ad_banner
ގާނޫނު ހިތުދަސްވާނެ ނަމައެވެ.

ކަނީރު ޢަބްދުއްރަޙީމް

30 ޖުލައި 2025

ރާއްޖޭގެ ނަން ތާނައިން ޖަހައިފިއެވެ.

ގާނޫނު ހިތުދަސްވާނެ ނަމައޭ އަޅުގަނޑުގެ ހިތަށްއަރައެވެ. އެއީ ބުނާތީ އިވޭ ބައެއްބައެއް ވާހަކައިގެ ދޮގުތެދާއި އެ ފަދަ ޚަބަރުތަކުގެ ބުރަދަން އަމިއްލަ ސިކުނޑީން ކިރައި ވަޒަންކޮށްލުމުގެ ބޭނުމުގައެވެ. އިހަކަށް ދުވަހު ލިބުނު ޚަބަރަކީ ވެސް އެ ޚަބަރު މީޑިއާއިން ފެނި ކިޔައިލެވުމުން އެ ފަދަ  ހިތްދަތިކަމެއް ލިބުނު ޚަބަރެކެވެ. ބުނެވޭތީ އިވިފައި އޮންނަ ވާހަކައެއްގެ ދޮގުތެދު ކަށަވަރުނުވާތީއެވެ.

ކަށަވަރުނުވާ ސަބަބަކީ ގާނޫނު ހިތުދަސްކުރެވިފައި ނެތުމެވެ. ހިތުދަސް ނަމައޭ ހިތަށްއެރީ އެހެންވެގެނެވެ. އެ ޚަބަރަކީ ދިވެހީންގެ ޒަމާނީ ގޮތަށް [މޯލްޑީވިއަން]އޭ ކިޔައި ނަންދީ މިހާރުގެ ތަހުޒީބާ އެކު، އެ ނަން އިނގިރޭސިބަހުން ލިއެގެން ގެންގުޅޭ (ކުރީގެ ކަޓުގޮތަށް ކިޔާ ނަމަ މަތިންދާ) ބޯޓުފަހަރުގައި އަހަރެމެން ރާއްޖޭގެ ނަން އަހަރެމެން ކުރީއްސުރެ ގެންގުޅޭ ބަހުގެ އަކުރުކަމުގައިވާ ތާނައިން ލިއުނު ވާހަކައެވެ.

ކަމަކީ މާބޮޑުކަމަކަށް ހަދައި މާ މޮޅު އެހައިމެ އުފާވެރިވާންވީ ކަމެއްގެ ގޮތުގައި އިޝްތިހާރުކުރި ތަން ފެނި ހައިރާންވެވުނީ ގާނޫނު ހިތުދަސް ނޫންވީމައެވެ. [ނަމަވެސް މި ކަން މި މިންވަރަށް ވެސް ކުރެވުނީތީ، އަދި ކުރާން ބަޔަކު ހިތަށްއެރީތީ ވެސް އުފާކުރަމެވެ. އެހެންކަންކަން ވެސް އަވަހަށް ރަނގަޅުވާނެކަމަށް އުންމީދުކުރަމެވެ.]

މީގެ އިތުރަށް ހިތާއި ސިކުނޑީގެ އަރައިރުން ފެށުނީ އެތައް ޚަރަދެއްކޮށްގެން ގަރުނު ބައިގަރުނު ވަންދެން ހަލާކުނުވެ ހުންނަ ގޮތަށް ދިވެހިރާއްޖޭގެ މީހުން އުޅޭ (ގާތްގަނޑަކަށް) ހުރިހައި ރަށެއްގައި  އެ ރަށަކަށް ކިޔާ ނަން ލެޓިނެއްތޯ ނަމެއް ކިޔާ އަކުރަކުން މާސިންގާ ބޮޑެތިކޮށް ރަށުގެ މޫނު މަތީގައި ދާދި ފަހަކުން ޖެހީތީއެވެ. ގާނޫނާއި ގަވައިދު ދަސްކިއުނު ނަމަ، މި ފަދަ ކަންކަމުގެ ހުއްދަ/މަނާ ކަނޑައަޅާން އެނގުނީސްތާއޭ ހިތަށްއަރައިފައެވެ. ކޮންމެއަކަސް އަދި އަހަރެމެންގެ މި ރާއްޖޭގެ ނަމަކީ އަހަރެމެންނަށް ދިވެހިރާއްޖެކަމަށް ވެފައި އާންމުކޮށް ވާހަކަދައްކާ ރަސްމީ ބަހަކީ ދިވެހިބަސްކަމުގައި ވާތީ މިހިރިމިހިރީ ހިތް ރުހޭ ކަންކަމެއް ނޫނެވެ. މާދަމާ އަހަރެމެންނަކީ މޯލްޑީވިއަނުންނަށް ހަދައި ރަސްމީ ބަހަކީ [އިނގިވެހި]ކަމުގައި ނިންމައި، ލިޔާ އަކުރަކީ ދަގަނޑު ޓިނު ނުވަތަ ލެޓިނުކަމުގައި ކަނޑައަޅައި ވާރުކުރާ ރަށުގެ ނަން ވެސް ބަދަލުކޮށް [މާލެ-ނަންތަޕޫރަމް]އޭ ކިޔައިފި ނަމަ، އެއިރުން މި ޝަކުވާތަކަކަށް ޖާގައެއް ނޯންނާނެއޭ ވެސް ހިތަށް އަރައެވެ.

ކޮމެންޓު
ކޮމެންޓުތައް
ޚާލިދު
30 ޖުލައި 2025 10:10
ލިޔުންތެރިޔާގެ ޚިޔާލަށް ވަރަށް ބޮޱަށް ތާއީދު ކުރަން