ad_banner
ދުނިޔޭގެ އެންމެ ރަނގަޅު ސިޓީތަކުގެ ލިސްޓްގެ ދެވަނައަށް ބެންކޮކު އައީ މި ދިޔަ އަހަރު 24ވަނައިގައި އޮވެފައެވެ. ކީއްވެ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

9 ފެބްރުވަރީ 2025

ބެންކޮކު ސިޓީގެ މަންޒަރެއް

މީޑީއާއާއި މެހުމާނުދާރީއާ ބެހޭ ކުންފުންޏެއްކަމަށްވާ "ޓައިމް އައުޓްސް"އިން ކޮންމެ އަހަރަކު އާންމު ކުރާ "ދުނިޔެގެ އެންމެ ރަނގަޅު ސިޓީތަކުގެ" ލިސްޓުގެ ދެވަނައަށް ބެންކޮކު ލިސްޓުކުރީ ކީއްވެގެންހެއްޔެވެ؟ މިދިޔަ އަހަރު އެ ސިޓީ ހިމެނިފައި އޮތީ ލިސްޓުގެ 24ވަނައިގައެވެ.  އިނގިރޭސިވިލާތުގެ ކުންފުންޏެއްކަމަށްވާ ]ޓައިމްއައުޓު[ން މި ގޮތަށް ސިޓީތައް ދަރަޖަކުރަނީ އެ ސިޓީތަކުގައި ދިރިއުޅޭ މީސްމީހުންނާ ބަސްދީގަތުންތައް ބާއްވައިގެން ހަދާ ސާވޭއެއްގެ ނަތީޖާއަށް ބަލައިގެންނެވެ. މި ސާރވޭގައި ބަލަނީ މީހުންގެ އުފާވެރިކަމުގެ މިންގަނޑު (ހެޕިނަސް އިންޑެކުސް)އަށާއި ސަގާފަތަށާއި ލިބޭން ހުންނަ ކާނާއަށާއި، އަދި ލިބޭން ހުންނަ ކާނާއާއި ތަކެއްޗާއި ޚިދުމަތުގެ އަގުހެޔޮކަމަށެވެ. ޖުމުލަކޮށް މައިގަނޑު ގޮތެއްގައި ސިޓީގައި ދިރިއުޅޭ މީހުންގެ އުފާވެރިކަމުގެ މިންގަނޑަކީ އެ ސިޓީއެއް އެންމެ ރަނަގަޅު ސިޓީއެއްގެ ގޮތުގައި ދަރަޖަކުރުމުގެ މައިގަނޑު ބަހާއެވެ.

ބޭންކޮކު އެހައި މައްޗަށް އެރީ ކިހިނެއް؟

މި ދިޔަ އަހަރު 24ވަނައިގައި އޮވެފައި ބެންކޮކު އެހާ މައްޗަށް، ކުއލިއަކަށް އެރުމަކީ ފަތުރުވެރީން ވެސް ވަރަށް ގަޔާވި ކަމެކެވެ. މިހެން މިވީ ކީއްވެތޯ ބަލައިލާ އިރު، އޭގެ ސަބަބުތައް ބައިވަރެވެ.

ފުރަތަމަ ސަބަބަކީ ބެންކޮކުގެ މުއްސަނދި ސަގާފަތެވެ. ބެންކޮކު ވަނީ މީހުން ޒިޔާރަތްކުރާ ހިތްވާ ކަހަލަ ސަގާފީ އެތައް އާސާރަކުން ފުރިފައެވެ.

އާދޭހެވެ! ބެންކޮކަކީ ސަގާފީ ތަރިކަތަކުން މުއްސަނދިވެފައިވާ ސިޓީއެކެވެ. ތަފާތު ހުރިހައި ބާވަތްބާވަތުގެ ކާނާ އެ ތަނުން ލިބެއެވެ. އަދި އެ ސިޓީގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ ޙަރަކާތްތެރި، ދިރުން ހުރި، މުރާލި ދިރިއުޅުމުގެ ވައްޓަފާޅިއެކެވެ.   

މި ދެންނެވި ހުރިހައި ޚިދުމަތެއް ޖީބަށް ލުއިވުމަކީ މި ކަންކަމަށް އިތުރުވި އާ މާކުހެކެވެ. (ޕްލަސް ޕޮއިންޓެކެވެ.)

އެ ސިޓީގައި ދިރިއުޅޭ މީހުންގެ ތެރެއިން %84 އިންސައްތަ މީހުން އެއްބަސްވާ ގޮތުގައި ބޭރުން ކައިލުމާއި ކޮފީއެއް ބޯއިލުމާއި ފިލްމެއް ބަލައިލުމަކީ ހަމަ ކޮންމެ މީހަކަށް ވެސް އެ ޚިދުމަތްތަކަށް ވާސިލުވެވޭ ހައި ހެޔޮ އަގުތަކެއްގައި ލިބޭ ޚިދުމަތްތަކެކެވެ.

އަދި %86 އިންސައްތަ މީހުން ބެންކޮކު ސިޓީއިން ލިބޭން ހުންނަ ކާނާ ދަރަޖަކޮށްފައިވަނީ، "ރަނގަޅު" ނުވަތަ "އެންމެ ރަނގަޅު"ގެދަރަޖައިގައެވެ.

ބެންކޮކުގެ [ދާރުލްމުއްތަޤީން] މިސްކިތް: ތައިލެންޑަކީ އިސްލާމީ ޤައުމެއްކަމުގައި ނުވިޔަސް އެ ޤައުމުގައި ވެސް ވަރަށް ބައިވަރު މުސްލިމުން ދިރިއުޅެއެވެ.

ސިޓީގައި ދިރިއުޅޭ މާހިރަކު ބުނެފައިވަނީ ބެންކޮކު ސިޓީއަކީ ތަފާތު އަދި އާދަޔާ ޚިލާފު ރަނގަޅު ސިޓީއެއްކަމުގައެވެ. މަގުމަތީން ލިބޭން ހުންނަ ކާނާގެ މީރު ވަހުން ޖައްވު އޮންނަނީ އެއްވަސްވެފައެވެ. އަދި ފެންވަރު ރަނގަޅު ރެސްޓޯރަންޓުތަކާއި މަތީ ފެންވަރުގެ ހޮޓާތައް ބައިވަރެވެ. ރައްޔިތުން އުޅެނީ އުފަލުގައެވެ.

ބެންކޮކު ސިޓީ ބޭރު މީހުންނަށް މަޝަހޫރީ ކީއްވެ؟

ތަކެއްޗާއި ޚިދުމަތުގެ އަގު ޖީބަށް ލުއިވުމުގެ އިތުރަށް ރައްޔިތުންގެ މޫނުމަތީން ފެންނަ އުފާވެރިކަމާއި ސިޓީގެ ފިނިހޫނުމިނާއި އެ މީހުންގެ އޯގާވެރި މެހުމާނުދާރީއަކީ ފާހަކޮށްލެވޭ ކަންކަމެވެ. އަދި ތަފާތު ބާވަތްތައް އަގުހެޔޮކޮށް ގަންނާން ލިބޭ ރޭގަނޑުގެ މާރުކޭޓުތަކާއި ދުނިޔޭގެ ފެންވަރުގެ [މުނިފޫހިފިލުވުމުގެ] ޙަރަކާތްތަކަކީ ހިތްހަމަޖެހުމާއި އުފާވެރިކަމަށް ނިމުން ނާންނަ ސަބަބުތައްކަމަށް އެ މީހުން ފާހަގަކުރެއެވެ.

[ޓައިމްއައުޓު]ން ދާދި ފަހުން ވަނީ އެ ތާގެ ރޭގަނޑުގެ ޙަޔާތަކީ މުޅި ދުނިޔޭން ވެސް އެންމެ ހިތްގައި އެންމެ [އަވައްޓެރި] ޙަރަކާތްކަމަށް ދަރަޖަކޮށްފައެވެ.

ބެންކޮކުގެ އަނެއް އުސްއައްޔަކީ ލުއިކާނާއާއި ކޭކު ފަދަ ތަކެތީގެ ތަފާތު ބާވަތްތައް އަގުހެޔޮކޮށް ލިބޭން ހުންނަ ހުރުމެވެ. ޔައޯވަރަތު (ނުވަތަ ޗައިނާ ޓައުން)ގައި ހުންނަ ޗަތޫޗަކު މާރުކޭޓަކީ މަގުމަތީގެ ކާނާއަށް އެންމެ މަޝްހޫރު އެއް ތަނެވެ.

މި ހުރިހައި ކަމެއްގެ އިތުރަށް އެތެރޭގެ ދަތުރުފަތުރުގެ އަވަސްދުވެލީގެ ނިޒާމަކީ ވެސް ބެންކޮކު ސިޓީއަށް މިހައި ބޮޑު ކުރިއެރުމެއް ލިބުނު އެއް ސަބަބުކަމަށް މި ސާވޭއިން ފާހަގަކުރެވުނެވެ.

ދުނިޔޭގެ ދަރަޖަކުރުން: އެންމެ ރަނގަޅު ސިޓީތައް 2025

ބައިނަލްއަގުވާމީ ދަރަޖަކުރުމުގެ މި ލިސްޓުގެ އެއްވަނައިގައި އޮތީ ދެކުނު އެފުރިކާގެ ކޭޕުޓައުނެވެ. ހިތްގައިމު ގުދުރަތީ މަންޒަރުތަކާއި މުއްސަނދި ތަފާތު ސަގާފަތްތަކުން ފުރިފައިވާ ސިޓީއެކެވެ.

މި ލިސްޓުގެ ދެ ވަނައިގައި އޮތް ބެންކޮކު ސިޓީގެ ފަހަތުން ތިންވަނައިގައި އޮތީ ނިއުޔޯކު ސިޓީއެވެ. އެއާ ޖެހިގެން އޮސްޓރޭލިއާގެ މެލްބަން ސިޓީއެވެ. ދެން އިނގިރޭސިވިލާތުގެ ލަންޑަނެވެ. އެއާ ޖެހިގެން ފަރަސްސޭސިވިލާތުގެ އޯރލިއަންސް ސިޓީއެވެ.

ދެން ތަރުތީބުން މެކްސިކޯސިޓީއާއި ޕޯޗުގަލްގެ ޕޯޓޯއާއި ޗައިނާގެ ޝަންހާއީއާއި ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަނެވެ. މި ދަނަނަވައިލީ މި ލިސްޓުގެ ގަދަ 10ގައި ހިމެނޭ ސިޓީތައް ތަރުތީބުންނެވެ.

ތައިލެންޑަށް ލިބޭ ބައިނަލްއަގުވާމީ ދަރަޖަ މަތިވަމުން އައުމުގައި އެ ގައުމުގެ ޝިއަންމައި ސިޓީ ވެސް މުހިންމު ދައުރެއް އަދާކުރެއެވެ. އެއީ ތައިލެންޑަށް އެންމެ ގިނަ ފަތުރުވެރީން ޒިޔާރަތްކުރާ އެއް ސިޓީއެވެ.

ބައިނަލްއަގުވާމީ ހަބެއްގެ ގޮތުން ބެންކޮކްގެ ކުރިމަގު

ޒަމާނީ ތަރައްގީއާއި ސަގާފަތް މަސްހުނިވެ ކުރިއަރައިގެން އަންނަ އައުމުގެ ސަބަބުން ތައިލެންޑްގެ ބެންކޮކު ހަމައެކަނި މަޝަހޫރުވަނީކީ ފަތުރުވެރީންގެ މަގުބޫލުކަން ލިބިފައިވާ ސިޓީއެއްގެ ގޮތުގައެއް ނޫނެވެ. އޭގެ އިތުރަށް އެ ސިޓީ ބަދަލުވަމުން އަންނަނީ އެކި ގައުމުތަކުގެ މީހުން ދިރިއުޅޭ ހިތްވާ ސިޓީއަކަށެވެ. މަގުމަތީގައި ފޮރުވިފައިވާ ކާނާގެ [ޖަވާހިރު]ތަކާއި ވަދެ ބަލައިލާން ހުންނަ ފައްޅިތައް ފަދަ ސަގާފީ ތަރިކަކަތަކާއި [ރޭގަނޑުގެ ނެށުންތަކުގެ] ސަބަބުން ބެންކޮކު ވެފައިވަނީ ކޮންމެ ހިތްހަމަޖެހުމަކަށް ވެސް ނިމުން ނެތް ސިޓީއެއްގެ ގޮތުގައެވެ. އިތުރު ތަފުސީލު ލިބިވަޑައިގަންނަވާނީ ކޮންމެ ބޭފުޅަކަށް އެ ސިޓީއަށް ޒިޔާރަތްކުރެއްވުނު ދުވަހަކުންކަމަށް ވާތީ މި ހިސާބުން ނިންމައިލީއެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހަބު      ނ.   (1) މަރުކަޒު. (2) ވަށައިގެން އެނބުރޭ އެއްޗެއް ހިފެހެއްޓުމަށް ޓަކައި މެދުގައި ހަރުކޮށްފައި ހުންނަ އެތި.

ވައްޓަފާޅި  ނ.   (1) ކަންތައް ކުރުމުގެ ފާޑު. (2) ކަންތައް ކުރާނޭ ގޮތް.

ތަރިކަ    ނ.   (1) ކާބަފައިންގެ ފުށުން ޖީލުތަކަށް ވާރުތަވާ އަދި ރައްކާތެރިކަމާއެކު ދަމަހައްޓާންޖެހޭ ސަގާފަތާ އާދަކާދައާއި ގިޔަމުތަކާ ހުނަރުތަކާއި ބަހާއި އަދަބިއްޔާތު ފަދަ މާނަވީ އަދި މާއްދީ އެންމެހާ އެއްޗެހި، ނުވަތަ ތުރާސް. (2) މީހަކު މަރުވާ އިރު، އޭނާ ދޫކޮށްފައިދާ އެންމެހައި މުދަލާއި ފައިސާއާއި ހައްގުތައް،. (3) ވާރުތަ. (4) ތުރާސް

ތުރާސް   ނ.   ކާބަފައިންގެ ފުށުން ޖީލުތަކަށް ވާރުތަވާ އަދި ރައްކާތެރިކަމާއެކު ދަމަހައްޓާންޖެހޭ ސަގާފަތާއި އާދަކާދައާއި ގިޔަމުތަކާއި ހުނަރުތަކާއި ބަހާއި އަދަބިއްޔާތު ފަދަ މާނަވީ އަދި މާއްދީ އެންމެހާ ތަރިކަ.

ސަގާފަތް  ނ.  އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެ ބައެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަ ދެއްކުމާއި، މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާއި މި ހުރިހާ ކަމަކާ ގުޅިފައިވާ އާދަކާދަ.

ކޮމެންޓު