އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
26 ފެބްރުވަރީ 2025
މުޞައްނިފުގެ ނޯޓެއް:
"ކޮން މީހެއް؟" މި ވާހަކައަކީ ހައްދުންމަތީގެ ކުރިމަގުގެ އުންމީދީ ތަޞައްވުރެއްގެ މައްޗަށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ހިމެނޭ އެއްވެސް ނަމަކީ އެއްވެސް މީހަކާ، ރަށަކާ، ތަނަކާ ގުޅުން ހުރި ނަމެއް ނޫނެވެ. އެ ފަދަ ނަމެއް، އެއް ވެސް މީހަކާ ނުވަތަ ރަށަކާ ނުވަތަ ތަނަކާ ދިމާވެއްޖެ ނަމަ އެއީ އިއްތިފާޤެކެވެ. މި ހާދިސާ އަކީ ވެސް ޚިޔާލީ ހާދިސާއެކެވެ.
މިއީ ވާހަކައެއްގައި ހިމެނޭނެ ގިނަ ރަހަތައް ހިމަނައިގެން ލިޔެފައިވާ ވާހަކައެކެވެ. މާވަށާއި ހައްދުންމަތީގެ ކުރިމަގުގެ ތަޞައްރު ފެންނަ ފަދަ ގޮތަކަށް އިގުތިސާދާއި ލޯތްބާއި ބިރުވެރި ބައިތައް ވެސް ހިމަނައިފައިވާނެއެވެ. އެހެންކަމުން މި ވާހަކަ ޚާއްޞަކޮށްފައިވަނީ 18 އަހަރުން މައްޗަށެވެ.
މި ވާހަކައިގެ ހުރިހައި ހާދިސާއެއް ނިސްބަތްވަނީ ހައްދުންމައްޗަށެވެ. ވާހަކައިގެ ނަމަކަށް ވެސް އަތޮޅުވަންތަ ނަމެއް ޚިޔާރުކުރީ އެހެންވެގެންނެވެ. ހައްދުންމަތީ ބައެއް ރަށްރަށު މީހުން ވާހަކަދައްކާ ބަހުރުވައިގެ ބަސްކޮށާރުގައި "ކާކު" މި ލަފުޒަކީ އޮންނަ ލަފުޒެއް ނޫނެވެ. އޭގެ ބަދަލުގައި ސުވާލުކުރާން ބޭނުންކުރާނީ "ކޮން މީހެއް" މި ޢިބާރާތެވެ. އެހެންކަމުން ވާހަކައިގެ ބަޠަލަށް ނިސްބަތްކޮށް އެ ނަން ބޭނުންކޮށްފައި ވަނީއެވެ.
_____________________________________________________________________________________________
(1)
ނުދަންނަ މީހެއް
އެއް ރެޔެއްގެ ދަންވަރެވެ. ހައްދުންމަތީ ގާދޫން ފެށިގެން މާބައިދޫ ފަހަނަޅައި އިސްދޫއާ ގުޅުވައިލެވިފައިވާ "ޙަސަން ތާޖުއްދީނު މަގު"ގެ ކާރޫބާރޫ މާ ބޮޑެއް ނޫނެވެ. ނަމަވެސް ގަން-ފޮނަދޫ ސިޓީގެ ކާރޫބާރޫ ވަރަށް ބޮޑެވެ. މުންޑޫން މާބައިދޫއަށް އަދި މާބައިދޫން ފުއްޓަށް ގުޅައިލެވިފައިވާ ދާލަމުން މިހާރު ދަތުރުކުރަމުން ދަނީ ވަރަށް މަދު އުޅަނދެކެވެ. މީސްކޮޅު މަދަސް އުފާވެރި ދިރިއުޅުމެއް އުޅެމުންގެންދާ މުންޑޫއަށް މި މަގުން ދަތުރުކުރާ އުޅަނދުތަކުން މާބޮޑަށް އަސަރެއް އެ ރަށަކަށް ނުފޯރައެވެ. ގާދޫން މުންޑުވާ ހަމައަށް ބޮޑުމަގު ގުޅައިލެވިފައިވަނީ މޫންޑުގެ އިރުމަތީ ފަރާތުން ހިއްކައިފައިވާ ސަރަހައްދުންނެވެ. އެހެންކަމުން މި ހަލިމަގުން ދަތުރުކުރާ މިއިން އުޅަނދެއްގެ އަޑެއްބަޑެއް މުންޑޫތެރެއަކަށް ވެސް ނީވެއެވެ. މުންޑޫތެރެއަށް އަންނާނީ ހާލަކުން ދުވަހަކު މަދު ވެހިކަލެކެވެ. ގާތް މީހަކާ ބައްދަލުކޮށްލާން މަދު ފަހަރެއްގައި ނޫނީ އެއްވެސް އުޅަނދެއް މުންޑޫތެރެއަކަށް ނުވެސް ވަންނާނެއެވެ. އެހެން ނޫނީ މުންޑޫން ގަން-ފޮނަދޫ ސިޓީއަށް ދާންވެގެން ޓެކުސީއަކަށް ގުޅައިގެން އަންނަ މަދު ޓެކުސީއެއް އަތުވެދާނެއެވެ. މުންޑޫ މީހުން ވަރަށް މަދު ފަހަރެއްގައި ނޫނީ ޓެކުސީއެއްގައި ދަތުރެއް ވެސް ނުކުރާނެއެވެ. އެހެންކަމުން ވަރަށް އަވަހަށް މުންޑޫ މީހުން ނިދައި ފައިހިލަވަޅު އޮބެއެވެ.
މާރިޗު މަހު މަހުކޮޅުގެ ރެޔެކެވެ. ފަސްބަދުރުވަ ނަކަތުގެ ހިތްގައިމު ވައިރޯޅި އިރުމަތީ ފަރާތުން ޖެހުނަސް ހަނދުވަރުގެ އަލިކަމެއް ނެތެވެ. ތާޖުއްދީނު ހަލިމަގުގެ މެދުގައި ދެ ފަރާތަށް އަލިވާ ގޮތަށް ދިއްލައިފައި ހުންނަ ހަނދުވަރީ އަލީގެ ބޮކިތައް ފިޔަވައި އެހެން އަލިކަމެއް މުންޑޫ ތެރެއަކުން ނުފެނެއެވެ. ރަށު ތެރޭގައި ވެސް މަގަށް އަލިވާ ގޮތަށް ހުންނަނީ މަދު އައްޔެކެވެ.
މުޅި ރަށް ނިދައިފިއެވެ. ބާންސާގޭ އެންމެންހެން ނިދައިފިއެވެ. ހުރިހައި ކުދީންގެ މާމާ މަރިޔަމް ޒިވިއާ ވެސް ނިދާންވެގެން ފާޚާނާއަށް ގޮސްފައި އައިސް އެނދުގައި ޖައްސައިލިއެވެ.
ކުއްލިއަކަށް އިވުނީ ގޭ ބޭރު ދޮރުގައި މީހަކު ޓަކިދިން އަޑެވެ. ކާކުބާއޭ ހިތައި ކުޑަކޮށް މަޑުކޮށްލިއެވެ. އަނެއްކާ ވެސް ޓަކިޖަހައިލައިފިއެވެ. ތަންކޮޅެއް ބާރަށެވެ. ޒިވިއާ ތެދުވެ އަސާގަނޑު ހިފައިގެން ނުކުމެ، ދޮރު ހުޅުވައިލައިފިއެވެ. ދޮރުމަތީގައި ހުރީ ޒިވިއާ ދުވަހަކު ވެސް ނުދަންނަ ބީއްރައްޓެއްކެވެ.
"އައްސަލާމު ޢަލައިމުން ދައްތާ!" އެ މީހަކު ސަލާމް ގޮވައިލިއެވެ. "މިހާ ދަންވަރު ދައްތައަށް އުނދަގޫ ކުރެވުނީތީ މާފަށް އެދެން."
"ވަޢަލައިކުމް ސަލާމް" ޒިވިއާ ސަލާމުގެ ޖަވާބު ދިނެވެ. "ތިޔައީ ކޮން ކުއްޖެއް؟ މިހާ ދަންވަރު މި ރަށަށް ތިޔަ އައީ ކީއްކުރާން؟"
"އަޅުގަނޑަށް ކިޔަނީ ދާއޫދު. ދާއޫދު އިބްރާހީމް" ޒިވިއާގެ ސުވާލުގެ އެއްބަޔަށް ދާއޫދު ޖަވާބު ދީފައި ކޮށްލީ ސުވާލެކެވެ. "ދައްތާ! މި ރަށުގައި ގެސްޓްހައުސް ކަހަލަ ތަނެއް ހުންނަނީ ކޮންތާކު؟"
"ހެހެހެހެ" ޒިވިއާ ގާތަށް އައީ ހިންޏެވެ." ވަރަށް ދެރަ. މި ރަށުގައި ގެސްޓް ހައުސެއް ނުހުރޭ".
"ވަރަށް ދެރަ! އަޅުގަނޑު ބޭނުމީ މިރޭ މި ރަށުގައި މަޑުކޮށްލުމަށް ފަހު މާދަމާ ރަށުތެރެ ބަލައިލާން................ އެހެންވިއްޔާ މިގޭގައި ކުއްޔަށް ދޭ ކޮޓަރިއެއް އެބަހުރިތޯ؟" މާޔޫސީ ގޮތެއްގައި ދާއޫދު ސުވާލުކުރިއެވެ.
"މި ގެޔަކު އިތުރު ކޮޓަރިއެއް ނެތް. އެކަމަކު މިތާ ދާދި ގާތުގައި ހުންނާނެ ކިއާރާ މެންގެ ގެ. މުޝްތަރީގެ. ދައްތައާ އެކީ ހިނގައިބަލަ އެ ގެޔަށް. މިހިރީ އެ ގެ. ވަރަށް ކައިރިވާނެ."
ޒިވިއާ އަސާގަނޑު ވިއްދަމުން މުޝްތަރީގެއަށް ގޮސް ކިއާރާއަށް ގޮވައިފިއެވެ. އެ މުސްކުޅި ހާލުގައި ވެސް ޒިވިއާގެ ފަރާތުން ފެނުނު އޯގާތެރިކަމާއި މެހުމާންދާރީއަށް ޓަކައި ދާއޫދު ޙައިރާންވިއެވެ. ގެޔާ ހަމައަށް ދެވުމާއެކު ދާއޫދު ފަސް ސަތޭކަރުފިޔާގެ ނޫޓެއް ނަގައި ޒިވިއާއްތައަށް ދިއްކޮށްލިއެވެ. ޒިވިއާ ހައިރާންކަމާއެކު ދާއޫދުގެ މޫނަށް ބަލައިލިއެވެ.
"ތިޔައީ ދައްތައަށް ދިން ހަދިޔާއެއް" ދާއޫދު ބުންޏެވެ.
އިތުރު ސުވާލެއް ނުކޮށް އެ ނޫޓުގައި ހިފައި މުށުތެރެއަށް ލައި ބޮޑިކޮށްލި އިރު މުޝްތަރީގެއާ ހަމައަށް ފޯރައިފިއެވެ.
"ކިއާރާ! ކިއާރާ! ނިކަން ދޮރުހުޅުވައިލަ ބަލަ!" ޒިވިއާ މުޝްތަރީގޭ ދޮރުގައި ޓަކި ޖަހަމުން ގޮވައިލިއެވެ.
ކިއާރާ ނިދިފައި އޮވެފައި ހޭލެވުނީ މީހަކު ދޮރުގައި ތަޅަމުން ކިއާރާއަށް ގޮވާ އަޑަށެވެ! އަވަށްޓެރި ގާތް ރައްޓެއްސަކަށް ވާތީ އެއީ ޒިވިއާގެ އަޑުކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. ނަމަވެސް މި ދަންވަރު ޒިވިއާ އެ ގޭ ދޮށަށް އައިސް ގޮވަނީ ކީއްކުރާންބާއޭ ހިތަށްއެރިއެވެ.
އަވަސްއަވަހަށް ގޮސް ދޮރުހުޅުވައިލި އިރު، ޢުމުރުން ތިރީހަކަށް ސާޅީހަކަށް އަހަރުގެ ޒުވާނަކާ އެކީ ޒިވިއާ ހުއްޓައި ފެނިފައި ހައިރާންކަމާ އެކު، އަހައިލިއެވެ.
"ޒިވިއްތާ! މި ދަންވަރު އަނެއްކާ ކޮން ކަމެއް ލައިގަތީ؟ ތިޔައީ ކޮން ކުއްޖެއް؟"
މިއީ ބީރައްޓެހި ކުއްޖެއް. ދައްތަގެ ރައްޓެއްސެއް. މި ރޭ ނިދައިލާން ތިޔަ ގެއިން ކޮޓަރިއެއް ކުއްޔަށް ލިބެއިތޯ މިއައީ." ޒިވިއާ ޖަވާބު ދިނެވެ. "އެބަހުރިތަ ތިޔަ ގޭގައި ކުއްޔަށް ދޭ ކޮޓަރިއެއް؟"
"މިގޭ ކޮޓަރިއެއް އެބަހުރި. އެކަމަކު އޭސީކޮށްފައެއް ނޫން ހުރީކީ." ކިއާރާ ޖަވާބުދިބެވެ. "ނަމަވެސް ކީއްކުރާން މި ރަށުން ކުއްޔަން ހިފަންވީ. ގަންފޮނަދޫ ސިޓީގައި ހުންނާނެނު މާ ރީތި ހޮޓާތަކާއި ގެސްޓް ހައުސްތައް ވެސް".
"ތެދެއް، ކިހިނެއް ހަދާނީ؟" މާނަވީ ނަޒަރަކުން ދާއޫދާ ދިމާއަށް ލިވިއާ ބަލައިލިއެވެ.
"އަޅުގަނޑު ހުންނާން ބޭނުންވަނީ މި ރަށުގައި." ދާވޫދު ޖަވާބު ދިނެވެ. "މި ރަށް ވަރަށް ހިތްގައިމު."
އެ ރޭ ދާއޫދު ހޭދަކުރީ ކިއާރާގެ މެހުމާނުދާރީގައި މުޝްތަރީގައެވެ.
ޖެހިގެން އައި ހުކުރު ދުވަހު ރަށުގެ ގިނަ މީހުންނާ އޭނާ ބައްދަލުވެ ހާލުއަޙުވާލު އަހައި ހެދިއެވެ. އޭނާ ފެންނަނީ ވަރަށް މުއްސަނދި މީހެއްގެ ގޮތުގައެވެ. އާދައިގެ ވަރަކަށް އިސްކޮޅުން ދިގުކަމަށް ވިޔަސް، ހެދި ހުރި ހަށިގަނޑަށް ބަލާ އިރު، ދިގުކަމުން އައިބެއް ނޫނެވެ. ރަށުގެ ފިރިހެނުންތައް ހުކުރަށް ދާން އަވަދި ނެތި އުޅުނު އިރު، ދާއޫދު އޮތީ އަތިރިމަތީގައި ހުރި ޖޯލިފަތީގައެވެ. ދާއޫދު ގާތު ތިބި އެންމެން ވެސް ހުކުރަށްދާން ދަނީއްޔޭ ބުނެ ހިނގައްޖެއެވެ.
ރަށުގެ މީހުން ހުކުރުން ފައިބައިގެން އައި އިރު ދާއޫދު އެ ރަށުން ފުރައިގެން ހިނގައްޖެއެވެ. ކޮޓަރި ކުއްޔާއި ހެނދުނުގެ ނާސްތާއަށް މުޝްތަރީގެއިން ބިލުކުރީ ފަނަރަ ސަތޭކަ ނުވަދިހަ ރުފިޔާ ނަމަވެސް ދާއޫދު ނުކުތީ ފަސްސަތޭކަ ރުފިޔާގެ ހަތަރު ނޫޓު ދީފައި ބާކީ ދައްތައަށޭ ބުނެފައެވެ. ދައްތާއޭ ހިތްހެޔޮކުރާށޭ، ބޭބެއަށް ސަލާމް ބުނާށޭ ބުނަމުން، ވަރަށް އަވަހަށް އަދި އަންނާނެކަމަށް ވަޢުދުވަމުންނެވެ.
ރަށުގެ އަންހެންވެރީންގެ ތެރެއިން ބައެއް މީހުން ބުނާ ގޮތުގައި ދާއޫދު ފުރީ އޭނާ ބަލައި އައި ވަރަށް ރީތި ލާންޗެއްގައެވެ. މުންޑޫއަށް އޭނާ އައި ކާރު، ދާއޫދު މުޝްތަރީގެއަށް ވަނީމާ، ސިޓީއާ ދިމާއަށް ދިޔަ ތަން، ބައެއް މީހުންނަށް ވަނީ ފެނިފައެވެ.
ދާއޫދުގެ ފަރާތުން ފެނުނު ތަފާތު ކަންތައްތަކުގެ ސަބަބުން އެއީ އާދައިގެ މީހެއް ނޫންކަމަށް މުންޑޫގައި ކިޔައި އުޅުނެވެ. އެކަމަކު ދާއޫދު ކިޔާ އެހައި މަޝްހޫރު ވިޔަފާރިވެރިއެއްގެ އަޑު ނާހާކަމަށް ވެސް ބައެއް މީހުން ބުނެއެވެ. ދާއޫދުގެ ދީލަތިކަމާއި މުންޑޫއަށް އޭނާ އައި އަގުބޮޑު ބިޔަ ކާރާއި، މުންޑޫން އޭނާ ފުރައިގެން ދިޔަ ރީތި ބޮޑު ލާންޗަށް ވިސްނައިލިޔަސް މިއީ އާދައިގެ މީހެއް ނޫންކަން ވިސްނޭހައި ވެއެވެ.
(2)
ކަންމަތީ ފިހާރަ
ދާއޫދުގެ ފަރާތުން ފެނުނު ތަފާތު ކަންތައްތަކާ މެދު މުންޑޫގައި ވަރަށް ބޮޑަށް ބަހުސްކުރެވުނެވެ. އަދި ދާވޫދު ފުރައިގެން ދިޔަތާ ހަފުތާއެއް ވީއިރު ވެސް އެ ވާހަކައަށް ފަނޑުކަމެއް ނާދެއެވެ. ދެތިން ފިރިހެނަކު ދިމާވިޔަސް އަންހެންވެރީން އެއްވެލިޔަސް ދައްކަނީ ދާއޫދުގެ ވާހަކައެވެ. ބައެއް މީހުން ބުނަނީ އެއީ މާލޭ މީހެއްކަމަށެވެ. އަނެއް ބަޔަކު ބުނަނީ އޭނާ ވާނީ ގަންފޮނަދޫ ސިޓީގެ ފޮނަދޫ ނުވަތަ ގަމު މީހެއް ކަމަށެވެ. ރާއްޖޭން ބޭރުގައި އުޅެފައި މުއްސަނދިވެގެން އައީކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެ ވާނީ ކުޅުދުއްފުށީ ސިޓީގެ ނުވަތަ އައިހަވަން ސިޓީގެ މުއްސަންޖެއްކަމަށެވެ.
މި ގޮތުގެ މަތީން އެއް ދުވަހަކު ޒުވާނުންގެ ބަޔަކު އަތިރީ ޖޯލިފަތީގައި ދާއޫދުގެ ހަގީގަތާ މެދު ބަހުސްކުރާން ތިއްބައި މުޝްތަރީގޭ ކައިރިއަށް ކާރެއް މަޑުކޮށްލި ތަން ފެނިއްޖެއެވެ. އެންމެން ކުއްލިއަކަށް މުޝްތަރީގޭ ކައިރިއަށް ޖަމާވެއްޖެއެވެ.
"އައްސަލާމް ޢަލައިކުމް! ކިހިނެއްތޯ ހުރިހައި ބޭފުޅުން" ދާއޫދު ހިނިތުންވެ ހުރެ އެންމެންނާ މުޚާޠަބުކޮށް ސަލާމް ގޮވައިލިއެވެ.
"ވަޢަލައިކުމް ސަލާމޭ!" ގޮވަމުން އެ މީހުން ވަކިވަކީން ގޮސް ދާއޫދާ އަތާއި އަތް ޖޯޑުކޮށް ސަލާން ވެސް ކޮށް ހެދިއެވެ.
"ދާއޫދު! މި ރަށަށް ތިޔަ ވަޑައިގަންނަވަނީ ކީއްވެތޯ" އެއްވެ ތިބި މީސްތަކުންގެ ތެރެއިން މީހަކު ސުވާލުކޮށްލިއެވެ.
"މި ރަށުން ގެޔެއް ގަންނާން ބޭނުންވާތީ މި އާދެވެނީ." ދާއޫދު ޖަވާބު ދިނެވެ.
"ހެހެހެހެ! މިރަށުން ގެޔެއް ގަންނާށޭ!.....މަލާމާތެއްތޯ؟" އެކަކު ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ. "ދާއޫދުމެން ފަދަ ބޭފުޅުންނަށް މި ރަށުގައި އޮތީ ކޮން މުސްތަގުބަލެއްތޯ؟"
"މި ރަށް ހަމަ ހިތްގައިމީ. މި ރަށް ދެކެ ވަރަށް ގަޔާވެވިއްޖެ." ދާއޫދު ޖަވާބު ދިނެވެ. "މިއީ ސަމާސާއެއް ވެސް މަލާމާތެއް ވެސް ނޫން."
"މި ރަށުގެ ހުރިހައި ޒުވާނުން މިހާރު ރަށުން ފައިބައިގެން ހިނގައްޖެ. އެއް ބަޔަކު މާލެއަށް. އަނެއް ބަޔަކު ގަން-ފޮނަދޫ ސިޓީއަށް." އެހެން މީހަކު ވާހަކަދެއްކިއެވެ. "މި ރަށުގައި މި ތިބީ އަހަރެމެން ކަހަލަ ހައެއްކަ މުސްކުޅީން."
"ތިޔަ ކަން އަޅުގަނޑަށް ވެސް ވިސްނޭ. އެކަމަކު ވެސް އަޅުގަނޑު ހަމަ މި ރަށުގައި އުޅޭ ހިތްވަނީ."
"މި ރަށުގައި ބައިވަރު ގޭގެ އެބަ ހުރި. ހީވަނީ ލިބިދާނެހެން. ކަންމަތީގޭ މުހައްމަދުބެ އިހަކަށް ދުވަހު ނިޔާވީ. އެގޭ ހުރިހައި ކުދީން އުޅެނީ މިހާރު ސިޓީގައި. ހީވަނީ އެ ގެ ވިއްކައިފާނެހެން." އެކަކު ބުންޏެވެ.
އަނެއް ދުވަހު ހެނދުނު އެ ރަށު ދެތިން ހަރު މީހަކާ މުޙަންމަދާ ހިނގައިލާން ނުކުމެ ރަށުތެރެ ބަލައިލި އިރު، ފަޅު ގޯތިތައް ވަރަށް ގިނައިން ފެނުނެވެ. ދާއޫދަށް އެންމެ ކަމުދިޔައީ ބޮޑުމަގުގައި ހުރި ކަންމަތީގެ ކިޔާ ގެޔެކެވެ. އެ ގެޔަކީ ވެސް ފަޅަށް ހުރި ގެޔެކެވެ. އެހެންކަމުން އެ ގެ ގަތުމަށް ޓަކައި، އެ ގޭގެ ވާރުތަވެރީންނާ ވާހަކަދައްކައިގެން އެ ކަން ހަމަޖައްސާން މޫސާފުޅުބެއާ ހަވާލުކޮށްފިއެވެ. މޫސާފުޅުބެއަށް ފަސް ހާސް ރުފިޔާ ހަދިޔާއަކަށް ދީފައި މި ކަން ހަމަޖައްސައިދެވިދާނެހޭ ދާއޫދު ސުއާލުކުރިއެވެ.
މޫސާފުޅުބެ ގަން-ފޮނަދޫސިޓީއަށް ގޮސް ކަންމަތީގެއާ ގުޅުންހުރި ދެ މީހަކު ގޮވައިގެން މުންޑޫއަށް އަތުވެއްޖެއެވެ. މުސާފުޅުބެއަކީ ދާއޫދަށް ވަރަށް ކަމުދާ މީހެކެވެ. ގޯތި ގަތުމުގެ ކަންކަން ދާއޫދު ހަވާލުކުރީ ވެސް އެނަޔާއެވެ. ކަންމަތީގޭ ވާރުތަވެރީންކަމަށްވާ ނިސްރީނާއި ޝާފިޢުގެ ހާޒިރުގައި މޫސާފުޅުބެ ވާހަކަދައްކައިގެން ދެ ލައްކަ ރުފިޔާއަށް އެ ގޯތި ވިއްކާ ގޮތަށް އެއްބަސްކުރުވައިފިއެވެ. އަދި އެގްރީމަންޓް ލިޔެ ފައިސާ ދީ ހުރިހައި ކަމެއް ހަމަ އެ ދުވަހުން އެ ދުވަހަށް ހަމަޖައްސައިފިއެވެ. ގޯތި ރަޖިސްޓަރީކުރުން ކަހަލަ ރަސްމީ ކަންކަން މޫސާފުޅުބެ ހަމަޖައްސައިދޭންޖެހޭނޭ ބުނެ ދާއުދުބެއަށް އެ ދުވަހު ވެސް ހަދިޔާއަކަށް ދެހާސްރުފިޔާ ދީފިއެވެ.
ދާއޫދަކީ ވެސް މަސައްކަތް ދަންނަ ހަރުދަނާ މީހެއްކަން އެނގުނީ، ވީރާނާވެފައި ހުރި ކަންމަތީގެ ގަތުމަށް ފަހު، އެ ގެ މަރާމާތުކުރާން، ކުރާން ހުރި ގިނަ ކަންކަން ދާއޫދު އަމިއްލަޔަށް ކުރާން ފަށައިގަތީމައެވެ. މޫސާފުޅުބެއާއި ރަށުގެ ބައެއް އެހެން މީހުން ވެސް އެހިތެރިވެދީގެން ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި ގެ މަރާމަތުކޮށް ގޯތިތެރެ ސާފުކޮށް ގޭގައި ކުލައި ހުރިހައި ކަމެއް ނިންމައިލައިފިއެވެ. ގޭގެ މޫނުމައްޗާއި އެތެރޭގެ ފަރުމާއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައެވެ.
ޖެހިގެންއައި ހުކުރު ދުވަހު އިރުއޮއްސުނު ތަނާ ބޮޑު ލޮރީއެއް ކަންމަތީގޭ ކައިރިއަށް މަޑުކޮށްލައި މުދާތަކެއް ބާލާން ފަށައިފިއެވެ. ރަށު މީހުންނަށް މި ވާ ގޮތެއް ނޭނގިފައި ތިއްބައި މުދާތައް ބޭލުމަށްފަހު ސިޓީއަށް ދިޔަތާ މާ ގިނަ އިރެއް ވެސް ނުވެ، މުންޑޫ ބަނދަރަށް އައި ކާގޯ ބޯޓަކުން މުދާ ހަރުތަކަކާއި ހާޑްވެއަރގެ ސާމަނުތަކެއް ވެސް ކަންމަތީގެއަށް ބާލައިފިއެވެ.
ހޮނިހިރު ދުވަހު އިރުއެރި އިރު، މުންޑޫ މީހުންނަށް ހައިރާން ލިބުނީ ކަންމަތީގޭ މަގުމައްޗަށް ވާ ގޮތަށް ދާއޫދު ތަރައްގީކުރި މައިގެ މަތީގައި ވަރަށް ބޮޑު ބޯޑެއްގައި "ކަންމަތީ ފިހާރަ" ޖަހައިފައި ވާ ތަން ފެނުމުންނެވެ. ފިހާރައެއް ހަދާން އުޅޭ ވާހަކައެއް މޫސާފުޅުބޭ ގާތަކު ވެސް ދާއޫދެއް ނުބުނެއެވެ. އެހެންވެ، ވަރަށް ހައިރާންވެގެން ދާއޫދު ގާތަށް އައިސް ބުނެފިއެވެ.
"މި ރަށުގައި ފިހާރައެއް ތިޔަ ހެދީ ކީއްކުރާން؟" ހައިރާންކަމާއެކު މުސާފުޅުބެ ސުވާލުކޮށްލިއެވެ. "ޝާދީވިލާ ކުދީން ހިންގި ފިހާރަ ވެސް ފައިދާއެއް ނުވާތީ ބަންދުކޮށްފައި އެގޭ އެންމެން ސިޓީއަށް ބަދަލުވިތާ މިހާރު އަހަރަކަށް ވުރެ ވެސް ގިނަ ދުވަސްވެއްޖެ."
"ކިހިނެއްވީ؟" ދާއޫދު ވެސް ކޮށްލީ ސުވާލެކެވެ.
"ކަމެއް ނުވޭ. ދާއޫދަށް ފައިދާއެއް ނުވާނެހެން ހީވާތީ ހަމަ ސުވާލުކޮށްލެވުނީ." މޫސާފުޅުބެ ވަރަށް ސީރިއަސްކަމާއެކު ޖަވާބު ދިނެވެ. "މި ރަށު މީހުން ގަންނަ އެއްޗެއް ވިއްޔާ ގަންނާނީ މާބައިދޫން. ބޮޑެތި އެއްޗިހި ގަންނާނީ ގަން-ފޮނަދޫ ސިޓީއިން. އެ ތަންތަނުން މާލެއަށް ވުރެ ވެސް އަގުހެޔޮކޮށް ބޭނުން އެއްޗެއް ލިބޭން ހުރޭ."
މޫސާފުޅުބޭގެ އެ ކަންބޮޑުވުމަކަށް ދާއޫދު މާބޮޑު އެއްޗެކޭ ނުބުނެ ކޮށްލީ އެހެން ސުވާލެކެވެ. "މޫސާފުޅުބޭ، މަގޭ ފިހާރައިގައި މަސައްކަތްކޮށްލާނެ ކުއްޖަކު ލިބޭނެތަ ރަނގަޅު މުސާރައެއް ދީފިއްޔާ؟ ބޭނުންވަނީ މޮޅު ކުއްޖެއް. އެ ކުއްޖެއްގެ ތަޢުލީމީ ފެންވަރު ހުރި ވަރަކުން މުސާރަ ދޭނީ."
"މި ރަށު ގިނަ ކުދީން އުޅެނީ މާލޭގައި ނުވަތަ ގަންފޮނަދޫ ސިޓީގައި. ރަށުގައި ވަޒީފާއެއް ނެތީމާ. ރަށުގައި ނޫޅޭނެ އެހާ ކިޔަވައިގެން އުޅޭ ކުއްޖެއް. ހަރު ފުރާގެ މީހުންނާއި މުސްކުޅީންކޮޅު ރަށުގައި މި ތިބެނީ. އެކަމަކު ދެ ކުއްޖަކު މި ވަގުތު ރަށުގައި އެބަ ތިބި. ފޮނަދޫ ބޮޑު ފިހާރައިގައި އުޅޭ ކުއްޖަކާއި ގަމު ކެފޭއެއްގައި އުޅޭ ކުއްޖަކު ޗުއްޓީއަށް އައިސް. ރަނގަޅު މުސާރައެއް ދޭންޏާ އެއިން ކުއްޖަކު އުޅެފާނެތާ. ހަމަގައިމު ވެސް ފަސޭހަވާނެއެއްނު؟" މޫސާފުޅުބޭ ހާސަރުތައް ދަމައިލިއެވެ.
"އަޅެ ތިޔަ ދެ ކުދީން ގެނެސް ދީފާނަންތަ ކުޑަކޮށް ވާހަކަދައްކައިލާން" ދާއޫދު ސުވާލުކޮށްލިއެވެ.
"އާނ!" މިއަދު ގެނެސް ދޭނަން.
***
ވިއްސަކަށް އަހަރަށް ވުރެ ދޮށި ނުވާ ދެ އަންހެން ކުއްޖަކު ގޮވައިގެން ހަވީރު ހަތަރެއް ޖެހިތަނާ މޫސާފުޅުބެ ދާއޫދުގެ ކަންމަތީ ފިހާރައަށް އަތުވެއްޖެއެވެ. (ނުނިމޭ)