އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
23 ޖުލައި 2025
ހިނީގެ މުޖުތަމަޢު ގެ ނިޒާމާ ބެހޭ ގޮތުން ތިބާ ސުވާލުކުރިންހެއްޔެވެ؟
ވަރަށް ޙަރަކާތްތެރިކޮށް ހީވާގިކޮށް ސަފުސަފުގައި އެތުރިލައިގެން އުޅޭ ތަން ފެނެއެވެ.
ހިނީގެ މުޖުތަމަޢަކީ އެންމެ ތަހުޒީބީ މުޖުތަމަޢުތަކުގެ ތެރޭގައި ގުނައިލެވޭ މުޖުތަމަޢެކެވެ. ހައިރާންކުރަނިވި މިންވަރަކަށް، ހިނި ނިޒާމަށް ތަބާވެ އިޙްތިރާމުކުރެއެވެ.
ހިނީގެ މުޖުތަމަޢަކީ ކުރުންތެރި ކެތްތެރި، ކަންނެތްކަން ނުދަންނަ، ހީވާގިކަމާ އެކު މަސައްކަތްކުރާ ފަރުދުންތަކެއް ހިމެނޭ މުޖުތަމަޢެކެވެ. މި މުޖުތަމަޢުގެ ފަރުދުން ކަންނެތްކަމެއް ނުދަނެއެވެ. ވަޒީފާގައި ފަރުވާކުޑަކުރުމެއް ނުވެއެވެ. ނާއުންމީދެއް ނުވެތެވެ.
ހިނީގެ މުޖުތަމަޢަކީ އަނިޔާވެރިކަމެއް ނެތް، ދޮގުވެރިކަމެއް ނެތް، ޖަރީމާތައް ހިންގުމެއް ނެތް ގަވައިދަށް ޤަދަރުކޮށް އެއަށް ތަބާވާ މުޖުތަމަޢެކެވެ.
މި ފަދަ މުޖުތަމަޢެއްގެ ނަން ދެވިފައިވާ ސޫރަތެއް ކީރިތި ޤުރުއާނުގައި އޮތުމަކީ ޙައިރާންވާން ޖެހޭ ކަމެއްނޫނެވެ.
މިއީ ދިރާސާކުރާން ޖެހޭ މުޖުތަމަޢެކެވެ. އެ މުޖުތަމަޢުގެ ކަންތައްތައް ދެނެގަތުމަކަށް ނޫނެވެ. އަދި ކިއެއްތަ، މި މުޖުތަމަޢު ނަމޫނާއަކަށް ބެލުމަށް ޓަކައެވެ.
ޙައިރާންވާން ޖެހޭ ކަމަކީ، އެ އެއްޗަށްސަށް ވުރެ ވިސްނުންތޫނުކަން ބޮޑުކަމަށް ދަޢުވާކުރާ އާދަމުދަރީންގެ މުޖުތަމަޢުތަކުގައި މި ފަދަ ރިވެތި ސުލޫކާއި މާތް އަޚުލާޤުގެ މަންޒަރުތައް ނުފެންނާތީއެވެ. މިއީ އެ އެއްޗެހީގެ ޠަބީޢަތުގައި މާތްﷲ ލައްވައިފައިވާ ކަމެކެވެ. އެއީ ހެދިގަނެގެން ބޭރުފުށަށް ދައްކާ [މުނާފިޤުކަމުގެ] ކުލަތަކެއް ނޫނެވެ.
ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބޯލަނބާން ބޭނުންވާ އިންސާނާއަށް ހިނީގެ މުޖުތަމަޢަކީ ނަމޫނާ މިސާލެކެވެ. މާތް ﷲ އެ އެއްޗެހި އޭގެ މަތީގައި ޚަލްޤުކުރައްވައިފައިވާ ޠަބީޢީ ސިފަތަކާ އެކު، އެ އެއްޗެހީގެ މުހިންމަތު އަދާކުރެއެވެ. އެ އެއްޗެއްސަށް އަދާކުރާން ކަނޑައަޅުއްވައިފައިވާ ދައުރު އަދާކުރެއެވެ. މިއާ ޚިލާފަށް މާތްﷲގެ އަމާނަތް އުފުއްލައިފައިވާ އިންސާނާ މި އަމާނާތަށް ޚިޔާނަތްތެރިވެ ދޮގުހަދައި، މަކަރުހަދައި، ބޭއިންސާފުވެރިވެ ޖަރީމާތައް ހިންގަތެވެ.
ހިންޏާ ބެހޭ ދިރާސާތައް ކޮށްފައިވާ ސައެންސީން ބުނާ ގޮތުގައި ހިންޏެއް މަރުވާން ކައިރިވެއްޖެ ނަމަ އޭތީގެ ގައިން ޚާއްޞަ ވަހެއް ދުވާން ފަށައެވެ. އެ ހިނދު ހިނީގެ އުޚްތުން އައިސް އޭތި އުފުލައިގެން ގެންގޮސް ވަޅުލަތެވެ. ދާރިސަކު މި ވަސް ދެނެގަނެގެން ދުޅަހެޔޮ ހިންޏެއްގެ ގައިން މި ވަސް ދުވާ ގޮތް ހެދުމުން ހިނިތަކެއް އައިސް މި ދުޅަހެޔޮ ހިނި ބަލި އެއްޗެއްކަމަށް ބަލައި ގަދަކަމުން އޭތި ގެންގޮސް ވަޅުލިއެވެ.
ސައެންސީ ދިރާސާތައް ކަށަވަރުކޮށްދީފައިވާ ގޮތުގައި ހިންޏަކީ ވަރަށްބޮޑު ރަސްކަމެއް ކުރާ މުޖުތަމަޢެކެވެ. ހިނީގެ ޢާއިލާގައި ތިން ބާވަތެއްގެ ހިނި އުޅެއެވެ. އެއީ ރަނި ހިންޏާއި ފިރިހެން ހިންޏާއި މަސައްކަތު ހިންޏެވެ. މަސައްކަތު ހިންޏަކީ ދަރައިމައިނުވާ އަންހެން ހިންޏެވެ. ހިނީގެ މުޖުތަމަޢުގައި އެންމެ ގިނައީ މި ބާވަތުގެ ހިންޏެވެ. ބޭރުން ކާބޯތަކެތި ހޯދައިގެން ގެނައުމުގެ ބުރަ މަސައްކަތްކުރަނީ އަންހެން ހިންޏެވެ. ކުދި ހިނިތައް ބަލައި ބޮޑުކުރުމާއި ހިނީގެ ކޮޓާރުތައް ކުނިކަހައި ސާފުކުރުމާއި ހިންޏެއް މަރުވެއްޖެ ނަމަ، ވަޅުލުމަކީ އަންހެން ހިނީގެ މަސައްކަތްތަކެކެވެ. ހަނގުރާމައިގެ ޙާލަތުގައި ފިރިހެން ހިންޏާ އެކު، އަންހެން ހިނި ހަނގުރާމަ ވެސް ކުރާނެތެވެ.
ހިނީގެ ޙަޔާތަކީ ވަރަށް އިޖުތިމާޢީ ޙަޔާތެކެވެ. މި ޙަޔާތް ޤާއިމުވެފައިވަނީ ހިނީގެ ބަހުގެ މަތީގައެވެ. ހިންޏަކީ އޭތީގެ ޙަޔާތުގެ ތަފާތު ކަންތައްތަކުގައި ވަރަށް އެއްބައެއްވަންތަ އެއްޗެކެވެ. ހިންޏަކީ ޖަމާޢަތްތައް ގުޅިގެން ތަފާތު މަޝްރޫޢުތައް ހިންގާ އެއްޗެކެވެ. މަގުތައް ހެނދުމާއި، ފާލަންތައް އެޅުމާއި، ސަހަރުތައް ބިނާކުރުމަކީ، ހިނިކުރާ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެކެވެ. މި ފަދަ ބޮޑެތި މަޝްރޫޢުތައް ހިންގާ އިރު އެކަތި އަނެކައްޗާ އެކު، ތަފާހުމު ވެވޭނެ ގޮތެއް އޮންނާން ޖެހޭނެއެވެ. ހިންޏަށް ޚާއްޞަ ބަހެއް ލިބިގެންވާނެ ކަމަށް ޢިލްމުވެރިން ވިދާޅުވަނީ މިހެން ވެގެންނެވެ.
މާތްﷲ ހެއްދެވި ފަނިފަކުސައިގެ ތެރެއިން ހިނި ފިޔަވާ އެހެން އެއްވެސް އެއްޗެއް އޭގެ މައްޔިތުން ވަޅެއްނުލައެވެ. އިންސާނަކު މަރުވީމާ ދިރިތިބީން އެ މައްޔިތާ ވަލުލާ ގޮތަށް ހިންޏެއް މަރުވީމާ، އޭގެ ދިރިތިބީން ވެސް މަރުވި ހިނި ވަޅުލާކަން ވަނީ އެނގިފައެވެ.
މި ޒަމާނުގެ ހޯދުންތައް ބުނާ ގޮތުގައި ހިންޏަކީ އެ ސޮރުމެން ދިރިއުޅުމަށް ޓަކައި އާބާދީއެއް ބިނާކޮށްގެން ދިރިއުޅޭ އެއްޗެކެވެ. މި އާބާދީގައި އެ ސޮރުމެންގެ ގެތައްކަމުގައިވާ ހާލިތައް (ހޮރުތައް) ހަދައެވެ. މޮރިސް މެޓަލިންކް ވިދާޅުވާ ގޮތުގައި ހިނި ހާލިތައް ހަދަނީ އެއް އާބާދީއަކަށް (ނުވަތަ ސަހަރަކަށް)ވާ ގޮތަށެވެ.
ފާއިތުވެދިޔަ ސައްތައިގެ ފަހުކޮޅާ ހަމައަށް ދެވުނު އިރުގައި ވެސް ސައެންސީންގެ މެދުގައި ހިނީގެ ބަހާ ބެހޭ ގޮތުން އެކައްޗެއް ކިޔިފައެއް ނުވެއެވެ. އެ މީހުންގެ މެދުގައި ގިނަ ބަޔަކަށް އެއްބަސްވެވިފައިވަނީ އެއީ ކީމާވީ ގުޅުމެއް ކަމަށެވެ، 1997ވަނަ އަހަރު ޕުރޮފެސަރު ރޮބަރޓް ހެކްލިންގ މާއްދީ ދަލީލުތަކުން ހިންޏަކީ ޙަޤީޤަތުގައި ވެސް ވާހަކަދައްކާ ދިރޭ އެއްޗެއްކަން ކަށަވަރުކޮށްދެއްވިއެވެ. ފަންނިއްޔާތުގެ ކުރިއެރުންތަކުގެ ސަބަބުން މިއަދު ހިނި ވާހަކަދައްކާ ގޮތް އަޑުއެހިދާނެއެވެ.
އަޑާ ބެހޭ ފަންނިއްޔާތުގެ ވަސީލަތްތަކުން އެނގޭ ގޮތުގައި ހިންޏަކީ އެކަތި އަނެކައްޗާ ވާހަކަދައްކައިގެން މުޢާމަލާތު ކުރާ އެއްޗެކެވެ. 2009ވަނަ އަހަރު އިނގިރޭސިވިލާތުގެ ޓައިމްޒް ދުވަހު ނޫހުގައި ޝާއިޢުކުރި މަގާލެއް ބުނާ ގޮތުގައި ހިނީގެ މުޖުތަމަޢުގައި މޮށެއުޅޭ ބަހަކީ ވަރަށް ބޮޑަށް ތަރައްޤީވެފައިވާ ބަހެކެވެ. ހިނީގެ ބަސްކޮށާރު ހީކުރާ ވަރަށް ވުރެ މުއްސަންޖެވެ. މި މަގާލު ބުނާ ގޮތުގައި މަސައްކަތްކުރާ އަންހެން ހިނިތަކަށް އަމުރުކުރަނީ ހިނީގެ ރާނީއެވެ. ރަނިކަމަނާގެ އަމުރުތަކާ އެއް ގޮތަށް ހިނިތައް ޙަރަކާތްތެރިވާކަން ވެސް ވަނީ ކަށަވަރުވެފައެވެ. ހިންޏަކަށް ބިރުވެރި ކަމެއް ކުރިމަތިވެއްޖެ ނަމަ ޚާއްޞަ އަޑުތަކެއް ފޮނުވައި އެހެން ހިނިތަކަށް އޭތި އޮތް ތަން އަންގައިދެއެވެ. އެހިނދު އެ އެއްޗަށް އެހީވުމަށް އެހެން ހިނިތައް ޙަރަކާތްތެރިވެއެވެ.
ހިނީގެ ޢާލަމާ ބެހޭ މި ފަދަ ބައެއް ޙަޤީޤަތްތައް ދުނިޔޭގެ ޢިލްމުވެރީންނަށް މި ހޯދުނީ މީގެ ސާދަ ސައްތަ އަހަރު ކުރީން ކީރިތި ޤުރުއާން އެ ކަމަށް އިޝާރަތްކޮށްފައި ވަނިކޮށްނެވެ. މި ޤުރުއާން ﷲގެ ރަސޫލާގެ މައްޗަށް ބާވައިލެއްވި އިރު، މި ކަން އެނގޭނޭ ހަމަ އެކަކު ވެސް މި ދުނިޔެ މައްޗަކު ނުހުންނާނެއެވެ. މިއިން އެނގެނީ ޤުރުއާނަކީ ﷲ ތަޢާލާގެ ކީރިތި ބަސްފުޅު ކަމެވެ. މާތްﷲ ވަޙީކުރެއްވިއެވެ. )حَتَّىٰٓ إِذَآ أَتَوْا۟ عَلَىٰ وَادِ ٱلنَّمْلِ قَالَتْ نَمْلَةٌ يَٰٓأَيُّهَا ٱلنَّمْلُ ٱدْخُلُوا۟ مَسَٰكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَٰنُ وَجُنُودُهُۥ وَهُمْ لَا يَشْعُرُونَ ﴿١٨﴾ فَتَبَسَّمَ ضَاحِكًا مِّن قَوْلِهَا وَقَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَٰلِحًا تَرْضَىٰهُ وَأَدْخِلْنِى بِرَحْمَتِكَ فِى عِبَادِكَ ٱلصَّٰلِحِينَ - النمل : 18- 19 - މާނައީ : ދެން لشكرއާއިގެން) ހިނީގެ وادىއަށް ވަޑައިގެންފުމަށް ދާނދެނެވެ. އެހިނދު ހިންޏެއް ބުންޏެވެ. އޭ ހިނިތަކާއެވެ! ކަލޭމެންގެ ގޭގެއަށް ވަންނާށެވެ! (އެއީ) ނޭނގިތިބެ، سليمانގެފާނާއި، އެކަލޭގެފާނުގެ لشكر ކަލޭމެން ފިސްފިސް ނުކުރުމަށްޓަކައެވެ. ފަހެ (سليمانގެފާނު) އެ ހިނި ބުނިވާހަކަ އައްސަވައި ހިނިފުޅުވެޑުވިއެވެ. އަދި ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمةއަށް شكر ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالح عملކުރުމަށް މިއަޅާއަށް إلهامކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ رحمةފުޅުން، އިބަރަސްކަލާނގެ صالح އަޅުންގެ ތެރެއިން މި އަޅާ ލައްވާނދޭވެ!(
މި ދެ އާޔަތުން އެނގޭ ގޮތުގައި ހިންޏަކީ ބުއްދިވެރި ވިސްނުންތެރި އިންތިޒާމީ މަޚްލޫޤެކެވެ. އޭތީގެ މުޖުތަމަޢުގެ ފަރުދުން ކަންބޮޑުވާ ކަންކަމާ މެދު އޭތި ވިސްނައެވެ. މި ކުޑަކުޑަ ހިނި ސުލައިމާނުގެ ލަޝްކަރާ ދުރަށް ފިލާން ދުވި ގޮތް މި އާޔަތުން އެނގެއެވެ. އަދި އޭތީގެ އެކުވެރީންނަށް އިންޒާރު ވެސް ދިނެވެ. އޭތީގެ އަމިއްލަ ނަފުސަށް ވުރެ ބޮޑަށް އޭތި އިސްކަންދިނީ އޭތީގެ ޤަބީލާގެ ސަލާމަތަށެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ. (قَالَتْ نَمْلَةٌ – އަންހެން ހިންޏެއް ބުންޏެވެ.) ދެން އޮތް ބަސްފުޅަކީ (فَتَبَسَّمَ ضَاحِكًا مِنْ قَوْلِهَا - ފަހެ (سليمانގެފާނު) އެ ހިނި ބުނި ވާހަކަ އައްސަވައި ހިނިފުޅުވެޑުވިއެވެ.) މިއަދު ޢިލްމީ ގޮތުން އެނގޭ ގޮތުގައި، ހިނީގެ ގެދޮރުތައް ބަލަހައްޓައި ޙިމާޔަތްކުރަނީ އަންހެން ހިންޏެވެ. ﷲގެ ބަސްފުޅުގައި (قَالَتْ نَمْلَةٌ) އޮތީމާ އެއީ އަންހެން އެއްޗެއްކަން އެނގެއެވެ. ސަލާމުލެއްވި ސުލައިމާނު ނަބިއްޔާއަށް މި އަޑު އިވިވަޑައިގެން އޭތި ބުނި އެއްޗެއް ދޭހަވެވަޑައިގަތެވެ. މި ކުޑަކުޑަ ހިންޏަށް މާތްﷲ ދެއްވައިފައިވާ ވިސްނުން ފެނިވަޑައިގެން އެ ކަމާ މެދު އަޖައިބުފުޅުވިއެވެ. ހިނީގެ ބަސް އެނގި މި ބަސް އުނގަންނައިދޭ އިންސާނަކު ނެތް ދުވަސްވަރެއްގައި މި ހިންޏަށް ވާހަކަދައްކައި ހެދުމަށް ބަހެއް ލިބިގެންވާކަން ކީރިތި ޤުރުއާނުގައި މި ވަނީ އަންގަވައިފައެވެ. (ނުނިމޭ)
މި މަގާލުގައި ބޭނުންކޮށްފައިވާ ބައެއް ލަފުޒުގެ މާނަ:
ރާނީ ނ. ރަސްކަނބަލުން ނުވަތަ ރަސްކަލުންގެ އަނބިކަނބަލުން. Eng: queen
ބަސްކޮށާރު ނ. (1) ބަހެއްގައި ހިމެނޭ އެންމެހައި ލަފުޒުތައް. (2) ޢިލްމެއްގެ ވަކި ދާއިރާއެއްގައި ބޭނުންކުރާ ލަފުޒުތައް. (3) ބަހެއްގެ ލަފުޒުތަކުގެ ތެރެއިން މީހަކަށް އެނގިފައިވާ މިންވަރު. Eng: lexicon
ކީމަވީ ނއ. މާއްދާއެއް އެކި ގޮތްގޮތަށް ބަދަލުކުރުމުން އޭގައިވާ ޚާއްޞަ ތަބީޢަތާ ގުޅޭ. Eng: chemical
ކޮޓާރު ނ. ގޭގެއާއި އިމާރާތްތަކުގައި ތަކެތި ރައްކާކުރާން ހުންނަ ކުދި ކޮޓަރި. Eng: store room
މަގާލު ނ. ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް. Eng:(written) article
މުހިންމަތު ނ. މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގެ ތަސައްވުރު ހާސިލުކުރުމަށް ޓަކައި ރާވައި ހިންގާން ކަނޑައަޅާ މައިގަނޑު ހަރަކާތް. Eng: mission
ސައެންސީން ނ. ސައެންސްވެރީން. Eng: Scientists
ޝާއިޢުކުރުން މ. (1) ލިޔުމެއް ޗާޕުކޮށްގެން މީހުންގެ ތެރެއަށް ނެރުން. (2) ވެބްސައިޓު ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ފޮތާއި ލިޔުމާއި ނޫސްމަޖައްލާ ފަދަ ތަކެއްޗާއި އެކިއެކި މަޢުލޫމާތު އާންމުކުރުން. Eng: publish