އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
14 ސެޕްޓެންބަރު 2026
މެލޭޝިއާގެ 10ވަނަ ބޮޑުވަޒީރު، ދާތޫ ސިރީ އަންވަރު އިބްރާހީމަކީ އެ ޤައުމުގެ ސިޔާސީ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ގިނަ ފިއްތުންތަކާ ކުރިމަތިލައްވާފައިވާ އެއް ޝަޚުޞިއްޔަތެވެ. އޭނާއަކީ ހިތްވަރާއި، ސާބިތުކަމާއި، ސިޔާސީ ދާއިރާގައި ދޫނުދެއްވުމުގެ އާދަޔާޚިލާފު ނަމޫނާއެކެވެ. އަދި އޭނާއަކީ އިސްލާމީ އުންމަތުގެ ދިފާޢުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާ އިސްލާމީ ޝަޚުޞިއްޔަތެވެ.
މިއަދު ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ޒިޔާރަތްކުރައްވާ އިރު، އެ މަނިކުފާނުގެ ހިތްވަރުފުޅު ގަދަ އަރުތަވެރި ޙަޔާތްޕުޅުގެ މައްޗަށް ކުރުކުރުކޮށް ނަމަވެސް ބަލައިލުމަކީ މުނާސަބު ކަމެއްކަމަށް ދެކެމެވެ.
އުފަންވެވަޑައިގަތުމާއި ޢާއިލީ ޙަޔާތްޕުޅު:
އަންވަރު އިބްރާހީމް އުފަންވެވަޑައިގަތީ 1947 އޮގަސްޓު 10ގައި މެލޭޝިއާގެ ޕިނޭންގއަށެވެ.
އަންވަރު އިބްރާހީމްގެ ބައްޕާފުޅު އިބްރާހީމް ޢަބްދުއްރަޙްމާން (1915–2015)އަކީ މެލޭޝިއާގެ ޤައުމީ މަޖިލީހުގެ (ބަރުލަމާނުގެ) މެންބަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. ބަރުލަމާނުގެ މެންބަރުކަންކުރެއްވުމުގެ އިތުރަށް، އޭރުގެ ސަރުކާރުގެ ބަރުލަމާނީ ސެކްރެޓަރީކަމުގެ މަޤާމު ވެސް އެ މަނިކުފާނު ވަނީ1959 އިން 1969އަށް އަދާކުރައްވައިފައެވެ.
އަންވަރުގެ ބައްޕާފުޅު - އިބްރާހީމް ޢަބްދުއްރަޙްމާން - އަވަހާރަވީ 2015 އެޕްރީލް 5ގައެވެ. އެއީ އަންވަރު އިބްރާހީމް ޖަލުގައި ހުންނެވި ދުވަސްވަރެވެ.
އަންވަރު އިބްރާހީމްގެ މަންމާފުޅު ޔާން ޙުސައިން (1922–2001)އަކީ ވެސް މެލޭޝިއާގެ ވެރިކަންކުރާ ޕާޓީ (އަމްނޯ)ގެ އަންހެނުންގެ ގޮފި (ވަނީތާ އަމްނޯ)ގެ އިސް ޙަރަކާތްތެރިއެކެވެ. މި ކަމަނާ އަވަހާރަވީ އަންވަރު ފުރަތަމަ ފަހަރަށް ޖަލު ޙުކުމް ތަންފީޒުކުރައްވަމުން ގެންދެވި ދުވަސްވަރު 2001 އޮގަސްޓު 3ގައެވެ.
އަންވަރު އިބްރާހީމްގެ އެއްބަނޑުއެއްބަފައި ހަތް ބޭފުޅުން ތިއްބަވައެވެ. މީގެ ތެރޭގައި ފިރިހެން އަދި އަންހެން ބޭފުޅުން ހިމެނެއެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެނީ އުޚުތު ރާނީ އިބްރާހީމާއި ކޮއްކޯފުޅު އިދްރީސް އިބްރާހީމާއި ކޮއްކޯފުޅު ރުސްލީ އިބްރާހީމެވެ.
ޒަވާޖީ ޙަޔާތެއް ފެއްޓެވުމަށް ޓަކައި އަންވަރު އިބްރާހީމް، ޑރ. ވާން އަޒީޒާއާ ކައިވެނިބައްލަވައިގަތީ 1980ގައެވެ. އެ ކަމަނާއަކީ ލޮލުގެ ޚާއްޞަ ޑޮކްޓަރެކެވެ. އަންވަރު 1998ގައި ޖަލަށް ލެވުމާ ގުޅިގެން، އާއިލާއާއި އިޞްލާޙީ ޙަރަކާތްތައް ދެމެހެއްޓެވުމަށް ޓަކައި އޭނާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތެވެ. ޑރ. ވާން ޢަޒީޒާއަކީ މެލޭޝިއާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޮޑުވަޒީރުގެ ނާއިބުކަން ކުރެއްވި އަންހެން ޝަޚުޞިއްޔަތެވެ. އަދި 2018އިން 2020އަށް އޭނާއަކީ ޕީޕަލްސް ޖަސްޓިސް ޕާޓީ(PKR) ގެ ފުރަތަމަ ރައީސާ ވެސް މެއެވެ.
އަންވަރު އިބްރާހީމާއި ޑރ. ވާން އަޒީޒާއަށް ހަ ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. އެއީ ފަސް އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ.
މި ބޭފުޅުންގެ ތެރެއިން އެންމެ މަޝްހޫރު ބޭފުޅަކީ ދޮށީ ދަރިކަނބަލުން ނޫރުލްޢިއްޒާއެވެ. އޭނާއަކީ މެލޭޝިއާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވައިފައިވާ، އަދި [އިސްލާޙީ ރާނީ] (ޕްރިންސަސް ރިފޯމަސީ)ގެ ނަމުން މަޝްހޫރުވެވަޑައިގަތް ސިޔާސީ ލީޑަރެކެވެ. އެހެން ބޭފުޅުންނަކީ ނޫރުއްނުހާއާއި އިޙްސާން އަންވަރު (ހަމައެކަނި ހުރި ފިރިހެން ދަރިކަލުން)އާއި ނޫރުލްއިލްހާމާއި ނޫރުލްއީމާނާއި ނޫރުލްހަނާއެވެ.
ތަޢުލީމީ ޙަޔާތްޕުޅު:
އަންވަރު އިބްރާހީމް ފަށާތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު ޙާޞިލުކުރެއްވީ އޭނާ އުފަންވެވަޑައިގަތް އިސްޓޭޓުކަމަށްވާ ޕިނޭންގގެ އިސްކޫލުތަކުންނެވެ. އެއަށް ފަހު، މެލޭޝިއާގެ އެންމެ ޝަރަފުވެރި، އެއް އިސްކޫލު ކަމަށްވާ [މެލޭ ކޮލެޖް ކުއާލާ ކާންސާ] (އެމްސީކޭކޭ)އިން ސާނަވީ ތަޢުލީމު ފުރިހަމަކުރެއްވިއެވެ.
އަންވަރު އިބްރާހީމް މަތީތަޢުލީމު ޙާޞިލުކުރެއްވީ މެލޭޝިއާގެ އެންމެ މަޝްހޫރު އެއް ޔުނވަރސިޓީކަމުގައިވާ [ޔުނިވަރސިޓީ އޮފް މަލާޔާ]އިންނެވެ. އެ ޔުނިވަރސިޓީއިން 1970ގައި މެލޭ އަދަބިއްޔާތުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލުކުރެއްވިއެވެ.
ޔުނިވަރސިޓީގައި އުޅުއްވި ދުވަސްވަރު [މެލޭޝިއާގެ މުސްލިމު ދަރިވަރުންގެ ޖަމުޢިއްޔާ] (PKPIM) ގެ ރައީސްކަން އޭނާ ކުރެއްވިއެވެ. އެ ދުވަސްވަރު ވެސް އަންވަރަކީ ދަރިވަރުންގެ ޙައްޤުތަކާއި އިޖުތިމާއީ ޢަދާލަތަށް ވަކާލާތުކުރެއްވި އިސް އިސްވާރެކެވެ.
ގައުމީ އަދި އިޖުތިމާޢީ ޚިދުމަތް
މަތީ ތަޢުލީމު ނިންމެވުމަށް ފަހު އަންވަރު އިބްރާހީމް ވަނީ ޓީޗަރެއްގެ ގޮތުން ޤައުމަށް ޚިދުމަތްތަކެއްކޮށްދެއްވައިފައެވެ.
ކުރީން ވެސް ދަންނަވައިފައިވާ ފަދައިން 1971ގައި އަންވަރު ވަނީ މެލޭޝިއާގެ އިސްލާމީ ޒުވާނުންގެ ޙަރަކާތް (އަންގކަތާންބެލީތާ އިސްލާމް މެލޭޝިއާ) އުފެއްދެވުމުގައި އިސްކޮށް އުޅުއްވައި، 1972އިން 1982އަށް އެ ޖަމުޢިއްޔާގެ ރައީސްކަން ކުރައްވައިފައެވެ.
ސަރުކާރާ ގުޅިވަޑައިގަތުމުގެ ކުރީން، އޭނާ ވަނީ އަމިއްލަ ތަޢުލީމީ މުއައްސަސާއެއްކަމަށްވާ [ޔާޔަސާން އަންޑާކޮން] އުފައްދަވައި ދަރިވަރުންނަށް ކިޔަވައިދެއްވައިފައެވެ.
އަންވަރު އިބްރާހީމަކީ ބައިނަލްއަގުވާމީ ދާރިސެއް (ލެކުޗަރަރެއް) ވެސް މެއެވެ. އެ މަނިކުފާނުވަނީ 1990ގެ އަހަރުތަކުގައި ދުނިޔޭ މަޝްހޫރު ޔުނިވަރސިޓީތަކެއްކަމަށްވާ އޮކްސްފޯޑް ޔުނިވަރސިޓީއާއި ޖޯޖްޓައުން ޔުނިވަރސިޓީއާއި ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީއާއި މި ޔުނިވަރސިޓީތަކުގައި އިގުތިސާދާއި ސިޔާސިއްޔަތާއި އިސްލާމީ ފިކުރިއްޔާތު ކިޔަވައިދެއްވައިފައެވެ.
1982ގައި ވެރިކަންކުރާ ޕާޓީ (އަމްނޯ)އާ ގުޅިވަޑައިގަތުމަށް ފަހު، ސަރުކާރުގެ ތަފާތު އިސް މަޤާމުތަކެއް އަންވަރު އިބްރާހީމް ފުރުއްވިއެވެ. (އޭނާ އަމްނޯއާ ގުޅިވަޑައިގަތް ގޮތް އަދި ފަހުން އެބަ އާދެއެވެ.) އޭނާ ފުރުއްވި މަގާމުތަކުގެ ތެރޭގައި 1983ގައި ސަގާފަތާއި ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރުކަމާއި 1984ގައި ދަނޑުވެރިކަމާ ބެހޭ ވަޒީރުކަމާއި 1986ގައި ތަޢުލީމާ ބެހޭ ވަޒީރުކަން ހިމެނެއެވެ. ނަސީބު ދިމާކުރި ގޮތުން އަންވަރު އިބްރާހީމް ތަޢުލީމާ ބެހޭ ވަޒީރުކަން ކުރެއްވި ދުވަސްވަރު މެލޭޝިއާގައި ތަޢުލީމު ޙާސިލުކުރާން އަޅުގަނޑަށް އުޅެވުނެވެ. އެ ދުވަސްވަރު އެ މަނިކުފާނާ ބައްދަލުކޮށް ސަލާންކޮށް ވާހަކަދައްކައިލުމުގެ ފުރުޞަތު ލިބުނެވެ. އެއީ ވަރަށް ހިތްޕުޅު ހެޔޮ ސާދާ ބޭފުޅެއްކަން ފާހަގަކުރެވުނެވެ. ވަޑައިގަތީ އަޅުގަނޑުމެން ދިވެހިކުދީންނާ ބައްދަލުކޮށްލާން އަޅުގަނޑުމެން ތިބި ހޮސްޓެލްއަށެވެ.
އަންވަރު ތަޢުލީ ކަންތައްތަކާ ބެހޭ ވަޒީރުކަންކުރެއްވި ދުވަސްވަރު އެ ވުޒާރާގެ ނަމަށް ބޮޑު ބަދަލެއް އައިކަން ވެސް އަޅުގަނޑުގެ ހަނދާނަށް އާދެއެވެ. ކުރީން އެ ވުޒާރާއަށް ކިޔަނީ [ކަމަންތަރިއާން ޕެލާޖަރާން] (އުނގެނުމާ ބެހޭ ވުޒާރާ)އެވެ. ފަހުން ބަދަލުވީ [ކަމަންތަރިއާން ޕެންޑިޑިކަން] (ތަޢުލީމާ ބެހޭ ވުޒާރާ)އަށެވެ. ވަޒީރަށް ކުރީން ކިޔަނީ [މަންތަރީ ޕެލާޖަރާން]އެވެ. ފަހުން ކިޔަނީ [މަންތަރީ ޕެންޑިޑިކަން]އެވެ.
ތަޢުލީމާ ބެހޭ ވަޒީރުގެ އިތުރަށް 1991ގައި މާލީ ކަންތައްތަކާ ބެހޭ ވަޒީރުކަން ވެސް އޭނާ ވަނީ ވަރަށް ގާބިލުކަމާ އެކު އަދާކުރައްވައިފައެވެ.
1997ގައި ކުރިމަތިވި އޭޝިއާގެ މާލީ ކާރިސާ (ފައިނޭންޝަލް ކްރައިސިސް - 1997)ގެ ދުވަސްވަރު މާލީ ވަޒީރުގެ ހައިސިއްޔަތުން އޭނާ ކުރެއްވި މަސައްކަތްޕުޅުތަކަށް ބައިނަލްއަޤްވާމީ ދުނިޔޭގެ ތަޢުރީފު ލިބިފައިވެއެވެ. އެ ދުވަސްވަރު އޭނާ ބެލެވުނީ ޑރ. މަހާތީރަށް ފަހު މެލޭޝިއާގެ ވެރިކަމަށް ވަޑައިގަންނަވާނެ އެންމެ ޤާބިލު ޝަޚުޞިއްޔަތުގެ ގޮތުގައެވެ. އޭގެ ފަހުން 1993ގައި ބޮޑުވަޒީރުގެ ނާއިބުކަން ވެސް އަންވަރު ވަނީ އަދާކުރައްވައިފައެވެ.
ސިޔާސީ ޙަރަކާތާއި ބޮޑުވަޒީރުކަމަށް ވަޑައިގަތުން
އަޅުގަނޑު ކުރީން އިޝާރާތްކޮށްފައިވާނޭ ފަދައިން، އަންވަރު އިބްރާހީމް އުފަންވެވަޑައިގަތީ ސިޔާސީ އަދި އިޖުތިމާއީ ގޮތުން ޙަރަކާތްތެރި، ޢިލްމީ އާއިލާއަކަށެވެ. އޭނާގެ މައިންބަފައިންނަކީ ވެސް މެލޭޝިއާގެ ސިޔާސީ މައިދާނުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ ބޭފުޅުންނެވެ.
އަންވަރަކީ ތުއްޕުޅުއިރުއްސުރެ ސިޔާސީ ވާހަކަތަކާއި، ޤައުމީ ކަންކަމާ މެދު މަޝްވަރާކުރުމުގެ މާޙައުލެއްގައި ބޮޑުފުޅުވި ބޭފުޅަކަށްވާތީ، އަންވަރުގެ ސިޔާސީ ވިސްނުންފުޅު ބައްޓަންވުމުގައި މައިންބަފައިންގެ ނުފޫޒާއި އާއިލީ މާޙައުލު ބޮޑު ދައުރެއް އަދާކުރިކަމާ މެދަކު ޝައްކެއް ނެތެވެ. ކުރީން މުޖުތަޢުގައި އަންވަރު އަދާކުރައްވައިފައިވާ ދައުރަށް ވިސްނައިވަޑައިގަތުމުން މި ކަން އެނގިވަޑައިގަންނަވާނެއެވެ. އާދޭހެވެ! އޭނާގެ ސިޔާސީ ޙަޔާތްޕުޅު ފެށިގެން އައީ 1970ގެ އަހަރުތަކުގައި، ޔުނިވަރސިޓީ އޮފް މަލާޔާގައި ކިޔަވައިވިދާޅުވި ދުވަސްވަރު ހިންގެވި އިޖުތިމާއީ އަދި ދަރިވަރުންގެ ޙަރަކާތްތަކުގެ ތެރެއިންނެވެ. މެލޭޝިއާގެ އިސްލާމީ ޒުވާނުންގެ ޙަރަކާތް (ABIM) އުފައްދަވައި، އޭގެ ރައީސްކަން ކުރެއްވި ދުވަސްވަރު އޭނާ ސިޔާސީ ގޮތުން މަގުބޫލުކަން ހޯއްދެވިއެވެ.
އަންވަރު އިބްރާހީމް ސިޔާސީ ދާއިރާގައި މަޤުބޫލުކަން ހޯއްދަވައި މަޝްހޫރުވިލެއް ބޮޑޫކަމުން، 1982ގައި އޭރުގެ ބޮޑުވަޒީރު ޑރ. މަހާތީރު މުޙަންމަދު ވަނީ އޭރުގެ ވެރިކަން ކުރާ ޕާޓީ (އަމްނޯ)އާ ގުޅިވަޑައިގަތުމަށް އަންވަރަށް ދަޢުވަތުދެއްވައިފައެވެ. އެ ދަޢުވަތު ގަބޫލުފުޅުކުރައްވައި ޕާޓީއާ ގުޅިވަޑައިއިގަތުމާ އެކު އޭނާގެ ސިޔާސީ ދަތުރު އަވަސް މިސްރާބަކަށް ބަދަލުވިއެވެ. އަދި ކުރީން ދެންނެވި އެކި ވަޒީރުކަން ކުރެއްވުމަށް ފަހު، ބޮޑުވަޒީރުގެ ނާއިބުކަމުގެ މަގާމު ވެސް އޭނާއާ މަތިކުރެވުނެވެ.
ނަމަވެސް 1998ގައި ޑރ. މަހާތީރާއި އަންވަރާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު، އަންވަރު މަޤާމުން ވަކިކުރެވުނެވެ. އެއާ އެކު އޭނާގެ މައްޗަށް ޖިނާއީ ތުހުމަތުތަކެއް ކުރެވި، ޖަލަށްލެވުނެވެ. މިއީ އޭނާގެ ސިޔާސީ ޙަޔާތުގެ އެންމެ އަނދިރި އަދި އެންމެ ގޮންޖެހުން ބޮޑު ދުވަސްވަރެވެ.
ނަމަވެސް، މި ޙާދިސާއާ އެކު މެލޭޝިއާގައި [ރެފޯމާސީ] (އިޞްލާޙީ) ޙަރަކާތް އުފެދިގެން އައެވެ. އަންވަރު ޖަލުގައި ހުންނެވި ނަމަވެސް، އޭނާގެ އަނބިކަނބަލުން ޑރ. ވާން ޢަޒީޒާ ވާން އިސްމާޢީލާއި އިދިކޮޅު ފަރާތްތަކުން އޭނާގެ އިޞްލާޙީ ވިސްނުންފުޅު ކުރިއަށްގެންދެވިއެވެ. 2004ގައި ޖަލުން މިނިވަންވެވަޑައިގަތުމަށް ފަހު، އަންވަރު ވަނީ އިދިކޮޅު އިއްތިޙާދު ވަރުގަދަކުރައްވައި، ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުއްވައިފައެވެ. ނަތީޖާއެއްގެ ގޮތުން އަނެއްކާ ވެސް 2015ގައި ދެވަނަ ފަހަރަށް އޭނާ ޖަލަށްލެވުނެވެ.
2018ގެ އާންމު އިންތިޚާބުގައި އިދިކޮޅު އިއްތިޙާދުން ތާރީޚީ ކާމިޔާބީއެއް ހޯދުމާ ގުޅިގެން، އަންވަރަށް މާފުލިބިވަޑައިގެން ޖަލުން މިނިވަންވެވަޑައިގަތެވެ. އެއަށް ފަހު، ސިޔާސީ ގޮތުން އައި ގިނަ ބަދަލުތަކަކަށް ފަހު، 2022 ނޮވެންބަރު 24ގައި އަންވަރު އިބްރާހީމް މެލޭޝިއާގެ 10ވަނަ ބޮޑުވަޒީރުކަމުގެ ހުވައިކުރެއްވިއެވެ. މިއީ 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ސިޔާސީ އިޞްލާޙީ މަސައްކަތްޕުޅަށް ފަހު، އޭނާއަށް ލިބިވަޑައިގަތް ބޮޑު ކާމިޔާބީއެކެވެ.
ކެރިވަޑައިގަތުމާއި އަމިއްލަފުޅު ނަފުސަށް އޮންނަ އިތުބާރު:
އަންވަރު އިބްރާހީމަކީ ސިޔާސީ ގޮންޖެހުންތަކާއި، އަނިޔާތަކާއި، ޖަލު ޙުކުމްތަކާ ކުރިމަތިލައްވައި، އުންމީދު ކަނޑުއްވައިނުލައްވައި މަސައްކަތްކުރެއްވުމުގެ ސަބަބުން މެލޭޝިއާގެ ތާރީޚުން ޖާގަ ހޯއްދަވާފައިވާ ވަރުގަދަ ހަރުދަނާ ޝަޚުޞިއްޔަތެކެވެ. އޭނާގެ ވެރިކަމުގައި މެލޭޝިއާގެ އިޤްތިޞާދު ވަރުގަދަކުރެއްވުމަށާއި، ކޮރަޕްޝަން ނައްތައިލެއްވުމަށާއި، އެކި ނަސްލުތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރެއްވުމަށް އިސްކަންދެއްވައެވެ.
އަންވަރަކީ އިސްލާމީ އުންމަތުގެ ޙައްޤުގައި ކެރިވަޑައިގެން ބަސްވިދާޅުވާ އިސްވާރެކެވެ. ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ޓަކައި އަބަދު ވެސް ވަކާލާތުކުރައްވައެވެ. އިޒުރޭލާއި އެމެރިކާގެ ބޭއިންސާފުކަމާ ދެކޮޅަށް އަޑުއުފުއްލަވައި، އިޒުރޭލުގެ ބޮޑުވަޒީރު މެލޭޝިއާއަށް އަތުވެއްޖެ ނަމަ، ހައްޔަރުކުރައްވާނެކަމަށް ފާޅުގައި ވަނީ ވަޢުދުވެވަޑައިގެންފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމުގެ ޤިޔާދަތުގެ ދަށުގައި މެލޭޝިއާއަށް ހުރިހައި ވެސް ކާމިޔާބީއެއް އެދެމެވެ. އަދި އެ މަނިކުފާނު ދިވެހިރާއްޖެއަށް މި ކުރައްވާ ޒިޔާރަތުގެ ސަބަބުން މެލޭޝިއާއާއި ދިވެހިރާއްޖެއާ ދެމެދު ގުޅުންތައް އިތުރަށް ބަދަހިވާނެކަމަށް އުންމީދުކުރަމެވެ.
ބައެއް ލަފުޒުގެ މާނަ:
ހިތްވަރު ނ. (1) ހިތުގެ ސާބިތުކަން ހުންނަ ހުރުން. (2) ކަންތަކާ ކުރިމަތިލާން ކެރޭ ކެރުން.
އިސްވާރު ނ. (1) އިސްވެ ހުންނަ މީހާ. (2) ވެރިޔާ. leader
ފިއްތުން ނ. ދަތިކުރުން.
ސާބިތުކަން ނއނ. ޔަގީންކަން