އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
12 ފެބްރުވަރީ 2025
ރާއްޖޭގެ ބޭރު ފައިސާގެ ރަސްމީ ރިޒާވަށް ރަނގަޅު ކުރިއެރުމެއް ލިބުމަކީ، އިގުތިސާދީ ގޮތުން ޤައުމަށް ކުރިއެރުން ލިބެމުން އަންނަކަމުގެ ހެތްކެކެވެ. ދިވެހިރާއްޖޭގެ މަރުކަޒީ ބެންކު (އެމްއެމެއޭ)ގެ ތަފާސްހިސާބުތަކަށް ބަލާ އިރު، މި ދިޔަ ޑިސެންބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރި މިންވަރަށް ވުރެ، ޖަނަވަރީ މަހުގެ ނިޔަލަށް އިތުރުވެފައިވާ މިންވަރު، ފަސް އިންސައްތަ ވަނީ އިތުރުވެފައެވެ. މި ދިޔަ ޖަނަވަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި 708.1 މިލިއަން ޑޮލަރު ހުރިކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރަށް ޑިސެންބަރުމަހާ އަޅައިބަލާ އިރު، ޖަނަވަރީ މަހު ދައުލަތަށް ޓެކުހާއި އެކިއެކި ފީގެ ގޮތުގައި ލިބިފައިވާ ބޭރު ފައިސާގެ އާމްދަނީ ވެސް 12 އިންސައްތަ އިތުރުވެފައިވާކަމަށް ވެސް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.
މިއީ ދައުލަތުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކެއްގެ ސަބަބުން އައި ކުރިއެރުމެއްކަމަށް ގަބޫލުކުރެވެއެވެ.
ބޭރު ފައިސާގެ އާ ގަވާއިދެއް އެކުލަވައިލައްވައި، އެ ގަވާއިދަށް ބާރުދިނުމުގެ ގޮތުން ބޭރުފައިސާއާ ބެހޭ އާ ޤާނޫނެއް ވެސް އޭގެ ފަހުން އެކުލަވައިލައްވައި ފާސްކޮށް، މިހާރު ވަނީ ޢަމަލުކުރާން ފައްޓަވައިފައެވެ. މި ޤާނޫނުގެ ދަށުން ތިން ގިންތިއެއްގެ ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރާން ޖެހެއެވެ. ފުރަތަމަ ގިންތީގައި ހިމެނެނީ ފަތުރުވެރިކަމުގެ ޚިދުމަތް ދޭ ރިސޯޓުތަކެވެ. މި ތަންތަނުން އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ނިސްބަތުން 500 ޑޮލަރު މާރުކުރާން ޖެހެއެވެ. ދެވަނަ ގިންތީގައި ހިމެނޭ، ގެސްޓު ހައުސްތަކުން މާރުކުރާން ޖެހެނީ 25 ޑޮލަރެވެ.
ބޭރު ފައިސާ މާރުކުރާން ޖެހެނީ ތިން މަސް ދުވަހުގެ ކުރީން އެ ތަނަކަށް ލިބިފައިވާ އާމްދަނީއަކުންނެވެ. މިއާ އެކު، ގަވާއިދުގެ ދަށުން ވިޔަފާރިތަކަށް ބޭރު ފައިސާގެ ދަތިކަމެއް ނެތި މާރުކުރާން މަގުފަހިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ވިދާޅުވެއެވެ.
މި އާ ޤާނޫނުގެ ދަށުން މި ދެ ގިންތީގެ ވިޔަފާރިތަކަށް، މި ގޮތަށް މާރުނުކުރާ ނަމަ، ލިބޭ ބޭރުފައިސާގެ އާމްދަނީގެ 20 އިންސައްތަ ބޭންކަށް މާރުކުރުމުގެ ފުރުސަތު ވެސް ވަނީ ދީފައެވެ. ތިންވަނަ ގިންތީގައި ހިމެނެނީ ފަތުރުވެރިކަމުގެ ވިޔަފާރިތައް ނޫން ބޭރު ފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކެވެ. މި ފަދަ ވިޔަފާރިތަކުން، އަހަރެއްގެ ތެރޭގައި 15 މިލިޔަން ޑޮލަރަށް ވުރެ އިތުރަށް ލިބޭ ނަމަ، އެ ވިޔަފާރިއަކަށް ކޮންމެ މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 20 އިންސައްތަ ބޭންކުތަކަށް މާރުކުރާން ޖެހެއެވެ.
މި އައި ހެޔޮ ބަދަލާ އެކު، މިހާރު ބޭންކު ކާޑުތަކަށް ދޫކުރާން ކަނޑައަޅައިފައިވާ ޑޮލަރުގެ މިންވަރު އަންނަ އަހަރުގެ ދެވަނަ ކާލުގައި 1400އަށް މަތިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރަށް އަންނަ އަހަރުގެ ފުރަތަމަ ކާލުގައި ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް ދޫކުރާ 500 ޑޮލަރު ދެގުނަކުރެވޭނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި މީގެ އިތުރަށް ޢުމުރާއަށް ފުރާ ކޮންމެ ޢުމުރާވެރިއަކަށް ބޭންކު ރޭޓުގައި -/1700 ޑޮލަރު ގަންނާން ލިބޭ ގޮތަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހަފުތާގެ ތެރޭގައި ހަމަޖައްސަވައިދެއްވައި، އެ ކަން އިޢުލާނުކުރައްވައިފައެވެ.
މީގެ އިތުރަށް ގެދޮރު އެޅުމަށާއި ފްލެޓް ގަންނާން ބޭންކު އޮފް މޯލްޑިވްސުން ދޫކުރާ ލޯނު އިސްކީމުތަކަށް ހެޔޮ ބަދަލުތަކެއް ވެސް ގެނެސްފައިވާކަމަށް ވެސް އެ ބެންކުން ވިދާޅުވިއެވެ. މި ގެންނެވި ބަދަލުތަކުގެ ތެރޭގައި، އެކި މީސްމީހުން ގެދޮރުއަޅާށާއި ފުލެޓު ގަންނާން ދޫކުރާ ލޯނުގެ ފައިސާގެ އަދަދު އިތުރުކުރުމާއި ޑައުންޕޭމަންޓު (ފުރަތަމަ ދައްކާން ޖެހޭ ފައިސާ)ގެ އަދަދު ވަނީ މަދުކޮށްފައެވެ.
ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކެއްގެ ސަބަބުން ނަމަވެސް، މި ބަދަލުތައް އިގުތިސާދީ ކަންކަމަށް އަންނަމުން ދާ އިރު، މި އިގުތިސާދީ ކުރިއެރުން ދެމެހެއްޓުމަށް ޓަކައި، އަޅުގަނޑުމެން، ދިވެހި ރައްޔިތުން، ވެސް އަޅުގަނޑުމެންގެ އާދަތަކަށް ބަދަލުތަކެއް ގެންނާން އެބަ ޖެހެއެވެ. އިސްރާފުކުރުމުގެ އާދައާ ދުރުވާން އެބަ ޖެހެއެވެ. ރާއްޖެއިން ބޭރަށް ފުރާ އިރު، ބޭންކު ރޭޓުގައި ގަންނާން ލިބޭ ހުރިހައި ޑޮލަރަކީ ރާއްޖެއިން ބޭރަށް ގޮސް ހުސްކޮށްލާން ޖެހޭ އެއްޗެއް ނޫންކަމަށް ގަބޫލުކުރާން އެބަޖެހެއެވެ.
މި ޒަމާނުގައި އެއްޗަކަށް މުހުތާދުވެއްޖެ ނަމަ، އެ އެއްޗެއް ގޭގައި ތިބެގެން ހެޔޮ އަގުގައި ގަންނާން ލިބެއެވެ. އެހެންކަމުން ސަޢޫދީ ޢަރަބިއްޔާއަށް ނުވަތަ ބޭރު އެހެން ގައުމަކަށް ދެވުމަކުން ފެންނަ ހައި އެއްޗެއް ގަންނާކަށް ނުޖެހެއެވެ. ގާތްތިމާގެ މީހުންނަށް ހަދިޔާކޮށްލާން ކުޑަކުޑަ، ނުވަތަ ހެޔޮ އަގެއްގައި ލިބޭ ތަޒުކާރެއް ގަނެލުމުން ފުއްދައިލާން ޖެހެއެވެ.
ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ގައުމަކަށ ވިޔަސް ޢަދަދުގެ ގޮތުން މުސްލިމުން ވަރަށް މަދު ގައުމެކެވެ. އާބާދީ ކުޑަކަމުންނެވެ. ދިވެހިރާއްޖެއިން އެންމެ ގިނަ މީހުން ޢުމުރާއަށް ދިޔަކަމަށް ރެކޯޑުކުރެވިފައިވަނީ މިދިޔަ އަހަރު ޑިސެންބަރު މަހުކަމަށް ވިޔަސް ދިވެހިރާއްޖެއިން އެ ފަހަރު ޢުމުރާއަށް ދިޔައީ އެންމެ ހަތްހާހެއްހައި މީހުންނެވެ. ނަމަވެސް ޖުމުލަ 3.34 މިލިއަން މީހުން، (ތަފުސީލުކޮށް ދަންނަވާ ނަމަ، 3,348,512 މީހުން) އެކިގައުމުތަކުން މި ދިޔަ އަހަރުގެ ފަހު ކާލުގައި ޢުމުރާއަށް ދިޔައެވެ. ނަމަވެސް މައްކާ، މަދީނާގެ ފިހާރަތަކަށް ނަޒަރު ހިންގައިލުމުން ފާހަގަވާނީ އެންމެ ގިނަ މީހުން ޢުމުރާއަށް ދިޔައީ ދިވެހިރާއްޖެއިންކަމަށެވެ. މައްކާއަށް ދެވުމުން އަތުޖެހުނު އެއްޗެއް ގަތުމުގެ އާދަ އަދިވެސް ދިވެހީން ދުލެއް ނުކުރެއެވެ.
މައްކާއިން ދިމާވި، އިންޑޮނޭޝިއާގެ ރައްޔިތަކާ ވާހަކަދައްކައިލުމުން އޭނާ ބުނީ، މިހާރު ކޮންމެހެން މައްކާއިން ބާޒާރުކުރުމުގެ ބޭނުމެއް ނެތްކަމަށެވެ. ސަބަބަކީ މައްކާއަށް ވުރެ، އަގުހެޔޮކޮށް މުދާ ގަނެވޭނެ އޮންލައިން ބާޒާރުތައް މިހާރު ހުންނާތީއެވެ. އޭނާ މިސާލެއްގެ ގޮތުން އަލީއެކްޕްރެސް ފާހަގަކުރިއެވެ. ވީމާ، އެއްޗެއް ގަންނާން ޖެހިއްޖެ ނަމަ، ނުވަތަ އެއްޗެއް މުހުތާދުވެއްޖެ ނަމަ، އަމިއްލަ ގޭގައި ހުރެގެން މިހާރު އެ އެއްޗެއް މާ އަގުހެޔޮކޮށް ގަނެލެވެއެވެ. އެހެންކަމުން، އޭނާ ބާޒާރުކުރާކަށް ގަސްތެއްނުކުރާ ވާހަކަ ބުންޏެވެ. ފުރާންވީމާ ގާތްތިމާގެ މީހުންނަށް ހަނދާނަކަށް ދޭން ކޮންމެވެސް ތަޒުކާރެއް ގަނެލައިގެން ގޮސް ހަދިޔާކުރީމާ އެ ނިމުނީކަމަށް ވެސް އޭނާ ބުންޏެވެ.
ޔަމަނު މީހަކު ވެސް ބުނީ އޭނާ މައްކާއިން ގަންނާނީ ހަމައެކަނި ތަޒުކާރެއް އެކަނިކަމަށެވެ. ސަބަބަކީ، މިހާރު އެ މީހަކު ބޭނުން އެއްޗެއް، މުހުތާދުވާ ވަގުތު އަމިއްލަ ގައުމުގައި ގޭގައި ހުރެގެން ވެސް ގަނެލެވޭނެ މަގު ތަނަވަސްވެފައިވާތީއެވެ.
މި މީސްމީހުންގެ ވާހަކަތައް އަޑުއެހުމަށް ފަހު އަޅުގަނޑު ހިތަށް އެރިއެވެ. އެ މީހުން އެ ދެއްކީ ވަރަށް ރަނގަޅު ވާހަކައެކެވެ. ރާއްޖެއިން ބޭރަށް ދެވުމުން އެކި އެއްޗެހި އަޅުގަނޑުމެން ކުރީން ގަންނަނީ ރާއްޖެއިން ނުވަތަ ރާއްޖޭގައި ތިބެގެން އެ ފަދަ ތަކެތި ގަންނާން ނުލިބޭ އިރުއެވެ. މިހާރު އެ ކަމުގެ ޒަރޫރަތެއް މުހުތާދެއް ނެތެވެ. ޢުމުރާއަށް ދާ ކޮންމެ ދިވެއްސަކު މަދުވެގެން ހާހެއްގައި ޑޮލަރު ސުޢޫދީ ޢަރަބިއްޔާއިން ބާޒާރުކުރާން ޚަރަދުކުރާކަމަށް ވެއެވެ. މިއީ ރާއްޖެއިން ބޭރުވާ ވަރަށް ގިނަ ޢަދަދެއްގެ ބޭރު ފައިސާއެވެ. މި ފައިސާ ރާއްޖޭގައި ދައުރުވާ ގޮތަށް ބެހެއްޓިއްޖެ ނަމަ، ރާއްޖެއަށް ކޮންމެހެން އެތެރެކުރާން ޖެހޭ މުދާ އެތެރެކުރާން ޚަރަދުކުރާން ހުންނާނެތާއެވެ. އެ ކަމުގެ ސަބަބުން ތަކެތީގެ އަގަށް ހެޔޮ ބަދަލެއް އަންނާނެތާއެވެ.
ރަމަޟާން މަހަކީ، ރީތި އަޚުލާޤާއި ފުރިހަމަ ސިފަތަކަށް ތަމްރީނުދޭ މައްސަރަކަށް ވާތީ، އަންނަ ރަމަޟާންމަހާ ގުޅުވައިގެން ނަމަ ވެސް އިސްރާފުކުރުމުގެ އާދަޔާ އަޅުގަނޑުމެން ދުރުހެލިވާން މަސައްކަތްކުރަމާތޯއެވެ! އޭރުން ގައުމުގެ އިގުތިސާދަށް ވެސް ހެޔޮ ބަދަލެއް އަންނާނެއެވެ. ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ ޖީބުތަކަށް ވެސް ލުއިކަމެއް އަންނާނެއެވެ.
ރަމަޟާން މަހަކީ ހަގީގަތުގައި ވެސް ޚަރަދު ކުޑަވާން ޖެހޭ މަހެކެވެ. ހެނދުނުގެ ނާސްތާއާއި ނުވަގަޑިއާއި މެންދުކެއުމާއި ހަވީރު ސަޔާއި ރޭގަނޑުކެއުން (ފަސް އިރު ކޮއްތު) ތިން އިރަށް ބަދަލުވާތީއެވެ. ރޯދަވީއްލާ ގަޑި (މިހާރު އާންމުވަމުން އަންނަ ގޮތުން އިފުޠާރު)އާއި ތަރާވީސްގަޑިއާއި ހާރު (މި ތިންގަޑީގައި) ކައިގެން ރޯދަ މަހު ފަރުޖެއްސޭތީއެވެ. ފަސް އިރުގެ ބަދަލުގައި ތިން އިރު ކާ ކެއުން އެހައި ޚަރަދު ބޮޑުވަނީ ކީއްވެބާވައެވެ؟ އެ ވާ ގޮތަކީ ބޭނުންވާ ވަރަށް ވުރެ ގިނައިން ކާއެއްޗެހި ތައްޔާރުކުރެވެނީއެވެ. އެތައް ބާވަތެއްގެ އެއްޗެއް އިރު އޮއްސޭ އިރަށް ތައްޔާރު ކުރިޔަސް ކޮންމެ އެއްޗެއް އެންމެންނަށްވާ ވަރަށް ހަދަނީއެވެ. ނަމަވެސް އެކަކަށް ވެސް ހުރިހައި ވައްތަރަކުން ނުކެވޭނެތާއެވެ. ބަނޑަށް ވެސް ލެވޭނީ ވަކި މިންވަރަކަށްތާއެވެ! ވީމާ އެތައް ބައިވަރު ކާތަކެއްޗެއް އުކައިލާން ޖެހެނީއެވެ. ވެމްކޯގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި އެހެން މަސްމަހާ އަޅައި ބަލާ އިރު، ރޯދަމަހު އުކައިލާންޖެހޭ ކުނި އެތައް ގުނައަކަށް އިތުރުވެއެވެ. މިއީ ވިސްނައިލާން ޖެހޭ ކަންކަމެވެ.
ވީމާ، ދިވެހި ޤައުމުގެ އިގުތިސާދު ރަނގަޅުވަމުން އަންނަ އިރު، އަޅުގަނޑުމެންގެ ޒިންމާތަކެއް ވެސް އެބަ ހުށްޓެވެ. ބަދަލުކުރާންޖެހޭ އާދަތަކެއް އެބަ ހުއްޓެވެ. ރާއްޖެއިން ބޭރަށް ދާ މީހުންނަށް ބޭންކު ރޭޓުން ގަންނާން ލިބޭ ހުރިހައި ޑޮލަރުކޮޅަކީ ބޭރަށް ގޮސް އޭތިމީތި ގަނެ ހުސްކުރާން ޖެހޭ އެއްޗެއް ނޫނެވެ. ހުރިހައި އެއްޗެއް ވެސް އިންސާނާއަށް ބޭނުންވާނެއެވެ. އެކަމަކު ބޭނުންތެރިވާނީ ވަރަށް މަދު އެއްޗެކެވެ. ވީމާ ބޭނުންވިޔަސް ބޭނުންތެރި ނޫން ތަކެތި ނުގަންނާން އަޅުގަނޑުމެން އާދަކުރާން އެބަޖެހެއެވެ. ބާޒާރަށް މޮޅު ފޯނެއްގެ އާ ވައްތަރެއް ނުކުންނަ އިރަށް އެ ފޯނު ގަތުމުގެ މުހުތާދެއް ބޭނުންތެރިކަމެއް ނޯންނާނެއެވެ. އެހެނީ ގިނަ މީހުންނަށް އެ މީހެއްގެ އަތުގައި އޮންނަ ފޯނުން ކުރެވޭ ބޭނުންތަކުގެ 10 އިންސައްތަ ވެސް ބޭނުމެއް ނުހިފައެވެ. ވީމާ އެހެން ފޯނެއް ގަތުމުގެ މުހުތާދެއް އެ ކަމުގެ ޒަރޫރަތެއް ނޯންނާނެއެވެ.
ރަމަޟާން މަހު ކާ ވަގުތުތައް މަދުވެ، އަދި އެހެން މަސްމަހުގައި "ކޮފީއަށް" ޚަރަދުކުރާ ފައިސާ ޚަރަދުކުރާން ނުޖެހޭތީ، އެހެން މަސްމަހަށް ވުރެ، ރަމަޟާން މަހު ޚަރަދުކުޑަކޮށް އުޅެވޭނެއެވެ. އެ ގޮތަށް އަޅުގަނޑު އުޅޭޏް ނޭނގެނީއެވެ. އެ އާދަ ދަސްނުވަނީއެވެ. އެ ކަން ދަސްކުރާން އެބަ ޖެހެއެވެ. އިސްރާފުކުރުމާ ދުރުހެލިވެގެންނެވެ. އާދޭހެވެ! ދިވެހި އިގުތިސާދަށް އަންނާން ފެށި ހެޔޮ ބަދަލާ އެކު، އަޅުގަނޑުމެން ދިވެހީންގެ ބައެއް އާދަތަކަށް ވެސް ބަދަލު އަންނާން އެބަ ޖެހެއެވެ. އަޅުގަނޑުމެން އެންމެންނަށް ފާގަތިކަން ލިބޭނީ އޭރުންނެވެ.
މި މަގާލުގައި ބައެއް ލަފުޒު ބޭނުންކޮށްފައިވާ މާނަ:
ބޭނުން ނ. (1) ހާޖަތް. (2) މަގުސަދު. (3) މަޠުލަބު. (4) want
ބޭނުންތެރި ނއ. (2) ހާޖަތްތެރި. (2) ކޮންމެހެން ބޭނުންވާ
ކާލު ނ. (1) ހަތަރުބައިކުޅަ އެއްބައި (2) quarter
މުހުތާދު ނ. (1) ބޭނުންތެރިކަން. (2) need
ތަޒުކާރު ނ. (1) ތަނެއް ނުވަތަ ކަމެއްގެ ހަނދާން ދަމަހައްޓައިދޭ ނުވަތަ ހަނދާނީ ހަދިޔާއެއްގެ ގޮތުގައި ދޭ އެއްޗެއް. (2) souvenir
ޒަރޫރަތް ނ. (1) ކޮންމެހެން ބޭނުންޖެހިފައިވާ ނުވަތަ ލާޒިމު އެއްޗެއް ނުވަތަ ކަމެއް. (2) އެންމެ އަސާސީ ކަންކަން. (3) essential, necessity
ޒިންމާ ނ. (1) އުފުލާންޖެހޭ މަސްއޫލިއްޔަތު. (2) އަދާކުރާންޖެހޭ ވާޖިބު. (3) ކަމެއް ބޮލުގައިއަޅާ އެޅުން. (4) responsibility