއްކާ ވެސް ފަހަކަށް މަދުކުރެވުނެވެ. އޭގެ ފަހުން 2019ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ހަތަކަށް އިތުރުކުރެއްވިއެވެ.
މިހާރު މި ވަނީ އަނެއްކާ ވެސް އެ ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ފަހަކަށް މަދުކުރާން ރައްޔިތުންގެ މަޖިލީހުން ގަސްތުކޮށްފައެވެ. ކޯޓުތަކުގެ ޤާނޫނަށް އިއްޔެ ހުށައަޅުވައިފައިވާ އިސްލާޙުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަ ފަނޑިޔާރާ އެކު، ފަސް ފަނޑިޔާރުންގެ މައްޗަށްކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މި ވަގުތު ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވާ އިރު، އެ އަދަދު ފަހަކަށް މަދުކުރާން ޖެހޭތީ ފަނޑިޔާރުން ވަކިކުރުމުގައި ޢަމަލުކުރާންޖެހޭ ގޮތްތަކާއި މުއްދަތުތައް ވެސް ބަޔާންކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދަށް އެ ކޯޓުގެ ކުރު ތާރީޚުގައި ގެންނަވައިފައިވާ ބަދަލުތަކުން އެނގެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ކަނޑައަޅުއްވައިފައިވަނީ ހަރުދަނާ ދިރާސާއެއް ނަހައްދަވައިކަމެވެ. ނަމަވެސް އެނގޭ ކަމަކީ ހަތް ފަނޑިޔާރުން ތިއްބަވައިގެން ކުރައްވާނޭ މަސައްކަތެއް އެ ކޯޓަކުން ކުރައްވާން ޖެހިވަޑައިނުގަންނަވާ ކަމެވެ. ކުރީން ޑިޕާޓުމެންޓު އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ހިންގަވަމުން ގެންދެވީ ސުޕްރީމް ކޯޓުގެ ދަށުންކަމަށް ވިޔަސް މިހާރު އެ މަސްއޫލިއްޔަތު އަދާކުރައްވަނީ ޖުޑީޝަލް ސަރވިސަސް ކޮމިޝަނުންނެވެ.
އެހެންވީމާ، މަސައްކަތްތަކަށް ބަލާ އިރު، އެ ކޯޓުގެ ހުރިހައި ފަނޑިޔާރުން ކުރައްވަމުން ގެންދެވި މަސައްކަތް ވަރަށް ބޮޑަށް ލުއިވެފައިވާކަން އެނގެއެވެ. ވީމާ، ބޮޑު މުސާރައާއި ޢިނާޔަތުގައި ގިނަ ފަނޑިޔާރުންތަކެއް ތިއްބެވުމުގެ ޒަރޫރަތެއް މިހާރު ނެތީކަމަށް ވެދާނެއެވެ.
2014ވަނަ އަހަރު އެ ކޯޓުގެ ފަނޑިޔާރުންގެ ޢަދަދަށް ބަދަލުގެންނެވީ އިގުތިސާދަށް ވިސްނައިވަޑާއިގެންފައިކަމަށް އޮތީ ބެލެވިފައެވެ. ނަމަވެސް 2019ވަނަ އަހަރު އެ ޢަދަދު އިތުރުކުރެއްވި އިރު، ފަނޑިޔާރުންގެ ތެރޭގައި ތިއްބެވި އިސްލާމީ ޝަރީޢާގެ ދާއިރާގެ ގިނަ ބޭފުޅުން ބޭޜުވިކަން ފާހަގަކޮށްލެވެއެވެ. ހަގީގަތުގައި ސައްތައިންސައްތަ އިސްލާމީ ގައުމެއްގައި ޢަދުލުއިންސާފުގެ ދާއިރާގައި އެންމެ ފަހު ބަސް އިއްވާ ކޯޓުގައި އިސްލާމީ ޝަރީޢާ ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުން ތިއްބަވާން ޖެހޭނެކަމަށް އަޅުގަނޑުމެން އާދައިގެ ސިކުންޑިތަކުން ވިސްނައިލިޔަސް އެނގެއެވެ. މި ފަހަރު މި ގެންނަވާން އުޅުއްވާ ބަދަލުގެ މަގުސަދަކީ އިގުތިސާދީ މަގުސަތެއްކަމެއް، ނުވަތަ، މި ދެންނެވި ކަހަލަ އިސްލާމީ ޝަރީޢާގެ ދާއިރާގެ ބޭފުޅުން ޢައްޔަންކުރެއްވުމުގެ މަގުސަދެއްކަމެއް އަޅުގަނޑަކަށް ނޭނގޭނެތާއެވެ. ނަމަވެސް އަޅުގަނޑަށް އެނގޭ ކަމަކީ ހަމަ ގައިމު ވެސް ހަތް ފަނޑިޔާރުން ތިއްބެވި އެ ކޯޓުގެ ވަރަށް މުހިންމު މަސްއޫލިއްޔަތުތަކެއް ޖުޑީޝަލް ސަރވިސަސް ކޮމިޝަނަށް ބަދަލުކުރެވިފައިވާކަމެވެ. ވީމާ އެ ކޯޓުގެ މަސައްކަތްތައް އެތައް ގުނައެއް ލުއިވެފައިވާކަން އެނގެއެވެ.
މި ކަމާ ގުޅިގެން ބައެއް ބޭފުޅުން ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ ޢަދަދު ބަދަލުކުރުމާ ދެކޮޅަށް ތެދުވެވަޑައިގަންނަވާނެކަމަށް ވިދާޅުވެ ގަދަ ބަސް ވިދާޅުވާ އިރު، 2010ވަނަ އަހަރާއި 2014ވަނަ އަހަރާއި 2019ވަން އަހަރުގައި ސުޕްރީމްކޯޓުގެ ފަނޑިޔާޜުންގެ ޢަދަދަށް ބަދަލު ގެންނެވި އިރު، އެ ބޭފުޅުން ދުނިޔެއަށް އުފަންނުވަނީ ކަމެއް ނުވަތަ އޭރު އަވަހާރަފުޅު ލައްޕަވައިފައި ތިއްބެވީކަމެއް ނޭނގެއެވެ.
ކޮންމެއަކަސް ގާނޫނު ހެދުމާއި ގާނޫނަށް ބަދަލު ގެނައުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރެއްކަން އަޅުގަނޑަށް އެނގެއެވެ. ވީމާ އަޅުގަނޑުމެން ދުރުތިބީން ކޮން ގަދަބަހެއް ބުނާކަށްތޯއެވެ؟ އެއީ އަޅުގަނޑުމެންގެ ޒިންމާއެއްނޫނެވެ. އަދި އެއީ އަޅުގަނޑުމެންނަށް އިޚުތިޔާރާއި ބާރު ލިބިފައިވާ ކަންކަމެއް ނޫނެވެ. ވީމާ، ސުޕްރީމް ކޯޓުގެ ފަނޑިޔާޜުންގެ ޢަދަދު މަދުކުރިޔަސް އަޅުގަނޑުމެން އާންމު ރައްޔިތުންނަކަށް ލިބޭނެ ގެއްލުމެއް ނޯންނާނެތީ ހަމަ ގައިމު ވެސް އަޅުގަނޑު އެ ކަމަކާ އެއްވެސް އެއްޗެއް ނުދަންނަވާނަމެވެ.