އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
17 ސެޕްޓެންބަރު 2026
އެލް-ނީނޯ އަކީ ކޮން އެއްޗެއް؟
[އެލް-ނީނޯ] މި ނަން އުފެދިގެންއައީ ޕެރޫއާއި އެކުއޭޑޯރގެ މަސްވެރީންގެ ފަރާތުންނެވެ. މި ނަމަކީ ސްޕެނިޝް ބަހުގެ ލަފުޒެކެވެ. މީގެ އާންމު މާނައަކީ [ފިރިހެން ކުއްޖާ] ނުވަތަ [ކުޑަކުއްޖާ]އެވެ.
ޕެރޫގެ މަސްވެރީން ފާހަގަކުރާ ގޮތުގައި، ކޮންމެ އަހަރަކު ވެސް ކްރިސްމަސް ދުވަސްވަރާ ދިމާކޮށް ޑިސެންބަރު މަހުގެ ތެރޭގައި އެ ސަރަހައްދުގެ ކަނޑުގެ ލޮނުގަނޑު އާދަޔާ ޚިލާފަށް ހޫނުވެއެވެ. ނަސާރާ ދީނުގައި ކުރިސްމަސް ފާހަގަކުރަނީ އީސާގެފާނު އުފަންވެވަޑައިގަތް ދުވަސްކަމަށް އެ މީހުން ހީކުރާ ދުވަހާ ގުޅުވައިގެންކަމަށްވާތީ، އީސާގެފާނު ކުޑަކުއްޖެއްގެ ގޮތުގައި ނިސްބަތްކޮށް މަސްވެރީން އެ ދުވަސްވަރުގެ ކަނޑުގެ ބާނިތަކަށް "އެލް-ނީނޯ"ގެ ނަމުން ނަންދިނީއެވެ. އެލް (el)އަކީ ސްޕޭނީސް ބަހުގައި ލަފުޒު ޚާއްޞަކުރުމަށް ބޭނުންކުރާ ލަފުޒެކެވެ. އިނގިރޭސިބަހުން ދަ (the) ބޭނުންކުރާ ގޮތަށެވެ. ދިވެހިބަހުން މި ގޮތަށް ނަން ޚާއްޞަކޮށްލުމަށް ލަފުޒުގެ ފަހު އަކުރުގައި އާބާފިލި ޖަހަނީއެވެ. ([އާ] އިތުރުކޮށްލަނީއެވެ.) ކުއްޖާ، ފިރިހެނާ، ވެރިޔާ، ކިޔާ ގޮތަށެވެ. އެހެންކަމުން އެ ލަފުޒުގެ ދިވެހި މާނައަކީ [ފިރިހެންކުއްޖާ]އޭ ދެންނެވިދާނެއެވެ. އިނގިރޭސިބަހުން ނަމަ އެއީ [ދަ ބޯއީ] (the boy)ކަމަށް ބުނެވިދާނެއެވެ.
ސައިންސްވެރީން މިހާރު މި ނަން ބޭނުންކުރަނީ ޕެސިފިކް ކަނޑުގެ ސަރަހައްދުގެ ލޮނުގަނޑު އާދަޔާ ޚިލާފަށް ހޫނުވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކަށް (އެލްނީނޯ ފެނޯމިނަން) ނިސްބަތްކުރުމަށެވެ.
މި އަހަރުގެ [އެލް ނީނޯ]ގެ ނުރައްކާ ވަރަށް ބޮޑު:
މި ދުވަސްވަރު ޕެސިފިކް ކަނޑުގައި ވަރުގަދަ އެލްނީނޯއެއް އުފެދެމުންދާ އިރު، މުޅި ދުނިޔޭގެ މޫސުމަށް މީގެ އަސަރު ފޯރަމުންދެއެވެ. އެލްނީނޯއަކީ ކުރީން ވެސް ދެންނެވުނު ފަދައިން މެދުތެރެއާއި އިރުމަތީ ޕެސިފިކް ކަނޑުގެ ލޮނުގަނޑު އާދަޔާ ޚިލާފަށް ހޫނުވުމުގެ ސަބަބުން އުފެދޭ ގުދުރަތީ މޫސުމީ ޙާލަތެކެވެ.
އެމެރިކާގެ ކަނޑާއި މޫސުމާ ބެހޭ ޤައުމީ އިދާރާ (NOAA)އިން 2026 ސެޕްޓެމްބަރު 14ގައި އާންމުކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި، އެލްނީނޯ ވަނީ ފިނިހޫނުމިން °2.0 ޑިގްރީ ސެލްސިއަސް (°3.6 ފަރަންހައިޓް)އަށް އުފުލުމުގެ އިންފަހަނައަޅައި މައްޗަށް ދިޔުމަށް ފަހު، [ވަރަށް ބާރުގަދަ] އެލް ނީނޯއަކަށް (ސުޕަރ އެލްނީނޯއަކަށް) ބަދަލުވެފައެވެ.
މިއަހަރުގެ އެލްނީނޯ އުފެދެން ފެށީ 2026 ޖޫންމަހުގެ ތެރޭގައެވެ. މި ޙާލަތު އެންމެ ވަރުގަދަވާނީ 2027ގެ ކުރީކޮޅުގައިކަމަށް ބެލެވޭ އިރު، މިއީ ތާރީޚުގައި ވެސް ރެކޯޑުކުރެވޭ އެންމެ ވަރުގަދަ އެއް އެލްނީނޯއަށްވާނެކަން ފާހަގަކޮށް މޫސުމާ ބެހޭ ނިމުތުވެރީން އިންޒާރުދެއެވެ. ނިމުތުވެރީން ވިދާޅުވާ ގޮތުގައި 2027 މާރިޗުމަހާއި މޭމަހާ ހަމައަށް މި އެލްނީނޯގެ އަސަރު ދެމިއޮންނާނެއެވެ.
ދުނިޔޭގެ މޫސުމާ ބެހޭ ޖަމުޢިއްޔާ (ޑަބްލިޔޫ.އެމްއޯ)އިން ބުނާ ގޮތުގައި އެލްނީނޯ އުފެދެނީ ކޮންމެ ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއްގައެވެ. އާންމުގޮތެއްގައި މިއީ މާރިޗު މަހާއި ޖޫން މަހާ ދެމެދުގެ ދުވަސްވަރެއްގައި ފެށި، ނޮވެމްބަރު އާއި ފެބްރުއަރީ އާއި ދެމެދު އެންމެ ވަރުގަދަވެ، 18 މަސްދުވަހުގެ މުއްދަތަކަށް ދެމިގެންދާ ޙާލަތެކެވެ.
މި ސަރަހައްދުގެ ގައުމުތަކަށާއި ދިވެހިރާއްޖެއަށް ފޯރާނެ މައިގަނޑު އަސަރުތައް:
އެލް ނޯނޯގެ ސަބަބުން މި ސަރަހައްދުގެ (ދެކުނު އޭޝިއާގެ ގައުމުތަކަށާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް) އަސަރުކުރާނެކަމަށް ނިމުތުވެރީން ލަފާކުރެއެވެ. މި ގޮތުން ފޯރާނެ އަސާރުތަކަކީ:-
· މުޅި ދުނިޔެއެކޭ އެއްފަދައިން ދިވެހިރާއްޖޭގައި ވެސް އާންމުކޮށް ހޫނުމިން މަތިވެ، ވައިގެ ނުސާފުކަމާއި ހޫނުގަދަ ދުވަސްތައް އިތުރުވާނެއެވެ.
· ދިވެހިރާއްޖެ ވެސް ހިމެނޭ ގޮތުން ދެކުނު އޭޝިއާއާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް އެލްނީނޯގެ ސަބަބުން ވާރޭވެހޭ މިންވަރު މަދުވެ، ވައިނުޖެހި ހޫނުގަދަވެ، ހަނަފަސް ދުވަސްވަރުތައް ދިގުދެމިގެންދާނެއެވެ.
· ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ފަރުތަކުގެ މުރަކަ ހުދުވުން (ކޯރަލް ބްލީޗް) ފަދަ ތިމާވެށީގެ ބޮޑެތި މައްސަލަތައް ރާއްޖެއަށް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.
މި ދުވަސްވަރު އަތްވަށް ނުކުންނަ މިންވަރު މަދުކޮށް، ގިނައިން ފެން ބުއިމަކީ މުހިންމު ކަމެއްކަމަށް ޞިއްޙީ ޚިދުމަތްތެރީން ލަފާދެއްވައެވެ.
ވާރޭވެހުން އިތުރުވާނީ ކޮން ތަންތަނަކަށް؟
އެލް ނީނޯގެ ސަބަބުން އާންމުކޮށް ވާރޭވެހޭ މިންވަރު އިތުރުވާނީ އިރުމަތީ އެފުރިކާއާއި އެމެރިކާގެ ދެކުނުގެ ސަރަހައްދުތަކަށާއި ދެކުނު އެމެރިކާއަށެވެ.
· އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އިރުމަތީ އެފުރިކާއަށް އާންމުކޮށް ވާރޭވެހޭވަރަށް ވުރެ ގިނައިން ވާރޭވެހޭނެކަމަށް ބެލެވެއެވެ.
· ކެންޔާގެ ނައިރޯބީގައި ހުންނަ މޫސުމާ ބެހޭ މަރުކަޒުން ބުނާ ގޮތުގައި، ދެކުނު އިތިއޯޕިއާއާއި ދެކުނު ސޯމާލިއާއާއި އުތުރުއިރުމަތީ ކެންޔާއަށް ވާރޭވެހުން އިތުރުވުމުގެ 90 އިންސައްތަ ފުރުސަތު އެބައޮތެވެ.
· މި ސަރަހައްދުތަކަށް މުޅި އަހަރު ވެހޭ ވާރޭގެ70 އިންސައްތައަކީ މި ދުވަސްވަރު ވެހޭ މޫސުމީ ވާރޭކަމަށްވާތީ، މި ދުވަސްވަރު ވާރޭވެހުން އާދަޔާ ޚިލާފަށް އިތުރުވުމަކީ ފެންބޮޑުވުމުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވާނެ ކަމެކެވެ. (މަޢުލޫމާތު: އަލްޖަޒީރާ)
ލަފުޒެއްގެ މާނަ:
ނިމުތުވެރިޔާ ނ. އެ މީހަކަށް ލިބިފައި ހުންނަ ނުވަތަ އެއްކުރެވުނު މަޢުލޫމާތަކަށް ބިނާކޮށް، ކަންކަން ކުރިއަށް ލަފާކުރާ މީހާ. forecaster