ad_banner
ދޮށިމޭނާކަމާއި ދޮށިމޭނާ ބިލްޑިންގ

ޢަބްދުﷲ ސަޢީދު

31 ޖުލައި 2025

ބަނޑޭރިގެއަށް ދޮށިމޭނާ ބިލްޑިންގ ކީ ޒަމާނެއް ވެސް އައެވެ.

ދޮށިމޭނާކަމަކީ ކުރީ ޒަމާނުގައި ދިވެހިރާއްޖޭގައި ކޮލިލެވޭ ދަރަޖައެކެވެ. މިއީ އިހުގައި ހަވަރު ބެހިފައިވާ ބައިތަކުގެ ތެރެއިން ދޮށިމޭނާވަރުގެ ވެރިކަމަށް އިސްކުރައްވައިފައިވާ ބޭކަލެއްގެ ދަރަޖައެވެ. ދޮށިމޭނާކަން ހިމެނެނީ ފަންސަފުރަދާނަ ނުވަތަ އިހުގައި ރަސްކަމުގެ ކަންތައް ހިންގަވާން ތިއްބަވާ ފަސް ވަޒީރުގެ ތެރޭގައެވެ. ވަޒީރުކަމަށް ކޮލިލައިފައި ތިއްބަވާ ބޮޑުބޭކަލުންގެ ތެރެއިން ބޮޑުމުސްކުޅި ޢިއްޒަތުގެ ދަރަޖައެއްގެ ގޮތުގައި ވެސް ދޮށިމޭނާކަން އޮވެއެވެ. ދޮށިމޭނާކިލެގެކަމަކީ ހަތްދޮށުކޮލީގެ ނަމެކެވެ. އެއީ ފަންސަފުރަދާނަކަން ނުވަތަ ބޮޑުފުރަދާނަކަން ދެއްވައިފައިވާ ކިލެގެބޭފުޅެކެވެ.

އިހުގައި އޮތް ރަސްކަމުގެ ނިޒާމުގައި މިހާރު ވަޒީރުން ތިއްބަވާ ގޮތަށް ކިލެގެކަމުގެ ޢިއްޒަތްދެއްވާ ކޮލިލައްވައިފައިވާ މަޖިލިހެއް އޮވެއެވެ. ދޮށިމޭނާކިލެގެއަކީ އެ މަޖިލިހުގައި ތިއްބަވާ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ގިނަ ފަހަރަށް މި ބޭކަލުންނަކީ ރަސްގެފާނާ އަރިސްކަން އޮންނަ ބޭކަލުންނެވެ.

ރަސްކަމުގެ ޒަމާނުގައި ދޮށިމޭނާކިލެގެކަމަށް ކޮލިލެވޭ ބޭކަލަކީ ރަސްކަމުގެ އެންމެ އިސް ފަސް ވަޒީރުންގެ ތެރެއިން އެންމެ އިސް ވަޒީރެވެ. އެ ވަޒީރަކީ ދިފާޢީ ކަންތައްތަކާ ހަވާލުވެ ހުންނަވާ ވަޒީރެވެ. ފަހުން އެއީ ވަޒީރުލްޢަސްކަރިއްޔާއެވެ. މިހާރުގެ ގޮތުން ނަމަ ދިފާޢީ ވަޒީރެވެ. އިހުގައި ރަސްކަމުގެ ކަންތައްތައް ހިންގަވާން ތިއްބަވާ ފަސް ވަޒީރުންނަށް ކިޔަނީ ފަންސަފުރަދާނައެވެ. ރަދުންގެ ވަޒީރުންގެ ގޮތުގައި ފަހުން [ދޮށިމޭނާ]ކަމުގެ އިތުރުން [ކުޑަ ދޮށިމޭނާ]ކަން ވެސް ބައެއް ދުވަސްވަރު އޮތެވެ.

ފަހުގެ ތާރީޚަށް ބަލާ އިރު، ދޮށިމޭނާގެ ލަގަބު އޮތީ އަތިރީގެ ޢާއިލާއަށް ޚާއްޞަވެފައި އޮތް އަދި ވާރުތަވަމުން އައި މަގާމެއްގެ ގޮތުގައެވެ. މީލާދުން 1799ވަނަ އަހަރު އަތިރީގޭ ޙުސައިން ދޮށިމޭނާކިލެގެއާ ހަމައިން ދޮށިމޭނާކަން އޮތީ އަތިރީގެ ޢާއިލާގެ ބޭފުޅުންނަށެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމާލާއާ ހަމައަށް ދައުލަތުގެ ވަރަށް ގިނަ އިދާރާތައް ހިނގީ މި ދެ ޢިމާރާތަކުގައެވެ.

އެ ކިލެގެ އަވަހާރަވުމުން ދެން އެ މަގާމު ލިބިވަޑައިގަތީ އޭނާގެ ދަރިކަލުން އަތިރީގޭ ދޮން އަޙުމަދު ދީދީއަށެވެ. އެއީ އަޙުމަދު ދޮށިމޭނާކިލެގެ އެވެ. ދޮން އަޙުމަދު ދީދީއަށް ފަހު ދެން ދޮށިމޭނާކިލެގެކަން ލިބިވަޑައިގަތީ އޭނާގެ ދަރިކަލުން ޢަލީ ދޮށިމޭނާކިލެގެފާނަށެވެ. މި ކިލެގެފާނު ގާލީގައި އަވަހާރަވުމުން ދެން ދޮށިމޭނާކިލެގެކަން ލިބިވަޑައިގަތީ އެ ކިލެގެފާނުގެ ދަރިކަލުން އަތިރީގޭ އިބްރާހީމް ދޮށިމޭނާކިލެގެފާނަށެވެ. ދިވެހި ތާރީޚުގައި އެންމެ މަޝްހޫރު ދޮށިމޭނާޔަކީ މިއީއެވެ.

އިބްރާހީމް ދޮށިމޭނާކިލެގެފާނަށް ފަހު ދޮށިމޭނާކަން ލިބިވަޑައިގަތީ އޭނާގެ ދޮށީ ދަރިކަލުން އަޙުމަދު ދީދީއަށެވެ. ކުރީން އަޙުމަދު ކުޑަދޮށިމޭނާގެ ނަންފުޅުގައެވެ. މިއީ ފަހުން އަތިރީގޭ އަޙުމަދު ދޮށިމޭނާކިލެގެފާނެވެ. މި ކިލެގެފާނަށްފަހު ދެން ދޮށިމޭނާކަން ލިބިވަޑައިގަތީ އޭނާގެ ދަރިކަލުން މުޙައްމަދު އަމީނަށެވެ. މިއީ އަތިރީގޭ މުޙައްމަދު އަމީނު ދޮށިމޭނާކިލެގެފާނެވެ. އަތިރީގޭ ޢާއިލާއަށް ވާރުތަވަމުން އައި ދޮށިމޭނާކަން އަތިރީގޭ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާ ހަމައިން 1954ވަނަ އަހަރު ވަނީ ނިމުމަކަށް އައިސްފައެވެ. އަތިރީގޭ ޢާއިލާގެ ތެރޭގައި ދޮށިމޭނާކަމުގެ ލަގަބު ވާރުތަވަމުން އައި ދުވަސްވަރު އެ ޢާއިލާއާ ސިޔާސީ ގޮތުން އެންމެ ވާދަވެރި ކަކާގޭ ޢާއިލާގެ ބޭފުޅަކަށް ދޮށިމޭނާކަމަށް ހިޖުރައިން 1317ވަނަ އަހަރު (މީލާދީން 1900ވަނަ އަހަރު) ކޮލިލެއްވިއެވެ. އެއީ ކަކާގޭ ޢަލީ ރަންނަ ބަނޑޭރި ކިލެގެފާނުގެ ދަރިކަލުން އިސްމާޢީލް ދޮށިމޭނާ ކިލެގެފާނެވެ.

ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ފަހުން ދޮށިމޭނާކަން ދައުލަތުން ދެއްވައި، ކޮލިލެއްވީ އޮނަރަބަލް ޢަބްދުލްޙަންނާން ޙަލީމަށެވެ. އެ މަނިކުފާނަށް ކިލެގެކަމުގެ ދަރަޖަދެއްވައި ދޮށިމޭނާކަމަށް ކޮލި ލެއްވުނީ 1975ވަނަ އަހަރުގެ އޭޕްރީލް މަހު 21ވަނަ ދުވަހުއެވެ. އެ ދުވަހު އޮނަރަބަލް އަޙުމަދު ޙިލްމީއާއި އޮނަރަބަލް ޢަބްދުއްސައްތާރު މޫސާ ދީދީއަށް ވެސް ކިލެގެކަމުގެ ދަރަޖަދެއްވިއެވެ. ނަމަވެސް 1979ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނަކުން [ކިލެގެކަމުގެ ކޮލި] އުވައިލައްވައި، އެ ދަރަޖަ ދެއްވައިފައިވާ ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ބޭފުޅުންގެ ކިބައިން އެ ޢިއްޒަތް ނެގުމަށް ވަނީ ނިންމަވައިފައެވެ. ކިލެގެކަމުގެ ދަރަޖަ ދައުލަތުން ދެއްވި ބޭފުޅުންގެ ތެރެއިން، އެންމެ ފަހަށް ދުނިޔޭގައި ހުންނެވި ބޭފުޅަކީ ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާ ކިލެގެފާނެވެ.

ފަހުގެ ދޮށިމޭނާ ބިލްޑިންގ ހުޅުއްވައިދެއްވީ، ރައީސް ޑރ. މުޙަންމަދު މުޢިއްޒާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީ

މާލޭގެ ބޮޑެތި ޢިމާރާތްތަކަށް ރަސްމީ ގޮތުން ނަންދެއްވާން ފައްޓަވައި ކުރީ ޒަމާނުގައި ބޭނުންކުރަމުން އައީ ދުވަސްވީ ޢިއްޒަތުގެ ލަގަބުތަކަށް ނިސްބަތްކޮށް ނަން ދެވުނު އިރު، މިހާރު ދިވެހި އަސްކަރިއްޔާގެ ހެޑުކުއާޓަރު ހުންނަ ބަނޑޭރިގޭ ޢިމާރާތަށް 17 އޮކްޓޫބަރު 1969ގައި ދޮށިމޭނާ ބިލްޑިންގގެ ނަން ދެއްވިއެވެ. ނަމަވެސް ފަހުން އެ ޢިމާރާތަށް ކުރީއްސުރެ ކިޔަމުން އައި "ބަނޑޭރިގެ" މި ނަމަށް 1979 އޭޕްރީލް 7ގައި ބަދަލުކުރެއްވިއެވެ. އަދި ސިފައިންގެ ކުރިމަތީގައި މިހާރުގެ ޖުމްހޫރީ މައިދާނުގައި ހުރި ސެންޓްރަލް ބިލްޑިންގުގެ ނަން [ދޮށިމޭނާ ބިލްޑިންގ]ގެ ނަމަށް ބަދަލުކުރެއްވިއެވެ. މި ދޮށިމޭނާ ބިލްޑިންގ ތަޅައިލީ 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ވަރަށް ބޮޑަށް ގެއްލުން ލިބިފައިވަނިކޮށް ޖުމްހޫރީ މައިދާން ހެދުމަށް ޓަކައެެވެ.

ކުރީން ކޯސްޓްގާޑް ބިލްޑިންގ ހުރި ތަނުގައި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ބިނާކުރި 10 ބުރީގެ ދިފާޢީ ވުޒާރާ ޢިމާރާތުގެ ބިންގާ އެޅުނީ 19 ފެބުރުވަރީ 2014ގައެވެ. ޢަމަލީ މަސައްކަތް 2019ވަނަ އަހަރު ފެށުނު މި ބިލްޑިންގ އިމާރާތްކޮށް ނިންމައި [ދޮށިމޭނާ ބިލްޑިންގ]ގެ ނަމުގައި ހުޅުވައިދެއްވީ 2025 ޖުލައި 25ވަނަ ދުވަހު، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ.

ކޮމެންޓު