ad_banner
ޓުރަންޕުގެ ސިހުރުހާހޫރަ

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

16 ފެބްރުވަރީ 2025

ޓުރަންޕު ދައްކާ ހައިރާންކުރުވަނިވި ވާހަކަތަކަކީ ރާވައިގެން ހަދާ އިޔަހޫއްޖެކެވެ.

އެމެރިކާގެ ރައީސް ޓްރަމްޕަށް ދެވަނަ ފަހަރަށް ވައިޓްހައުސް ލިބިވަޑައިގަތުމާ އެކު، ހައްދަވާން ފެށްޓެވި ސިހުރުހާހޫރައިގެ ގޮވެލިތަކުގެ އަޑު ގަދަވާން ފެށީ ވަކި ވަރަކަށްނޫނެވެ.

-     ޑެންމާރކުގެ ބިމެއްކަމަށް އަދުގެ ދުނިޔެ ޤަބޫލުކުރާ ގްރީންލެންޑް ބައްލަވައިގަންނަވާނެކަމަށް ގަދައަޑުފުޅުން ވިދާޅުވިއެވެ. އެއީ މި ބިމުގައި ނާދިރު އަގު ބޮޑު މަޢުދަންތައް ހުރީމާކަމަށް ވެދާނެއެވެ.

-      ދެން ވިދާޅުވީ ޕެނަމާ ކެނެލަށް ވެރިވެވަޑައިގަންނަވާނެކަމަށެވެ. އެއީ ޗައިނާގެ ނުފޫޒުން ޕެނަމާ ސަލާމަތްކުރައްވާންވެގެންނެވެ.

-      ދެން ވިދާޅުވީ މެކްސިކޯއިން އެމެރިކާއަށް އަންނަ މީހުން އައުން މަނާކުރެއްވުމަށް ޓަކައި "ބޮޑު ފާރެއް" ލައްވާނެ ވާހަކައެވެ. އަދި އެ ސަރަޙައްދު ބަލަހައްޓާން އެމެރިކާ ސިފައިން ފޮނުއްވާނެ ވާހަކައެވެ.

-      ދެން ވިދާޅުވީ ކަސްޓަމު ޑިޔުޓީ ބޮޑުކުރައްވާނެ ވާހަކައެވެ. ކެނެޑާއާއި މެކްސިކޯއާ ދެކޮޅަށް ބޮޑުކުރެއްވި ޑިޔުޓީ މިހާރު ވަނީ ގަނޑުކުރައްވައިފައެވެ. ޔޫރަޕުގެ އިއްތިޙާދުން ދަނީ އެކަތައާއި އެލްމެނިއަމުން ޑިޔުޓީ ބޮޑުކުރާ މަސްއަލައަށް ރައްދުދިނުމަށް ތައްޔާރުވަމުންނެވެ. ޗައިނާއިން ދަނީ ރައްދު ފިޔަވަޅުތައް އަޅަމުންނެވެ.

-      ދެން ގޮއްވައިލެއްވި ބޮމަކީ، އެމެރިކާގެ 51 ވަނަ ސްޓޭޓު ކަމުގައި ކެނެޑާ ހައްދަވާނެ ވާހަކައެވެ. ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯ ވަނީ މި ކަމަށް ވަރުގަދައަށް  ރައްދުދެއްވައިފައެވެ. މި ކަން ވާނީ ރަޝިޔާއިން ޔުކްރޭނަށް އެރުން ފަދަ ކަމަކަށެވެ. އެމެރިކާގެ އަމާންކަމާއި ހަމަޖެހުމަށް ލޮޅުން އަރައިގެންދާނެ ކަމަކަށެވެ. އެމެރިކާއާ ދެކޮޅަށް ފިޔަވަޅުތައް އެޅެމުންދާ ތަން ފެންނާނެއެވެ.  

-      އެންމެ ފަހުގެ ފަޓާހަކީ ޣައްޒާއަށް ވެރިވެގަންނަން ބޭނުންފުޅުވާ ވާހަކައެވެ. އެ ބިމުގެ އަސްލު އަހުލުވެރީން - ފަލަސްޠީނު މީހުން - ގަދަކަމުން ބޭރަށް ލެއްވުމަށް ފަހުގައެވެ. ރައީސް ޓްރަމްޕް ބޭނުންފުޅު ވަނީ ދުނިޔެއަށް ވިއްކެވުމަށް ޓަކައި މި ބިމުގައި ބޮޑެތި އުސް ޓަވަރުތަކާއި ހަލީސާ ޢިމާރާތްތައް ބިނާކުރައްވާށެވެ. އައު ވެށްޓެއްގައި ވަޒަންވެރިވާން ބޭނުންވާ މުއްސަނދީންނަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދެއްވުމަށެވެ. ރިއަލް އެސްޓޭޓު ވިޔަފާރިވެރިއަކަށް ވާތީއެވެ.

މި ވާހަކަތައް  އަޑުއަހާ މީހާއަށް މިއަދު މި އުޅެނީ ނުރައްކާތެރި ސިޔާސީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައިކަން ކަށަވަރުވާނެއެވެ. އިޤްތިޞާދީ ފުރޮޅުންގަނޑެއްގެ ތެރޭގައިކަން ޔަޤީންވާނެއެވެ. ބޮޑުހަނގުރާމައެއް ނުފެށި ހިނގައިދާނެ ބާވައޭ ހިތަށް އަރައިފާނެއެވެ.

ދައުލަތުގެ ވެރިއެއްގެ ވާހަކަތަކެއްބާ

ދައުލަތްތަކުގެ މެދުގައި އޮންނަ ސިޔާސީ ގުޅުންތަކަށް ބަލާއިރު އެއީ ވަކި ފެންވަރެއްގެ މަތީގައި، އިޙްތިރާމާއި ލިޔާޤަތުގެ ގިއުގަނޑެއްގެ ތެރޭގައި، އޮންނަ ކަމެކެވެ. ދެބަސްވުންތައް ކިތަންމެ ބޮޑުވެ އަރައިރުންތައް އުފެދިގެން ދިޔަސް ދުނިޔޭގެ ސިޔާސީ ޒަޢީމުން ދިބުލޮމާސީ ބަހުރުވައިން ބޭރަށް ނުކުމެވަޑައެއް ނުގަންނަވާނެއެވެ. ހަނގުރާމައިގެ ޙާލަތުގައި ވެސް ރައީސުންނާއި ވަޒީރުން ރަސްމީ ބަހުރުވަ ފަހަނަޅައި ވަޑައެއް ނުގަންނަވާނެއެވެ. ބަދަރުމަތީގައި ދަމާކަނޑާ މީހުންގެ ފެންވަރަށް ވެއްޓިވަޑައެއް ނުގަންނަވާނެއެވެ.

ނަމަވެސް ޓްރަމްޕު މި ވަޑައިގަންނަވަނީ ދިބްލޮމާސީ ބަހުރުވަ ހަލާކުކުރައްވަމުންނެވެ. ދުނިޔޭގެ ހަމައެކަނި ޒަޢީމަކީ އޭނާ ފަދައެވެ. ވިދާޅުވާ އެއްޗެއްގެ ނަތީޖާއާ މެދު ވިސްނައިވަޑައެއްނުގަންނަވައެވެ. އޭނާގެ އުސްލޫބު ވަރަށް ގެލެރީއެވެ. ވަރަށް މަލާމާތްތެރިއެވެ. އިޙްތިރާމުކުޑައެވެ. އޭނާގެ އުސްލޫބު ބާޒާރު މަތީގައި ގެރި ޒުވާބުކުރާ މީހުންގެ ތަރީގާއާ ވަރަށް އެއް ގޮތެވެ. މިއަދު މި މަންޒަރު ފެންނާނީ މީސްމީޑިއާއިންނެވެ. މީސްމީޑިއާ އޭނާއަށް މުހިންމު ވަނީ މިހެންވެގެންނެވެ.

ޓްރަމްޕްގެ މި އުސްލޫބާ މެދު ފަރުދުންނާއި ދައުލަތްތައް ދަނީ ހައިރާންވަމުންނެވެ. ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި ޓްރަމްޕަކީ "ކިބުރުވެރި، ބޮޑާ، ތަވާޒުނެއް ނެތް" މީހެކެވެ.

ނަފުސާނީ މަސްއަލައެއް އުޅެނީތަ؟

އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ކުރީން ނަފުސާނީ ޞިއްޙަތާ ބެހޭ ދުއިސައްތައެއްހާ ތަޖުރިބާކާރުން ޓްރަމްޕުގެ ނަފުސާނީ ޞިއްޙަތާ ބެހޭ ގޮތުން ނޫސްތަކުގައި ރިޕޯޓުތަކެއް ޝާއިޢުކުރެއްވިއެވެ. ޓްރަމްޕަކީ ކޮން ކަހަލަ ޝަޚްޞިއްޔަތެއްގެ ވެރިއެއް ބާވައެވެ. ދުނިޔޭގެ އެންމެ މުއްސަނދީންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކީ އޭނާގެ ވިސްނުންފުޅު ކޮށި ބޭފުޅެކޭ ނުދެންނެވޭނެއެވެ. އޭނާއަށް އޭނާގެ މަޞްލަޙަތުތައް އެނގިވަޑައިނުގަންނަވާނެ ބޭފުޅެކޭ ވެސް ނުދެންނެވޭނެއެވެ. އޭނާ ވިޔަފާރިއާއި ވުނަކުރުމުގެ ދާއިރާގައި ހޯއްދަވައިފައިވާ ކާމިޔާބުތަކުގެ ކުރިމަތީގައި އެއީ "ގަބު މީހެކޭ" ވެސް ނުދެންނެވޭނެއެވެ.

ޓްރަމްޕުގެ ޢަމަލުތަކަށާއި ބަސްފުޅުތަކަށް ބަލައިލުމުން އެނގެނީ އޭނާއަކީ ފައިދާއާ މެދު ވިސްނަވާ ވިޔަފާރިވެރިއެއް ކަމެވެ. އޭނާގެ ކޮންމެ ޙަރަކާތެއްގެ ލަނޑުދަނޑިއަކީ އޭނާގެ މަޞްލަޙަތުތައް ޙިމާޔަތްކުރެއްވުމެވެ. އޭނާގެ ފިޔަވަޅުތައް "މޮޔަ"ކަމަށް ސިފަކުރެވުނަސް ދެންނެވޭނީ އެއީ ވަރަށް ރަނގަޅަށް ދިރާސާކުރައްވައިގެން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކެއްކަމަށެވެ.

ޕެނަމާ ކެނެލްގެ މައްޗަށް އެމެރިކާ ވެރިވެގަންނާނެކަމުގެ އިންޒާރުދެއްވި އިރު، އެއީ ނުކުރެއްވޭނެ  ކަމެއްކަން އޭނާއަށް އެނގިވަޑައިގަންނަވައެވެ. އެހެނަސް  އޭނާއަށް އެނގިވަޑައިގަންނަވާ ގޮތުގައި ޕެނަމާ ކެނެލް ހިންގުމާ ބެހޭގޮތުން ޗައިނާއާއި ޕެނަމާއާ ދެމެދުގައި އެއްބަސްވެފައިވާ އެއްބަސްވުމުގެ މުއްދަތު ނިމުމަކަށް ދާން ކައިރިވަމުންދާކަން އޭނާއަށް އެނގިވަޑައިގަންނަވައެވެ. އެމެރިކާއިން ޕެނަމާ ކެނެލްގެ މައްޗަށް ވެރިވެގަންނާނެކަމުގެ ބިރު ދެއްކެވުމުން ޕެނަމާއިން ޗައިނާއަށް އިތުރު އިމްތިޔާޒުތައް ނުދޭނޭކަން ކަށަވަރެވެ.

ތަވާޒުނެއް ނެތްކަމަށް އަޅުގަނޑުމެންނަށް ފެންނަ ޓްރަމްޕްގެ ތަސައްރަފުނުފުދޭ ޢަމަލުތަކަކީ ޙަޤީޤަތުގައި އިޔަހޫދީ ފިޔަވަޅުތަކެކެވެ. އޭނާ ދެއްވަމުންގެންދަވާ ބަޔާންތަކާ މެދު، މީހުން ގާތަށް ހިނި އަޔަސް މި ބަޔާންތަކާ މެދު، މީހުން ވަރަށް އަހައްމިއްޔަތުކަމާ އެކު، ވިސްނަންވާނެއެވެ. އެހެނީ މިއަދު ޓްރަމްޕަކީ ރިއަލް އެސްޓޭޓު ވިޔަފާރި މަހުޖަނެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ! އެއީ އެމެރިކާގެ ރައީސުލްޖުމްހޫރިއްޔާއެވެ.

ޓްރަމްޕުގެ މަޞްލަޙަތަށް ބަދަލުއައުމުން އޭނާ ކުރީން ދެއްވި ބަޔާންތައް އަނބުރައި ގެންދަވާނެއެވެ. ނުވަތަ އިދިބަޔާނެއް ދެއްވަވާނެއެވެ. އޭނާ އިއްޔެ ތާރީފުކުރެއްވި ބޭފުޅަކާ ދެކޮޅަށް މާދަމާ ފާޑުވިދާޅުވެދާނެއެވެ. އެއީ ތަވާޒުނު ނެތުމެއްނޫނެވެ. އެހެނަސް ޓްރަމްޕު އެފުށްމިފުށަށް މި ޖެއްސެވީ ޓްރަމްޕުގެ މަޞްލަޙަތަށް ޚިދްމަތްކޮށްދޭ މީހަކަށް މި މީހާ ނުވާތީއެވެ. މި މީހާގެ ޙާލަތު ބަދަލުވުމުންނެވެ.

ޣައްޒާއިން މީހުން ބޭލުން

އެމެރިކާގެ ރައީސް ޓްރަމްޕް ދެއްވި ބަޔާންތަކުގެ ތެރެއިން ދުނިޔެއަށް އެންމެ ބޮޑު ސިހުމެއް ލިބުނީ ޣައްޒާއާ ބެހޭ ގޮތުން ދެއްވި އަދި ދެއްވަމުން ގެންދަވާ ބަޔާންތަކުންނެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި ޣައްޒާގެ ހުރިހައި އަހުލުވެރީން އެމީހުންގެ އަމިއްލަ ބިމުން ބާލުއްވައި އުރުދުނަށާއި މިޞްރަށް ގެންދަވައި ވަޒަންވެރިކުރައްވާނީއެވެ. އެއަށް ފަހު، ޣައްޒާގައި ވިލާސަ ހޮޓާތަކާއި ޢިމާރާތްތަކާއި ޓަވަރުތައް ބިނާ ކުރައްވާނީއެވެ. ގަންނަން ބޭނުންވާ ކޮންމެ މީހަކަށް ގަނެވޭ ގޮތަށެވެ. ފަލަސްޠީނު މީހުންނަށް ވެސް ގަނެވިދާނެއެވެ. ޓްރަމްޕް ބިނާކުރައްވާން ބޭނުންފުޅުވާ ފްލެޓުތަކުގެ ކުރެހުންތައް އެމެރިކާގެ ޓީވީތަކުންނާއި ދުނިޔޭގެ މީޑިއާތަކުން ވަނީ ދުރަށް ދައްކައިފައެވެ.

ޓްރަމްޕް ބޭނުންފުޅު ވަނީ ރިއަލް އެސްޓޭޓު މަހުޖަނު ޓްރަމްޕުގެ ވާހަކަ މީހުން ލައްވައި ދައްކުވާށެވެ. އިސްރާއީލާ ގުޅިގެން އިސްރާއީލަށް އެހީވެގެން ޣައްޒާގެ ފަންސާހަކަށް ހާސް އިންސާނުން މެރި އެމެރިކާގެ ރައީސްގެ ވާހަކަދެއްކުން ހުއްޓުވާށެވެ. އެމެރިކާއިން އިސްރާއީލަށް ދިން ޑްރޯންތަކާއި ބަރު ބިޔަ ބޮންތަކާއި މިސައިލްތަކުން ތަޅައި ސުންނާފަތިކުރި ޣައްޒާގެ ވާހަކަ މީސްތަކުންގެ ހަނދާންތަކުން ފުއްސަވައި ލައްވާށެވެ! "އެމެރިކާގެ ލާއިންސާނިއްޔަތުކަމާ މެދު، ބަޙުސްނުކުރާށޭ" އޭނާ ވިދާޅުވާ ކަހަލައެވެ. މި ރަނގަޅު ޚިޔާލާ މެދު ތިޔަބައިމީހުން ނިކަން ބަހުސްކޮށް ބަލާށެވެ! ތިޔަބައިމީހުންގެ ހަނދާނުގައި ޣައްޒާއިން ފަލަސްޠީނު މީހުން ބާލައި އެ މީހުންނަށް ރަނގަޅު ޙަޔާތެއް ތަނަވަސްކޮށްދޭން އެމެރިކާއިން ކުރާން ގަސްތުކުރާ މި މަސައްކަތާ މެދު ނިކަން ވިސްނައި ފިކުރުކޮށް ބަލާށެވެ!  ކިހައި ބޮޑު ރަނގަޅުކަމެއްހެއްޔެވެ؟"

އަލްޖަޒީރާގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ފަލަސްޠީނުގެ ބޭފުޅެއްކަމުގައިވާ މުނާ ޙައްވާ ސިފަކުރައްވާ ގޮތުގައި މިއީ "ގަނޑުބަޑުގެ ތެރެއިން އަތްގަދަކުރުން"އެވެ.
ތުރުކީ ހަރުބަހެއްގައި ވެއެވެ. "އަހުރެން ހުން ދެކެ ލޯބިވުމަށް ޓަކައި މަރު ދެކެ ބިރުގަންނަމެވެ." މި ބަހުގެ އެހީގައި ބުނާ ނަމަ، އޭގެ މާނައަކީ ފަލަސްޠީނު އެންމެން އެ މީހުން ބިމުން ބާލާން ބޭނުންނުވާ ނަމަ، ޣައްޒާގެ ނުވަތަ ހުޅަނގު އައްސޭރީގެ ބައެއް އިސްރާއީލަށް ދޭށެވެ.

ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ޤަބޫލުކުރާ ގޮތުގައި ޣައްޒާއިން ފަލަސްޠީނު މީހުން ބޭލުމަށް އެ ދެ މީހުން ރާވައިފައިވާ ރޭވުން ބަލައެއް ނުގަންނާނެއެވެ. މި ރޭވުމުގެ ބަދީލެއް މި ދެ މީހުން ވަނީ ރާވައިފައެވެ. ވަރަށް އަވަހަށް އަޅުގަނޑުމެންނަށް މި ކަން އެނގި ހާމަވާނެއެވެ.

ސިހުރުހާހޫރަ

މީސްތަކުންގެ ސަމާލުކަން ދަމައިގަތުމަށް ޓަކައި އާދަޔާޚިލާފު ބީރަށްޓެހި ޚިޔާލުތައް ހުށައަޅާ މީހުން އުޅޭނެތެވެ. ބައެއް މީހުން އެ މީހުންގެ މަޞްލަޙަތުތައް ޙާޞިލުކުރުމަށް ޓަކައި އާދަޔާޚިލަފު ގޮތަކަށް އުޅެފާނެއެވެ. ޓްރަމްޕަކީ މި ފަދަ މީހެކެވެ. މީހުންނަށް އޮޅުވައިލައްވައިގެން އޭނާ ބޭނުން ތާކަށް ގެންދަވާން އުޅުއްވަނީއެވެ.

ޓްރަމްޕު މި ވިދާޅުވަނީ "އަހުރެން ބޭނުންވަނީ ޣައްޒާގައި ހަދާން މި އުޅޭ ޓަވަރުތަކާއި ޢިމާރާތްތަކާ މެދު، ތިޔަބައިމީހުން ސައްލާކުރާށެވެ! އެމެރިކާގެ ސްޓޭޓަކަށް ކެނެޑާ ވެއްޖެ ނަމަ، ވާނެ ރަނގަޅުގޮތާ މެދު ވިސްނާށެވެ! އެމެރިކާގެ ބިމަކަށް ގްރީންލެންޑް ވެއްޖެ ނަމަ، ދުނިޔެއަށް އަންނާނެ ރަނގަޅު ބަދަލުތަކާ މެދު ވިސްނާށެވެ! ތިޔަބައިމީހުން ރަނގަޅަށް ވިސްނައި ފިކުރުކޮށްފި ނަމަ، ތިޔަބައިމީހުން އަހުރެންގެ މި ޚިޔާލުތަކަށް ތާއީދުކުރާނެއެވެ."

އިސްރާއީލާއި އެމެރިކާއަށް ތާއީދުކުރާ ނޫސްވެރީންނާއި ލިޔުންތެރީން ވަރަށް އަވަހަށް "ޣައްޒާ ފަރަންސޭސިވިލާތުގެ ރީވީރާ ސަހަރު ފަދަ ރީތި ނަލަ ސަހަރަކަށް ބަދަލުކޮށްލުމުގެ ވިސްނުމަކީ ވަރަށް ރަނގަޅު ވިސްނުމެއް"ކަމަށް ބުނަން ފަށާނެތެވެ. މީހުންގެ "ބޯކައިލެވޭ"ތޯއެވެ.

ޓްރަމްޕުގެ ސިހުރުހާހޫރައިގައި ނުޖެހި ވޭތޯ ބަލާށެވެ! އެންމެ ރަނގަޅު ގޮތަކީ އަޢޫޛު ކިޔައިގެން އޭނާގެ ޚިޔާލުތަކާ މެދު، ބަހުސްނުކުރުމެވެ. އެޖެންޑާގައި ނުހިމަނައި އެއްފަރާތްކުރުމެވެ.

_________________________

ބައެއް ލަފުޒުގެ މާނަ:

ބަދީލު    ނ.    (1) ކުރިމަގުގައި ހިނގައިފާނެކަމަށް ނުވަތަ ކުރިމަތިވެދާނެކަމަށް ބަލާ ޙާލަތު ނޫން ޙާލަތެއް ކުރިމަތިވެއްޖެ ނަމަ ކަންތައް ކުރާން ރާވާ ރޭވުން. (2) ކަމަކަށް ކަނޑައެޅިފައިވާ މީހާގެ ނުވަތަ އެއްޗެއްގެ ބަދަލު.

ބޯކެއުން   މ.   ތަފާތު ވާހަކަދައްކައިގެން މީހަކު ބޭނުންވާ ގޮތަކަށް އެހެން މީހަކު ހައްލައިލުން ނުވަތަ އޭނާގެ ވިސްނުން ބަދަލުކޮށްލުން. (މަޖާޒު) (މި މާނަ ރަދީފަކު ނެތް.)

އިޔަހޫދި   ނއ.  މަކަރާއި ހީލަތް ހަދައި އުޅޭ.

ގިޔަމު    ނ.   ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް.

ވުނަކުރުން މ.   ފައިދާއެއް ނުވަތަ މަންފާއެއް ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ފައިސާ ޚަރަދުކުރުން ނުވަތަ މުދަލަކަށް ހޭދަކުރުން ނުވަތަ އެ ފަދަ ކަމެއްގައި ހިއްސާވުން.

ވިލާސަ   ނއ.  (1) ޚިދުމަތެއްގެ މަތީ ފެންވަރު. (2) ތަނެއްގެ ނުވަތަ އެއްޗެއްގެ މޮޅު ފެންވަރު.

ތަރީގާ    ނ.   (1) ކަމެއް ކުރުމުގެ މަގު ނުވަތަ ގޮތް. (2) ވަކި މީހަކު ނުވަތަ ބަޔަކު ތަބާވާ އުސޫލު ނުވަތަ މަޒުހަބު.

ތަވާޒުނު   ނ.   ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން.

 

ކޮމެންޓު