ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
27 ފެބްރުވަރީ 2025
ފިނި މޫސުމުން ދުވަހެއްގައި، މީހަކު ރަޖާ ވިއްކާ ފިހާރައަކަށް ދިޔައެވެ. އެނާ ބޭނުންވީ އޭނާގެ އާއިލާއަށް ރަޖާ ހޯދުމެވެ. ފިނި މޫސުމުގެ ގަދަ ފިނީން ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް އޭނާގެ އާއިލާގެ ހުރިހައި މެންބަރުންނަށް ހޯދައިދިނުމުގެ ގޮތުންނެވެ.
އޭނާގެ ގޭގެ ހުރިހައި މީހުންގެ އަދަދު ފަހެކެވެ. އެހެންވެ، މަދުވެގެން، ފަސް ރަޖާގަނޑު އޭނާ ބޭނުންވެއެވެ. ނަމަވެސް، އޭނާ އަތުގައި އޮތީ ވިހި ޑޮލަރެވެ.
ކޮންމެއަކަސް، ރަޖާ ވިއްކާ ފިހާރައަށް ގޮސް، އޭނާ ބޭނުންވާ ރަޖަލުގެ ވާހަކަ ސޭޓު ގާތު ބުންޏެވެ. "އަހަރެން ފަސް ރަޖާ އެބަ ބޭނުންވެއެވެ. ނަމަވެސް، މަގޭ އަތުގައި އޮތީ އެންމެ ވިހި ޑޮލަރެވެ. އެންމެ އަގު ހެޔޮކޮށް ފިހާރައިން ލިބޭން ހުރި ރަޖާގެ ފަސް ގަނޑު އަހަންނަށް ލިބިދާނެހެއްޔެވެ؟ ރަޖާ ނޫނަސް، އާދައިގެ ފޮތިގަނޑަކުން ރަޖާގެ ސައިޒުގެ ފަސް ގަނޑު ފޮތި ލިބުނަސް އެންމެ ރަނގަޅެވެ."
ދެން، ޖަވާބުގައި ސޭޓު ބުންޏެވެ. "ތިޔަ އައީ ވަރަށް ވެސް ރަނގަޅު ވަގުތަކުއެވެ. ޗައިނާއިން ގެނެސްފައި ހުރި އަގު ހެޔޮ ބޯ ރަޖާކޮޅެއް ނުވިކި އެބަ ހުއްޓެވެ. އަވަހަށް ވިއްކައިލުމުގެ ގޮތުން، ރަޖަލުގެ އަގު ވަނީ ދައްކުރެވިފައެވެ. ރަޖައެއް މި ވިއްކަނީ ގަނޑެއް ފަސް ޑޮލަރުގެ މަގުންނެވެ. އިނބަ ހަތަރު ރަޖާގަނޑު ގަނެފި ނަމަ، އެއް ރަޖާ ގަނޑު ހިލޭ އަހަރެން އިނބައަށް ދޭނަމެވެ."
ދެން، ރަޖާ ގަންނަން ދިޔަ މީހާ އުފަލުން ފޮޅުނެވެ. އަދި، ވިހި ޑޮލަރު ދީފައި ހަތަރު ރަޖާ ގަނޑު ގަނެ، އެއް ރަޖާގަނޑު ހިލޭ ހިފައިގެން އޭނާގެ ގެއަށް އޭނާ ދިޔައެވެ.
އެ ވަގުތު ފިހާރައިގެ ސޭޓުގެ ގާތް ރައްޓެއްސަކު ފިހާރައިގައި އިނެވެ. ރަޖާތައް ގަނެގެން އެ މީހާ ދިޔުމުން، ސޭޓުގެ ރަހުމަތްތެރިޔާ ސޭޓަށް ބުންޏެވެ. "ސޭޓާއެވެ! ތިޔަ ހެދީ ކިހިނެއްހެއްޔެވެ؟ އެ ކަހަލަ ރަޖާގަނޑެއް މަ ވެސް މި ދިޔަ ހަފުތާގައި އިނބަ އަތުން ގަތީމެން ނޫންހެއްޔެވެ؟ އިނބަ އެ ދުވަހު ބުނީ އޭގެ އަގަކީ ސާޅީސް ޑޮލަރު ކަމަށެވެ. ދެން، ކުޑަ ގޮތެއް ހަދައިދޭ ނަމޭ ކިޔާފައި އަހަންނަށް ރަޖާ ވިއްކީ 35 ޑޮލަރަށް ނޫންހެއްޔެވެ؟"
ރަހުމަތްތެރިޔާގެ މޫނަށް ބަލައިލައިފައި ސޭޓު ބުންޏެވެ. ރަޖަލުގެ ހަގީގީ އަގަކީ ހަމަ އިނބަ ގާތު ބުނި އަގެވެ. ގަނޑެއް ވިއްކަނީ 35 ޑޮލަރަށެވެ. އިނބައަށް ރަޖާ ތިރީސް ޑޮލަރަށް ވިއްކުމުން މަށަށް އެއްވެސް ފައިދާއެއް ނެތޭ ބުންޏަސް އެންމެ ރަނގަޅުވާނެއެވެ. ދެން، ފަސްގަނޑު ރަޖާ ގަންނަން އައި މީހާހެއްޔެވެ؟ އޭނައަކީ ކިހައި ނިކަމެތި މީހެއްކަން އޭނާ ލައިގެން ހުރި ހެދުމުން ވެސް އެނގޭ ނޫންހެއްޔެވެ؟ ރަޖަލުގެ ހަގީގީ އަގު އޭނަ ގާތު ބުނި ނަމަ، އޭނައަކަށް އެންމެ ރަޖާގަނޑެއް ވެސް ނުގަނެވޭނެއެވެ. ދެން، އަހަރެން، ސަދަގާތެއްގެ ގޮތުގައި އޭނާ ބޭނުންވި އަދަދަށް ރަޖާ ދިން ނަމަ، އެ އެއްޗިއްސެއް އޭނާ ގަބޫލެއް ނުކުރާނެއެވެ. އޭނާގެ އިއްޒަތުއްނަފްސުގެ ސަބަބުންނެވެ. ކިތަންމެ ފަގީރަސް، އަދި އަތުގައި މާ ބޮޑު އެއްޗެއް ނެތަސް، އޭނަ ވެސް އޭނާގެ ނަފުސަށް ގަދަރުކޮށް އިހުތިރާމުކުރެއެވެ. އެހެންވެ، އޭނާ ބޭނުންވާ އަދަދަށް، އަހަރެން އޭނާ ގާތުގައި ބުނި އަގަށް، ރަޖާ ވިއްކުން ނޫން ގޮތެއް ނެތެވެ. އަހަރެންގެ މި ކުޑަކުޑަ އަމަލު، އަހަރެންގެ ހެޔޮކަމުގެ މީޒާނުގައި ލެއްވި، ގިޔާމާތް ދުވަހުގެ ނަރަކައިގެ ގަދަ ހޫނުން އަހަރެން ސަލާމަތްކޮށްދޭނޭކަމަކަށް މި ކަން ވެސް ވެދާނެ ނޫންހެއްޔެވެ؟