ad_banner
ފަލްސަފާ (7)

އަބާ މުޙަންމަދު

27 ޖުލައި 2025

ފަލަސަފާ 7

[ޖީލާން ވިހާން ޑޮކްޓަރު ދެއްވައިފައިވާ ތާރީޚުގެ ކުރީން އާދެވޭނެތީ އަހަރެން އެއްބަސްވީ.] އާލިފު ހާދަ ކޫލްކޮށް ވިސްނައޭ އަހަރެންގެ ހިތަށް އެރިއެވެ. މި ދުވަސްކޮޅު ފިރިމީހާގެ އެހީތެރިކަން އެންމެ ބޭނުންވާ އިރު ވެސް ހަގު އަނބި ރުއްސާން އެއްބަސްވީއެވެ.

އާލިފު ފުރައިގެން ދިޔަ ފަހުން ދެތިން ރެއަކު ނުނިދިގެން އަހަރެން އުޅޭން ޖެހުނެވެ. މި ހާލުގައި ނުނިދި އުޅޭން ފެށުމުން އަހަރެން ބަލިވާން ފެށިއެވެ. ޑޮކްޓަރުގެ ނަސޭޙަތަކީ ކަންކަމާ ނުވިސްނުމެވެ. ކަންކަމާ މާ ބޮޑަށް ވިސްނާތީ އުނދަގޫވަނީކަމުގައެވެ. އެހެންކަމުން އަރާމުކުރުމާ އެކު ރަނގަޅަށް ކައި، ނިދި ހަމަކުރުން ކޮންމެހެން މުހިންމުކަމުގައެވެ.  އަހަރެން ކިތަންމެ ވަރަކަށް ހިތަށް ވިސްނައިދޭން މަސައްކަތްކުރަމެވެ. އާލިފަކީ ގޯސް މީހެއް ނޫންކަމެވެ. ޙާލަތު ނިޔާކުރާ ގޮތުން އާލިފަށް މަޖުބޫރުވަނީއެވެ.

އަހަރެންގެ އަބަދު ވެސް ހުވަފެނަކީ އޯގާތެރި، މަޑުމައިތިރި ޝަރަފުވެރި ފިރިއެއް ލިބުމެވެ. ސާދާ ދިރިއުޅުމެއް އުޅުމެވެ. އަމިއްލަ ދުނިޔެއެއް ބިނާކުރުމެވެ. އެހެން މީހެއްގެ ނުފޫޒެއް ނެތިއެވެ. އެހެންނަމަވެސް ތިންވަނަ މީހެއްގެ ނުފޫޒު އަންނަ ހިސާބުން އަހަރެންގެ ދިރިއުޅުމަށް ވިހަ ތީރެއް ހެރުނު ފަދައެވެ. މި ދިރިއުޅުމުގައި ރެނދުލައިފައިވާކަން އެނގެނީ އަހަރެންނަށެވެ. މީހުންނަށް ފެންނަ ފެނުމަށް އަހަރެމެން އުޅެނީ ވަރަށް ހަމަޖެހިގެންނެވެ.

ހަފުތާއެއްގެ ފަހުން އާލިފު މާލެ އަތުވެއްޖެއެވެ. ގެއަށް ވަންއިރު ވެސް ހުރީ ކަންބޮޑުވެފައެވެ. މޫނުމަތީގައި އުފާވެރިކަމެއް ނެތެވެ.

"މާ ބޮޑަށް ދަތުރު ވަރުބަލިވެފައި ތިޔަ ހުރީ. ފެންވަރައިގެން އާދޭ ކާން." އާލިފު ފެނުމުން އަހަރެން އެހެން ބުނުމާ އެކު ގޮސް ފެންވަރައިގެން ނިކުމެ އާޒު އުރައިގެން އައިސް އިށީނެވެ. އާޒު ވެސް ހުރީ އޭނާގެ ބައްޕަ ނުފެނި ދެތިން ދުވަސްވުމުން އުރަށް އެރި ގޮތަށް ފައިބާ ހިތްނުވެފައެވެ.

"ޖީލާން. ބަލީތަ؟ އޮންނާނެ އާޒަށް ގެނައި ހަދިޔާ އެނދުމަތީ." އެއް ފަހަރާ ދެ ޖުމްލަ ބުނެލީ އަސަރެއް ވެސް ނެތް ގޮތެއްގައެވެ. އަހަރެން ގޮސް ބަލައިލި އިރު އޮތީ އާޒަށް ގެނައި ހެދުމެކެވެ. ބޫޓްގަނޑެއްހައި ހިސާބު ވެސް ނުގެނެއެވެ. ހިތަށް ކިތަންމެ އެއްޗެއް އެރިކަމުގައި ވިއަސް އެއްވެސް އެއްޗެއް ނުބުނަމެވެ. މަސްލަހަތަށް ޓަކައެވެ. ފިރިމީހާ އެހާ ދިގު ދަތުރެއްކޮށްފައި އައިސް ހުއްޓައި ބުނެވޭ ބަހަކުން ހިތްހަމަ ނުޖެހިދާނެތީއެވެ.

މިފަހަރު މާލެ އައިސް ޒިދުނާ ގެއަށް ދާކަށް ނޫޅެއެވެ. ގިނަ ވަގުތު އުޅެނީ މި ގޭގައެވެ. އޮފީސް ގަޑީގައި އެ ގެއަށް ނުދާކަމެއް ނޭނގެއެވެ.

"އާލިފު ފޯން އެބަ ރިންގުވޭ." ކާމޭޒުމަތީ އޮތް ފޯން ރިންގުވާން ފެށުމުން އަހަރެން ނަމަށް ބަލައިލާފައި ގޮސް އާލިފަށް ގޮވުމުން އައިސް ފޯނަށް ބަލައިލިއެވެ. އެކަމަކު އެ ފޯން ނަގާކަށް ނޫޅުނެވެ. އެއީ ޒިދުނާގެ ކޯލެކެވެ.

"ކީއްވެ ތިޔަ ފޯނު ރިންގުވާ އިރު ނުނަގަނީ؟ ގައިމު ޒިދުނާ އެ ވަރަށް ގުޅާނީ ކޮންމެ ވެސް ކަމެއްވީމަތާ."

"އޭނާ ޑިމާންޑުކުރަނީ ބޮޑެތި ކަންކަމަށް. އެ ވަރަށް ކޮންތާކުން ފައިސާ ހޯދާނީ. ދަތުރެއް ދާން ބުނީމާ ގޮސްފައި މި އައީ. އަތުގައި ހުރި ހުރިހާ ފައިސާއެއް ހުސްކޮށްގެން. މާލެ އައުމުގެ ކުރީން އޭނާގެ ފޯނު ވެއްޓި އިސްކިރީނު ތަޅައިގެން ދިޔައީ. އިސްކިރީނެއް އަޅުވާކަށް މާބޮޑު ކަމެއް ނޫން. އެކަމަކު އެއް ގޮތަކަށް ގަބޫލެއް ނުވޭ. މިހާރު ބޭނުންވަނީ އެންމެ ފަހުގެ ފޯނެކޭ ކިޔަނީ." އެ ވަގުތު އަހަރެން ހިތަށް އެރިއެވެ. ހިތްމޮޅު މީހުން ވެސް ދުނިޔެގައި އުޅެއެވެ. އާލިފުގެ ހަގު އަނބި އާލިފު ހުސްކޮށްފިއެވެ.

ދެން ފޮނުވާން ފެށީ މެސެޖެވެ. އެ ވެސް ފުލުފުލުގައެވެ. އެންމެ ފަހުން އާލިފު އެ ގެއަށް ހިނގައްޖެއެވެ. އެ ރޭ ނިދައިފައި އަނެއްދުވަހު އައިއިރު ހުރީ ހަމަޖެހިފައެވެ. 

"ޖީލާން. އޮފީހަށް ދާން ގަމީހެއް އިސްތިރިއެއްނުކުރަންތަ؟" އާލިފު ގެއަށް އައީ ހައެއް ޖަހަނިކޮށެވެ.

"އަހަރެން ހީކުރީ އެގެއިން ކަމަށް މިއަދު ތައްޔާރު ވާނީ." އޭރު އަހަރެން ހުރީ ބަދިގޭގައި ހެނދުނު ސައި ހަދާށެވެ.

[ޖީލާނަށް އެނގެއެއްނު ޒިދުނާ އަށް އިސްތިރި ކުރާކަށް ނޭނގޭކަން.] އާލިފު ވެސް އުޅެނީ އަހަރެން ލައްވައި ހުރިހާކަމެއް ކުރުވާށެވެ.

[ކައިވެންޏަށް ފަހު ކޮންމެ އަންހެނަކު ވެސް މަސައްކަތްކުރާން ދަސްކުރަނީއޭ. އާ ކިތަންމެ ކަމެއް ދަސްކުރާންޖެހޭނެ." އަހަރެން އެހެން ބުނުމުން އާލިފު އެއްޗެއް ނުބުނެ ކޮޓަރިއަށް ވަނެވެ.

އަހަރެން ދެވަނަ ދަރިފުޅު ވިހާން ހޮސްޕިޓަލަށް ދިޔަ ދުވަހު އާލިފު ކަންބޮޑުވެގެން އުޅުނީ އަނެއްކާ ޒިދުނާ ބޮޑާހާކައިގެންނެވެ. އެ ކަމާ ކަންބޮޑުވެފައި ހުރިވަރުން އަހަރެން ތައްޔާރުކުރި ދަބަސް ގެންދާން ވެސް އާލިފު ހަނދާނެއްނުވިއެވެ. ހޮސްޕިޓަލުގައި އަހަރެން އޮތް އިރު ވެސް އާލިފު ހުންނަނީ ފާޑަކަށް ބޯގޮވައިފައެވެ. ކުރެވޭނުކުރެވޭ ކަމެއް ނޭނގޭ ފަހަރު ވެސް އާދެއެވެ. މި ފަހަރު އަހަރެމެންނަށް ލިބުނީ އަންހެން ކުއްޖެކެވެ. އާލިފު ނަން ހޯދި އިރު ހޯދައިފައި ވަނި ފިރިހެން ނަމެކެވެ. އަހަރެންގެ ދޮންތައަށް ވެސް އާލިފު އުޅޭ ގޮތް ފެނެއެވެ. ނަސީބަކުން ދޮންތަ އެއްޗެކޭ ނުބުނެއެވެ. އެކަމަކު ދޮންތަ އެއްކަމެއް ކުރިއެވެ. މަންމައަށް ގުޅައިފައި އަހަރެން މި ފަހަރު ބަލިކޮށް އުޅޭތީ ދުވަސްކޮޅަކަށް ރަށަށް ގެންދާން ބުންޏެވެ.

މަންމައަށް ދޮންތަގެ ފަރާތުން އިވުނު ވާހަކަތަކުން އަހަރެން ރަށަށް ގެންދެވޭތޯ މަންމަ އުޅުނެވެ. އާލިފު ވަރަށް ފަސޭހައިން އެއްބަސް ވެއްޖެއެވެ. އަހަރެމެންގެ ދެވަނަ ދަރިފުޅުގެ ނަމަކަށް އަހަރެން ހޯދީ އަޒާއެވެ. އާލިފު ކުރީން ބުނެފައި ވަނީ ދަރީންނަށް ނަންކިޔަން ނަން ހޯދާނީ އޭނާއެވެ. އެކަމަކު ރަޖިސްޓަރީކުރަން ވީ އިރު ވެސް ނަމެއް ނުހޯދުނެވެ. ފިރިހެން ނަމެއް ގެނެވުނުކަން ވެސް އޭނާ ހަނދާނެއް ނުވެއެވެ. އަހަރެން އެހެން ބުނުމުން އާލިފަށް ބުނެވުނީ ޒިދުނާގެ ކަންތަކާ ހެދި ކަމެއް ހަނދާންވާ ވަރެއް ނުވާކަމަށެވެ.

"އަހަރެން ޖީލާން ގޮވައިގެން ހޮސްޕިޓަލަށް އައި ދުވަހު އައީ ފޯނެއް ގަނެދީފައި. ދެން އަނެއްކާ ބޮޑާ ހާކަން ފެށީ ކުރެޑިޓް ކާޑަށް. އެ ނުލިބިގެން އުޅޭ ވަރެއް ނޫނެއްނު. އެ ނުލިބިއްޖެ ނަމަ ވަރިވާން ކޯޓަށް ދާނެކަމަށް ބުނި" އާލިފުގެ ބަލިފަޔަކީ އެއީކަން އަހަރެންނަށް ވިސްނުނެވެ. ކޮންމެ ފަހަރަކު ޒިދުނާ އެހެން ވާހަކަ ދައްކައިގެން އާލިފު އަތުން ހާދަ އެއްޗިއްސެއް ހޯދައިފިއެވެ. އާލިފު އަތުގައި ރައްކާކުރި ހުރިހާ ފައިސާއެއް ހުސްކުރީ ޒިދުނާ އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފުލެޓެއް ގަންނާން ވެގެން އެއްކުރި ފައިސާ ހުރިކަން އެނގުނު ހިސާބުން އެ ނަގައި ހުސްކޮށްފިއެވެ.

އަހަރެން ވިހައިގެން އައީ ރަށަށެވެ. ދުވަސްކޮޅަކަށް މަންމަމެން ގާތަށެވެ. އާލިފު ވެސް އަހަރެމެން ގޮވައިގެން އައެވެ. ޗުއްޓީއެއްގައެވެ. އާލިފު ޗުއްޓީ ނުނިމި އުޅެނިކޮށް އޭނާގެ ވަޒީފާ އަހަރެމެންގެ ރަށަށް ބަދަލުވެއްޖެއެވެ. އަނެއްކާ އަނެއް ކަންތަކެވެ. ޒިދުނާ ރުޅި އައިސްގެން ނުގޮވާ އެއްޗެއް ނެތެވެ. ބައެއް ފަހަރު އާލިފާ ވާހަކަ ދައްކާ އަޑު އިވެއެވެ. ކޮންމެ ފަހަރަކު ވާހަކަ ދައްކާ އިރު ޒިދުނާ ރުޅި އައިސްގެން ވާހަކަ ދައްކާކަން އެނގެއެވެ. އާލިފު އުޅެނީ ޒިދުނާ ރުއްސުމުގައެވެ.

[އަހަރެން ކިހިނެއް ދެން މާލެ ދާނީ އަވަސްއަވަހަށް. އެހެނެއް ވެސް ނުވާނެއްނު. ޒިދުނާ ހިތްހަމަ ނުޖެހިފައި ހުންނަނީ އަހަރެން މިކޮޅުގައި ހުރީމަ.] އާލިފު ފޯން ބާއްވައިފައި ބުންޏެވެ.

[އޭނާ ގެންނާންވީނުން މި ރަށަށް. މާލޭގައި ތަނެއް ކުއްޔަށް ހިފައިފައި ބެހެއްޓުމަށް ވުރެ، މި ކޮޅުން ގެއެއް ހިފާފައި ބެހެއްޓިއްޔާ އަގުވެސް ހެޔޮވާނެއެއްނު. އޭރުން ޚަރަދު ވެސް ކުޑަވާނެ." އަހަރެން އެ ޚިޔާލު ދިނުމުން އާލިފު ޒިދުނާއާ ވާހަކަދެއްކުމުން އެ ކަމަށް އެއްބަސްވެއްޖެއެވެ. ޒިދުނާ ބަހައްޓާނެ ގެއެއް ހޯދަން އަހަރެން ކުރި މަސައްކަތުން ރަނގަޅު ގެއެއް ލިބުނެވެ. އަގު ވެސް ވަރަށް ހެޔޮކޮށެވެ. އެގޭގެ އެއްބައިގައި އުޅެނީ ދެމަފިރިންނެވެ. އަނެއްބަޔަކީ ކުއްޔަށް ދޭން ހަދައިފައި ހުރި ބައެކެވެ. ކައްކައިގެން ކެވޭ ގޮތަށް ހުރުމުން އެތަން ފެނުމުން އާލިފު ވެސް ހިތްހަމަ ޖެހުނެވެ.

[އަހަރެންގެ ހުރިހާ މައްސަލަތަކެއްގެ ހައްލަކީ ޖީލާން. ޖީލާން ނެތްނަމަ އަހަރެން ކިހިނެއް މި ހުރިހައި ކަމެއް ކުރާނީ. އަހަރެން މި އުޅޭ ގޮތުން އެހެން އަންހެނަކު ނަމަ ރުޅި އައިސްގެން ޒުވާބު ކުރާނެ.] ބާޒާރަށް ދިޔަ މަގުމަތީ އަހަރެމެން މަސްކާށި ގާޑިޔަލެއް ފެނިގެން އެ ކާންތިބެފައި އާލިފު ބުންޏެވެ.

[އަހަރެން އާލިފާ އިނީ ވަރަށްލޯބިން. އެކަމަކު މިހާރު ކަންތައް ހިނގާ ގޮތުން ކިތަންމެ ފަހަރަކު ހިތަށް އަރާ އެކީގައި ދެން ނޫޅެވޭނޭ ވެސް. އެކަމަކު ވެސް ދަރީންނަށް ޓަކައި ނަމަވެސް މައްސަލަ ހައްލުކޮށްގެން އުޅެވޭތޯ މި ބަލަނީ. އާލިފަށް އެނގޭނެ އަހަރެން އެންމެ ނުކުރާނެ އެއްކަމަކީ ޒުވާބުކުރުން. އަހަރެމެންގެ ކައިވެންޏަށް ދިހަވަރަކަށް އަހަރުވާން ކައިރިވެއްޖެ. އަހަރެން ދުވަހަކު ވެސް އާލިފާ ޒުވާބުކުރަން ހިތަށް ވެސް ނާރާ.] އެރޭ އަހަރެމެން ގެއަށް ދިޔައީ ބާޒާރުކޮށް ނިމިގެން ސައިކަލްގައި ބުރުޖަހާން ބައިގަޑިއެއްހާއިރު ބޭރުގައި އުޅެފައެވެ.

ޒިދުނާ އަހަރެމެންގެ ރަށަށް ގެނައި ފަހުން ދުވަސްކޮޅެއް ވޭތުވެ ދިޔައީ ވަރަށް އޮމާންކޮށެވެ. އާލިފު ވެސް ހުންނަނީ ހަމަޖެހިފައެވެ. އަބަދު އެއްވެސް ކަމެއް އެއްގޮތަކަށް ދެމިއެއް ނޯންނާނެ ފަދައިންނެވެ. އަންނަން އޮތީ ކިހާވަރެއްގެ ތޫފާނެއް ކަމެއް ނޭނގެއެވެ. ޒިދުނާ ބައެއް ފަހަރު އަހަންނަށް ވެސް ގުޅައެވެ. އަހަރެމެން ވާހަކަދައްކަމެވެ. ބައެއް ފަހަރު އަހަރެން ކައްކާ އެއްޗެހި އާލިފު އަތަށް ދީފައި ޒިދުނާ އަށް ފޮނުވަމެވެ. ޒިދުނާ އަބަދު މީރު ވެގެން އުޅޭ ޕާނީޕޫރީއާއި ކަނަމަދު ކޭކު ފަދަ ތަކެތި ހަދައިފައި އަހަރެން ފޮނުވުމުން މީރޭ ބުނެފައި ސްނެޕް ވެސް ކުރެއެވެ.

މި ކޮޅަށް ޒިދުނާ ބަދަލުވީތާ ތިންމަސް ދުވަސްފަހުން އާލިފު އައިސް ޒިދުނާ ހޮޑުލާކަމަށް ބުނެފިއެވެ. ހޮސްޕިޓަލްގައި އެޑްމިޓްކުރުމުން އަހަރެން ހޮސްޕިޓަލަށް ކާއެއްޗެހި ހިފައިގެން ދަމެވެ. ވަގުތެއް ލިބޭ އިރަށް ހޮސްޕިޓަލްގައި ވެސް އިންނަމެވެ.

[ޖީލައްތަ ހާދަ ރަނގަޅޭ. އަހަރެން ހިތަކަށް ނާރާ ތިޔައީ ތިހާ ރަނގަޅު މީހެއްކަމަކަށް.] އަހަރެން އަތުގައި ހިފައިގެން އޮވެ ޒިދުނާ ބުންޏެވެ. (ނުނިމޭ)

ކޮމެންޓު