އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
13 ސެޕްޓެންބަރު 2026
ތިރީގައި މި ވަނީ ރާއްޖެ އިސްލާންވީ ދުވަހުގެ މުނާސަބަތުގައި އަޅުގަނޑުގެ ރައްޓެއްސެއްކަމުގައިވާ އަލްޤާރީ ޢަބްދުއްރަޙުމާން ޞިއްދީޤު (ފައިޞަލްއާބާދު، ޕާކިސްތާން) އަޅުގަނޑަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގެ އަވަސް ތަރުޖަމާއެކެވެ. މި މެސެޖުގައި މުޅި ރާއްޖޭގެ އެންމެހައި ރައްޔިތުން ޝާމިލުކުރައްވައިފައިވާތީ މި މެސެޖު ރާއްޖޭގެ އެންމެންނަށް ވެސް ފެންނާނެ ގޮތް ހަދާން ބޭނުންވީއެވެ. މި ތަރުޖަމާ މި ޝާއިޢުކުރަނީ އޭނާގެ ހުއްދަ ލިބިގެންނެވެ. މާތް ﷲ އޭނާއަށް ހެޔޮ ޖަޒާދެއްވާށިއެވެ! އާމީން!
___________
މި ޚާއްޞަ އަދި ތާރީޚީ ދުވަހު، ދިވެހިރާއްޖޭގެ ލޯބިވާ މުސްލިމް އެންމެހައި އަޚުންނާއި އުޚުތުންނަށް އަޅުގަނޑުގެ ހިތުގެ އަޑީން އިޚުލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
މިއަދަކީ ދިވެހިރާއްޖެ އިސްލާމްދީނުގެ މާތް ހިދާޔަތު ޤަބޫލުކޮށް، ދިވެހިރައްޔިތުންނަށް ތައުޙީދުގެ އަލިކަމުގެ ނިޢުމަތް ލިބުނުތާ 900 އަހަރު ފުރޭ ތާރީޚީ ދުވަހެވެ. ކޮންމެ އަހަރެއްގެ ވެސް ރަބީޢުއްޘާނީ މަހުގެ ދެވަނަ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަނީ ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައެވެ. މި ބަރަކާތްތެރި މުނާސަބަތު މި އަހަރު މި ދިމާވަނީ 2026 ސެޕްޓެމްބަރު 13ވީ އާދީއްތަ ދުވަހާއެވެ.
މިއީ ކޮންމެ ދިވެހި މުސްލިމަކު ވެސް އިންތިހާއަށް ފަޚުރުވެރިވާންޖެހޭ، އަދި އިސްލާމްދީނުގެ މާތް ނިޢުމަތް އަޅުގަނޑުމެންނަށް މިންވަރުކުރެއްވިކަމަށް ޓަކައި ﷲ ތަޢާލާގެ ޙަޟުރަތަށް އިޚުލާޞްތެރިކަމާއެކު ޝުކުރުވެރިވާންޖެހޭ ދުވަހެކެވެ.
މީގެ ބަރާބަރު 900 އަހަރު ކުރީން، ހިޖުރައިން 548ވަނަ އަހަރު، ދިވެހީން އިސްލާމްދީން ޤަބޫލުކުރުން ވެގެންދިޔައީ ދިވެހި ތާރީޚުގައި ހިނގި އެންމެ މުހިންމު އެއް ޙާދިސާއަށެވެ. ޤަދީމީ ތާރީޚީ ރިވާޔަތްތަކުގައިވާ ގޮތުން، އަބުލްބަރަކާތު އަލްބަރުބަރީގެ ދަޢުވަތަށް، އޭރު ދިވެހިރާއްޖޭގެ ވެރިއަކަށް ހުންނެވި ކިންގް ދޯވެމީ ގުބަނާދީއްތަ މަހާރަދުން އިސްލާމްދީން ޤަބޫލުކުރެއްވިއެވެ. އަދި އެއަށް ފަހު މުޅި ދިވެހިރާއްޖެ އިސްލާމްދީނުގެ ހިޔާވަހިކަމުގެ ދަށަށް ވަނެވެ.
މި މާތް ހިދާޔަތު ލިބުމާ އެކު، ދިވެހިރައްޔިތުންގެ ޢަޤީދާއަށާއި، ސަޤާފަތަށާއި، ޢާދަކާދަތަކަށާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު އިސްލާޙީ ބަދަލެއް އައެވެ. ދިވެހިން ކުފުރާއި ޖާހިލިއްޔަތުގެ އަނދިރިކަމުން ދުރުވެ، އިސްލާމްދީނުގެ ސާފު ސީދާ ތެދުމަގަށް ދަތުރުކުރާން ފެށިއެވެ.
އިސްލާމްދީނަކީ ދިވެހިންގެ މެދުގައިވާ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އެންމެ ވަރުގަދަ ގުޅުމެވެ. ދިވެހިރާއްޖެއަކީ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެއްކަމުގައިވީ ނަމަވެސް، ދިވެހީން އެއް އުންމަތެއްގެ ގޮތުގައި ގުޅުވައިދިނުމުގައި އިސްލާމްދީނުގެ މާތް ސިފަތައް ވަނީ ބޮޑު ދައުރެއް އަދާކޮށްފައެވެ. ދިވެހީންގެ މެދުގައިވާ އަޚުވަންތަކަމާއި، އޯގާތެރިކަމާއި، ޞުލްޙަވެރިކަމާއި، އެކަކު އަނެކަކަށް އަޅައިލުމުގެ ރީތި ސިފަތަކަކީ އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދީފައިވާ ރީތި އަޚުލާޤީ ސިފަތަކުގެ ތެރެއިންވާ ސިފަތަކެކެވެ.

ދިވެހިރާއްޖޭގައި ލިޔެވިފައިވާ އެންމެ ޤަދީމީ ތާރީޚީ ލިޔުންތަކުގެ ތެރޭގައި ހިމެނޭ އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނުގައި، ރާއްޖެއަށް އިސްލާމްދީން ތަޢާރަފުވުމާ ގުޅޭ މަޢުލޫމާތުތައް ހިމެނިގެންވެއެވެ. އަދި ދިވެހިރާއްޖެއަށް އިސްލާމްދީން ގެނެސްދެއްވި ބޭކަލެއްގެ ނަންފުޅާއި އެ ބޭކަލެއްގެ ނިސްބަތްވާ ރަށަކާ މެދު ތާރީޚީ ރިވާޔަތްތަކުގައި ތަފާތު ވާހަކަތައް އައިސްފައިވެއެވެ. އޭގެ ތެރޭގައި ޝައިޚު ޔޫސުފު ޝަމްސުއްދީން އައްތަބުރޭޒީއަށް ނިސްބަތްކުރެވޭ ރިވާޔަތްތައް ވެސް ހިމެނެއެވެ.
ދިވެހީން އިސްލާމްދީން ޤަބޫލުކުރި ކުރުން ތާރީޚީ ގޮތުން ގުޅިފައިވަނީ، އޭރު ދިވެހިރާއްޖޭގެ ތަޚުތުގައި އިންނެވި ބުޑިސްޓް ވެރިޔާ، ކިންގް ދޮވޭމީ/ދޯމޭ އިސްލާމްދީން ޤަބޫލުކުރެއްވި ކުރުމާއެވެ. އިސްލާމްދީން ޤަބޫލުކުރެއްވުމަށް ފަހު، ޤައުމީ ތާރީޚުގައި އެ ރަދުން މަޝްހޫރުވެގެންދިޔައީ ސުލްޠާން މުޙައްމަދު އިބްނި ޢަބްދުﷲގެ ނަންފުޅުންނެވެ. ދިވެހި ތާރީޚުގައި އެ ރަދުން ފާހަގަކުރެވިފައިވަނީ [ދަރުމަވަންތަ ރަސްގެފާނު] (ދީލަތި ރަސްގެފާނު)ގެ ނަންފުޅުންނެވެ.
އިސްލާމީ ތާރީޚުގެ 900 އަހަރަށް މިއަދު އަޅުގަނޑުމެން އެނބުރި ބަލައިލާ އިރު، އަޅުގަނޑުމެންގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ އިސްލާމްދީނުގެ މި މާތް ނިޢުމަތް ރައްކާތެރިކޮށް، އޭގެ ޙަޤީޤީ ސާފު ބައްޓަމުގައި އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ.
އަޅުގަނޑުމެންގެ އީމާންކަން ވަރުގަދަކޮށް، ދީނީ އެއްބައިވަންތަކަމާއި ޤައުމީ މާތް ސިފަތައް ރައްކާތެރިކޮށް، އަޅުގަނޑުމެންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ލޯބި އިތުރުކޮށް، ކީރިތި ޤުރުއާނާއި ސުންނަތުގެ ރީތި އުނގަންނައިދިނުންތައް އަޅުގަނޑުމެންގެ ދަރީންނަށް ދަސްކޮށްދެމާ ހިންގަވާށެވެ!
ﷲ ތަޢާލާ، ދިވެހިރާއްޖެ އަބަދުވެސް އިސްލާމްދީނުގެ މަތީގައި ސާބިތުކޮށްދެއްވައި، ދިވެހިރައްޔިތުން ރައްކާތެރިކުރައްވައި، ރައްޔިތުންގެ މެދުގައި ޞުލްޙަވެރިކަމާއި އެކުވެރިކަން އިތުރުކުރައްވައި، ދިވެހިރާއްޖެއަށް ފާގަތިކަމާއި، ހެޔޮރަޙުމަތާއި، ބަރަކާތް މިންވަރުކުރައްވާށިއެވެ!
ﷲ ތަޢާލާ ދިވެހިރާއްޖެއަކީ އިސްލާމީ ބިމެއްގެ ގޮތުގައި އަބަދަށްމެ ލައްވަވައި، ދިވެހިރައްޔިތުން ތައުޙީދާއި ތެދުމަގުގެ މަތީގައި ސާބިތުކޮށްދެއްވާށިއެވެ! ޢާމީން.
މި ބަރަކާތްތެރި އަދި ތާރީޚީ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި މުސްލިމް އެންމެހައި އަޚުންނާއި އުޚުތުންނަށް އަޅުގަނޑުގެ ހިތުގެ އަޑީން ތަހުނިޔާ އަރިސްކުރަމެވެ.
ﷲ ތަޢާލާ ދިވެހިރާއްޖެއާއި ދިވެހި އެންމެހައި ރައްޔިތުންނަށް އަބަދު ވެސް ރައްކާތެރިކަމާއި، ބަރަކާތާއި، ހެޔޮރަޙުމަތް މިންވަރުކުރައްވާށިއެވެ! އާމީން.