އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
13 އޭޕްރިލް 2025
ސިޔާސީ ޢުލޫމުގެ ބައެއް އަދަބިއްޔާތުތައް ބުނާ ގޮތުގައި (އެމެރިކާގެ) ރައީސަކު "މަތިވެރި"ވެވަޑައިގަތުމަށް ޓަކައި ކުރައްވާން ޖެހިވަޑައިގަންނަވާ "ހަނގުރާމައެއް" އޮންނާން ޖެހޭނެއެވެ. މުރާދަކީ މަތިވެރި ރައީސަކަށް ވެވަޑައިގަތުމަށް ޓަކައި އޭނާގެ ގައުމު ހަނގުރާމައެއް ކުރުވާ ޒަޢީމަކަށް އޭނާ ވެވަޑައިގަންނަވާން ޖެހޭނެއެވެ. މި ޒަމާނަށް ބަލާ އިރު މި ހަނގުރާމަ ޢަސްކަރީ ހަނގުރާމައަކަށް ވާކަށް ނުޖެހޭނެއެވެ. "ކޮރޯނާ" ފަދަ ޙަޔަވީ ހަނގުރާމައަކަށް ވެސް ވެދާނެއެވެ. "ކަސްޓަމު ޑިޔުޓީ" ފަދަ އިޤްތިޞާދީ ހަނގުރާމައަކަށް ވެސް ވެދާނެއެވެ. މިއީ އެމެރިކާގެ ސިޔާސީ ވެށީގެ ވިސްނުން ތަޢުބީރުކޮށްދޭ ދީބާޖާއަކަށް ވެދާނެއެވެ.
މި ދީބާޖާއިން މަގާލު މި ފެށީ ޓްރަމްޕުގެ ކަސްޓަމު ޑިޔުޓީއަކީ އެމެރިކާގެ ރައްޔިތުން ވެސް އޭގައި ތާށިވެފައިވާ، ޝާމިލު ހަނގުރާމައެއްކަމަށް ބުނުމަށް ބައެއް މީހުން ދެކޮޅުހަދާތީއެވެ. މިއީ އެމެރިކާގެ ޒަޢާމަތުގެ އެހީއާއި ހިތްވަރާއި ސާބަސްދިނުމުގެ ދަށުން ޞިހްޔޫނީ ފިކުރުގެ އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ނަސްލުހޭދު ހަނގުރާމަ ފަދަ ހަނގުރާއެކެވެ. މިއީ ދުނިޔެއަށް އަތްގަދަކުރުމަށް ޓަކައި ހުއްޓުމެއްނެތި އަނބުރަމުންދާ ހަނގުރާމައިގެ އުޑީގެ އެނބުރުމުގެ ތެރޭގައި ހިނގަމުންދާ ކަމެކެވެ. އޭގެ ތެރޭގައި ސޫރިޔާއާއި ލުބުނާނާއި ޣައްޒާއާއި ޔަމަނުގައި ހިނގަމުންދާ ޤަތުލުޢާންމުތަކާއި ގެދޮރު ތަޅައި ސުންނާފަތިކުރުންތަކާއި، ދުނިޔޭގައި ބައެއް ސަރަޙައްދުތަކުގައި ހިނގަމުންދާ އަދި ރާވައިގެން ހިންގާ ބަނޑަށްޖެއްސުމުގެ ޕްރޮގުރާމުތަކާއި އަމިއްލަ ބިމުންފައްސައި ބޭރަށްލުމުގެ ލާއިންސާނީ އަމަލުތައް ހިމެނެއެވެ. ލަޑުދަނޑިއަށް ބަދަލެއް ނާދެއެވެ. ދުނިޔެއަށް އަތްގަދަކުރުމެވެ. ތިމާގެ މުށްދަށަށް ލުމެވެ. ބައިނަލްއަޤްވާމީ އެއްބާރުލުމުގެ ބަވަނަކުރުމަކުން ފަޤީރު ނިކަމެތި ގައުމުތަކުގެ މުއްސަނދިކަމުގެ މައްޗަށް ފުރިހައަށް ވެރިވެގަތުމުގެ ބަވަނަކުރުމެއް ޤާއިމުކުރުމެވެ.
ޓްރަމްޕުގެ ކަސްޓަމު ޑިޔުޓީގެ ހަނގުރާމައަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އެއް ރާގެއްގައި ކުޅެމުންދާ މިޔުޒިކެކެވެ. އެއީ "ކެންޒުގެ ވިލާސަ ދައުލަތް" ގުރުޑުކޮށް ކުޑަކުރުމެވެ. ތިރީހުގެ އަހަރުތަކުގެ ތެރޭގައި ދުނިޔެއާ ކުރިމަތިވި ބޮޑު ތަދުން އަރައިގަތުމަށް ޓަކައި މުޖުތަމަޢުގެ ފަޤީރު ބިސީތަކަށް ދައުލަތުން މާލީ އެހީއާއި މާއްދަތީ އެހީދީގެން މި ބިސީތަކުގެ ޙާލަތު ރަނގަޅުކޮށްދޭން އިނގިރޭސިވިލާތުގެ އިޤްތިޞާދީ މާހިރެއްކަމުގައި ޖޯން އެމް ކެންޒު ހުށައެޅުއްވިއެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ސަބަބުން ދުނިޔެއާ ކުރިމަތިލާން ޖެހުނު އިޤްތިޞާދީ ވަޅުގަނޑުން އަރައިގަތުމަށް ޓަކައި މި ވިސްނުމާ ދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ. މި ކަމުގެ ސަބަބުން ޓެކްސް އިތުރުވެ ޕެންޝަންތައް ކުޑަވެ ޙާލުގައި ޖެހިފައިވާ މީހުންނަށާއި އާމްދަނީ ކުޑަ މީހުންނަށް ދެމުން ގެންދިޔަ އިންސާނީ އެހީތައް ކުޑަވިއެވެ. މި ކަމާ ވިދިގެން ސާހިބުންގެ މުޖްތަމާޢާއި ނޯކަރުންގެ މުޖްތަމަޢު އުފެދި ހެދިބޮޑުވިއެވެ. ހަމަ އެ ނޭވާގައި ވަޠަނީ ދިފާޢު ވަރުގަދަކުރުމާއި (ޢަސްކަރީ) ހަނގުރާމައަށް ތައްޔާރުވުމުގެ ޝިޢާރު އުފުލިގެން ދިޔައެވެ.
ރައީސް ޓްރަމްޕު ރަނގަޅަށް ދިރާސާނުކުރައްވައި، އަދި ރަނގަޅަށް އިންތިޒާމުނުކުރައްވައި ފެށްޓެވި ހަނގުރާމައިގެ ސަބަބުން ދުނިޔެ މިހާރު މި އޮތީ ދޮންވެފައިވާ ޓިނުގަނޑެއްގެ މަތީގައެވެ. މި ސިޔާސަތާ އެންމެން ދެކޮޅުހަދައެވެ. އެމެރިކާގެ ސެނެޓުން ވަނީ ރައީސް ޓްރަމްޕާ ދެކޮޅަށް ތާރީޚީ ވޯޓެއް ނަގައި ކެނެޑާއާ ދެކޮޅަށް އެޅުއްވި ކަސްޓަމު ޓެކްސް ތަންފީޒުކުރެއްވުން ހުއްޓުވައިފައެވެ. ރައީސް ޓްރަމްޕަށް ބާރު އޮތް މުޅި ކޮންގްރެސްގެ ތެރޭގައި ޓްރަމްޕާ އިދިކޮޅު އޮއިވަރު ދަނީ ކެކެމުންނެވެ. އެމެރިކާގެ ފަންސާސް ސްޓޭޓްގައި ރައީސް ޓްރަމްޕުގެ ސިޔާސަތާ ދެކޮޅަށް މުޒާހަރާތައް ދަނީ ބާއްވަމުންނެވެ. ރައީސް ޓްރަމްޕުގެ "ބޯހަރު" ސިޔާސަތުގެ ސަބަބުން މުޅި ދުނިޔެ މިހާރު އޮތީ ހަނގުރާމައަކަށް ތައްޔާރުވެގެންނެވެ. ފަހަރެއްގައި ޢަސްކަރީ ކުރިމަތިލުމަކަށް ވެސް ބަދަލުވެދާނެއެވެ. ޔޫރަޕްގެ ހުރިހައި ގައުމުތަކެއްގައި ޢަސްކަރީ ބަޖެޓު ބޮޑުކުރުމަށާއި އަލުން ހަތިޔާރުއެޅުމަށް ގޮވައިލާ އަޑުތައް ދަނީ ގަދަވަމުންނެވެ. ޔޫރަޕްގެ ކަމިޝަންގެ ރައީސާ އުރްސޫލާ ވޮންޑަރ ލައިން ޔޫރަޕް އަލުން ހަތިޔާރު އެޅުމާ ބެހޭ ހުށައެޅުމެއް ވަނީ ހުށައަޅުއްވައިފައެވެ. މި ހުށައެޅުން ގޮވައިލަނީ ޔޫރަޕް އަލުން ހަތިޔާރުއެޅުމަށް ޓަކައި 800 ބިލިއަން ޔޫރޯގެ ބަޖެޓެއް (ގާތްގަނޑަކަށް ޓްރިލިއަން ޑޮލަރު) ތައްޔާރުކުރުމަށެވެ.
ޓްރަމްޕުގެ ޑިޔުޓީ ހަނގުރާމައިގައި އެންމެ އިސްކަން ދެއްވައިފައި ވަނީ ޗައިނާއަށެވެ. އެމެރިކާއާ ވާދަކުރެވޭވަރުގެ ވަރުގަދަ އިޤްތިޞާދެއް ޗައިނާއަށް ލިބިފައިވާތީއެވެ. އަދި އެމެރިކާގެ ޢާންމު ރައްޔިތުންނާއި އުނގުވިޔަފާރިކުރާ ކުދިކުދި ކުންފުނިތަކުން ޗައިނާގެ އަގުހެޔޮ މުދަލުގެ މައްޗަށް ބަރޯސާވާތީއެވެ. ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ ޓްރަމްޕު ވަނީ 145 %ށް މަތިކުރައްވައިފައެވެ. މި ގޮތަށް ޑިޔުޓީ ބޮޑުކުރެއްވުމުގެ އަމާޒަކީ "ވިޔަފާރީގެ ތަވާޒުނު" ހިފެހެއްޓެވުންކަމަށް ވިދާޅުވިޔަސް އިޤްތިޞާދީ މާހިރުން ވިދާޅުވާ ގޮތުގައި މި ކަމުގެ ސަބަބުން އެމެރިކާގެ އިޤްތިޞާދު ކަސާދަވެގެންދާނެއެވެ. މީގެއިތުރަށް ޢަލަމީ އިޤްތީޞާދުވެސް އިނދަޖެހިގެންދާނެއެވެ.
އެމެރިކާގެ ރައީސްގެ މި ނުބައި ތަޞައްރުފުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދީ ނިޒާމު ހަލާކުވެ ގަނޑުބަޑުވެގެންދާނެއެވެ. މިއީ ޢާލަމީ ވިޔަފާރިއާ ބެހޭ ގޮތުން ދުނިޔެ އެއްބަސްވެފައިވާ ނިޒާމު ބޮލާލާޖެހުން ކަމަށް ދުނިޔެ ދެކެއެވެ. ދުނިޔެ ބުނާގޮތުގައި މި ނިޒާމުގެ ސަބަބުން އެންމެ ބޮޑަށް ފައިދާލިބިފައިވާ ފަރާތަކީ އެމެރިކާއެވެ.
އެމެރިކާގެ ރައީސް މި ގެންގުޅުއްވާ " ބަދަލުކުރެވޭ ޑިޔުޓީ " ގެ ސިޔާސަތަކީ ޢާލަމީ ވިޔަފާރިއާ ބެހޭ ޖަމްޢިއްޔާގެ ޤަވާޢިދުތަކާ ޚިލާފު ކަމެއް ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ. މިކަމުގެ ސަބަބުން ދުނިޔޭގައި ބަދަލުކުރެވޭ މުދަލުގެ ވިޔަފާރި މި އަހަރު 1 % ށް ދަށަށްދާނެއެވެ.
އެމެރިކާގެ ޔޭލް ޔުނިވަރސިޓީގެ ދިރާސާއެއް ބުނާގޮތުގައި އެހެން ގައުމުތަކުން އެމެރިކާއާ ދެކޮޅަށް ބަދަލުހިފުމުގެ ފިޔަވަޅުތައް އަޅައިފިނަމަ އެމެރިކާގެ ޙަޤީޤީ ހަތަވިވަރު 1 % ށް ދަށަށްދާނެއެވެ. އެހެން ގައުމުތަކުން މިހާރުވަނީ ރައްދު ފިޔަވަޅުތައް އަޅަން ފަށައިފައެވެ. ޓްރަމްޕު އެމެރިކާ ޙިމާޔަތް ކުރައްވާ ގޮތަށް ރައީސް ޝީ މެން ފަދަ ޒަޢީމުން ވެސް އެބޭބޭފުޅުންގެ ގައުމުތައް ޙިމާޔަތްކުރައްވަން މަސައްކަތްކުރައްވާނެ ކަން ޓްރަމްޕަށް ވިސްނިވަޑައެއް ނުގަންނަވައެވެ.
ދުނިޔޭގެ ގައުމުތައް ވިސްނަންވީ އެމެރިކާއާއި ޔޫރަޕްގެ ސިޔާސީ ޒަޢީމުން ވިސްނަވަނީ އެ ބޭފޫޅުން ދުނިޔެއާ ދެކޮޅަށް ކުރައްވަން މި އުޅުއްވާ ހަނގުރާމައަށް " ނިކަމެތީން" ގެ ޖީބުތަކުން ފައިސާހޯއްދަވާށެވެ. ދުނިޔެ އިސްތިޢުމާރުކޮށް އެ ގައުމަތަކުގެ މުއްސަނދިކަމުންނާއި އެ ގައުމުތަކުގެ މީހުންގެ އަތްތަކުންނާއި ސިކުނޑިތަކުން އެމެރިކާއާއި ޔޫރަޕު ބިނާކޮށް އާރާސްތުކޮށް ކުރިއެރުވި ގޮތަށެވެ. ޗެޓަމް ހައުސް މަރްކަޒުގެ ޑިރެކްޓަރު ބްރޮނައިން މެޑަކޮސް މި ދިޔަ ފެބްރުވަރީ މަހު ފައިނަންޝަލް ޓައިމްޒް ގައި ޝާއިޢުކުރެއްވި މަގާލެއް ބުނާގޮތުގައި ދިފާޢަށް ޚަރަދުކުރުމަކީ "އެންމެ މުހިއްމު ޢާންމު މަންފާ" އެވެ. އެކަމުގެ ސަބަބުން "ދީމުޤްރާޠިއްޔަތު" ޙިމާޔަތް ކުރެވޭތީއެވެ. އޭނާ ސިޔާސީ މަސްއޫލުވެރީންނަށް ގޮވައިލައްވަނީ ބަލިމީހުންނަށް އެހީވުން ހުއްޓައިލުމަށާއި ޕެންޝަންތައް ކުޑަކުރުމަށާއި ޞިއްޙީ ރިޢާޔަތަށް ހޭދަކުރުން ކުޑަކުރުމަށެވެ. އަދި އިޖްތިމާޢީ ބައެއް ޙައްޤުތަކުން ތަނާޒުލުވުމަށެވެ. އޭގެ މާނައަކީ ވިލާސަ ދައުލަތް މުޅިން ފުޑުފުޑުކޮށް ނައްތައިލުމެވެ. މި ނޫހުގައި އިޤްތިޞާދީ އެހެން ތަޖްރިބާކާރެއް ކަމުގައިވާ މާރޓިން ވުލްފް ވިދާޅުވެފައިވާ ގޮތުގައި ދިފާޢީ ކަންކަމަށް ހޭދަކުރުމަށް ޓަކައި ޓެކްސް ބޮޑުކުރަން އެބަޖެހެއެވެ. މިކަމާ ވިދިގެން އިނގިރޭސި މާލީ ވަޒީރާ ވަނީ މުސްކުޅީންނަށާއި ނުކުޅެދޭ މީހުންނަށް ފިނިމޫސުމުގައި ދޭ ޚާއްޞަ އެހީއާއި ކުޑަކުދީންނަށް ދޭ ޚާއްޞަ އެހީ ކުޑަކުރައްވައި މި ފައިސާ ދިފާޢީ މައިދާނުގައި ވުނަކުރުމަށް ދެއްވައިފައެވެ.
ރައީސް ޓްރަމްޕު އެމެރިކާގައި ވަނީ "ޔޫއެސް އެއިޑް" މުއައްސަސާ އުވައިލައްވައިފައެވެ. އެމެރިކާގައި މުސްކުޅީންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚިދްމަތްދޭ އިޖްތިމާޢީ އެހީއާ ބެހޭ އޭޖެންސީގެ މުވައްޒަފުންގެ ތެރެއިން އެތައް ހާސް ބަޔަކު ވަޒީފާއިން ވަކިކުރައްވައި ޚިދްމަތްތައް ކުޑަކޮށްލައްވައިފައެވެ.
ޝައްކާއި ވަހްމުން ފުރިފައިވާ މި ސިޔާސަތުތަކާއެކު އުފެދޭ ސުވާލަކީ މި ގޮތަށް މި ރޯކުރާ ހަނގުރާމަތަކުން ފައިދާ ލިބެނީ ކޮން ބަޔަކަށް ހެއްޔެވެ؟ މި ކަމުން ފައިދާލިބޭނީ ބޮޑެތި ކުންފުނިތަކަށެވެ. ޙިމާޔަތް ބޭނުންވެގެން އުޅޭ ބޮޑެތި މުއައްސަސާތަކަށެވެ. އެއްޗެހީގެ އަގު މައްޗަށް ދިޔުމުން މި ކުންފުނިތަކަށާއި މުއައްސަސާތަކަށް ލިބޭ ފައިދާ ބޮޑުވާނެކަން ކަށަވަރެވެ. ކަސްޓަމު ޑިޔުޓީ ބޮޑުވުމުން މުދަލުގެ އަގު ބޮޑުވާނެތީއެވެ. ބާޒާރުގެ ޙަރަކާތްތަކަށް ފާރަލާ މީހުން (MarketWatch) ބުނާ ގޮތުގައި އެތައް ކުންފުނިތަކަކުން ވަނީ އެ ކުންފުނިތަކަށް ލިބެމުންދާ ފައިދާތައް އިތުރުވަމުންދާ ކަމަށް ބުނެފައެވެ. «U.S. Steel» ކުންފުންޏާއި "Nucor Corporation ކުންފުނި ފަދަ ކުންފުނިތަކުން ވަނީ ރައީސް ޓްރަމްޕަށް ތާރީފާއި ސަނާގެ ބަސްތައް އޮއްސައިފައެވެ."
ރައުސްމާލީ ޢަޤީދާގެ ވެރީން ބުނާގޮތުގައި ދުނިޔޭގެ ހުރިހައި މުދަލަކީ އެމީހުންގެ އެކަނި ޙައްޤެކެވެ. މި ޙައްޤު ޖަމާކުރުމުގެ ވަގުތު އަތުވެއްޖެއެވެ. މި ފަދަ ބަޔެއްގެ ޒަޢާމަތުގެ ދަށުގައި އޮންނަ ޢާލަމަކަށް ވާނެ ގޮތަކާ މެދު ވިސްނައިލައްވާށެވެ!
ބައެއް ލަފުޒުގެ މާނަ:
ވިލާސަ ނ. (1) ޚިދުމަތެއްގެ މަތީ ފެންވަރު. (2) ތަނެއްގެ ނުވަތަ އެއްޗެއްގެ މޮޅު ފެންވަރު.
ތަނާޒުލުވުން ނ. މަޤާމަކަށް ހޮވުމަށް މީހެއްގެ ނަން ހުށަހެޅުމުން ހަމަ އެ ވަގުތު އެކަން ޤަބޫލުނުކޮށް އެކަމުން އެ މީހަކު ދުރުވެ ގަތުން.
ތަވާޒުނު ނ. ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން.