ad_banner
ވަޠަނަކީ ވެލިމުށެއް ނޫން

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

25 ޖުލައި 2025

ވަޠާން ދެކެ ލޯބިވުން - ވަޠަނަކީ ހަމަ އެކަނި ވެލިމުށެއް ނޫން.

ވަޠަނަކީ ޖީލުތަކުގެ ދޫދޫމަތީން ކިޔައިދެވޭ ވާހަކައެކެވެ. އެއީ ކަންކަންމަތީގައްޔާއި މަގުމަގުމަތީގައި ދިރިއުޅޭ ފުރާނައެކެވެ.

ވަޠަނަކީ ޢިއްޒަތްތެރި ރައްޔިތަކު އުޅޭ ބިމެވެ. އެއީ މި ރައްޔިތުންގެ އުސް ޙަޟާރަތެވެ. އެއީ މި ރައްޔިތުންގެ މުލައްދަނޑިތަކުން ޤާއިމުކުރާ މުއައްސަސާތަކެވެ. އަބްޠާލުންގެ ޠާހިރު ލެއިން ފުރޭފުކުރާ ނަޞްރުތަކާއި ކާމިޔާބީތަކެވެ. ޢިލްމުވެރީންނާއި އުފެއްދުންތެރީންގެ އީޖާދުތަކުން ކުރަހާ މަލަތަކެވެ. ވަޠަނުގައި އަހުރެމެން އުޅެމުއެވެ. އަދި ވަޠަނު އަހުރެމެންގެ ކިޔާނުގައި އުޅެއެވެ.

ސަރްމަދީ  ޖާދުވީ މި ކިޔާނު "ވެލިމުށެއް"އަކަށް ހަދާން އުޅޭ މީހުންނަކީ ވަޠަނަށް އުރެދޭ ބަޔެކެވެ. މި މާތް މަފުހޫމުގެ ބުރުސޫރަ ހުތުރުކޮށް ހަޑިކުރާން އުޅޭ ބަޔެކެވެ. ޒާހިދު ވެރިއެއްކަމުގައިވާ އިބްރާހީމު ބިން އަދްހަމު، ވަޠަނުގެ އަގުވަޒަން ކުރައްވަމުން ވިދާޅުވިއެވެ. [ވަޠަނާ ވަކިވެދިޔުމަށް ވުރެ ބުރަ އެއްޗެއް ދޫކޮށްފައެއް އަހުރެން ނުދަމެވެ.]

ވަޠަނުގެ އަހައްމިއްޔަތަށް އިޝާރާތްކުރާ ޤުރްއާނުގެ ކިތައް އާޔަތް، ކައު ރަސޫލާގެ ކިތައް  ޙަދީސްފުޅު  ވޭތޯއެވެ؟ އަމިއްލަ ވަޠަނާ ވަކިވުމާ އަމިއްލަ ނަފުސު ޤަތުލުކުރުމާ ދެމެދުގައިވާ ގުޅުމަށް އިޝާރާތްކުރައްވައި  ﷲ ޢައްޒަ ވަ ޖައްލަ ވަޙީކުރެއްވިއެވެ. )وَلَوْ أَنَّا كَتَبْنَا عَلَيْهِمْ أَنِ ٱقْتُلُوٓا۟ أَنفُسَكُمْ أَوِ ٱخْرُجُوا۟ مِن دِيَٰرِكُم مَّا فَعَلُوهُ إِلَّا قَلِيلٌ مِّنْهُمْ [1]- އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް قتل ކުރާށޭ ނުވަތަ ތިޔަބައިމީހުންގެ ގޯތިގެދޮރުން ނުކުންނާށޭ އަންގަވައި، އެކަން އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ فرض ކުރެއްވިނަމަ، އޭގެތެރެއިން މަދުބަޔަކު މެނުވީ އެކަންތަކެއް ނުކުޅައީހެވެ.( ﷲއާ އުރެދޭ މީހުންނަށް ދެއްވާ ޢަޒާބުގެ ތެރޭގައި ވަޠަނުން ބޭރުކޮށްލެއްވުން ވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. )وَلَوْلَآ أَن كَتَبَ ٱللَّهُ عَلَيْهِمُ ٱلْجَلَآءَ لَعَذَّبَهُمْ فِى ٱلدُّنْيَا ۖ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابُ ٱلنَّار[2]ِ - ރަށުން ބޭރުކޮށްލާފައިވާ ބަޔަކުކަމުގައިވުމަށް، اللَّه އެއުރެންގެ މައްޗަށް ލިޔުއްވާފައިނުވާނަމަ، ހަމަކަށަވަރުން، އެއުރެންނަށް މިދުނިޔޭގައި عذاب ދެއްވައިފީހެވެ. އަދި آخرة ގައި ނަރަކައިގެ عذاب އެއުރެންނަށް ހުށްޓެވެ.(

ވަޠަނަކީ އެއްވެސް އިޙްސާސެއް ނެތް ހަރު ގައުބުރިއެއްކަމަށް ދެކެވަޑައިގަންނަވަނީތޯއެވެ؟ ނޫނެކެވެ! އެއީ ދިރުން ހުރި ކާއިނެކެވެ. ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރީން ގައުގަނޑެއް އެކަލޭގެފާނަށް ސަލާން ދެންނެވިކަމުގެ ޚަބަރުނުދެއްވައިތޯއެވެ؟ ޚުޠުބާ ދެއްވާން އަރައިވަޑައިގެން ހުންނަވާނެ މިންބަރުކޮޅެއް ރަސޫލާއަށް ލިބިވަޑައިގަތުމުން،  އޭގެ ކުރިން އޭގައި ލެނގިވަޑައިގެން ހުންނެވި ކަނދުރުރުކުގެ ބުޑު ރޮއި ނުހަދައިތޯއެވެ؟ ކީރިތި ރަސޫލާގެ މާތް އަތްޕުޅުމަތީގައި ކުދި ހިލަކޮޅުތައް ތަސްބީޙަނުކިޔައިތޯއެވެ؟ ބައެއް ޖަނަވާރުތަކާއި ދޫނިތައް ރަސޫލާގެ އަރިހުގައި ޝަކުވާ ދަންނަވައިފައި ނުވޭތޯއެވެ؟ މި ޙާދިސާތަކުން ކަށަވަރުވަނީ ހުރިހައި ކާއިނާތުތަކަކަށް ވެސް އިޙްސާސްދެއްވައިފައިވާ ކަމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. )وَمَا مِن دَآبَّةٍ فِى ٱلْأَرْضِ وَلَا طَٰٓئِرٍ يَطِيرُ بِجَنَاحَيْهِ إِلَّآ أُمَمٌ أَمْثَالُكُم[3] ۚ - ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ކޮންމެ އެއްޗެއްވިޔަސް، އަދި އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ أمّة ތަކެއް ކަމުގައި ނޫނީނުވެއެވެ.(

އާދޭހެވެ! ވިސްނައިލަމާ ހިންގަވާށެވެ! ވަޠަނަކީ ހިތާމަކޮށް އުފާވާ ކިޔާނެކެވެ. އެއީ ރުހި ޤަބޫލުވެ، ނުރުހުންވެ ރުޅިއަންނަ ތަނެކެވެ. އެއީ ގިޔަމުތަކަކާއި ޚުލުޤުތަކެކެވެ. އެއީ އާދަތަކަކާއި ޢުރުފުތަކެކެވެ. އެއީ މައިވަންތަކަމާއި ދަރިވަންތަކަމެވެ. އެއީ ކުލުނާއި ލޯތްބެވެ. އެއީ ތިމާގެކަމާއި ނިސްބަތްވުމެވެ. އެއީ އިޚުލާޞްތެރިކަމާއި ވަފާތެރިކަމެވެ. އެއީ ޙަޟާރަތާއި ސަޤާފަތެވެ. އެއީ ފަސްގަނޑު ދެކެ ވާ ލޯތްބެވެ. އެއީ ގޮވައްޗަށް އޮތް ޝައުޤުވެރިކަމެވެ. ނިދާން އަރާ ގަހަށް ކިޔާ ހިތްކިޔުމެވެ. ނަބިއްޔާ އުޙުދު ފަރުބަދައާ ބެހޭ ގޮތުން ޙަދީސްކުރެއްވި ބަސްފުޅާ މެދު ވިސްނައިލަމާތޯއެވެ. ((هذا أُحُدٌ، جَبَلٌ يُحِبُّنا ونُحِبُّهُ [4] - މިއީ އުޙުދެވެ. އެއީ އަހުރެމެން ދެކެ ލޯބިވާ އަދި އަހުރެމެން އެ ތަން ދެކެ ލޯބިވާ ފަރުބަދައެކެވެ.)) ވީމާ، މުޅި ވަޠަނާމެދު ވިދާޅުވާނީ ކީކޭތޯއެވެ؟ މައްކާއާ މެދު ޙަދީސްކުރެއްވި ބަސްފުޅު ހަނދާނަށް ގެންނަމާތޯއެވެ؟ އެކަލޭފެފާނު ޙަދީސް ކުރެއްވިއެވެ. (( وإني لأعلمُ أنك أحبّ بلادِ اللهِ إلى اللهِ، وأكرمهُ على اللهِ؛ ولولا أهلكِ أخرجُوني منك ما خَرجتُ [5] -   ހަމަކަށަވަރުން ﷲގެ ރަށްތަކުން އެކަލާނގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ރަށަކީ ތިބާކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. ތިބާގެ އަހުލުވެރީން ތިމަންކަލޭގެފާނު ތިޔަ ރަށުން ބޭރަށް ނެރެނުލި ނަމަ ތިމަންކަލޭގެފާނު ތިޔަ ރަށުން ބޭރަށް ވަޑައެއްނުގަތީމުހެއެވެ.))

އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ صلى الله عليه وسلم ވަނީ ވަޠަން ދެކެ ލޯބިފުޅުވާކަމުގެ ރިވެތި އެތައް މިސާލުތަކެއް ޢަމަލީ ގޮތުން ދައްކަވައިފައެވެ. މަދީނާއިން ބޭރަށް ދަތުރުފުޅެއްކުރައްވައި އެނބުރިވަޑައިގަންނަވާ އިރު، މަދީނާގެ ގަސްކަރަ، ހަމަ ފެނިވަޑައިގަންނަވާއިރަށް ސަވާރީކޮޅުގެ ދުވެލި ބާރުކޮށްލަވައެވެ. މާތް ﷲ ރަޙްމަތްލެއްވި އިބްނު ޙަޖަރު ވިދާޅުވާ ގޮތުގައި ރަސޫލާގެ މި ޢަމަލުފުޅުން ވަޠަނު ދެކެ ލޯބިވުމަކީ ދީނުގައި ޝަރުޢުކުރައްވައިފައިވާ ކަމެއްކަން އެނގެއެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((فاللَّهُمَّ إنِّي أُحَرِّمُ ما بيْنَ جَبَلَيْها، مِثْلَ ما حَرَّمَ به إبْراهِيمُ مَكَّةَ، اللَّهُمَّ بارِكْ لهمْ في مُدِّهِمْ وصاعِهِمْ [6]– ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބްރާހީމުގެފާނު މައްކާ ޙުރުމަތްތެރިކުރެއްވި ގޮތަށް ތިމަންކަލޭގެފާނު މި ރަށުގެ ދެ ފަރުބަދަ ދެމެދުގައިވާ ބިން ޙުރްމަތްތެރިކުރައްވަމުއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އެބައިމީހުންގެ މުއްދުގައްޔާއި ޞާޢުގައި އެބައިމީހުންނަށް ބަރަކާތްލައްވާނދޭވެ!)) މާތްﷲ ރަޙްމަތްލެއްވި އިބްނުލްޖައުޒީ ވިދާޅުވެފައިވާ ގޮތުގައި ޢަރަބީންގެ ފިޠުރަތުގައި ވަޠަނުދެކެ ލޯބިވުން ވެއެވެ. [އެބައިމީހުން ދިގު ދަތުރެއް ކުރާ ނަމަ ރަށުން ވެލިކޮޅެއް ގެންދެއެވެ. އެއީ ބައްޔެއް ވެއްޖެނަމަ އެއިން ޝިފާ ހޯދުމަށް ޓަކައެވެ.]

ވަޠަނުދެކެ ލޯބިވުމަކީ ހަމަ އެކަނި ޝިޢާރެއްނޫނެވެ. އެއީ ކޮންމެ މީހަކު ވެސް އެ މީހަކު ކުރާންޖެހޭ ކަމެއް ރަނގަޅަށް ބަރާބަރަށް މަކަރާއި ޙީލަތް ނަހަދައި ކުރުމެވެ. އަމާނަތްތެރި މުވައްޒަފު، ހީވާގި މަސައްކަތުމީހާ، ފިލާވަޅުތައް ދަސްކުރާ ދަރިވަރު، ނަމޫނާ އެދުރު، ގަޑިއަށް ފަރުވާތެރި ޑަކުޓަރު،  ތެދުވެރި ވިޔަފާރިވެރިޔާ، ހިތްވަރުގަދަ ސިފައިންނާއި ފުލުހުން، މި އެންމެން އެމީހުންގެ އިޚުލާޞްތެރިކަމުން ވަޠަނު ބިނާކުރެއެވެ. އެ މީހުންގެ މާދަރީބަހުން ވަޠަނުގެ ސަޤާފަތް ކުރިއަރުވައެވެ. އެ މީހުންގެ ޠާހިރު އިސްލާމީ އީމާންތެރިކަމުން ގައުމު ޙިމާޔަތްކުރެއެވެ. ސިފައިން އެ މީހުންގެ އައްޑަނަތަކުން ވަޠަނު ދިފާޢުކުރެއެވެ. ފުލުހުން އެމީހުންގެ ފޯރިމެރުންތަކުން ވަޠަނަށް  ހަމަޖެހުން ގެނެއެވެ. އެންމެންގެ އަތުގުޅައިލުންތަކުން ވަޠަނުގައި އާންމު ޚިދްމަތްދޭ މުއައްސަސާތައް ރައްކައުތެރިކުރެވެއެވެ.

ވަޠަނުގެ މުއްސަނދިކަމަކީ އެންމެންގެ މިލްކެކެވެ. ވަޠަނުގެ ތަނަވަސްކަމަކީ އެންމެންގެ ފުދުންތެރިކަމެވެ. މި މިލްކިއްޔާތުތަކަށް ގެއްލުންދޭ މީހާއަށް އެއީ ވަޠަނު ޚަރާބުކުރުންކަމެއް ނުވިސްނޭ ކަހަލައެވެ. ވަޠަނުގެ ކުރިއެރުމުގެ ދުވެއްޔަށް ހުއްޓުން ގެނައުންކަމެއް ނޭނގޭ ކަހަލައެވެ. ވަޠަނުގެ ދަރީންގެ ޙަޔަވީ ބަހާތައް ނައްތައިލުންކަމެއް ދޭހަނުވާ ކަހަލައެވެ.

ވަޠަނު ދެކެ ލޯބިވާކަމުގެ ޢަލާމާތްތަކުގެ ތެރޭގައި ސަޤާފަތް ރައްކައުތެރިކުރުން ވެއެވެ. މި ސަޤާފަތުގެ މައިނާރަކީ ބަހެވެ. އެއީ ށަވިޔަނީގެ ބަހެވެ. އަޅުގަނޑުމެން ވިސްނައިހަދަނީ މި ބަހުންނެވެ. އެކަކު އަނެކަކާއެކު މުވާޞަލާތުކުރަނީ މި ބަހުންނެވެ. އަޅުގަނޑުމެންގެ ތުރާސް ރައްކައުތެރިކޮށް ހަދަނީ މި ބަހުންނެވެ. ވަޠަނު ދެކެ ލޯބިވާ މީހަކު މި ބަސް ނިކަމެތިވެގެންދާ ތަން ދެކޭން ބޭނުންވާނެތޯއެވެ؟ މި ބަހަށް މަލާމާތްކޮށް މި ބަސް އޮވެގެން އަޅުގަނޑުމެން ކުރިނާރޭނޭކަމަށް ބުނާ މީހާ އެ ކަމާ މެދު އިތުރަށް ވިސްނައިނުލާނެ ބާވައެވެ. ބަސް ދެކެ ލޯބިވުމާއި ބަސް ރަނގަޅަށް ބޭނުންކުރާން އެނގުމަކީ އެ ކަމާ މެދު އުފާވާން ޖެހޭނެ ކަމެކެވެ. މި ބަސް ދަސްކޮށްދީ މި ބަސް ބޭނުންކުރުން ފުޅައުކޮށް އިތުރުކުރުމަކީ ވަޠަނު ދެކެ ލޯބިވުމުގެ ޢުންޞުރެކެވެ. އަޅުގަނޑުމެންގެ ސަޤާފަތާއި ބަސް ރައްކައުތެރިކުރުމަކީ ކާބަފައިންގެ ތުރާސް ރައްކައުތެރިކުރުމެވެ. އަޅުގަނޑުމެންގެ ދަރީންގެ ކުރިމަގު ބިނާކުރުމެވެ.

ޢަމަލީ ގޮތުން ވަޠަނުދެކެ ލޯބިވުމުގެ ތެރޭގައި ވަޠަނީ އިޤްތިޞާދު ބިނާކުރުން ވެއެވެ. ޙަޔާތުގެ މައިކަށްޓަކީ ވަޠަނުގެ އިޤްތިޞާދެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު އޭނާގެ މަސައްކަތުގެ ދާއިރާގައި ކުރާ ކޮންމެ ޢަމަލަކީ ، ކޮންމެ މީހަކު އެމީހާގެ ވަޒީފާ އިޚްލާޞްތެރިކަމާ އެކު، އަދާކުރާ އަދާކުރުމަކީ ވަޠަނީ އިޤްތިޞާދުގެ މަޞްލަޙަތު އެ ކަމުގައި ހިމެނޭ ކަމެކެވެ. ވަޠަނުގައި އުފައްދާ އެއްޗެހި ގަތުމަށް އިސްކަންދިނުމާއި،  ވަޠަނީ ޞިނާޢަތްތަކަށް ވާގިވެރިވުމާއި،  ވުނަކުރުމަށް ހިތްވަރުދިނުމާއި، ފަސާދައާ ދެކޮޅަށް ހަނގުރާމަކުރުން... މި ހުރިހައި ކަންކަމަކީ ވެސް ވަޠަނީ އިޤްތިޞާދު ވަރުގަދަކަން މަތީ ދަމަހައްޓައިދޭނޭ ކަންކަމެވެ. އޭނާގެ ވަޠަނު ދިފާޢުކުރާ ސިފައިންގެ މީހާއާއި އޭނާގެ ވަޠަނު އަމާންކޮށް ރައްކައުތެރިކުރާ ފުލުސްމީހާއާއި އޭނާގެ ގަނެވިއްކުމުގެ މުޢާމަލާތުތަކުގައި ތެދުވެރިވާ ވިޔަފާރިވެރިޔާ ... މި އެންމެންނަކީ ވެސް  ވަޠަނު ބިނާކުރުމުގެ ހަނގުރާމައިގައި ޖިހާދުކުރާ މުޖާހިދުންނެވެ. ﷲ ތަޢާލާ އެކަލާނގެ ރަސޫލާއަށައެންގެވިއެވެ. )وَقُلِ ٱعْمَلُوا۟ فَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُۥ وَٱلْمُؤْمِنُونَ ۖ  [7] - ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން عملކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ عملތައް اللَّه ދެކެވޮޑިގެންވާނެތެވެ. އަދި އެކަލާނގެ رسولއާ ވެސް މެއެވެ. އަދި مؤمنތަކުން ވެސް މެއެވެ.(

މިއީ މަސައްކަތްކުރުމަށާއި ކުރާ ކޮންމެ ކަމެއް ރިވެތިކޮށް ރަނގަޅަށް ކުރުމަށް ﷲ ގޮވައިލައްވާ ގޮވައިލެއްވުމެކެވެ. ﷲގެ ވަޖުހުފުޅު އަދައިގެން ވަޠަނަށް ޓަކައި މަސައްކަތްކުރުމަށް ޢަޒުމުކަނޑައަޅަމާތޯއެވެ!

ބައެއް ލަފުޒުގެ މާނަ

ޚުލުޤު       ނ.    (1) އަޚުލާޤު Eng: conduct, discipline  (2) ޚަޞީލަތް (3) ރީތި ސިފަ 

ޚިދުމަތް      ނ.    މީހަކަށް ނުވަތަ ބަޔަކަށް ކަމެއް ކޮށްދޭ ކޮށްދިނުން. Eng: service

ހީވާގި       ނ.    (1) މުރާލި (2) ކަންނެތްކަމުގެ އިދިކޮޅު

އައްޑަނަ      ނ.    ހަނގުރާމައިގައި ދިފާއުވާން ގެންގުޅޭ އާލަތެއް. މި ކިތަންމެ ސިފަޔަކަށް ހުރެއެވެ. ރާއްޖޭގެ އައްޑަނަ ހުންނަނީ ވަށްކޮށް ފަތާކޮށެވެ. އެތެރެޔަށް ގޮނިކޮށްލައިފައެވެ. Eng: shield (in battle field)

އަމާނާތްތެރި   ނއ.   (1) ތިމާގެ އަތުގައި ބަހައްޓާ ތަކެތި ރައްކާތެރިކަމާއެކު ބަލަހައްޓައިދޭ. (2) ބަލަހައްޓާން ހަވާލުކުރާ ކޮންމެ ކަމަކާއި ކޮންމެ އެއްޗެއް ފަރުވާތެރިކަމާއެކު ބަލަހައްޓައިދޭ.

އުރެދުން      މ.    ނުކިޔަމަންތެރިވުން.Eng: disobedience

އަޒާބު       ނ.    ކުރާ ފާފައަށް الله ދެއްވާ ސަޒާ.   Eng: punishment (by Allah for the sins)

އުރުފު       ނ.    މުޖުތަމަޢެއްގައި އެބައެއްގެ ސުލޫކާއި މުޢާމަލާތުތަކުގައި ރަނގަޅު ކަމަށް ޒަމާންތަކެއް ވަންދެން ބަލައިގެންފައިވާ ކަންތައްތަކާއި އާދަތައް. އެހެނަސް ކޮންމެ އާދައަކީ އުރުފެއް ނޫނެވެ.  

މުއްސަނދި    ނއ.   (1) ފައިސާވެރި. (2) އަތްމަތި ތަނަވަސް. Eng: wealthy  (3) ފޯރާ. (4) ތަކެތި ގިނައިން ލިބޭ. (5) މަޢުލޫމާތު ތަނަވަސް. Eng: knowledgeable

މިލްކު       ނ.    (1) އަމިއްލަ އެއްޗެހި. (2) އަމިއްލަ

މިލްކިއްޔާތު    ނ.    މީހެއްގެ އަމިއްލަ މުދަލާއި ތަންތަން.

ބަހާ        ނ.    (1) ގެލަހަރު، އެ ބަހީ އަދަދެއް އެ އަދަދަކުން ގެއްލެވޭ އަދަދުތައް. (2) ބައި (3) އެއްޗެއް އުފައްދަން ބޭނުންވާ އަސާސީ އުންސުރުތައް. (4) ބެހުން މި މޞަދަރުން އުފައްދާ އަމުރާއި ވާހަކަން.

ބަސް       ނ.    (1) މީހެއްގެ ހިތުގައި އުފެދޭ ޝުޢޫރެއް، އަޑު ނުވަތަ އިޝާރާތް ބޭނުންކޮށްގެން ވަކިހަމަތަކެއްގެ މަތިން ފާޅުކުރާ ފާޅުކުރުން.  Eng: language(2) ބަހުރުވަ. Eng: dialect

ޙަޔަވީ       ނއ.   ދިރޭ ތަކެއްޗާ ގުޅުން ހުރި.

ޚަރާބުކުރުން   މ.    (1) ގޯސްކުރުން. (2) ނުބައިކުރުން. (3) ހަޑިކުރުން.

ތުރާސް      ނ.    ކާބަފައިންގެ ފުށުން ޖީލުތަކަށް ވާރުތަވާ އަދި ރައްކާތެރިކަމާއެކު ދަމަހައްޓާންޖެހޭ ސަގާފަތާއި އާދަކާދައާއި ގިޔަމުތަކާއި ހުނަރުތަކާއި ބަހާއި އަދަބިއްޔާތު ފަދަ މާނަވީ އަދި މާއްދީ އެންމެހާ ތަރިކަ. ތުރާސަކާ ނުލައި ތަނެއްގައި ޙަޟާރަތެއް މަދަނިއްޔަތެއް ނޯންނާނެއެވެ. އެއް ގައުމު އަނެއް ގައުމާ ތަފާތުކޮށްދޭ އެންމެ މުހިއްމު އެއް ބަހާއަކީ ތުރާސެވެ.

އުންސުރު     ނ.    (1) އެއްޗެއް އޭގެ ޒާތުގައި ފުރިހަމަ ވުމަށް ޓަކައި އޭގައި ހިމެނޭން ޖެހޭ އަސާސީ ބައިތައް. މިސާލަކަށް ޚަބަރެއްގައި ނަމަ ފަސް ކާފު ހިމެނޭން ޖެހޭނެއެވެ. (2) އެއްވައްތަރެއްގެ އެޓަމްތަކަކުން އެކުލެވޭ، ކީމާވީ ވަސީލަތަކުންކުރެ ވަސީލަތަކުން ބައިބައި ނުކުރެވޭނެ މާއްދާ. މިސާލަކަށް އޮކްސިޖަން. Eng: element (3) ޤާނޫނުގައި ކުށެއް ކަމަށް ކަނޑައަޅައިފައި ވާ ކަމެއް، ކުށެއްގެ ގޮތުގައި ފުރިހަމަ ވުމަށް ޓަކައި ހުރުން ގާނޫނު ލާޒިމުކުރާ އަސާސީ ބައިތައް. ޢާއްމުކޮށް ކުށެއްގައި ހިމެނޭ އުންސުރުތަކަކީ އެ ކުށުގެ ޢަމަލު ކަމަށް ބެލެވޭ ބަޔާއި، ކުށުގެ ގަސްދާއި ނިޔަތެވެ.

އާދަ        ނ.    (1) ވަކި ޤަވާޢިދަކަށް ހިނގަމުން އަންނަ ކަމެއް. (2) ކުރަމުން އަންނަ ކަމެއް. (3) ކަން ހިނގާ މަގު       ނ.    (1) ކަމެއް ކުރާން އޮންނަ އުސޫލު. (2) ގޮތް. (3) ހިނގުމަށާއި، އެއްޗެހި ދުއްވުމަށް ޚާއްޞަ ކުރެވިފައިވާ ތަން. (4) ޓިނާއި އީޓު ފަދަ ތަކެތީގައި ފެން ދަތުރުކުރުމަށް ޓަކައި އަޑިކޮށްފައި ހުންނަ ތަން.

އާންމު       ނ.    (1) ވަކި ކަމަކަށް ވަކި ބަޔަކަށް ޚާއްޞަނޫން. Eng: general (2) އާދައިގެ. Eng: Normal

އީޖާދު       ނ.    (1) އެއްޗެއް ނުވަތަ ކަމެއް އަމިއްލަ ޚިޔާލާއި ފިކުރުން އަލަށް އުފައްދާ އުފެއްދުން.  Eng: invention  (2) އަމިއްލަ ޚިޔާލާއި ފިކުރުން އަލަށް އުފައްދާ ކަމެއް ނުވަތަ އެއްޗެއް.

އިހުސާސް     ނ.    ފަސްޙިއްސުންކުރެ ޙިއްސެއްގެ ޒަރީއާއިން އެނގޭ އެނގުން.  Eng: feel

އިޚުލާޞްތެރި   ނއ.   (1) ތެދުވެރި Eneg: sincere (2) އަމާނާތްތެރި. (2) ވަފާތެރި.Eng: faithful  (3) ނިޔަތް ރަނގަޅު     

ވަޒަން       ނ.    (1) އުފަން ބިން. (2) ކުދި ބަޑިއަށް ލައްވާ އުންޑަ. (3) ބަރުދަން. (4) ޅެމުގެ ހަމަ

ވަޠަން       ނ.    (1) އެ މީހަކު ނިސްބަތްވާ ޤައުމު. (2) ތިމާ ރަށްވެހިވެފައިވާ ޤައުމު.  Eng: nation

މަފުހޫމު      ނ.    (1) ވިސްނިފައިވާ ގޮތް. (2) ދޭހަވާ ގޮތް. (3) މޭރުންވާ ގޮތް.

މުއައްސަސާ   ނ.    އާންމު ޚިދުމަތެއް ދިނުމަށް ޓަކައި ނުވަތަ ވަކި މަގުސަދަކަށް ޓަކައި ގާއިމުކޮށްފައި ހުންނަ އިދާރާ.

މިންބަރު      ނ.    މިސްކިތުގައި ޚުޠުބާ ކިޔާމީހާ އަރައި ހުންނާން ހަދައިފައި ހުންނަ އެތި ނުވަތަ ތަން.

ފުރޭފު       ނ.    ލިޔާ ލިޔުން.  Eng: document

ގިޔަމު       ނ.    ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް.  Eng: values

ޖީލު        ނ.    (1) އެއްދުވަސްވަރެއްގައި ދުނިޔެއަށް އަންނަ މީހުން، ނުވަތަ އެއް އުމުރުފުރައެއްގެ މީހުން. Eng: generation (2) ވިހި އަހަރާއި ތިރީސް އަހަރާ ދެމެދުގެ މުއްދަތެއް. (3) މެޝިނާއި އާލާތްތައް ފަދަ އުފެއްދުންތައް ތަރައްގީކުރަމުން އަންނަ މަރުހަލާތަކުގައި އެއް ފެންވަރެއްގައި ވުޖޫދުކޮށްފައިވާ އުފެއްދުންތައް.

ސަގާފަތް     ނ.    އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެ ބައެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަ ދެއްކުމާއި، މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާއި މި ހުރިހާ ކަމަކާ ގުޅިފައިވާ އާދަކާދަ. Eng: culture

ބިނާކުރުން.    މ.    (1) އިމާރާތްކުރުން.Eng: build   (2) ތަނެއް ރާނައި ހިޔާކުރުން.     

އިގުތިސާދު    ނ.    (1) ލިބޭ އާމްދަނީއާއި އެ އާމްދަނީ ފުއްދުންތެރި ގޮތަކަށް ޚަރަދުކުރާން ރާވާ ރޭވުން. (2) ޤައުމެއްގެ އާމްދަނީއާއި އެ އާމްދަނީގެ ޚަރަދުބަރަދު ބަލަހައްޓާ ބެލެހެއްޓުން. Eng: Economy   (3) މާލީ ތަނަވަސްކަން ހުރި ނެތް ގޮތް.

މަސްލަހަތު    ނ.    (1) ބަޔެއްގެ ތެރޭގައި އޮންނަ ރީތި، އޮމާން، ސުލްހަވެރި، ހަމަޖެހޭ ގޮތް. (2) ކަމެއްގައި ހިމެނޭ މީހެއްގެ މާލީ ނުވަތަ އެހެން ވެސް ފައިދާ ނުވަތަ ހައްގު ނުވަތަ ޒިންމާ.

ސިނާޢަތު     ނ.    ރޯމާއްދާ ނުވަތަ ގުދުރަތީ ވަސީލަތް ބޭނުންކޮށްގެން ވިޔަފާރި އުސޫލުން ތަކެތި އުފެއްދުމުގެ ނުވަތަ ޚިދުމަތެއް ދިނުމުގެ މަސައްކަތް. Eng: industry     

ވުނަކުރުން.    މ.    ފައިދާއެއް ނުވަތަ މަންފާއެއް ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ފައިސާ ޚަރަދުކުރުން ނުވަތަ މުދަލަކަށް ހޭދަކުރުން ނުވަތަ އެ ފަދަ ކަމެއްގައި ހިއްސާވުން.  Eng: invest

ފަސާދަ      ނ.    (1) ފިތުނަ. (2) ބަޣާވާތް. (3) ގަޑުބަޑު. ހުއްދަނޫން ގޮތެއްގައި ހޯދާ އަމިއްލަ މަންފާ.  Eng: corruption

މުއާމަލާތު     ނ.    (1) ދުނިޔަވީ ކަންތައްތަކުގައި ދެ ފަރާތެއްގެ ދެމެދުގައި ހިންގާ ގުޅުން. Eng: communication (2) އެކަކު އަނެކަކަށް ކަންތައް ކުރާ ގޮތް.

ވަޖުހަފުޅު     ނ.       މާތް اللهގެ ޛާތުފުޅު.

ޢަޒުމު       ނ.    ކަމެއްކުރުމަށް ގަސްދުކޮށް ވަރުގަދައަށް ހިތުގައި ކަނޑައަޅާ ކަނޑައެޅުން. Eng: determination

 

މަރުޖާ:

[1]  - النساء : 66

[2]  -  الحشر : 3

[3]  - الأنعام : 38

[4]  - أخرجه البخاري (٤٤٢٢)، ومسلم (١٣٩٢

[5]  - أخرجه الترمذي (٣٦٢٦)، وابن حبان (٣٧٠٩)، والطبراني (١٠/٣٢٩) (١٠٦٣٣ أخرجه النسائي في ((السنن الكبرى)) (٤٢٥٤) وأحمد (١٨٧١٧)

[6]  - أخرجه البخاري (٥٤٢٥)، ومسلم (١٣٦٥) وأبو داود (١٥٤٠)، والترمذي (٣٤٨٤)، والنسائي (٣٣٨٠

ކޮމެންޓު