އަސްމާ އަބޫބަކުރު
23 ފެބްރުވަރީ 2025
އާޔާ ނީދީގައި ދެ ފަރާތަށް ފުރޮޅިލިއެވެ. ކުއްލިއަކަށް ނިދިން ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. ގަޑީން އޭރު ދަންވަރު ތިނެއްޖަހަނީއެވެ. ފޯނުން ގަޑިބަލައިލުމާ އެކު މެސެޖެއްގެ ނޮޓިފިކޭޝަން ފެނުމުން މެސެޖު ހުޅުވައިލިއެވެ.
"މި ގަޑީގައި މޭލު ނުކުރީ ނުފެނިދާނެތީއެވެ. ހެނދުނު 7 ޖަހާ އިރު އާޔާ ހުންނާން ވާނީ އޮފީހުގައެވެ. ފޯނު ގޭގައި ބާއްވައިފައި އަންނަން ހަނދާންކުރައްޗެވެ. އެއްވެސް މީހެއްގެ ގާތުގައި މި ވާހަކަ ނުދައްކާށެވެ!"
ސީއީއޯގެ މެސެޖެކެވެ.
އާޔާގެ ސިކުނޑި އެނބުރެމުން ދިޔައެވެ. އެއީ އެކައުންޓާ ބެހޭ ކަމެއްހެއްޔެވެ؟ ހަ މަސް ދުވަހު މަސައްކަތްކުރި މީހާހެއްޔެވެ؟ ނޫނީ މިއީ... އެހެން ކަމެއްހެއްޔެވެ؟
ހެނދުނު 6:45 ހައި އިރު، އުސްމާން އިންޑަސްޓްރީސްގެ އުސް ބިއްލޫރި އިމާރާތުގެ ކުރިމަތީގައި އާޔާ ހުއްޓިގެން ހުރި އިރު، ފަތިހުގެ ތެތްފިނިކަން ކަނޑައިގެން ނުދެއެވެ. ރިސެޕްޝަނުގައި އެއްވެސް މީހަކު ނެތް ގަޑިއަކަށް ވުމުން ބިރުވެރި ފަޅު ތަނެކޭ އެއް ގޮތެވެ. ފެންނާން ހުރި ފްލޮރިސެންޓް ލައިޓުތަކުން އަންނަ ވިދާ އަލިކަމުން ހީވަނީ މުސްކުޅި ފިލްމެއްގެ ސެޓެއް ނަގާން ތައްޔާރުވެފައިވާ ހެންނެވެ. ލިފްޓުން 10ވަނަ ފަންގިފިލާ އަށް އަރާން ދިޔަ އިރު އާޔާ ހައިހީލްގެ އަޑު ވެސް ބިރުވެރިއެވެ. އެ އަޑު މުޅި ތަނަށް ގުގުމައިލައިފައިވާ އިރު، އާޔާ ހުރީ ބިރުގެންފައެވެ.
ސީއީއޯ ރައްޔާނުގެ ކެބިނަކީ އޮފީހުގެ އެންމެ ބޮޑު އެއްކޮޓަރިއެވެ. އާޔާ ގޮސް ދެ ފަހަރަކު ޓަކިޖަހައިލުމުން އެތެރެއަށް ވަންނާން ހުއްދަ އައެވެ.
"ވަންނަވާ" ރައްޔާނުގެ އަޑު މިއަދު މާ ބަރުހެން އާޔާއަށް ހީވިއެވެ.
ރައްޔާނުގެ ތޫނު ދެލޯ ހުރީ އާޔާއަށް އަމާޒުކުރެވިފައެވެ. ހީވަނީ ހަނގުރާމައިގެ މައިދާނުގައި އެތައް ދުވަހެއްގެ ތަޖުރިބާ ހުރި ދެލޯ ހެންނެވެ. އާޔާ އެތެރެއަށް ވަނުމާ އެކު އިށީނުމަށް ރައްޔާނު އިޝާރާތް ކޮށްލިއެވެ. ލެދަރ ސޯފާގައި އާޔާ އިށީނީ ވަގުތުގެ ގޮތުން ޖެހިލުންވެ ހުރެއެވެ. މި ގަޑީގައި ބޮސް އާޔާ ގެނައުމުގެ ބޭނުމަކީ ކޮބައިބާވައެވެ؟
އާޔާގެ ހިތަށް އެ ވަގުތު އެތައް ބައިވަރު ޚިޔާލުތަކާއި ވަސްވާސްތައް ވަންނަމުން ދިޔައެވެ. މި ގަޑީގައި އޮފީހަށް ނާދެވުނު ނަމައޭ ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. މަދު ސިކުންތުކޮޅެއް އެތައް ގަޑިއިރުތަކެއް ފަދައެވެ. ބިރުން އިންނަމަވެސް މޫނުމަތީން ހިނިތުންވުމެއް ގެނެވޭތޯ އާޔާ ކުރަމުން ދިޔަ މަސައްކަތް ބޭކާރުވީ ރައްޔާނުގެ އަޑުންނެވެ.
"މި ގަޑީގައި ގެނައިމަ ތިޔަ އިނީ ވަރަށް ބިރުންދޯ. އަހަރެން އާޔާ މިގެނައީ އެއްވެސް ކަމަކަށް މަޖުބޫރު ކުރުވާކަށް ނޫން. އާޔާ ރަނގަޅަށް އަޑުއަހާ! އަހަރެން މިއުޅެނީ ރިޓަޔަރ ކުރަން"
އެ އިވުނު ޖުމްލައިން އާޔާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އެހެންނަމަވެސް ކަންފަތަށް އިވުނީ ރަނގަޅަށްބާއޭ ހިތަށް އަރަމުން ދިޔުމުން އާޔާ ދިޔައީ ސިއްސައިގެންނެވެ.
"ކީކޭތޯ؟" އާޔާއަށް އަހައިލެވުނެވެ.
"ރިޓަޔަރކުރާ ޢުމުރުގައި މި ހުރީ. އެހެން ވީމާ، މި ދުވަސް އެންމެންނަށް ވެސް އަންނާނެ. މި ވަރުގެ ބޮޑު ކުންފުންޏެއް ހިންގޭނީ އަހަރެން ފަދައިން ރަހުމް ކުޑަ މީހަކަށް. އަހަރެންގެ ޝޯޓު ލިސްޓުގެ އެންމެ ކުރީގައި އޮތީ އާޔާގެ ނަން. ޓެސްޓެއް އެބަ އޮތް."
"އިމްތިހާން....؟" އާޔާގެ ބޮލުގައި ރިއްސައިލިއެވެ. އޮފީސްތެރޭގައި ވޭތުވެ ދިޔަ ހަފުތާ ޕްރޮމޯޝަނެއްގެ ވާހަކަ ދެކެވެމުން ދިޔައެވެ. އެހެންނަމަވެސް އެންމެ ފަހުން އާޔާއަށް މި ދިމާވީ ސީއީއޯގެ ރިޓަޔަރމެންޓާއި ވަރުގަދަ އިމްތިހާނެކެވެ.
ރައްޔާން ނެގީ ބޮކްސް ފައިލެކެވެ. އެ ފައިލްގެ ދެތިން ގަނޑެއް އެއްލަމުން އިސްޖަހައިގެން އިނދެ ވާހަކަދައްކާން ފެށިއެވެ.
"އޮފީހުގައި ނުބައި ހަދާ މީހަކު އެބަ އުޅޭ. ކުންފުނީގެ މަޢުލޫމާތު ލީކުކުރުމުގެ މަސައްކަތް އެ މީހަކު ކުރަމުން ދަނީ. މިރޭގެ ބޯޑު ބައްދަލުވުމުގެ ކުރީން އެ މީހަކު ހޯދާ. އާޔާގެ މަސައްކަތަކީ 12 ގަޑި އިރުގެ ތެރޭގައި އެ މީހަކު ހޯދުން. ކާމިޔާބު ވެއްޖެ ނަމަ ޕްރޮމޯޝަން ލިބޭނެ. ނާކާމިޔާބު ވެއްޖެ ނަމަ ވަޒީފާ ދަށްކުރެވޭނެ." ރައްޔާނުގެ އަޑަށް އާޔާ ގަޑި ބަލައިލިއެވެ. އޭރު ގަޑީން ހަތްގަޑި ތިރީސް ވަނީއެވެ.
"އަޅުގަނޑު މަސައްކަތްކުރާނީ މި ކަމުގައި ކާމިޔާބާ ހަމައަށް ވާސިލްވުމަށް." އަދި އާޔާގެ ވޯރކް ސްޓޭޝަނާ ހަމައަށް ބާރުބާރަށް ހިނގައިފައި ދިޔައެވެ.
ފުރަތަމަ އައިސް ހުރި އީމޭލުތަކާއި، ކޯލު ލޮގުތަކާއި، ޕްރޮޖެކްޓް ފައިލްތައް ޗެކުކުރަން ފެށިއެވެ. އޭނާގެ ޓީމު - ވަފާތެރި ނަމަވެސް ޝައްކުގެ މައްޗަށް ބުރަވެ ތިބެ މަސައްކަތް ފެށިއެވެ.
އެންމެ އަޅައިގަންނަ ކަމަކަށް ފެނުނީ ވޭތުވެދިޔަ ހަފުތާގައި ތައްގަނޑުޖަހައިފައިވާ ފައިލުތަކެކެވެ. އެއީ މީގެ ދެ މަހެއްހައި ދުވަސް ކުރިން ދޫކޮށްލި މަސައްކަތެކެވެ. އެ މަސައްކަތުގައި އަވަދިނެތި އުޅުނީ ނިޒާމަށް ޝައްކުކުގެ ނަޒަރަކުން ޗެކުކުރުމުގައެވެ. ނިޒާމަކީ އޮފީހުގައި އެންމެ ތެދުވެރިކަމާ އެކު، މަސައްކަތްކުރާކަމަށްވެފައިވާ މީހެކެވެ. އަމުދުން އޭނާއަކީ އޮފީހުގައި ގިނަ ދުވަސްވީ މުވައްޒަފެކެވެ.
ދެވަނަ ކަމަކަށް އާޔާއަށް ފާހަގަވީ އޮފީހުގެ މަޢުލޫމާތު ލީކުކުރުމުގައި ވެސް ނިޒާމްގެ އަތެއްވާކަމެވެ. ކޯލު ލޮގުތަކުން އެ ކަން ފެންނާން ހުއްޓެވެ. އީމޭލުތަކުން ވެސް ހުރީ ފެންނާށެވެ. އާޔާގެ ސިކުނޑި ސުމަކަށް ދިޔައީ އެންމެ ހީނުކުރާ މީހާ އެ ކަން ކުރުމުންނެވެ. މީހަކު ފެންނަ ފެނުމުން މި ޒަމާނަކު ރަނގަޅު/ނުބައެއް ނޭނގޭނެއެވެ.
"އާޔާ." ފަހަތުން ނިޒާމް އަޑު ޖެހުމާ އެކު، އާޔާ ދިޔައީ ސިއްސައިގެންނެވެ.
"އާޔޫ އޯކޭ؟" ނިޒާމު ފެނުމުން އާޔާއަށް ވީ ގޮތް ފެނިފައި ނިޒާމުގެ ހިތުގައި ސުވާލު އުފެދުނެވެ.
"ކޮން ކަމެއްގައި ތިޔަ ހައި ބިޒީވެގެން ތިޔަ އުޅެނީ؟"
އާޔާ ގަދަކަމުން ހިނިތުންވެލިއެވެ.
"ހަމަ ރޫޓިން މަސައްކަތުގައި"
އޭގެ ދެ ގަޑިއިރު ފަހުން ސެކިއުރިޓީ ރޫމްގައި ފުޓޭޖުން ފެނުނީ އޭނާގެ އޮފީހަށް ވަދެގެން ދިޔަ ސިފައެކެވެ. ހޫޑީ އުފުލައިލަމުން މޫނު އަނބުރާލިއެވެ. އެކަމަކު އެ ގަޑި - ހަމައެކަނި ސީނިއަމު ވައްޒަފުންނަށް ވަދެވޭ ހިސާބެއްގައި ނިޒާމް ހުރުމުން ޝައްކު ވިއެވެ.
"ނިޒާމް"
ނިޒާމްގެ ޚިޔާނާތްތެރިކަން އާޔާއަށް ފެނުނެވެ.
"ކީއްވެ؟ ފައިސާ؟ ބަދަލު؟" އާޔާގެ ޚިޔާލުތައް އުދުއްސައިގަތެވެ.
"އޭނާއާ ކުރިމަތިލުމަކީ ޖަޒުބާތުތަކުގެ ތޫފާނެއް އައުން ކަހަލަ ކަމެއް. ކީއްވެ ނިޒާމް؟ ހުރިހާ ކަމެއްގެ ފަހުން؟"
އޮފީހުގައި އާޔާއަށް އެންމެ ޚާއްޞަ ކަމެއް ދެވިފައިވާ މީހަކީ ނިޒާމެވެ. އުޅޭ އުޅުމުގައި ފުރިހަމަ ޝަހްސިއްޔަތަކާއި ރީތިކަން ހުރި ނިޒާމް ދެކެ ޙަޤީގަތުގައި ވެސް އާޔާ ލޯބިވެއެވެ. އެކަމަކު ދުވަހަކު ވެސް އެކަހަލަ އިޝާރާތެއް ނިޒާމްގެ ފަރާތުން ނުވެއެވެ. އޭނާ އުޅޭނީ އޭނާގެ މަސައްކަތުގައެވެ. އެހާ ސާދާކޮށް އުޅޭ މީހަކު އޮފީހަށް މި ވަރުގެ ލަނޑެއް ދީފާނެބާވައޭ އާޔާ ހިތަށް އަރަމުން ދިޔައެވެ.
ރޭގަނޑު އަށްގަޑިބައި ވުމާ އެކު، ބައްދަލުވުން ފެށުނެވެ. އާޔާއަށް ރައްޔާނުގެ އިޝާރާތުން އަންގައިލީ މިއަދުގެ މަސައްކަތް ހުށަހަޅައި ދިނުމަށެވެ. އާޔާ ޕްރެޒެންޓޭޝަނުން މިއަދުގެ މައްސަލަ ހޯދި ގޮތާއި، އެ ކަން ކުރި މީހާގެ ނަން އިއްވިއެވެ.
"މި ދިޔަ ހަފުތާ ތެރޭގައި އެންމެ ފަހުން ކުންފުނީން އަޅާން ފަށައިފައި ދޫކޮށްލި ފުލެޓްތަކުގެ ތެރެއިން 2 ފުލެޓް ވިއްކައިފައިވޭ. އެއީ ބޮޑު އަގުގައި ފައިސާ ހޯދާން ކަމެއް، ބަދަލެއްގެ ގޮތުގައި ކަމެއް، ނުވަތަ އެހެންކަމެއްކަން އެނގޭނީ ނިޒާމަށް." އާޔާ ޕްރެޒެންޓޭޝަން ނިމިއްޖެއެވެ. އެންމެން ހަމަހިމޭންވެއްޖެއެވެ.
"އާޔާ ޕްރަމޯޝަން ކާމިޔާބު ކޮށްފި. މިއަދުން ފެށިގެން ތީ ސީ.އީ.އޯގެ އެހީތެރިޔާ." ރައްޔާނުގެ އަޑު އިވިގެން ދިޔައެވެ.
އޭގެ އަނެއް ދުވަހެވެ. ނިޒާމް އޮފީހަށް އައީ އެހެން ދުވަސްތަކެކޭ އެއް ގޮތަށެވެ. އާޔާ ގޮސް ނިޒާމްގެ ވާކްސްޓޭޝަން ކައިރީ މަޑުކޮށްލިއެވެ.
"ނިޒާމް ކީއްވެ އެ ގޮތަށް ކަންތައް ކުރީ. އޮފީހަށް އެ ވަރުގެ ބޮޑު ޚިޔާނާތެއް ވެދާނެކަމަކަށް އަހަރެން ގަބޫލެއް ނުވެސްކުރަން. އެކަމަކު ހަގީގަތަކީ ނިޒާމުގެ ވަޒީފާ ގެއްލުން." އާޔާގެ ވާހަކަތައް އިވުމުން ނިޒާމުގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެނުނެވެ.
"އަހަރެން އެ ކަން ކުރީ ފައިސާ ބޭނުމުގައި." ފައިސާގެ ބޭނުން ޖެހިގެން އެ ކަން ކުރާން މަޖުބޫރުވީ. އެ ވަގުތު އަންހެން މުވައްޒަފަކު އައިސް ނިޒާމަށް ދިއްކޮށްލީ ސިޓީ އުރައެކެވެ. އެ ހުޅުވާލުމާއެކު ނިޒާމުގެ މޫނުމަތީން ފެނުނު އަސަރު އާޔާގެ ކަންބޮޑުވުން އިތުރުވިއެވެ. ނިޒާމް އޮފީހުން ނިކުމެގެން ހިނގައްޖެއެވެ.
އާޔާގެ ހިތުގައިވި ނިޒާމުގެ ލޯބި އުފަން ނުވެ މަރައިލާން ޖެހުމުން އާޔާއަށް އުނދަގޫ ގޮތްތަކެއްވިއެވެ. ޙަޔާތުގައި ދިމާވި އެންމެ ތެދުވެރި މީހާކަމަށް ދެކި ހިތުގައި ފެޅި ލޯބީގެ ނިރު ހެދިގަންނާން ތައްޔާރުވި ދަނޑިވަޅުގައި ޖެހުނީ އުފުރައިލާށެވެ. އާޔާ ގެއަށް ގޮސް އެކަނިމައިއެކަނި އިނދެ އެތައް އިރަކު ވިސްނިއެވެ.
އާޔާގެ ޕްރޮމޯޝަނާ އެކު، އުފާވާންވީ ކަމެއް ނުވަތަ ދެރަވާންވީ ކަމެއް ނޭނގުނެވެ. ހަމަ ޔަގީނުން ވެސް ނިޒާމް ވަކިވުން އާޔާގެ ހިތަށް ތަދުވެއްޖެއެވެ. ޕްރޮމޯޝަނުން ލިބުނު އުފަލަށް ވުރެ ހިތާމަ ބޮޑުވެއްޖެއެވެ. އެއްވެސް މީހެއްގެ ގާތުގައި އެއްޗެއް ނުބުނެ ހުއްޓަސް އާޔާގެ ހިތް ރޮމުން ދިޔައެވެ. (ނިމުނީ)