އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
6 ފެބްރުވަރީ 2025
ތިމާއަށް ނޭނގޭ ކޮންމެ އެއްޗެއް އެއީ ނެތް އެއްޗެއްކަމަށް ނުވަތަ އެއީ ތާކުންތާކު ނުޖެހޭ އެއްޗެއްކަމަށް ވަކާލާތުކުރުމަކީ ކޮން ކަހަލަ ތަހުޒީބެއްހެއްޔެވެ؟ އަދި ތިމާއަށް އެ ކަމެއް ރަނގަޅަށް ނޭނގިއްޖެ ނަމަ އެ ކަމެއް ނުވަތަ އެ އެއްޗެއް އުވައިލާން ބަހުސްކުރުމަކީ ތަޢުލީމީ ގޮތެއްހެއްޔެވެ؟
ތަންކޮޅެއް ސަރީހަކޮށް މި ވާހަކަ ދަންނަވައިލާނަމެވެ. ގިނަ ބޭފުޅުން ކޯފާވާނެކަން އެނގިހުރެއެވެ. ދިވެހިބަހަކީ ފަގީރު ބަހެކޭ އަދި ދިވެހިބަހުގައި ލަފުޒު ނުހުރެޔޭ ވިދާޅުވެ އިނގިރޭސި ލަފުޒުތައް ބޭނުންފުޅުކުރައްވަނީ ދިވެހިބަހަށް އެ ބޭފުޅަކު ކޮށިވީމައެވެ. ދިވެހިބަސް ފަގީރުކަމަކުންނެއް ނޫނެވެ. ދިވެހިބަހަކީ މުއްސަނދި ގަދީމީ ބަހެކެވެ. ދިވެހިބަހުގެ ލަފުޒުތައް ބޭނުންފުޅުކުރައްވާން ބައެއް ބޭފުޅުން ބޭނުންފުޅުނުވަނީ ޤައުމީ ރޫޙު އެ ބޭފުޅެއްގެ ނަފުސުގައި ކުޑަވީމައެވެ. މި ވާހަކައިގެ ތަފުސީލަށް ދިޔުމުގެ ކުރީން ތިޔަ ބޭފުޅުންގެ އިޒުނައާ އެކު، މައުޟޫޢުގެ ހަމާސާއަށް ޖެހިލާނަމެވެ.
އާދޭހެވެ! ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ދެ ބަސް މަސްހުނިކޮށްގެން ވާހަކަދައްކައެވެ. މާ ދުރަކަށް ދާނެކަމެއް ނެތެވެ. އަޅުގަނޑުމެންގެ އަވައްޓެރި އުތުރުރުކަރައިގައި މިއީ އާންމު ކަމެކެވެ. ނަމަވެސް ދިވެހީން ޢަމަލުކުރާ ގޮތާއި އެ މީހުން ޢަމަލުކުރާ ގޮތުގައި ވަރަށް ބޮޑު ތަފާތެއް ހުރެއެވެ. ހިންދީއާއި އިނގިރޭސިބަހާ މަސްހުނިކޮށްގެން ވާހަކަދެއްކުމަކީ އެ މީހުންގެ އާދައަކަށް ހަދައިފައި ހުންނަނީ ފިލްމީ ދާއިރާއާއި މުނިފޫހިފިލުވުމުގެ ދާއިރާގައެވެ. އަދި ނުރަސްމީ މުޢާމަލާތުތަކުގައެވެ. ދީނީ، ޢިލްމީ، ޤާނޫނީ، ސިޔާސީ، ޤައުމީ (ރަސްމީ) މުޢާމަލާތުތަކުގައި އެ މީހުން މި ސަކަރާތެއް ނުޖަހައެވެ. އެ މީހުން ބަލަނީ އެ މީހުންގެ ޤައުމިއްޔަތު ކުރިއެރުވޭތޯއެވެ. އެ މީހުން އެ މީހުންގެ މާދަރީބަހާ މެދު ފަޚުރުވެރިވެއެވެ. މާދަރީބަހުން ފަޞާޙަތްތެރިކަމާއި ބަލާޣާތްތެރިކަމާ އެކު، ވާހަކަދައްކާން ނޭނގުމަކީ "ތައުލީމީ" ނުވަތަ އިލްމީ ކަމެއްކަމަކަށް އެ މީހުން ގަބޫލެއް ނުކުރެއެވެ.
ނަމަވެސް ދިވެހީން ތަފާތެވެ. ގިނަ މީހުން އެ މީހުންނަކީ ތަޢުލީމީ މީހެއްކަމަށް ދެއްކުމަށް ޓަކައި ދިވެހި މުޢާމަލާތުގައި އިނގިރޭސި ލަފުޒު ބޭނުންކުރެއެވެ. ހަމަ ރީތި ލަފުޒު ހުއްޓައެވެ. ނޭނގޭތީއެވެ. ނުވަތަ އެނގޭން ބޭނުން ނުވާތީއެވެ. ނުވަތަ ނުކިޔަވައި ހުރި މީހެއްކަމަށް އެހެން މީހުން ހީކޮށްފާނެކަމަށް ހީވާނީ، "ކިޔަވައިގެން ހުރި" މީހެއްކަން ދެއްކުމަށް ޓަކައެވެ. ނަމަވެސް ތިމާގެ އަމިއްލަ މާދަރީބަހުން ވާހަކަދައްކާން ނޭނގުމަކީ އެއީ ތަޢުލީމީ މީހެއްކަން އަންގައިދޭ މިންގަނޑެއްކަމަށް ބަލާ ނަމަ، އަޅުގަނޑުމެން ޤައުމިއްޔަތޭ ކިޔައިގެން ދިރުވާން ނުވަތަ އިޢާދަކުރާން މި އުޅެނީ ކޮން އެއްޗެއްތޯ އަޅުގަނޑު އޮޅުންފިލުވާން ވަރަށް ބޭނުމެވެ.
އަސްލު މައުޟޫޢަށް އެނބުރި ރުޖޫޢަވާނަމެވެ. ދިވެހިބަހުގައި އަދި ރަދީފުގައި ވެސް ލަފުޒު ނުހުންނަނީކީ ނޫނެވެ. އަޅުގަނޑުމެންނަށް ނޭނގެނީއެވެ. ހުރިތޯ ބަލާން ބޭނުންވެސްނުވަނީއެވެ. މި ކަން ސާބިތުކުރުމަށް ޓަކައި ބައެއް މިސާލުތައް ދަންނަވައިލާނަމެވެ.
ޔުނިފޯމުގައި މަސައްކަތްކުރާ ބައެއް އިދާރާތަކުގެ ނަން ދިވެހިބަހުން ޖަހާން ބޭނުން ނުވަނީ ބޭރު މީހުންނަށް ނޭނގޭނެތީކަމަށް ބުނެއެވެ. ނަމަވެސް އެ މުއައްސަސާއަކީ ދިވެހީންނަށް ޚިދުމަތްކުރާން އުފައްދައިފައި ހުންނަ މަދަނީ މުއައްސަސާއެއްކަމަށްވާ ނަމަ، ބިދޭސީންނަށް އެނގުމާއި ނޭނގުމުގެ ސުވާލު އުފައްދާކަށް ވެސް ނުޖެހޭ ނޫންތޯއެވެ. ޔުނިފޯމު ފެނުމުން އެއީ ކޮން ބަޔެއްކަން ބިދޭސީންނަށް ވެސް އެނގޭނެތާއެވެ. ނޭނގެންޏާ ދަންނަ މީހުންކުރެން އަހައިގެން އޮޅުންފިލުވާނެވެސްތާއެވެ! މިސާލަކަށް އިންޑޮނޭޝިއާ ބަހުން "ޕުލިސީ" (polisi)އޭ ލިޔެފައި އޮތަސް އަދި މެލޭ ބަހުން "ޕޫލީސް" (polis) ލިޔެފައި އޮތަސް އަދި ޢަރަބިބަހުން "ޝުރުޠާ" (شرطة)އޭ ލިޔެފައި އޮތަސް ޔުނިފޯމުން އެއީ ކޮން ބަޔެއްކަން ދެނެގަންނާކަށް އެއްވެސް މީހަކު އުނދަގޫ ވެގެންނެއް ނޫޅެއެވެ. ވީމާ، ބިދޭސީންނޭ ފަޅޮލޭ ކިޔައިގެން އެ ދައްކާ ވާހަކައަކީ ތާކުންތާކު ނުޖެހޭ ހުސް ހޮޅި ވާހަކައެވެ. ޤައުމިއްޔަތަކީ ކޮން އެއްޗެއްކަން ނޭނގޭތީ ނުވަތަ ޤައުމީ ލޯބި ހިތުގައި ނޯންނާތީ ދެއްކޭ ވާހަކައެވެ.
ދެން އަޅުގަނޑުމެން އަހަރުގެ ފުރަތަމަ ކުއާޓާއޭ މި ކިޔަނީ އެންމެ އިހުއްސުރެ އެއަށް ވުރެ ފަސޭހަ ލަފުޒެއް ނެތީމާތޯއެވެ؟ "ކުއާޓަރ" ލިޔުމަށް ވުރެ، ކިޔުމަށް ވުރެ، ލިޔާށާއި ކިޔާން މާ ފަސޭހަ ލަފުޒެއް އެންމެ އިހު ޒަމާނުއްސުރެ ދިވެހިބަހުގައި އޮވެއެވެ. އެއީ "ކާލު" މި ލަފުޒެވެ. އަހަރުގެ ދެވަނަ ކާލުގައޭ ލިޔެ ކިޔާން، ސެކަންޑް ކުވާޓާރގައޭ ކިޔުމަށް ވުރެ މާ ފަސޭހައެވެ. ނަމަވެސް އެހެން ކީމާ ތަޢުލީމީ މީހަކަށް ނުވަނީއްޔޯލައެވެ.
އަޅުގަނޑުމެން "ބާމިޔާ" ނުވަތަ "ބާމިޔާތޮޅި"އަށް އިނގިރޭސިބަހުން "އޮކްރާ"އަށް ކިޔާ މަޖާޒީ ނަން، "ލޭޑީސް ފިންގަރ"އޭ މި ކިޔަނީ ލިޔާށާއި ކިޔާން ފަސޭހަކަމުންތޯއެވެ؟ ނޫނެކެވެ. ތަޢުލީމީ މީހެއްކަމަށް ނުވެ ކަޓު މީހަކަށް ވެދާތީއްޔޯލައެވެ.
އަދި މާ އާދައިގެ ލަފުޒެކެވެ. މިހާރު "ދޮންކެޔޮ" ކިޔުމުގެ ބަދަލުގައި "ބެނާނާ" ކިޔާ އަޑު ގަދަވާން ފަށައިފިއެވެ. ތަޢުލީމީ މީހުންނަށް ވާން ވެގެންނޯލައެވެ. އެންމެންނަށް "ސިޓްރޯން" އެނގުނަސް "ނިޔަނދުރު" ނޭނގެނީ ދިވެހިބަހުގެ ކުށުންތޯއެވެ؟
ކާސިންޖީފަތޭ ނުކިޔައި "ލެމަން ގްރާސް" ކިޔާން ފަށައިގަތީ ކީއްވެގެންތޯއެވެ؟ ހަބަރުފަތް ކިޔުމުގެ ބަދަލުގައި "އެލޯވެރާ"އޭ ކިޔަނީ ކީއްވެގެންތޯއެވެ؟ ގޮމަށި ފަދަ ރީތި ލަފުޒެއް އޮއްވައި "ލެމަން"އޭ މި ކިޔަނީ އަޅުގަނޑުމެން ތަޢުމީމީ ވީމާތޯއެވެ؟
"ސިޔާގު"ގެ ވާހަކަދައްކައި ހަދާ އިރު، އެ ލަފުޒުގެ ބަދަލުގައި "ކޮންޓެކްސްޓް"އޭ މި ކިޔަނީ ކިޔާން ފަސޭހަކަމުންތޯއެވެ؟ ލިޔާން ބޭނުންވާ އަކުރު މަދުކަމުންތޯއެވެ؟ ނުވަތަ ތަޢުލީމީ މީހެއްކަމަށް އެހެން މީހުން ގަބޫލުނުކޮށްފާނެތީތޯއެވެ؟ "ތަވާޒުނު" ނުކިޔައި "ބެލެންސް" މި ލަފުޒު ބޭނުންކުރަނީ، ކުޑަ ޖާގައެއްގައި އެ ލަފުޒު ބޭނުންކުރެވޭތީތޯއެވެ؟ ނުވަތަ ތަޢުލީމީ މީހެއްކަމަށް މީހުން ބަލައިނުގެންފާނެކަމުގެ ބިރަށް ޓަކައިތޯއެވެ؟
ދިވެހިބަހުގައި "ތާވަލު"، "މޭޒު" ވަކި ދެ ލަފުޒެއްގެ ގޮތުގައި އޮތަސް މޭޒަށް ވެސް އަދި ތާވަލަށް ވެސް އަޅުގަނޑުމެން "ޓޭބަލް" ކިޔައިގެން ވާހަކަދައްކަނީ ދިވެހިބަސް ފަގީރުކަމުންތޯއެވެ؟ ނުވަތަ ކަޓު މީކަހަށް ނުވާންވެގެންތޯއެވެ؟
އިނގިރޭސިބަހުންނާއި ދިވެހިބަހުން ލިޔެފައި އޮތް ޢިބާރާތެއް އަޅުގަނޑު ދާދި ފަހުން ދުށީމެވެ. "ނިއު ކްލައިމެޓު އެކްޝަން ޕްލޭން" ތާނަ އަކުރުން ލިޔެފައި އޮތީ ދިވެހިބަހުން އެ އަށް ކިޔާނެ ނަމެއް ނެތީމާތޯއެވެ؟ ނުވަތަ ހަމަ ތަޢުލީމީ ބަޔެއްކަމަށް އެހެން ބަޔަކު ނުދެކެފާނެތީތޯއެވެ؟ ލެޓިން އަކުރުން، އިނގިރޭސި ބަހުން، ލިޔެފައި އޮއްވައި، ހަމަ އެ ޢިބާރާތް ތާނަ އަކުރުން ލިޔުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ އަޅުގަނޑަކަށް ނުވިސްނުނެވެ. ތާނައަކުރުން ކިޔައިގެން އޭގެ މާނަ އެނގޭ މީހެއް ނަމަ، ލެޓިން އަކުރުން އޮތް އިނގިރޭސި އިބާރާތް ވެސް ކިޔާށާއި މާނަ ވެސް އެނގޭނެތާއެވެ!
"އިންވެސްޓްމެންޓް" ފަދަ، "އިންފްރާސްޓްރަކްޗަރ" ފަދަ ދިގު އަދި ދުލަށް ބުރަ ލަފުޒުތައް އަޅުގަނޑުމެން ބޭނުންކުރަނީ "ވުނަ"އާއި "ބިނާރު" ފަދަ ލުއި ފަސޭހަ ލަފުޒުތައް ދިވެހިބަހުގައި، ދިވެހިބަހުގެ ރަދީފުގައި، ހުރިކަން ބަލާން ބޭނުންވެސްނުވާތީއެވެ. ނުވަތަ ތަޢުލީމީ މީހުންކަން އެހެން މީހުންނަށް "އަންގާން"ވެގެންނެވެ. މާފުކުރެއްވުން އެދެމެވެ. މި ފާޅުކުރަނީ އަޅުގަނޑުގެ އަމިއްލަ، އެކަމަކު އިޚުލާޞްތެރި ޝުޢޫރެކެވެ.
މި ލިޔުން ވިދާޅުވާ ގިނަ ބޭފުޅުން އަޅުގަނޑަށް ލައްކަ "އެތިވަރު ބާލުއްވާނެކަން" އެނގެއެވެ. ތިޔަ ބޭފުޅުން ހައި މޮޅު ނުވިޔަސް ދިވެހިބަސް ފިޔަވައި ބައެއް އެހެން ބަސްބަހުން އަޅުގަނޑަށް ވެސް މުޢަމަލާތުކުރާން އެނގެއެވެ. އެހެން ބަހަކުން ބައެއް ކޯސްތައް ވެސް ފުރިހަމަކުރީމެވެ. ނަމަވެސް އަޅުގަނޑަކީ ދިވެއްސެކެވެ. އެހެން ބަހެއް އެނގުމަކީ އޭނާގެ އަމިއްލަ މާދަރީބަސް ނޭނގޭންވީ ސަބަބެއް ނޫނެވެ. އަޅުގަނޑު ނަމަ، "New Climate Action Plan" މި އިބާރާތް ތާނައިން ލިޔުނީހީ "މޫސުމީ ޢަމަލީ އައު ތަދުބީރު" މިހެންނެވެ. މިއީ އަޅުގަނޑު އަމިއްލައަށް ހަދައިލި ޢިބާރާތެއް ނޫނެވެ. ދިވެހިބަހުގެ ރަދީފުގައި ހުރި ލަފުޒުތައް ބޭނުންކޮށްގެން ލިޔުނު ޢިބާރާތެކެވެ.
އަޅުގަނޑަކީ މައް ދިވެއްސެކެވެ. އަޅުގަނޑު ބޭނުންވާ ކޮންމެ ޚިޔާލަކާއި ޝުއޫރެއް އެއްވެސް އުނދަގުލެއް ނެތި ލިޔެ ކިޔައި ހަދާކަށް އަޅުގަނޑަކަށް ހަމަ އެއްވެސް ދަތިކަމެއް ދިވެހިބަހަކުންނެއް ނުފެނެއެވެ. އެއީ ދިވެހިބަހުން އަމިއްލަ ޝުއޫރު ފާޅުކުރާން ނޭނގުމަކީ "ތަޢުލީމީ" ކަމެއްކަމަށް އަޅުގަނޑު ގަބޫލު ނުކުރާތީއެވެ. އަޅުގަނޑުގެ ނަޒަރުގައި ބޭރު ބަހެއް އެނގުމަކީ ތަޢުލީމީވުމެއް ނޫނެވެ. ތަޢުލީމީވުމަކީ، ފަރުދެއްގެ ހައިސިއްޔަތުންނާއި މުސްލިމު ދިވެހި ރައްޔިތެއްގެ ހައިޔިއްޔަތުން އޭނާ އަދާކުރާންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަން ލިބި ހުރުމާއެކު ތަހުޒީބީ، ސުލޫކީ، އަޚުލާޤީ ސިފަތަކުން ސިފަ ލިބިގެންވުމެވެ. އެ ކަމަށް ބޭނުންވާ އިލްމާއި ފަންނާއި ހުނަރު ލިބިގެންވުމެވެ. އެހެންކަމުން އެ މީހެއްގެ އަމިއްލަ މާދަރީބަހުން މި ކަންކުރުމުގެ ގާބިލުކަން ނެތަމަ، އެއީ އަޅުގަނޑުގެ ނަޒަރުގައި ތަޢުލީމީ އަދި ޤައުމީ ރޫޙު ހުރި މީހެއްނޫނެވެ.
މި ވާހަކަ ކިތަންމެ ދިގުކޮށްވެސް ލިޔެވިދާނެއެވެ. ނަމަވެސް މިހާރު ވެސް މާ ދިގުވެއްޖެއަތީ ގިނަ ބޭފުޅުން ތުންފުޅު މިހާރު ވެސް ދިގުކުރައްވާނެއެވެ. އެހެންކަމން ދެން އިތުރަކަށް ދިގުކުރާކަށް ނެތީމެވެ.
އާދޭހެވެ! ތިމާގެ ކިބައިގައި ގައުމީ ރޫހެއް ނެތުމުގެ ސަބަބުން ތިމާއަށް ތިމާގެ އަމިއްލަ މާދަރީބަހުން ހެޔޮކޮށް މުޢާމަލާތުކުރައްވާން އެނގިވަޑައިނުގަންނަވާތީ ބަސް ކުށްވެރިނުކުރައްވާށެވެ! ތިމާއަށް ރަނގަޅު ދިވެހި ލަފުޒު ނޭނގުމަކީ އެ ލަފުޒު ދިވެހިބަހުގައި ނެތުމެއް ވެސް ނޫނެވެ. އަކުރުގައި ނުކުތާޖަހާންވީ ރަނގަޅު ތަން ނޭގުމަކީ ނުކުތާޖެހި އަކުރުތައް އުވައިލާން ވާކާލާތުކުރާން ޖެހޭ ކަމެއްނޫނެވެ. އަދި ތިމާއަށް ބަހުގެ ގަވާއިދު ނޭނގުމަކީ އެ ގަވާއިދު ކަޓުކަމަށް ވަކާލާތުކުރާން ޖެހޭކަމެއް ނޫނެވެ. ރަދީފުގައި ލަފުޒު ނުހުންނަނީކީ ނޫނެވެ. އަޅުގަނޑުމެންނަށް ނޭނގެނީއެވެ. ހުރިތޯ ބާލާން ބޭނުންވެސްނުވަނީއެވެ. އުނގެނުމުގެ ހިތްވަރާއި ޝައުޤުނެތީއެވެ. ދިވެހިބަސް ކުށްވެރިނުކުރައްވާށެވެ! އަމިއްލަ ނަފުސު ކުށްވެރިކުރައްވާށެވެ! ނުވަތަ ތަޢުލީމީ ނިޒާމު ކުށްވެރިކުރެއްވިޔަސް އަޅުގަނޑަކަށް މައްސަލައެއް ނެތެވެ.
____________________________________________
ބައެއް ލަފުޒުގެ މާނަ:
ބިނާރު ނ. ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހައި ޚިދުމަތްތަކެއް ދިނުމަށް ޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ.
ކާލު ނ. ހަތަރުބައިކުޅަ އެއްބައި..
ވުނަ ނ. ފައިދާ ނުވަތަ މަންފާ ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ޚަރަދުކުރާ ފައިސާ ނުވަތަ މުދަލަކަށް ކުރާ ހޭދަ ނުވަތަ އެ ފަދަ ކަމެއްގައި ވާ ހިއްސާ.
ތަވާޒުނު ނ. ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން.
ސިޔާގު ނ. ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ހާލަތު.
ބާމިޔާ ނ. އަރި އަރިޔަށް ހުންނަ، ދަވަގިނަ، ތޮޅިޔެއް އަޅާ ގަހެއް. މީގެ ތޮޅިޔަކީ ވަރަށް މޮޅު ތަރުކާރީއެކެވެ.
ކާސިންޖީ ނ. ލަންސިމޫ ގަސް ހެން ހެދޭ އެއަށް ވުރެ ފަތްތުނި ،ފަތުގައި ލުނބޯ ފާޑުގެ މީރުވަހެއްދުވާ ގަހެއް.