އަބާ މުޙަންމަދު
22 ސެޕްޓެންބަރު 2026
ދިވެހިރާއްޖެއިން އިންޑިއާއަށް ދައްކާންޖެހޭ 150 މިލިއަން އެމެރިކާ ޑޮލަރުގެ ޓުރެޜަރީ ބިލު (ޓީ-ބިލު) ފެސިލިޓީގެ އެންމެ ފަހު ބައި ދައްކައި، އެ ދަރަނި އެކީގައި ޚަލާޞްކުރުމާ ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ކަން ފާހަގަކޮށް އެ ކަމުގެ ތަފުސީލު ހާމަކޮށް، ދެ ގައުމުގެ ދެމެދުގައި އޮތް މާލީ އަދި އިގުތިސާދީ ގުޅުމުގެ މައްޗަށް ވާހަކަދައްކަވައިފައެވެ.
150 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރުން
އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވި ގޮތުގައި، އިސްޓޭޓް ބެންކު އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ދިވެހި ސަރުކާރަށް ދޫކޮށްފައިވާ 150 މިލިއަން ޑޮލަރުގެ ޓީ-ބިލުގެ ތެރެއިން ބާކީ އޮތް 50 މިލިއަން ޑޮލަރުގެ ފަހު ބައި ދިވެހިރާއްޖެއިން ވަނީ 2026 ސެޕްޓެމްބަރު 17ގައި ކާމިޔާބުކަމާއެކު ދައްކައި ނިންމައިފައެވެ.
މި ޓީ-ބިލަކީ 2019ވަނަ އަހަރުން ފެށިގެން ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙުގެ ޒަޢާމަތުގައި ދިވެހިރާއްޖެއަށް ދޫކޮށްފައިވާ މާލީ އެހީތެރިކަމެކެވެ. ރާއްޖޭގެ މާލީ ހާލަތަށް ލުއިދިނުމުގެ ގޮތުން، ވޭތުވެ ދިޔަ އަހަރުތަކުގައި އިންޑިއާއިން ވަނީ މި ދަރަނި ދެއްކުމުގެ މުއްދަތު ހަ ފަހަރެއްގެ މަތީން އިތުރުކޮށްދީފައެވެ.
އިންޑިއާއިން ރިބާ މާފުކޮށްދިނުން
ރަންދީރު ޖައިސްވާލްގެ ވާހަކައިގައި އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވި އެއް ކަމަކީ، ރާއްޖެއިން ދެއްކީ ހަމައެކަނި ދަރަނީގެ އަސްލު ފައިސާ (ނެގި އަދަދު)ކަމެވެ. ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މި 150 މިލިއަން ޑޮލަރަށް އަރައިފައިވާ ރިބާގެ ޚަރަދުތައް ބަލަހައްޓައިފައިވަނީ އިންޑިއާ ސަރުކާރުގެ ފަރާތުންކަމަށް ރަންދީރު ވަނީ ވިދާޅުވެފައެވެ. [އޭގެ މާނައަކީ ރިބާއަށް އެރި ޢަދަދުތައް މާފުކޮށްދިނުމެވެ.]
ރަންދީރު ޖައިސްވާލް ހާމަކުރެއްވި ގޮތުގައި، ރިބާގެ ގޮތުގައި އިންޑިއާ ސަރުކާރުން ޚަރަދުކުރި ޖުމްލަ އަދަދު 45 މިލިއަން އެމެރިކާ ޑޮލަރާ ކައިރިކުރެއެވެ. މިއީ ދިވެހިރާއްޖޭގެ އިގުތިސާދީ ހަމަޖެހުމަށް ޓަކައި އިންޑިއާއިން ފޯރުކޮށްދިން މާލީ ވަރަށް ބޮޑު އެހީތެރިކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އިތުރު މާލީ އެހީތެރިކަމާއި އެކުވެރިކަން
އިންޑިއާގެ އަވައްޓެރީންނަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން އަދި ވެސް ކުރިއަށްދާނެކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. މިހައި ތަނަށް ފޯރުކޮށްދީފައިވާ ބައެއް އެހީތެރިކަން ވެސް ރަންދީރު ވަނީ ފާހަގަކުރައްވައިފައެވެ. މި ފަދަ ކަންކަމުގެ ތެރޭގައި:-
· ކަރަންސީ ސުވޮޕް: ރާއްޖޭގެ މާލީ ނިޒާމަށް އެހީވުމުގެ ގޮތުން 30 ބިލިއަން އިންޑިއާ ރުޕީސްގެ ކަރަންސީ ސުވޮޕް ފެސިލިޓީއެއް ދޫކޮށްފައިވެއެވެ.
· ޓްރެޜަރީ ބޮންޑު: އިސްޓޭޓު ބެންކު އޮފް އިންޑިއާ މެދުވެރިކޮށް 2029 އާއި 2030ގެ ނިޔަލަށް ދެމިގެންދާ ގޮތަށް 350 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބޮންޑުތަކަށް އިންޑިއާއިން ވަނީ ވުނަކޮށްފައެވެ.
· އަސާސީ މުދާ ފޯރުކޮށްދިނުން: މާލީ އެހީތެރިކަމުގެ އިތުރަށް، ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި މުދާ ދިވެހިރައްޖެއަށް އިންޕޯޓްކުރުމުގައި އިންޑިއާއިން ދެމުން ގެންދާ ލުއިފަސޭހަތައް ރަންދީރު ފާހަގަކޮށް އެ ކަން ކުރިމަގުގައި ވެސް އެ ގޮތަށް ކުރިއަށްދާނެކަމަށް ވިދާޅުވެފައިވެއެވެ.
އާދޭހެވެ! ދިވެހިރާއްޖެއިން 150 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކައި ނިންމުމަކީ ރާއްޖޭގެ މާލީ އިގްތިސާދީ އިލްތިޒާމްތައް އަދާކުރުމުގައި ހޯދި މުހިންމު ކުރިއެރުމެކެވެ. މި ކަން ދިވެހި ސަރުކާރުގެ އިތުރަށް، އިންޑިއާ ސަރުކާރުން ވެސް ފާހަގަކުރެއެވެ.
އިންޑިއާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލްގެ ވާހަކަފުޅުން ހާމަވެފައިވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމާއި އިގުތިސާދީ ގުޅުން ރައީސް ޑރ. މުޙަންމަދު މުޢިއްޒުގެ ޒަޢާމަތުގައި އިތުރަށް ބަދަހިވަމުން އަންނަކަމާއި، ރާއްޖޭގެ އިގުތިސާދީ ހަމަޖެހުމަށް އިންޑިއާއިން ދެމުންދާ އެއްބާރުލުން ދެމިއޮންނާނެކަމެވެ. އަދި ދިވެހިރާއްޖެއިން އެކި ސަރުކާރުތަކުން، ޚާއްޞަކޮށް އެންމެ ފަހުން އޮތް ސަރުކާރުން ނަގައިފައިވާ ބޮޑެތި ދަރަނިތައް އަދާކުރުމުގައި މިއަދު ދިވެހި ދައުލަތުން ކާމިޔާމު ހޯދަމުން އަންނަކަމެވެ. މިއީ މާލީ އަދި އިގުތިސާދީ ދައްޗާއި އުނދަގުލާ އެކު ވެސް މިއަދުގެ ސަރުކާރުން ހޯދަމުން އަންނަ ކާމިޔާބީއެއްކަމަށް ޖެހެނީ ގަބޫލުކުރާށެވެ. (މައުލޫމާތު: އިންޑިއާ ޓުޑޭ/ގުލޯބަލް)