ad_banner
ހއ. އަތޮޅު ކައުންސިލުން ރަށުކައުންސިލްތަކަށް ބޮޑު އެހީއެއް

އަބާ މުޙަންމަދު

12 ފެބްރުވަރީ 2025

ބަގީ ހަވާލުކުރުމާއި މާލީ އެހީދިނުމުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކުރައްވަނީ (ފޮޓޯ: ހއ.އަތޮޅު ކައުންސިލް)

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް ފާހަގަކުރެވެނީ އަތޮޅުގެ ހުރިހައި ރަށަކަށް ވެސް ހަމަހަމަ ގޮތެއްގައި ޚިދުމަތްދޭން މަސައްކަތްކުރާ ކައުންސިލެއްގެ ގޮތުގައެވެ. ތަފާތު ޢިލްމީ ޙަރަކާތްތައް ބާއްވައިގެން މުވައްޒަފުން ހުނަރުވެރިކުރުމަށް ޓަކައި މި ދިޔަ އަހަރު ވެސް އެތައް ޙަރަކާތްތަކެއް ހިންގައިފައިވެއެވެ. އަދި ތަކެތީގެ އެހީއާއި މާލީ އެހީ ފޯރުކޮށްދިނުމަކީ ވެސް އެ ކައުންސިލުން ހިނގާ ޙަރަކާތެކެވެ.

މި އަހަރު ވެސް މި ފަދަ އެތައް ޙަރަކާތެއް ވަނީ ރާވައިފައެވެ. މި ފަދަ ޙަރަކާތެއް މިއަދު ހެނދުނު ވެސް އެ އަތޮޅު ކައުންސިލުން ދިއްދޫ ބަނދަރު ސަރަހައްދުގައި ބާއްވައިފައިވާކަމަށް ޚަބަރު ލިބިފައި ވެއެވެ.  މިއަދު ހެނދުނު ބޭއްވި ޙަރަކާތަކީ އެ އަތޮޅު ރަށު ކައުންސިލްތަކަށް ބަގީ ޙަވާލުކުރުމާއި އަތޮޅުގެ އިސްކޫލްތަކުގައި ސްޓަޑީ ކޭމްޕް ބޭއްވުމަށް ޓަކައި މާލީ އެހީދިނުމުގެ ޙަރަކާތެކެވެ. މި ޙަރާތުގެ ދަށުން ރަށު ކައުންސިލްތަކާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބެއްވީ މިއަދު ހެނދުނު 9:30ގައެވެ. މި ރަސްމިއްޔާތުގައި ރަށުކައުންސިލްތަކަށް ބަގީ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. އަދި ރަށު ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ރަށުކައުންސިލްތަކުގެ ރައީސުންނެވެ.

ސްކޫލްތަކުގެ ސްޓަޑީ ކޭންޕު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ވެސް ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. ހއ. އަތޮޅުގެ ސްކޫލްތަކުގެ ފަރާތުން ސޮއިކުރެއްވީ ސްކޫލްތަކުގެ ޕްރިންސިޕަލުންނެވެ.

ކީރިތި ޤުރްއާނުގެ ބަރަކާތުން މި ރަސްމިއްޔާތު ފައްޓައިދިނީ އަލްޙާފިޘާ ބައްސާމާ ސުލައިމާނެވެ. މި ރަސްމިއްޔާތުގައި މަރުޙަބާދެންނެވުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ ހއ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުއްލަޠީފް ޙަސަނެވެ. މި ރަސްމިއްޔާތުގައި މުރައިދޫ ކައުންސިލްގެ ރައީސް، ހއ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ ވާހަކަފުޅު ދެއްކެވުން އޮތެވެ. އަދި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސްގެ ވާހަކަފުޅު ދެކެވުން ވެސް މިރަސްމިއްޔާތުގައި އޮތެވެ. އަތޮޅު ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނަކީ ހއ. އަތޮޅު ރައްޔިތުން ވަރަށް ފަރިތަ ޤާނޫނެއް ކަމަށާއި ލާމަރުކަޒީ ޤާނޫނަށް އަހުލުވެރި މިންވަރު ދައްކުވައިދޭ ސަބުއިންޑެކުސުން ވިދިވިދިގެން ހަތަރު އަހަރު އެވޯޑު ޙާޞިލްކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. ރައްޔިތުންނާ ގާތުން މިހާރު ދޭ ޚިދުމަތްތަކުގެ އިތުރަށް، އިތުރު ޚިދުމަތްތައް ވެސް ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދެއްވުމަކީ މުހިންމު ކަމެއްކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

ކޮމެންޓު