އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
29 ޖުލައި 2025
މި ވަގުތު ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ، ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަކަ ދިވެހިރާއްޖޭގައި އިއްވެވި [ގުޅިފައިވާ ބަޔާން] އަޑުއަހާން އިން އިރު، އެ ދެއްވި ބަޔާނުގެ މަދު މަފުހޫމެއް ނޫނީ އަޅުގަނޑަށް ރޭކައިވެސްނުލައެވެ. ނަމަވެސް އަޅުގަނޑުގެ ލޮލުން ހިފެހެއްޓުމެއް ނެތް ކަރުނަ ފައިބަމުން ދިޔައެވެ. އެއީ އެ ވިދާޅުވި އެއްޗެއް އަޅުގަނޑަށް ދޭހަނުވެގެން ލިބުނު ހިތާމައަކުންނެއް ނޫނެވެ. ދިވެހީންގެ ސިކުނޑި އަޅުވެތިވެފައިވާ މިންވަރާ މެދު ޚިޔާލުކުރެވުމުން ހިތަށް ވެރިވި ޝުޢޫރަކުން ހިތުގައި ޖަހައިގަތް އާދަޔާ ޚިލާފު ވިންދުގެ ހޫނުން ލޮލުގައި އުފެއްދި ކަރުނަތައް ގިނަވެގެން ފައިބައިގަތް ކަރުނައެވެ.
އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭނެ ފަދައިން ދިވެހިބަހާއި ސިންގަޅަބަހަކީ ވަރަށް ޤަދީމީ ދެ ބަހެވެ. ސާންސްކިރިތުން އުފެދުނު ޕުރާކިރިތަކުން ހަމަ އެއް ދުވަސްވަރެއްގައި އުފެދުނު އެއްމާބަނޑު ދެ ބަހެވެ. އެއްބަނޑު އެއްބަފައި ދެ ބޭންނެވެ. ދިވެހިބަހަކީ ދިވެހިރާއްޖެގެ ބަސްކަމަށް ވާ ފަދައިން ސިންގަޅަބަހަކީ ސްރީ ލަންކާގެ ބަހެވެ. އެހެން ގައުމެއްގައި މިއިން ބަހެއް ބޭނުންކޮށް އުޅޭކަމަށް އެނގިފައެއް ނެތެވެ. މަލިކުގައި [މަހަލް]ގެ ނަމުގައި ބޭނުންކުރާ [ދިވެހިބަހުގެ] ބަހުރުވަ ފިޔަވައެވެ.
ސިންގަޅަބަހަކީ ދިވެހިބަހަށް ވުރެ، މޮޅު، މުއްސަނދި، ދޮށީ ބަހެއް ނޫންކަން ހުރިހައި ބަސްވާރުން އިއްތިފާގުވާނެއެވެ. އަދި އެންމެ ޚާއްޞަ ކަމަކީ ޚުދު ލަންކާގެ ޕްރޮފެސަރަކު ކުރެއްވި ދިރާސާއަކުން ސާބިތުވެފައިވާ ގޮތުގައި މި ސަރަހައްދުގެ ގައުމުތަކުގައި ބޭނުންކުރާ އެކި ބަސްތައް ލިޔާ އަކުރުތަކުގެ ތެރެއިން އެންމެ ސައެންޓިފިކް އަކުރަކީ ދިވެހިބަސް ލިޔާ ތާނަ އަކުރެވެ. އެއީ ދިވެހި ކާބަފައިންގެ އަމިއްލަ އުފެއްދުމެކެވެ. ދުނިޔޭގެ އެހެން އެއްވެސް ބަހެއް ލިޔާކަށް އެ އަކުރު ބޭނުމެއް ނުކުރާނެއެވެ. ނަމަވެސް ދިވެހީންނަށް، ހަމަގައިމު ވެސް ދިވެހީންގެ ގިނަ މީހުންނަކަށް، ދިވެހިބަހާ މެދު ފަޚުރުވެރިވާކަށް ނޭނގެއެވެ.
ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަކަ ރާއްޖޭގައި ހުންނަވައިގެން އިއްވެވި [ގުޅިފައިވާ ބަޔާން] ފަޚުރުވެރިކަމާ އެކު، އިއްވެވީ ސިންގަޅަ ބަހުންނެވެ. އެއީ އޭނާގެ ރައްޔިތުން އެ ބަޔާން އަޑުއަހާން ތިބޭނެކަން އެނގިވަޑައިގަންނަވާތީއެވެ. ލަންކާގެ އެންމެންނަކީ ދިވެހީން ފަދައިން އިނގިރޭސިބަސް ދަންނަ ބައެއް ނަމަވެސް ރައްޔިތުންގެ ހިތުގެ އަޑިއަށް، އެންމެ ފުނަށް، އަސަރުކުރާނީ މާދަރީބަހުން ހުށަހަޅާ ހުށަހެޅުންތަކުންކަމަށް އެ މަނިކުފާނު ހިތްޕުޅުގެ އަޑީން ގަބޫލުފުޅުކުރައްވާތީއެވެ. އެ މަނިކުފާނަކީ އެންމެ މޮޅަށް އިނގިރޭސި ބަސް ދެނެވަޑައިގަންނަވާ ބޭފުޅަކަށް ވުމާ އެކު ވެސްމެއެވެ. އެ މަނިކުފާނަކީ ތަޢުލީމީ ޢިލްމީ ބޭފުޅެކެވެ. ޔުނިވަރސިޓީ އޮފް ޕެރަދެނިޔާއާއި ޔުނިވަރސިޓީ އޮފް ކެލަނިޔާއިން ދަސްވެނިވެވަޑައިގެންފައިވާ ދަސްވެންޏެކެވެ. އެ މަނިކުފާނުގެ ޚާއްޞަ ދާއިރާއަކީ ވެސް ސައެންސެވެ. ނަމަވެސް އެ މަނިކުފާނު ބޭރު ގައުމެއްގައި ހުންނަވައި ދެއްވި ބަޔާން ވެސް ދެއްވީ ސިންގަޅަބަހުންނެވެ. ލަންކާގެ ރައްޔިތުންގެ ޤައުމިއްޔަތަށް ޓަކައެވެ. މި ގޮތަށް ތަޤުރީރު ދެއްވުމަކުން އެއީ އެ މަނިކުފާނަށް އިނގިރޭސިބަސް އެނގިވަޑައިނުގަންނަވާތީ ކުރެއްވިކަމެއްކަމަކަށް ލަންކާގެ އެއްވެސް ރައްޔިތަކު ނުބުނާނެއެވެ. އަދި އެހެން ހިތަކަށް ވެސް ނާރާނެއެވެ. އެ މީހުން ގަބޫލުކުރާނީ އެ މީހުންގެ ރައީސް ޤައުމިއްޔަތަށް އިސްކަންދެއްވީކަމަށެވެ.
ނަމަވެސް ރާއްޖޭގެ ރައީސަކު ދިވެހިބަހުން އެ ބަޔާން ދެއްވައިފި ނަމަ، މުޅި މީސްމީޑިއާ ފުރައިލާނީ، ރައީސް އިނގިރޭސިބަހަށް ކޮށިކަމުން، ދިވެހިބަހުން ވާހަކަފުޅުދެއްކެވީކަމަށް ބުނެ މަލާމާތްކުރާ މެސެޖުތަކުންނެވެ. މި ވިސްނުން ބަދަލުކުރާން އެބަ ޖެހެއެވެ. އަޅުގަނޑުމެންގެ ވިސްނުމުގައި އެޅިފައިވާ އިސްތިއުމާރީ އަޅުވެތިކަމުގެ ކަސްތަޅު ކޮށައި ކުނޑިކުނޑިކޮށް ނައްތައިލާން އެބަ ޖެހެއެވެ.
ރާއްޖެއަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަކަ ދެއްކެވި މިސާލުން ނަމޫނާ ލިބިގަންނާން ޖެހެއެވެ. އެ ބޭފުޅުންގެ ޤައުމީ ރޫޙުން ހިތްވަރު ލިބިގަންނާން އެބަ ޖެހެއެވެ. ދިވެހިބަސް ނޭގުމަކީ [ތަޢުލީމީ] މީހެއްކަމުގެ ރަމްޒެއް ނޫނެވެ. އެއީ ގައުމިއްޔަތަށް ކުލުނެއް ނެތްކަމުގެ ނިޝާނެކެވެ. ތިމަންނާގެ ދަރިފުޅަށް ދިވެހިބަހެއް ނޭނގޭނެޔޭ [ފަޚުރުވެރިކަމާ އެކު] ބުނެލާ މީހުން އެ އިއްވަނީ ލަދުވެތިކަމުގެ ޝިޢާރެއްކަމަށް ގަބޫލުކުރާން ޖެހެއެވެ.
ހަމައެކަނި އިނގިރޭސި ބަސް އެނގުމަކީ ތަޢުލީމީ މީހެއްކަމަށް ހީކުރެވިފައިވާ ނަމަ، އެ [އަޅުވެތިކަން] ހިތުން ނައްތައިލާން އެބަޖެހެއެވެ. ތަޢުލީމު ލިބުމުގެ މާނައަކީ، ފިކުރުކުރާން ދަސްވުމެވެ. ދިރާސާކޮށްގެން ޢިލްމު އުފައްދާން އެނގުމެވެ. ރީތި ސުލޫކާއި އަޚުލާޤުން މީހާގެ ނަފުސު ޒީނަތްތެރިވުމެވެ. ދުނިޔެ ތަޢުމީރުކުމަށާއި އާޚިރަތް ބާއްޖަވެރިކުރުމަށް ޓަކައި ބޭނުންވާނޭ މަޢުލޫމާތާއި ހުނަރުތައް ލިބި، އެ މަޢުލޫމާތާއި ހުނަރު ތަޠުބީޤުކުރާން އެނގުމެވެ. މީހާގެ [ތަޢުލީމީކަން] މިންކުރާ މިންގަނޑަކީ އެ މީހަކަށް [އިނގިރޭސިބަސް އެނގޭ] އަދި [ދިވެހިބަސް ނޭނގޭ] މިންވަރެއް ނޫނެވެ. މީހެއްގެ ތަޢުލީމީ ފެންވަރު ވަޒަންކުރެވޭނީ، އޭނާގެ ޢަމަލާއި ބަހާއި ހުނަރާއި ސުލޫކުންނެވެ.
ތެދުފުޅެކެވެ. ތިމާގެ މާދަރީބަހަށް މޮޅުވުމާ އެކު، އިނގިރޭސިބަހަށް މޮޅުވުމަކީ، ތަޢުލީމަށް ހުޅުވޭ، އަދި ދިރިއުޅުން ބާއްޖަވެރިކުރުމަށް ކޮށޭ ފަހި މަގެކެވެ. ހަމަ މި ފަދައިން ޢަރަބިބަސް އެނގުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ޢަރަބި ބަހަކީ މުސްލިމުން ޚާއްޞަކޮށް މުހިންމު ބަހެކެވެ. އިސްލާމްދީނުގެ މަޞްދަރުތަކާއި މަރުޖާތައް ހުރީ ޢަރަބިބަހުންކަމަށް ވާތީއެވެ. އަދި އިތުރު ބަހެއް ދަސްވާ ކޮންމެ ފަހަރަކު އޭނާގެ ކުރިމަތީގައި އެ ހުޅުވެނީ ތަޢުލީމީ އާ ދޮރޯއްޓެކެވެ. ނަމަވެސް އެ ދޮރޯށީން ވަދެ ޙާޞިލުކުރާ ޢިލްމުން ތިމާއަށާއި މުޖުތަމައަށް ހަގީގީ ފައިދާއެއް ކުރާނީ ތިމާގެ މާދަރީބަހަށް މޮޅުވުމާ އެކު، އެހެން ބަސްތަކަށް މޮޅުވެގެންނެވެ. އެހެން ނޫނީ، ތިމާއަށް ޢިލްމުން އެނގޭ އެއްޗެއް، އަސަރާ އެކު އަނެކާއަށް ފޯރުކޮށެއް ނުދެވޭނެއެވެ.
ޝައިޚު ޙުސައިން ޞަލާހުއްދީނާއި، ޝައިޚު މުޙަންމަދު ޖަމީލު ދީދީއާއި ސުމުއްވުލްއަމީރު މުޙަންމަދު އަމީންގެ ލިޔުއްވުންތަކުން އަޅުގަނޑުމެންގެ ހިތްތަކުގެ އެންމެ ފުނަށް އަސަރު ފޯރަނީ، އެ ބޭފުޅުން ތަޢުލީމު ޙާޞިލުކުރެއްވީ، އަދި ބޭރު ބަސްބަސް ދަސްފުޅުކުރެއްވީ ދިވެހިބަސް އިހުމާލުކޮށްނުލައްވައިކަމަށް ވާތީއެވެ.
މިނިވަންދުވަހާ ގުޅިގެން ކުޑަކުޑަ އަކުރަކުން ނަމަވެސް ރާއްޖޭގެ މަތީންދާބޯޓުފަހަރުގައި [ދިވެހިރާއްޖެ] ލިޔެލުމުގެ ހިތްވަރު ކޮންމެވެސް ބަޔަކު ހޯދީތީ އުފާކުރަމެވެ. ނަމަވެސް އުންމީދުކުރަނީ ދިވެހި ފޮންޓުގެ އެތައް ހާސް ފޮންޓެއް މިހާރު ލިބެންހުރީތީ ރީތި ފޮންޓަކުން އެންމެ ފަލައަކުރުން ދިވެހި ނަން އޮންނާނެ ދުވަހެއް ފެންނާނެކަމަށެވެ. އަދި ދިވެހިބަހަކީ ލަދުވެތިކަމެއްކަމަށް ދެކެވަޑައިނުގެން، ނަރެންދުރަ މޯދީއާއި އަނޫރާ ކުމާރަ ޑިސަނަކަ ދެއްކެވި ނަމޫނާއިން ދިވެހީން އިލްހާމު ލިބިގެން [ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު]ގައި ވާ ގޮތުގެ މަތީން ދައުލަތުގެ މުއައްސަސާތަކުން ފުރިހަމައަށް ޢަމަލުކުރައްވާނެ ދުވަހެއް ލަސްނުވެ ފެންނާނެކަމަށެވެ. އަދި އިސްކޫލުތަކުން ވެސް ބެލެނިވެރީން ހޭލުންތެރިކޮށް، ދަރިވަރުންނަށް އެންމެ ފައިދާކުރާނީ، ޅަފަތުގައި ދިވެހިބަސް ދަސްކޮށްދިނުމާ އެކު، ދިވެހިބަހަށް ދަރިފުޅު މޮޅުކޮށް، ދެން ދެވަނަ ބަހަކާއި ތިންވަނަ އަދި ހަތަރުވަނަ ބަހެއް ވެސް ދަރިފުޅަށް ދަސްކޮށްދެވިގެންކަމަށް ބެލެނިވެރީންނަށް ވިސްނައިދެއްވާނެކަމަށެވެ. އަދި ނަރެންދުރަ މޯދީއާއި އަނޫރާ ކުމާރަ ޑިސަނަކަ ދެއްކެވި ނަމޫނާއިން ހިތްވަރު ލިބިގަނެ، ގައުމީ ބަހަށް އިސްކަންދިނުމަކީ ފަޚުރެއްކަމަށް އެންމެން ގަބޫލުކުރާނެ ދުވަހެއް ފެންނާނެކަމަށެވެ. އަދި، ދިވެހިބަސް އިހުމާލުކޮށް ދިވެހި ބަހަށް ހަޖޫޖެހުމަކީ ތިމާގެ [ތަޢުލީމީކަން] އަންގައިދޭ ހެތްކެއް ނޫންކަމަށާއި އެއީ ތިމާގެ ހިތުގައި ގައުމިއްޔަތަށް ކުލުނެއް ނެތްކަމުގެ އަލިގަދަ ދަލީލެއްކަން ދިވެހީންނަށް ވިސްނޭނެ ދުވަހެއް އަންނާނެކަމަށެވެ. ކީރިތިވަންތަ ﷲ އަޅުގަނޑުމެން އެންމެންނަށް، މި މަގަށް ތައުފީޤުދެއްވާށިއެވެ! އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ! އާމީން!
ލަފުޒެއްގެ މާނަ
ޅަފަތް ނ. (1) ޅަފުރާ.(2) ކިރުބޯ ފުރާ
އިލްހާމު ނ. (1) ކަމަކާ މެދު ފިކުރުކުރީމާ އެނގޭ ރަނގަޅު އެނގުން. (2) އިންސާނުންގެ ހިތަށް ޤުދުރަތީ ގޮތުން އެނގޭ ތެދު އެނގުން.