އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
24 ފެބްރުވަރީ 2025
ބަވަނަވަމުންދާ ދުނިޔޭގައި ޒަމާނާ ފައިހަމަކުރުމަށް ޓަކައި އިނގިރޭސިބަހުންނާއި އެކިއެކި އެހެން ބަސްބަހުން އާ ލަފުޒު ލޯނުކުރުމަކީ ދުނިޔޭގެ ގައުމުތަކުގައި ވެސް ބަސް ހިމާޔަތްކުރުމަށް ޓަކައި ކުރަމުން ގެންދާ މުހިންމު އަދި ބުރަ މަސައްކަތްތަކެކެވެ. މި ގޮތުން ކޮރެއާބަހާއި މެލޭބަހާއި އިންޑޮނޭޝިއާ ބަހަށް އާދަޔާ ޚިލާފަށް މި ފަދަ ލަފުޒު ވައްދަމުން ގެންދެއެވެ. ހަމަ މި ފަދައިން އެކި ބަސްބަހުން އިނގިރޭސިބަހަށް ވައްދާ ލޯނު ލަފުޒުތަކެއް ވެސް މަދެއްނޫނެވެ. ބައެއް ގައުމުތަކުގައި މި ފަދަ ލަފުޒުތައް ކޮންމެ ހަފުތާއަކު އެއް ފަހަރު ނޫސްތަކުގައި ޝާއިޢުކުރެއެވެ. މިއިން ކޮންމެ ލަފުޒެއް ބަހަށް ވައްދަނީ ބަހުގެ ސަގާފަތާއި ތަބީއަތަށް ބަލައިގެން ބަހުގެ މާހިރުން އެކުލެވޭ ޚާއްޞަ އިދާރާއަކުންނެވެ. އެހެންކަމުން މި ފަދަ އެއްވެސް ލަފުޒަކަށް އެއްވެސް މީހަކު އެއްވެސް ފާޑެއް ނުކިޔައެވެ. އެއީ އެ މީހުންގެ ކަމަކަށް ނުވާތީއެވެ. އެ މީހުން ބަލާނީ ލަފުޒުގެ މާނައަށް ބަލައިގެން އެ ލަފުޒު ވީހައި ވެސް ގިނައިން ބޭނުންކުރެވޭތޯއެވެ. އެއީ ބަހަށް ލިބުނު މުއްސަނދިކަމެއްކަމަށް ދެކިގެންނެވެ. އަދި ޚާއްޞަކޮށް ނޫސްތަކުން މަސައްކަތްކުރަނީ އެ ލަފުޒުތައް ބަހުގައި އާންމުކުރެވޭތޯ އެބައިމީހުންގެ ލިޔުންތަކުގައި އެ ލަފުޒުތައް ގިނަގިނައިން ބޭނުންކުރާށެވެ.
މި މަގާލުގައި އަޅުގަނޑު މި ބަލައިލަނީ އިންޑޮނޭޝިއާ ބަހާއި މެލޭބަހަށް ވައްދައިފައި ހުރި މި ފަދަ ބައެއް ލަފުޒުތަކަށެވެ.
އިންޑޮނޭޝިއާ ބަހާއި މެލޭޝިއާ ބަހަށް ވައްދައިފައި ހުރި ލަފުޒުތައް އާންމު ގޮތެއްގައި ހަމަ އެއް ގޮތެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އެއީ ބަހަވީ ހަމައިން ހަމަ އެއް ބަހެކެވެ. ވަރަށް ކުދިކުދި (ބަހުރުވައިގެ) ތަފާތު ނޫނީ ފެންނާކަށް ނުހުރެއެވެ. އެހެންކަމުން އެ ދެ ބަހަށް ވަންނަ ލަފުޒު އިންޑޮނޭޝިއާ ބަހަށް ވެއްދި އިރު، ތަފާތެއް ގެނެސްފައި ވާ ނަމަ އެ ކަން އަޅުގަނޑު ފާހަގަކޮށްލާނަމެވެ. އެހެން ނޫނީ އެއީ އެ ދެ ބަހުން ވެސް ހަމަ އެއް ގޮތަކަށް ބޭނުންކުރަނީކަމަށް ބައްލަވާށެވެ! ފުރަތަމަ އެ ވަނީ އިނގިރޭސި ލަފުޒެވެ. އެއާ ވިދިގެން އެ ވަނީ މެލޭބަހާއި އިންޑޮނޭޝިއާ ބަހަށް އެ ލަފުޒު ގެނެސްފައިވާ ގޮތެވެ. އިންޑޮނޭޝިއާ ބަހަށް ތަފާތުކޮށް ގެންސްފައިވާ ނަމަ، އެ ވާހަކަ ފާހަގަކޮށްފައިވާނެއެވެ.
އިނގިރޭސި ލަފުޒު މެލޭ/އިންޑޮނޭޝިއާ ބަހަށް ގެނައި ގޮތް
އެކްޓިވިޓީ (activity) އަކްތިވިތީ (aktiviti). މި ލަފުޒު އިންޑޮނޭޝިއާ ބަހަށް ވައްދައިފައިވަނީ "އަކްތިވިތާސް" (activitas) މި ގޮތަށެވެ.
ކްލާސް (class) ކެލާސް (kelas)
ބިސްކިޓް (biscuit) ބިސްކޫތު (biskut) މިލަފުޒު އިންޑޮނޭޝިއާ ބަހުގައި ބޭނުންކުރަނީ ބިސްކުއިތު (biskuit) މި ގޮތަށެވެ.
ބަސް (bus) ބަސް (bas) މި ލަފުޒުގެ ލިޔަކުރު (bus) މި ގޮތަށް ވެސް ބޭނުންކުރެއެވެ.
ޑިސްކްރިޕްޓިވް (descriptive) ޑިސްކްރިޕްޓިފް (deskriptif)
އީމެއިލް (e-mail) އީމޭލް (emel) މި ލަފުޒުގެ ލިޔަކުރު email މި ގޮތަށް ވެސް ބޭނުންކުރެއެވެ.
ގަރާޖު (garage) ގަރާޖް (garaj). މި ލަފުޒު އިންޑޮނޭޝިއާ ބަހުގައި ބޭނުންކުރަނީ ގަރާސީ (garasi) މި ގޮތަށެވެ.
ގްރެފިކް (garaphic) ގްރަފިކް (grafik).
ކައުންޓަރ (counter) ކައުންތަރ (kaunter)
ކަރޓަން (carton) ކަރްތޮން (karton). މިއީ ސިނގިރޭޓު ކާޓޫނު ފަދަ ބަންދުކޮށްފައި ހުންނަ ތަކެއްޗަށް ބޭނުންކުރާ ލަފުޒެކެވެ.
ކާރޓޫން (cartoon) ކަރްތޫން (kartun)
ކޮމްޕިއުޓަރ (computer) ކޮމްޕޫތަރް (komputer)
ލިރިކްސް (yrics) ލިރިކް (lirik)
މެސެޖް (message) މެސެޖް (mesej)
މިއުޒިއަމް (musium) މޫޒިއަމް (muzium). އިންޑޮނޭޝިއާ ބަހުން މޫސިއަމް (Museum)
ނެރޭޓިވް (narrative) ނަރާތިފް (naratif)
ޕެރަޝޫޓް (parachute) ޕެރަސޫތު (parasut). އިންޑޮނޭޝިއާ ބަހުން ނަމަ ޕެރަޗޫތު (Paracut)
ސައެންސް (science) ސައިންސް (sains)
ސެކްސް (sex) ސެކްސް (seks). މިއީ ޖިންސްގެ މާނައިގައި ބޭނުންކުރާ ލަފުޒެވެ.
ސިސްޓަމް (system) ސިސްތެމް (sistem)
ޓެކްސީ (taxi). ތެކްސީ (teksi). އިންޑޮނޭޝިއާ ބަހުން ކިޔަނީ ތަކްސީ (taksi)
ޓެލެވިޜަން (television) ތެލެވިޝަން (televisyen)
ޓްރަކް (truck) ލޮރީ (lori)
ޔުނިވަރސިޓީ (university) ޔުނިވަރސިތީ .(universiti)އިންޑޮނޭޝިއާ ބަހުން "ޔުނިވަރސިތާސް" (universitas).
މި ލަފުޒު އިންޑޮނޭޝިއާ ބަހަށް ވަދެފައިވަނީ ޔުނވަރސިތާސް (universitas)ގެ ގޮތުގައެވެ. ހަގީގަތުގައި ޔުނވަރސިތާސް މިއީ ލެޓިން ބަހުން ޔުނިވަރސިޓީއަށް ބޭނުންކުރާ ލަފުޒެވެ. އިނގިރޭސިބަހަށް "ޔުނިވަރސިޓީ" ގެނެސްފައިވަނީ ލެޓިންބަހުންނެވެ. އިންޑޮނޭޝިއާ ބަހަށް މި ލަފުޒު ނަގައިފައި މި ވަނީ ވެސް ލެޓިންބަހުންނެވެ. މެލޭބަހަށް މި ލަފުޒު "ޔުނިވަރސިޓީ"ގެ ގޮތުގައިވައްދައިފައި މި ވަނީ އިނގިރޭސިބަހުންނެވެ.
މި މަގާލުގައި މި ބަލައިލީ މެލޭބަހާއި އިންޑޮނޭޝިއާ ބަހަށް އިނގިރޭސިބަހުން ގެނެސްފައިވާ (ލޯނުކޮށްފައިވާ) އިނގިރޭސި އެތައް ސަތޭކަ ލަފުޒެއްގެ ތެރެއިން ވިއްސަކަށް ލަފުޒަށެވެ. އިނގިރޭސިބަހާއި މެލޭ ބަހާއި އިންޑޮނޭޝިއާ ބަހަކީ ވެސް ލެޓިން އަކުރުން ލިޔާ ތިން ބަސްކަމަށް ވިޔަސް އިނގިރޭސިބަހުން ލަފުޒު ލޯނުކުރުމުގައި އެ ދެ ބަހުގެ ސަގާފަތާއި ތަބީއަތަށް ރިއާޔަތްކޮށް ކިޔާ ގޮތާއި ލިޔަކުރު ވެސް ތަފާތުކޮށްފައިވާކަން ފާހަގަކުރެއްވޭނެއެވެ. މިއީ ކޮންމެ ބަހަކުން ވެސް މި ކަން ކުރާ ގޮތެވެ. ބަހަކުން ލަފުޒެއް ލޯނުކުރާ ނަމަ، އެ ބަހަކަށް އެ ލަފުޒެއް ވައްދާނީ އެ ބަހުގެ ސަގާފަތާއި ތަބީއަތާ އެއް ގޮތަށެވެ. އެއީ އެ ބަހުގެ އުސޫލުތަކާއި ސަގާފަތް ޙިމާޔަތްކުރުމަށް ޓަކައެވެ. މި ކަމުން އިނގިރޭސި ބަހެއް ވެސް އިސްތިސްތާނެއް ނުވެއެވެ. ދިވެހިބަހުން އިނގިރޭސިބަހަށް އެންމެ ފުރަތަމަ ލޯނުކުރި ލަފުޒުކަމަށްވާ "އަތޮޅު" އެ މީހުން ބަހަށް ވެއްދީ އެ ބަހުގެ ތަބީއަތާ އެއްގޮތަށް ބަދަލުކޮށްލައިގެން ""އެޓޯލް" (atoll)ގެ ގޮތުގައެވެ. މި ކަން ހަނދުމަފުޅުގައި ބެހެއްޓެވުން މުހިންމެވެ.
ދެން އަޅުގަނޑު މި ބަލައިލަނީ މެލޭޝިއާބަހާއި އިންޑޮނޭޝިއާ ބަހަށް ޢަރަބިބަހުން ލޯނުކޮށްފައިވާ (ގެންގޮސްފައިވާ) ބައެއް ލަފުޒުތަކަށެވެ. (ނުނިމޭ)
ލަފުޒެއްގެ މާނަ:
މަގާލު ނ. ކިޔުންތެރީންނަށް އަމާޒުކޮށްގެން ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ މި ނޫން ވެސް އޮންލައިން މަތުބާއެއްގައި ލިޔާ ކުރު ލިޔުމެއް. (ރަދީފަކު ނެތް.)
ލޯނުލަފުޒު ނ. ބޭރު ބަހަކުން ގެންނަ ލަފުޒު.