ad_banner
ކާމިޔާބީއާއި ނާކާމިޔާބީ . . . !

ޑރ. މޫސާ އަންވަރު ޙަސަން

17 ސެޕްޓެންބަރު 2026

އުންމަތެއްގެ ކާމިޔާބީއާއި ނާކާމިޔާބީގެ ވަގުތުތަކުގައި، އަމިއްލަ ނަފުސު މުޙާސަބާކޮށް، އަމިއްލަ އުނިކަންކަން އިޞްލާޙުކުރުމުގެ ހިތްވަރު ހުރި ނަމަ، އެ އުންމަތަކީ ދިރުންހުރި އުންމަތެކެވެ. ކާމިޔާބީގައި ބޮޑާނުވެ އަދި ނާކާމިޔާބީގައި ޒިންމާއިން ރެކިނުގަނެ، ކަންކަމުގެ އަޞްލު ސަބަބުތައް ދެނެގަނެވޭ ނަމަ، އެއްވެސް ނާކާމިޔާބީއަކަށް އެ އުންމަތެއް ނައްތައެއް ނުލެވޭނެއެވެ. އޭގެ ބަދަލުގައި، ކޮންމެ ތަޖުރިބާއަކުން ފިލާވަޅު ލިބިގަނެ، ޙިކުމަތްތެރިކަމާ އެކު ކުރިއަށްދިއުމުގެ ޤާބިލުކަން އެ އުންމަތަކަށް ލިބޭނެއެވެ.

ދިރިއުޅުމަކީ އުނދަގުލާއި ފަސޭހަކަން، ކާމިޔާބީއާއި ނާކާމިޔާބީ، އަދި ހެޔޮކަމާއި ނުބައިކަން އެކުލެވިގެންވާ އިމްތިހާނެއްކަން ދަނެ، އެ ކަންކަމަށް ފުރިހަމައަށް އީމާންވާ އުންމަތަކީ ކާމިޔާބީގެ މަގުގައި ސާބިތުވެ އޮތް އުންމަތެކެވެ. ކަންކަމުގެ ސަބަބުތަކާއި ނަތީޖާ ގުޅުވައި، ކޮންމެ ހާލަތަކާ ވެސް ހިތްވަރާ އެކު ކުރިމަތިލާން ދަންނަ އުންމަތެއް، ދުޝްމަނުންގެ ކުރިމަތީގައި ދުވަހަކު ވެސް އިސްޖަހައެއްނުލާނެއެވެ. އަދި އެއްވެސް ހަތިޔާރެއް ނުވަތަ ބާރެއްގެ ކުރިމަތީގައި އެބައިމީހުން ނިކަމެތިވެގެންނެއް ނުދާނެއެވެ. ހިތާމަތަކުން ބާރުވެރިކަން ލިބިގަނެ، ދަތި އުނދަގޫ ދުވަސްތަކުގެ ތަޖުރިބާއިން އުޖާލާ މުސްތަގުބަލަކަށް މަގުކޮށައި، ކެތްތެރިކަމާއި ސާބިތު އަޒުމުގައި ދެމި ތިބޭ ފަރުދުންގެ ދިރުން ދުވަހަކު ވެސް ފަނޑުވެގެންނެއް ނުދާނެއެވެ.

ވަރުގަދަ ޤައުމުތަކަކީ ހުސް ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި، ޢަމަލީ ގޮތުން ގަދައަޅައި މަސައްކަތްކުރާ ބަޔަކު ދިރިއުޅޭ ޤައުމުތަކެވެ. އެ ފަދަ މީހުންނަކީ ނިކަމެތިކަމާއި ކުރިމަތިލާންޖެހޭ ހިނދު، ފަސްޖެހުމުގެ ބަދަލުގައި ހިތްވަރާ އެކު މުޤާވަމާކޮށް، ނުގުޑާ ފަދަ އަޒުމެއްގައި ސާބިތުވެ ތިބޭ ބަޔެކެވެ. މުޤާވަމާކުރުމުގެ އަސްލު ފެށެނީ އިންސާނާގެ ބޭރުފުށުގެ ސިފަތަކަކުން ނޫނެވެ. އޭގެ ބަދަލުގައި، އެއީ އިންސާނާގެ އެތެރެފުށުންނާއި، އޭނާގެ ދިރިއުޅުމުގެ އާދަކާދަތަކަށް ގެންނަ ހެޔޮ ބަދަލުތަކަކުން އުފަންވާ ކަމެކެވެ. އެހެންކަމުން، ކޮންމެ މީހަކީ ވެސް ނަޞްރާއި ކާމިޔާބަށް ފުރިހަމައަށް އިތުބާރުކުރާ، މާތް ގެ ކުޅަދުންވަންތަކަމާއި އަދި ތިމާގެ އަމިއްލަ ޙައްޤުތަކަށް އީމާންވާ މީހަކަށް ވާންޖެހެއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަކާދަތަކަށް އަސާސީ ބަދަލުތަކެއް ގެންނާން މިއަދު ވަނީ މަޖުބޫރުވެފައެވެ. ބޭނުންކެނޑިފައިވާ މުސްކުޅި އުޞޫލުތަކާއި، ދިރިއުޅުމުގެ ހަމަޖެހުމަށް ހުރަސްއަޅާ ނުރަނގަޅު އާދަތަކުގައި އަޅުގަނޑުމެން ތިބޭތާ މިހާރު މާ ގިނަ ދުވަސްވެއްޖެއެވެ.

މާޒީގައި އަޅުގަނޑުމެންގެ ދިރިއުޅުން ބިނާވެފައި އޮތީ ހަޤީޤަތް އޮޅޭ ފަދަ ދޮގުތަކެއްގެ މައްޗަށެވެ. އަޅުގަނޑުމެންނަށް އިސްކަންދެވުނީ ކަންކަމުގެ އަޞްލު މާނައަށް ވުރެ ބޮޑަށް، ފެންނާން އޮންނަ ބޭރުފުށުގެ ސިފަތަކަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންގެ އަމިއްލަ ނަފުސުގެ ހަގީގީ މަގުސަދު ގެއްލި، ނަފުސާނީ ގޮތުންނާއި ރޫޙާނީ ގޮތުން ބަލިކަށިވެގެންދިޔައެވެ. އަޅުގަނޑުމެންގެ ކޮށި ވިސްނުމުގައި ބާރުވެރިކަމަކީ ހަމައެކަނި މާއްދީ ތަނަވަސްކަމެވެ. އެއީ އަގުބޮޑު އުޅަނދުފަހަރާއި، މަތިވެރި މަޤާމުތަކާއި، ފުނިޖެހިފައިވާ މުދަލެވެ. ގިނަ ބަޔެއްގެ ނަޒަރުގައި އިޖުތިމާޢީ ގޮތުން ކުރިމަގު ހޯދުމަށް ޓަކައި ފައިސާގެ ތަނަވަސްކަން އޮތުމުން ފުދެއެވެ. މި ނުބައި ވިސްނުމުގެ ސަބަބުން، މީހާގެ އަޚުލާޤީ މިންގަނޑުތަކަށް ބެލުމެއް ނެތި، އަމިއްލަ އެދުން އިސްކުރުމުގެ ފުރުޞަތު ފުޅާވެގެންދިޔައެވެ.

ނަމަވެސް، އިންސާނާގެ އަގު ވަޒަންކުރެވެނީ އޭނާގެ ކިބައިގައި ހުންނަ މާތް ސިފަތަކާއި، ރީތި އަޚުލާޤާއި، މާތްއަށް އޮންނަ ބިރުވެތިކަމުގެ މައްޗަށް ބިނާކޮށްކަން އަޅުގަނޑުމެން ހަނދާންނެތުނީއެވެ. ހަގީގީ އިންސާނިއްޔަތުކަމަކީ މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް ޓަކައި މަސައްކަތްކުރުމެވެ. އެއީ މުޖުތަމަޢު އިޞްލާޙުކުރުމަށް ޓަކައި އަމިއްލަ ޢިލްމާއި ތަޖުރިބާ ހޭދަކޮށް، މުޅި އުންމަތަށް އޭގެ މަންފާ ކުރާނޭ ފަދަ ދެމެހެއްޓެނިވި މަސައްކަތްތަކެއްކުރުމުގައި ސާބިތުވެ ހުންނަ މީހާއެވެ.

އިސްލާމްދީން ތަޢާރަފުވެގެން އައީ މަތިވެރި އަޚުލާޤީ މިންގަނޑުތަކަކާއި އާދަޔާޚިލާފު މާތް ސިފަތަކަކާ އެކުގައެވެ. މުސްލިމުން މި މާތް ސިފަތަކުގައި ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން، އެންމެ ފުރަތަމަ އެބައިމީހުންގެ އަމިއްލަ ނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު އިޞްލާޙުކުރުމުގައި ކާމިޔާބީ ހޯދިއެވެ. ދެވަނަ ކަމެއްގެ ގޮތުން، ދީނީ އެއްވެސް އަޞްލެއް ނެތް، އަދި މުޖުތަމަޢަށް ނޭދެވޭ އަސަރުތައް ފޯރުކޮށްދޭ ބާތިލު އާދަކާދަތައް ނައްތައިލައި، އިޖުތިމާޢީ ބަދަލަކުން ކާމިޔާބީ ޙާޞިލުކުރިއެވެ.

މީގެ އިތުރަށް، އިންސާނިއްޔަތު އެ ކަމަކަށް އެންމެ ބޮޑަށް އެދިއެދި އޮތް މަތިވެރި އަޚުވަންތަކަމުގެ ގުޅުން ޙަޤީޤަތަކަށް ހަދައި، އެ ކަމުގެ ލައްޒަތު ހޯދިއެވެ. މުސްލިމުންގެ މި ވަރުގަދަ ބިނާއަކީ މާތްއަށް ބިރުވެތިވުމާއި އެކަލާނގެ ރުހިވޮޑިގަތުމުގެ މައްޗަށް ބިނާވެފައިވާ، އެއްވެސް ތޫފާނަކަށް ގުޑުވައިނުލެވޭ ފަދަ ހަރުދަނާ ބިނާއެކެވެ. ކޮންމެ މުސްލިމަކީ ވެސް އެ އުސް ބިނާގެ މުހިންމު ބައެއްކަމުގެ އިޙުސާސް އޭނާގެ ހިތުގައި ބަދަހިވެފައިވެއެވެ. މާޒީގައި އަޅުގަނޑުމެން ރޭވުންތަކެއް ނުރާވަމެވެ. ސަބަބަކީ އިސްތިއުމާރު އަޅުގަނޑުމެންގެ ބަދަލުގައި ވިސްނައިދެމުންދިޔުމެވެ. އަދި އެ މީހުން އަޅުގަނޑުމެން ކުދިކުދި ކަންކަމާއި، ދިރިއުޅުމުގެ ބޭރުފުށުގެ ކަންކަމުގައި މަޝްޣޫލުކުރުވިއެވެ. އަޅުގަނޑުމެން އަމިއްލަ ނަފުސަށާއި، ބޮޑާކަމަށާއި، ކަންދެއްކުމުގެ ތެރޭގައި އުޅުނީމެވެ. އަދި ވާދަކުރީ ބޮޑު ވަޠަނުގެ މަޞްލަޙަތަކަށް ނޫނެވެ. އަޅުގަނޑުމެން ދެބަސްވެ، ތަޅައިފޮޅައި، ވަކިވެގަތުމާއި، ކުދި ޖަމާޢަތްތަކާއި، ޕާޓީތަކާއި، ޤަބީލާވަންތަކަމަށް އުފާކުރީމެވެ. އަދި އުންމަތުގެ އެންމެ ބޮޑު ޝަރަފަކީ އޭގެ ކޮންމެ ފަރުދެއްގެ ވެސް ޝަރަފުކަން އަޅުގަނޑުމެން ހަނދާންނެތުނެވެ. އެއަށް ވުރެ ވެސް ބޮޑަށް، ކީރިތި ރަސޫލާ صلى الله عليه وسلم ގެނެސްދެއްވި މާތް ސިފަތައް އަޅުގަނޑުމެން ހަނދާންނެތުނެވެ.

މިއަދު އަމިއްލަ ނަފުސުން ފެށޭ ބޮޑު ރޭވުމެއް ބޭނުންވެއެވެ. ފަހެ، ތެދުވެރިކަމާ އެކު އަމިއްލަ ނަފުސު ޙިސާބުކުރަމާތޯއެވެ! އަދި އޭގައިވާ އެންމެހައި ނޭދެވޭ ސިފަތަކާއި ޖަމޫދުކަން ނައްތައިލަމާތޯއެވެ! އަދި އާދަކާދަތަކަށް އަލުން ބަލަމާތޯއެވެ! ފަހެ، މާތް މުޖުތަމަޢެއްގެ މާތް ސިފައަކާ ގުޅިފައިވާ ކަމެއް ނަމަ، އެ ކަމެއް ހިފަހައްޓައި ފާޅުކުރާނީއެވެ. އަދި ކަނު ޖާހިލިއްޔަތަކާ، ނުވަތަ ބޭރުފުށުގެ ކަންދެއްކުމަކާ، ނުވަތަ އަޅުގަނޑުމެންގެ ބިންތަކަށް އައިސް އަޅުގަނޑުމެންގެ އާދަކާދަތަކުގައި އެ މީހުންގެ ނިޝާންތައް ދޫކޮށްފައިވާ އިސްތިއުމާރީންނަށް ތަބާވުމާ ގުޅިފައިވާ ކަމެއް ނަމަ، އެ ކަމެއް ނައްތައިލައި އަޅުގަނޑުމެންގެ މަގުން އެއްކުރާނީއެވެ. އީމާންކަމާ އެކު، ފުރިހަމަ ރޭވުމާއެކު، އަދި ފުރިހަމަ އަޚުވަންތަކަމާ އެކު އެކުވެ ގުޅިގެން ކުރާ މަސައްކަތުން، ނާކާމިޔާބީއާއި ނިކަމެތިކަން، ނިޢުމަތަކަށާއި އުފާވެރިކަމަކަށް ބަދަލުވާނެއެވެ.

مصدر:

މުޒާޙިމް އިދްރީސް ޢާޝޫރު އަލްޙަމްދާނީ

ކޮމެންޓު