ad_banner
ދިވެހިރާއްޖޭގައި "ލޯކަލް ޓޫރިޒަމް" އެބަ އޮތްތޯއެވެ؟

އަބާ މުޙަންމަދު

13 އޭޕްރިލް 2025

މިއީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށެކެވެ. ރިސޯޓެއް ނޫނެވެ.

[ލޯކަލް ޓޫރިޒަމް] މި މަފުހޫމަކީ އިނގިރޭސި މަފުހޫމެއް ނަމަވެސް މިއީ ރާއްޖޭގެ އެންމެން ވެސް އަޑުއަހައި ބާވެފައިވާ މަފުހޫމެކެވެ. މިއީ ދިވެހިރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި މިހާރު ކުރިއަރަމުން އަންނަ ޞިނާޢާތެއްކަމަށް ވެސް މީހުން ކިޔާތީ އަޑުއަހަމެވެ. އެހެންކަމުން ރާއްޖޭގައި އެ ބުނާ [ލޯކަލް ޓޫރިޒަމް] ފުޅާ ދާއިރާއެއްގައި ހިންގާ ރަށަކަށް [ފަރަގު މީޑިއާ]ގެ ނޫސްވެރިއަކު ދާދިފަހުން ޒިޔާރަތްކޮށްލިއެވެ. އެއީ އެ ޞިނާޢަތު ކުރިއަރައިފައިވާ މިންވަރެއް ދެނެގަތުމުގެ ބޭނުމުގައެވެ.

ފަރަގު މީޑިއާގެ ނޫސްވެރިޔާ ޒިޔާރަތްކުރި ރަށުން ފާގަކަކުރެވުނީ އުންމީދުކުރި ފަދަ ކަންކަމެއް ނޫނެވެ. އާދޭހެވެ! އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބުނު ގޮތުގައި ލޯކަލް ޓޫރިޒަމްގެ ނަމުގައި ދިވެހިރާއްޖޭގައި ތަޢާރަފުވެގެން މި އުޅެނީ މީހުން ދިރިއުޅޭ ރަށްރަށުގެ އެކި ދިމަދިމާގައި ޓޫރިސްޓު ރިސޯޓުތައް ތަރައްގީކުރުމުގެ މަޝްރޫޢެއްކަމެވެ. ކުދިކުދި ރަށްރަށުގައި ފެންނާން ނުވާ ކަހަލަ މަންޒަރުތައް ފެންނަކަމެވެ.

އެންމެ ފުރަތަމަ، [ލޯކަލް ޓޫރިޒަމް] ނުވަތަ [ޑޮމެސްޓިކް ޓޫރިޒަމް]ގެ މާނައަށް ބަލައިލަމާ ތޯއެވެ!

ހަގީގަތުގައި ލޯކަލް ޓޫރިޒަމަކީ، ގައުމެއްގެ ރަށްވެހީން އެ ގައުމުގެ އެތެރޭގެ އެކި ހިސާބުތަކަށް، އެކި ރަށްރަށަށް، ޗުއްޓީ ހޭދަކޮށްލާން، މުނިފޫހިފިލުވައިލާން، މަޖާކޮށްލާން، ތަންތަން ބަލައިލާން ވިޔަފާރިކޮށްލާން ނުވަތަ އެ ނޫން ވެސް ބޭނުމެއްގައި ފަތުރުވެރީންގެ ގޮތުގައި ޒިޔާރަތްކުރާ ކުރުމަށެވެ. މި ކަމުގެ ސަބަބުން އިގުތިސާދު ވަރުގަދަވެ، އިޖުތިމާޢީ ގުޅުންތައް ބަދަހިވެ، ސަގާފަތް ދިރުވައި އާލާކޮށް ޙިމާޔަތްކުރުމަށް އެހީތެރިވެދޭނެއެވެ.

އަދި ލޯކަލް ޓޫރިޒަމް ކުރިއަރައިފައި އޮންނަ ސަރަހައްދަކަށް ބިދޭސީއަކު ޒިޔާރަތްކުރިޔަސް އޭނާ އަންނާނީ އެ ޒިޔާރަތްކުރާ ރަށެއްގެ ސަގާފަތާއި އާދަކާދަތަކާއި އެ މީހުންގެ ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާކޮށްލާށެވެ.  

ނަމަވެސް އަޅުގަނޑުމެންގެ ނޫސްވެރިޔާއަށް ތަޖުރިބާކުރެވުނީ މުޅީން ތަފާތު މަންޒަރެކެވެ. ރިސޯޓުތަކުގައި ހުންނަ ފަދަ ގެސްޓުހައުސްތައް ތަރައްގީކޮށް ބޭރުން އަންނަ ބިދޭސީންގެ އާދަކާތަތަކަށް ދިވެހީން ހާނުވާ ފަހަ މާޙައުލެއް ކުރިއަރަމުން އަންނަ ތަނެވެ. އަތިރިއާ ކައިރި ހިސާބެއްގައި ގެސްޓު ހައުސްއެއް ހުރި ނަމަ، އެ ދިމާ މޫދަކީ ބިދޭސީންނަށް ޚާއްޞަކޮށްފައި ހުންނަ ސަރަހައްދުތަކެކެވެ. ނަތީޖާއެއްގެ ގޮތުން ރަށުގެ ރަށްވެހީންނަށް ޅަދަރީން ގޮވައިގެން މޫދަށް އެރިލައި އުޅެވޭނެ ހައްގު ގެއްލެނީއެވެ. ހުރިހައި ގެސްޓުހައުސްތަކާ ދިމާތައް ރަށުގެ ރައްޔިތުން މޫދަށް އެރުން މަނާކުރެވިފައި ވިޔަސް ބިދޭސީންނަށް މަނާ ސަރަހައްދެއް ނޯންނަކަން ފަތުރުވެރީންގެ އަމަލުތަކުން ދޭހަވިއެވެ.

މއީ ވެސް ރިސޯޓެއް ނޫނެވެ.

މޫދަށް ޑެކްއަޅައިގެން ހަދައިފައި ހުންނަ ރެސްޓޯރަންޓުތަކަށް ދިވެހީން ވެސް ވަދެ ކައިބޮއި ހަދާ އިރު، ފެންނަ ފަށުގައި ކުޑަ ދެ ފޮތިކޮޅަކުން ނިވައިވެލައިގެން ފަތުރުވެރީން އަވީން [ފެންވަރާން] ތިބޭ މަންޒަރަކީ އާންމު މަންޒަރެކެވެ. މި ފަދަ ހެދުމުގައި އާންމުންގެ ކުރިމަތީން ފަތުރުވެރީން ހުރަސްކަނޑައި ހިނގައިބިނގައިވެ އުޅޭންވީއެވެ. ވީމާ، އަމިއްލަ ރަށުގައި މިނިވަންކަމާ އެކު، މޫދަށް އެރި ކުދީންނާ އެކު، އުފާކޮށްލައި އުޅުމުގެ ހައްގު މި ގެއްލެނީ ޚުދު ރަށުގެ ރައްޔިތުންނަށެވެ.

މި ދެންނެވި ފަދަ ކިތަންމެ މަންޒަރެއް އަޅުގަނޑުމެންގެ ނޫސްވެރިޔާއަށް ފެނުނުކަމުގައި ވިޔަސް އެ ފަދަ ފޮޓޯތައް [ފަރަގު]ގައި ޝާއިޢުކުރުމަކީ އަޅުގަނޑުމެންގެ ނޫހުގައި ގެންގުޅޭ ސުލޫކީ މިންގަނޑާ ޚިލާފުކަމަކަށްވާތީ، އެ ފަދަ ފޮޓޯއެއް ޝާއިޢުކުރާކަށް އެޑިޓަރު ހުއްދައެއް ނުދެއްވިއެވެ. އެހެންކަމުން މީހުން ނުފެންނަ ބައެއް ފޮޓޯތައް އެކަނި ޝާއިޢުކޮށްފައިވާނެއެވެ.

އާދޭހެވެ! ދިވެހިރާއްޖޭގައި ފަތުރުވެރިކަން ތަޢާރަފުވެ ކުރިއަރައިގެން ގޮސް ދުނިޔޭގައި އެންމެ މަގުބޫލު އެއް މަންޒިލަށް ދިވެހިރާއްޖެ ވެފައިވަނީ މީހުން ނޫޅޭ ރަށްރަށުގައި ޓޫރިސްޓު ހޮޓާތައް (ރިސޯޓުތައް ހަދައިގެން) ފަތުރުވެރީންނަށް މެހުމާނުދާރީ އަދާކޮށްދީގެންނެވެ. އެ ކަމުގެ ސަބަބުން ދިވެހި ސަގާފަތާއި އިޖުތިމާޢީ ގިޔަމުތަކަށް އަސަރު ނުކުރާނޭ ގޮތުގެ މަތީންނެވެ. އޭރު ސަރުކާރުތަކުން އެ ގޮތަށް އެ ކަން ދެމެހެއްޓުމުގެ ވަރަށް މުހިންމު ޤައުމީ މަގުސަދެއް އޮތެވެ.

ނަމަވެސް ކޮންމެވެސް ބަޔަކު [ކޮންމެވެސް މަގުސަދެއްގައި] ލޯކަލް ޓޫރިޒަމޭ ކިޔައިގެން މި ދެންނެވި އުސޫލު ފުނޑުފުޑުކޮށްލުމަށް ފަހު، ފަޅުރަށްރަށެކޭ އެއް ފަދއިން މީހުންއުޅޭ ރަށްރަށުގައި ވެސް ހަމަ، އެ ވައްތަރުގެ ޓޫރިޒަމް ތަޢާރަފުކޮށް ފެތުރީއެވެ. ތެދުފުޅެކެވެ. މި ފަދަ ރަށްރަށުގެ ރައްޔިތުންނަށް މާއްދީ، އަދި އިގުތިސާދީ ފައިދާތަކެއްވާނެއެވެ. ނަމަވެސް ހަމަ މި މިންވަރަށް ނުވަތަ އެއަށްވުރެ ވެސް ބޮޑަށް ރޫޙާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގެއްލުންތަކެއްވާނެކަމާ މެދަކު ޝައްކެއް ނެތެވެ.

ހަގީގަތުގައި އަޅުގަނޑު މި މަގާލު މި ލިޔެލީ، ރަށްރަށުގައި ފަތުރުވެރިކަން ތަޢާރަފުކުރުމުގެ ފައިދާއާއި ގެއްލުމުގެ މައްޗަށް ވާހަކަދައްކާކަށް ނޫނެވެ. އަޅުގަނޑުގެ ހަމައެކަނި ބޭނުމަކީ ދިވެހިރާއްޖޭގައި އަދި ނިޒާމީ ގޮތެއްގައި ލޯކަލް ޓޫރިޒަމް ތަޢާރަފުވެފައި ނެތް ވާހަކަ ދަންނަވައިލުމެވެ. ނުވަތަ ދިވެހީންގެ ގިނަ ބަޔަކަށް ލޯކަލް ޓޫރިޒަމްގެ މާނަ ވެސް ނޭނގޭ ވާހަ ދަންނަވައިލުމެވެ. ނުވަތަ ލޯކަލް ޓޫރިޒަމަކީ ކޮބައިކަން ހަމަ ގަސްތުގައި ބަޔަކު އޮޅުވައިލައިފައިވާ ވާހަކަ ދައްނަވައިލުމެވެ.

އެއްވެސް ޝައްކެއް ނެތެވެ. ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި [ލޯކަލް ޓޫރިޒަމް] ތަޢާރަފުކުރާން އެބަ ޖެހެއެވެ. އަޅުގަނޑުމެންނަށް ނުފެންނަ އަދި ދެކޭން ބޭނުންތާ ތާރީޚީ ކިތަންމެ ތަންތަނަކާއި ސަގާފީ ކިތަންމެ އާދަކާދަތަކެއް މި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަހުއްޓެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުގައި ހުރި ތާރީޚީ ތަންތަނާއި ތަފާތު ސަގާފަތްތަކާއި ތަފާތު އާދަކާދަތަކާއި މަސައްކަތްތެރިކަމާއި ބަހުރުވައާއި ތަފާތު ރަށްރަށުގެ ޖޯގުރަފީ ދިވެހީންނަށް ތަޢާރަފުކޮށްދީ އިޖުތިމާޢީ ގުޅުން ބަދަހިކޮށް ސަގާފީ ތަރިކަ ޙިމާޔަތްކުރުމަށް ޓަކައި ދިވެހިރާއްޖޭގައި ދިވެހީންނަށް (އަދި ބިދޭސީންނަށް ވެސް) ލޯކްލް ޓޫރިޒަމް ތަޢާރަފުކޮށްދޭން ބަޔަކު އިސްނަގާން އެބަ ޖެހެއެވެ. އާދޭހެވެ! ދިވެހިރާއްޖޭގައި އަދި ލޯކަލް ޓޫރިޒަމް ތަޢާރަފުވެފައެއް ނެތެވެ.

 

ބައެއް ލަފުޒުގެ މާނަ:

މަގާލު ނ.    ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް.

މީޔާރު ނ.    (1) އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު. (2) އާންމުހަމަ

ގިޔަމު ނ.    ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް.

 

ކޮމެންޓު
ކޮމެންޓުތައް
ނޭޗާރލަވް
13 އޭޕްރިލް 2025 06:20
ޝުކުރިއްޔާ އެޑިޓަރ! އަޅުގަނޑަށް ވަރަށްމުހިންމު މައުލޫމާތުކޮޅެއް އެކުލެވިފައިވާ ލިއުމެއް. "ފަރަގުމީޑައާ"އަކީ ހަމަ މައުލޫމާތުގެ ޚަޒާނާއެއް.