އަބާ މުޙަންމަދު
10 އޭޕްރިލް 2025
މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕު ދުނިޔޭގެ ގައުމުތަކާ ދެކޮޅަށް ޓެރިފުގެ ހަނގުރާމަ އިޢުލާނުކޮށްފައިވާ ދުވަސްވަރެކެވެ. އެހެންކަމުން އެ ކަމުގެ ނިޔަތާއި ބޭނުމާ ބެހޭ ގޮތުން އެއްޗެއް ދަންނަވައިލާނަމެވެ.
ޓެރިފޭ ކީމާ، އިގުތިސާދީ ދާއިރާގައި ނޫޅުއްވާ ބޭފުޅުންނަށް ޓެރިފުގެ މާނަ އެނގިވަޑައިނުގެންފާނެއެވެ. އެހެންކަމުން މި މަގާލުގެ މައުޟޫޢަށް ދިޔުމުގެ ކުރީން ޓެރިފުގެ މާނަ ދަންނަވައިލާނަމެވެ.
ޓެރިފަކީ ޓެކުހެކެވެ. ނުވަތަ ޓިޔުޓީއެކެވެ. ނުވަތަ އެތެރެކުރާ ވަކި ބާވަތެއްގެ މުދަލަކުން ނަގާ މަޢުމޫލެކެވެ. މި ބާވަތުގެ މަޢުމޫލަށް ބައިނަލްއަގުވާމީ ދުނިޔޭގައި މިހާރު މި ކިޔަނީ ޓެރިފުގެ ނަމުންނެވެ.
އެމެރިކާއިން ދުނިޔޭގެ ގައުމުތަކާ ދެކޮޅަށް ކުރާ މަޢުމޫލުގެ ހަނގުރާމައިގެ ސަބަބުން އިގުތިސާދުތައް ހީނަރުވެ ދަރަނި ނުދެއްކޭ ހިސާބަށް ދިޔުން ވަރަށް ގާތްކަމަށް އިގުތިސާދީ މައްސަލަތަކުގައި ހަރުދަނާ ވާހަކަތައް ދައްކަވާ ބޭފުޅެއް ކަމަށްވާ ޖޭޕީމޯގަން ޗޭސްގެ ޗީފް އެގްޒެކަޓިވް އޮފިސަރ ޖޭމީ ޑައިމަން ވިދާޅުވުމަކީ މީހުންގެ ސަމާލުކަމަށް މި ކަން އަންނާނެ ކަމެކެވެ.
މަޢުމޫލު (ޓްރަންޕުގެ ބަހުރުވައިން ނަމަ ޓެރިފު)ތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ބޮޑެތި ލޮޅުންތައް ވަނީ އައިސްފައެވެ. ތެލުގެ އަގު ވެސް ވަނީ ފާއިތުވި ހަތަރު އަހަރު ދަށަށް ނުދާ މިންވަރަށް، ދަށަށް ގޮސްފައެވެ.
ޓުރަންޕު ވަނީ، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގުތިސާދުކަމުގައިވާ ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން %145ގެ މަޢުމޫލެއް ނަގާން ފަށައިފައެވެ. 27 މެންބަރު ގައުމުގެ މައްޗަށް އެކުލެވޭ ވިލާތުގެ އިއްތިހާދުން އެމެރިކާއަށް އެތެރެކުރާ ގިނަ މުދަލުން ވެސް %20ގެ މަޢުމޫލެއް ނަގާން އެމެރިކާއިން ވަނީ ފަށައިފައެވެ. އޮޓޯ ސާމާނާއި ދަގަނޑުން ނަގާ މަޢުމޫލު އަދި އެއަށް ވުރެ ބޮޑެވެ.
އެމެރިކާއިން ޓެރިފު ބޮޑުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ޗައިނާއާއި ޖަޕާނު ފަދަ ބޮޑެތި އިގުތިސާދުތަކާއި ވިލާތުގެ އިއްތިޙާދުގެ އިތުރަށް މަޑަގަސްކަރަ ފަދަ ކުދި އިގުތިސާދުތައް ވެސް ހިމެނެއެވެ. އެމެރިކާގެ ރައީސްގެ މަޤާމާ ދެވަނަ ފަހަރަށް ޓުރަންޕު ޙަވާލުވުމާ އެކު، އެތައް ޒަމާނެއް ވަންދެން އެކި ގައުމުތަކާ އެކު، ޤާއިމު ކޮށްފައިވާ ވިޔަފާރި ގުޅުންތައް ދަނީ ހީނަރުވަމުންނެވެ.
ދުނިޔޭގެ އެންމެ ބޮޑު ބާޒާރުގެ ގޮތުގައި އޮތް އެމެރިކާގެ ބާޒާރުގައި ޓެރިފުތައް މިހާރު އެވްރެޖުކޮށް ހުރީ 20%ގައެވެ. ޓުރަންޕު ވެރިކަމާ ޙަވާލުވުމުގެ ކުރީން އެމެރިކާގެ ބާޒާރުގައި ޓެރިފު ހުރީ އެންމެ 2.5%ގައެވެ.
ޓުރަންޕުގެ ޓެރިފު ހަނގުރާމައިގެ ރައްދުގައި ޗައިނާއާއި ވިލާތުގެ އިއްތިހާދުން ވެސް އެމެރިކާއާ އެކު، ވިޔަފާރިކުރާން ދަތިވާ ގޮތަށް ފިޔަވަޅުތަކެއް މިހާރު ވަނީ އަޅައިފައެވެ. ޗައިނާއިން ވަނީ އެމެރިކާގެ 18 ވިޔަފާރިއަކާ ދެކޮޅަށް ފިޔަވަޅު އަޅައިފައެވެ. މި ޓެރިފްތައް ޓުރަންޕު އިޢުލާނުކުރުމާ އެކު މީގެ ކުރީން ވެސް ޗައިނާއިން ވަނީ އެމެރިކާގެ 60 ވަރަކަށް ވިޔަފާރިއާ ދެކޮޅަށް ފިޔަވަޅުއަޅައިފައެވެ. ޗައިނާއިން ވަނީ އެ ޤައުމަށް އެމެރިކާއިން އެތެރެކުރާ މުދަލުން ނަގާ މަޢުމޫލުގެ ޢަދަދު %34އިން %84އަށް އިތުރުކޮށްފައެވެ.
ޓުރަންޕު ސިފަކޮށްފައިވާ ގޮތުގައި، ބޭރު ގައުމުތަކާ ދެކޮޅަށް އޭނާ އިޢުލާނުކޮށްފައިވާ ޓެރިފުތަކަކީ އެމެރިކާގެ އިގުތިސާދަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ބޭނުންވާ މުހިންމު "ފަރުވާ"އެކެވެ. އަދި، ޓެރިފުތަކަށް ލުއިދެވޭނީ ގައުމުތަކުން އެމެރިކާއަށް ބޮޑެތި އަދަދުތަކުން ފައިސާދެއްކުމަށް އެއްބަސްވުމުންކަމުގައި ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
މިހާރު ފެންނަމުން ދަނީ އެމެރިކާގެ ޓްރެޜަރީ ބޮންޑުތަކާއި އެމެރިކާ ޑޮލަރާ ދުރަށް ވުނޭރުން ދާ މަންޒަރެވެ. މި ޙާލަތުގައި ޖަޕާނާއި ކެނެޑާއިން ބުނަމުން ދަނީ ދުނިޔޭގެ މާލީ ނިޒާމު ހަމައަކަށް އެޅުވުމަށް އެ ދެ ޤައުމުން މަސައްކަތް ކުރާނެ ކަމަށެވެ.
ހަގީގަތުގައި ޓުރަންޕުގެ ޓެރިފު ހަނގުރާމައަކީ އޭނާއަށް ނޭނގިގެން ކުރާ ކަމެއް ނޫނެވެ. އޭނާއަކީ އިގުތިސާދީ އަރުތަވެރިއެކެވެ. އެނާ އެ ކަން ކުރަނީ އެނގިގެންނެވެ. އޭނާ ބޭނުންވަނީ ޓެރިފުގެ ސަބަބުން ޙިއްސާގެ ބާޒާރު ހަލާކުކޮށްލާށެވެ. މި ކަމުގައި އޭނާގެ ދުރުރާސްތާގެ ތަދުބީރެއް އެބަ އޮތެވެ.
އާދޭހެވެ! ޓެރިފް ނުވަތަ މަޢުމޫލު ބޮޑުކުރާ ވަރަކަށް ތަކެތީގެ އަގު މައްޗަށް ދާނެއެވެ. ތަކެތީގެ އަގުތައް ބޮޑުވުމާ އެކު، "ޓެރިފުގެ ހަނގުރާމަ" ހަގީގަތުގައި އެ ފެށުނީއެވެ. އަދި، ކުންފުނިތަކުގެ ފައިދާ ދަށަށްދާން ފަށާނެއެވެ. ނަތީޖާއެއްގެ ގޮތުން ހިއްސާގެ ބާޒާރުގައި ހިއްސާގެ އަގުތައް ދަށަށްދާނެއެވެ. ޙިއްސާގެ ބާޒާރުގައި، ޙިއްސާގެ އަގުތައް ދަށަށްދާން ފެށުމާ އެކު، ޙިއްސާގެ ބާޒާރުގެ ހިރާސް ބޮޑުކަމަށް މީހުންނަށް ގަބޫލުކުރެވޭނެއެވެ. އެހެންކަމުން ބޮންޑުގަތުމާ ދިމާއަށް މީހުންގެ ފޯކަސް އަމާޒުވާނެއެވެ. އެ ހިސާބުން ޙިއްސާގެ ބާޒާރުގައި ހުރި ފައިސާތައް، ބޮންޑު މާރުކޭޓާ ދިމާއަށް މިސްރާބުޖަހާނެއެވެ. ބޮންޑު މާރުކޭޓާ ދިމާއަށް، ގިނަ ފައިސާ ދިޔަ ވަރަކަށް، ބޮންޑުގެ އަގުތައް މައްޗަށް ގޮސް، ބޮންޑަށް އޮންނަ ޑިމާންޑް އިތުރުވާނެއެވެ. އަދި ބޮންޑުގެ ޑިމާންޑް އިތުރުވި ވަރަކަށް، އިންޓަރެސްޓް ރޭޓު ދަށަށް ދާން ފަށާނެއެވެ. އަދި ދަށް އިންޓަރެސްޓް ރޭޓުގައި، ބޮންޑު ގަންނަން މީހުން އެދޭން ފަށާނެއެވެ. ކުރީން، %6ގައި ހުރި އިންޓަރެސްޓް ރޭޓް ދަށްކޮށް، %5 ނުވަތަ %4 އަށް ނަމަވެސް ބޮންޑު ގަންނާން މީހުން އެދޭން ފަށާނެއެވެ. ސަބަބަކީ، ޙިއްސާގެ ބާޒާރާ ޚިލާފަށް، ބޮންޑުގެ ހިރާސް ކުޑަވުމެވެ. މި ގޮތަށް އިންޓަރެސްޓް ރޭޓް ދަށަށް ދިއުމަކީ، ޑޮނަލްޑް ޓުރަންޕަށް އަދި އެމެރިކާއަށް މި ވަގުތަށް އެންމެ ފައިދާ ބޮޑު ގޮތެވެ.
މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް އެމެރިކާގެ ބޭރުގެ ދަރަނީގެ ޖުމްލައަކީ 25.8 ޓްރިލިއަން ޑޮލަރެވެ. މީގެތެރެއިން %25 ދަރަނި ނަގައިފައިވަނީ ޖަޕާނާއި ޗައިނާއިންނެވެ. އެމެރިކާއިން ބޭރުގެ ދަރަނީގެ އިންޓަރެސްޓްގެ ގޮތުގައި ކޮންމެ އަހަރަކު، ގާތްގަނޑަކަށް އެއް ޓްރިލިއަން އެމެރިކާ ޑޮލަރު ދައްކާންޖެހެއެވެ. އެހެންކަމުން އިންޓަރެސްޓް ރޭޓު އެންމެ އިންސައްތައަކަށް ދަށަށް ދިޔަސް، އެމެރިކާގެ އިގުތިސާދަށް އޭގެސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. ވީމާ، ޓުރަންޕުގެ މި ފިޔަވަޅަކީ ވަރަށް ރަނގަޅަށް ތަދުބީރުކޮށްގެން އަޅައިފައިވާ ފިޔަވަޅެއްކަމަށް ގަބޫލުކުރާން ޖެހެއެވެ. ނަމަވެސް މި ހަނގުރާމަ މާ ބޮޑަށް ދިގުލައިގެން ހިނގައްޖެ ނަމަ، އެމެރިކާއަށް ލިބޭނެ އިގުތިސާދީ، މާލީ، އިޖުތިމާޢީ އަދި ސިޔާސީ ގެއްލުން ވެސް ކުޑައެއް ނުވާނެއެވެ. އެހެންކަމުން މި ހަނގުރާމައިން ޓުރަންޕު ހާސިލުކުރާން ބޭނުންވާ މަގުސަދު ހާސިލުވުމުން މި ހަނގުރާމަ ނިމުމަކަށް ގެންނާނެކަމަށް ގަބޫލުކުރެވެއެވެ.
ޓުރަންޕުގެ ޓެރިފު ހަނގުރާމައިގެ އެހެން މަގުސަދެއް ވެސް އެބަ އޮތެވެ. އެއީ އިސްރާއީލުން ފަލަސްޠީނުގެ ނަސްލު ނައްތައިލައި އެ ބިން ފޭރިގަންނާން ކުރާ މަސައްކަތުން އެހެން ދިމާއަކަށް ދުނިޔޭގެ ނަޒަރު އަނބުރައިލުމެވެ. އެހެނީ އިގުތިސާދީ ގޮތުން ގައުމުތަކަށް ކުރިމަތިވާ މި ފަދަ ހަނގުރާމަކާ ކުރިމަތިވެފައި ވަނިކޮށް އެހެންކަންކަމާ މެދު ވިސްނައި ފިކުރުކުރާކަށް ވަގުތެއް ނޯންނާނެއެވެ. އެ ކަން މިހާރު ވެސް އެބަ ފެނޭ ނޫންތޯއެވެ! ފަލަސްތީނުގެ ބިމުގައި އެހިނގަނީ ދުނިޔޭގެ ތާރީޚު ދެކެފައި ނުވާ ފަދަ ލާއިންސާނީ ޢަމަލުތަކެކެވެ. އެ ކަމާ ވާހަކަދައްކަނީ ކޮން ގައުމަކުންތޯއެވެ!
_____________________________________________________________
ބައެއް ލަފުޒުގެ މާނަ:
ހިރާސް ނ. (1) ނުރައްކަލަކަށް ހުޅުވިދާނޭ ފަދަ ޙާލަތެއް. (2) ނޭދެވޭ ކަމެއް މެދުވެރިވުމުގެ ފުރުސަތު. (3) ގެއްލުމެއް ލިބިދާނޭ ފަދަ ނުވަތަ ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނޭ ފަދަ ކަމެއް. (4) ރިސްކު
ވުނޭރު ނ. ފައިދާ ނުވަތަ މަންފާ ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ފައިސާ ޚަރަދުކުރާ ނުވަތަ މުދަލަކަށް ހޭދަކުރާ ނުވަތަ އެ ފަދަ ކަމެއްގައި ހިއްސާ ވާ މީހާ.
މަޢުމޫލު ނ. އިމްޕޯޓު ޑިޔުޓީ
ފޯކަސް ނ. (1) އަލި ގޮސް އެއްޗެއްގައި ޖެހިފައި ބަދަލުވާން ފަށާ ހިސާބު. (2) ވަކި ދުރުމިނެއްގައި ހުންނަ އެއްޗެއް، ނުވަތަ ތަނެއް ހަމަ ލޮލަށް ސާފުކޮށް ފެންނަ ފެނުން. (3) ޖަލްސާއެއްގައި އެ ކަމެއްގެ މައްޗަށް އެންމެ ބޮޑަށް ބަލައިލި ކަންތައް ބަލައިލި ގޮތް. (4) އެ ކަމެއްގެ މައްޗަށް މީހުންގެ ނަޒަރު ހުއްޓިފައި ހުންނަ ހުރުން.
ރާސްތާ ނ. (1) މަގު (2) ދުރުމިން
ތަދުބީރު ނ. (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާރޭވުން. (2) ޙިކުމަތް.
ލާއިންސާނީ ނއ. (1) އިންސާނިއްޔަތުކަމާ ޚިލާފު. (2) ރަޙުމެއް އޯގާވެރިކަމެއް ނެތް. (3) އިންތިހާ ދަރަޖައަށް އަނިޔާވެރި. (3) އިޙުސާންތެރިކަމެއް ނެތް. ބައެއް މަޢުލޫމާތު:
______________________________
ބައެއް މަޢުލޫމާތު:
https://www.bbc.com/news/live/cn4jjw30d5qtން
އެންޓި ކޮރްޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ޙަސަން ލުޠުފީގެ ފޭސްބުކު ޕޯސްޓަކުން