ޑރ. މޫސާ އަންވަރު ޙަސަން
5 ފެބްރުވަރީ 2025
ވަގުން ޝަރަފުވެރިވަނީ ކިހިނެއްތޯއެވެ؟ އެ މީހުން އަބުރުވެރިވާނެތޯއެވެ؟ ނަމަވެސް ޢައްބާސީ ދައުލަތުގެ ދުވަސްވަރު ވަގުންނަކީ ވެސް ޝަރަފުވެރީންނެވެ. އެ މީހުން ވައްކަންކުރުމުގައި ވެސް ހަމަތަކަކާއި އުސޫލުތަކެއްގައި ހިފެހެއްޓިއެވެ. ވައްކަންކުރަނީ، މުދާ ފޮރުވައި ރައްކާކޮށްގެން އުޅޭ މީހުންގެ އަތުން އެކަންޏެވެ. ބަޚީލުކަމުން ޒަކާތްދެއްކުމުން މަނަޢަވެގެން ތިބޭ މީހުންގެ އަތުންނެވެ. އެ ޒަމާނުގެ ވަގުންގެ އާދަކާދައަކަށް ވެފައިވަނީ، އެ މީހެއްގެ އަތުން ކާއެއްޗެއް ކައިފި މީހަކަށް ގެއްލުމެއް ނުދިނުމެވެ. އެއީ ވަގަކަށް ވިޔަސް މެއެވެ. އަދި އެ ގެޔަކުން ފެން ފޮދެއް ބޮއިފި ނަމަ، ނުވަތަ ސަލާންގޮވައިލުމުން ސަލާން ބަލައިގެންފި ނަމަ، އެ ގެއަކުން ވައްކަންކޮށް ގެއްލުމެއް ނުދިނުމެވެ. އެއީ ވަގަކަށް ވިޔަސް މެއެވެ. މިއީ ވަގުން އަމިއްލައަށް ކަނޑަހަޅައި ޢަމަލުކުރަމުން އައި އަމިއްލަ އުސޫލުތަކެކެވެ.
އެ ޒަމާނުގައި އެންމެ މަޝްހޫރު ވަގަކީ "أبو عثمان الخياط" ނަމަކަށް ކިޔާ މީހެކެވެ. އޭނާ ބުނެފައިވެއެވެ. "އަށްޓެރިއެއްގެ ގެއިން، އެ މީހާއަކީ ތިމަންގެ ޢަދުއްވަކަށް ވިޔަސް ވައްކަމެއް ނުކުރަމެވެ. ދީލަތި މީހެއްގެ ގެއިން، އަންހެނެއްގެ އަތުން، އަދި އެ ގެއެއްގައި ފިރިހެނަކު ނެތް ގެއަކުން ވައްކަމެއް ނުކުރަމެވެ. އަދި މީހެއްގެ ޣަދަރުވެރިކަމުން، އެ ޣަދަރުވެރިކަމުގެ ބަދަލުގައި ވައްކަމެއް ނުކުރަމެވެ."
އޭނާގެ ދަރިވަރު "ابن حمدي العيّار" ވެސް ކުދި ވިޔަވާރިކުރާ މީހުން އެ މީހުންގެ އަތުގައި އެއް ހާސް ދީނާރަށް ވުރެ މަދުން ހުރި، މީހެއްގެ މުދަލަކުން ވައްކަމެއް ނުކުރެއެވެ.
ޢައްބާސީ ދައުލަތުގެ ދުވަސްވަރު އުޅުނު ބޮޑު ވަގު "أدهم عسقلة" މި ދުނިޔެ ދޫކުރީ، އޭނާއަށް ތަބަޢަވާ ވަގުންނަށް ވަޞިއްޔަތެއް ދޫކުރުމަށްފަހުއެވެ. އޭނާއަށް ފަހު، އެ މީހުން އެ ވަޞިއްޔަތަކީ ވައްކަންކުރުމުގެ ޤާނޫނެއްކަމުގައި ބެލިއެވެ. އެ ވަޞިއްޔަތުގައި ބަޔާންކޮށްފައި ވެއެވެ. [އަންހެނެއްގެ އަތުން ވައްކަންނުކުރާށެވެ! އަވަށްޓެރީންގެ އަތުން ވައްކަންނުކުރާށެވެ! މާތް މީހެއްގެ އަތުން ވައްކަންނުކުރާށެވެ! ފަޤީރެއްގެ އަތުން ވައްކަންނުކުރާށެވެ! ތިޔަބައި މީހުން، އެއްވެސް ގެއަކުން ވައްކަން ކުރާކަމުގައިވަނީ ނަމަ، އެގޭގައި ހުރި އެއްޗެއްގެ ދެބައިކުޅައެއްބައި ވަގަށް ނަގާށެވެ! އެގޭ މީހުންގެ ބޭނުންތަކަށް ޓަކައި، އަނެއްބައި ބަހައްޓާށެވެ!]
ބުނެވޭ ގޮތުގައި ބޮޑުވަގު "الشاطر حمور" އޭނާގެ ވަގުންގެ ގުރޫޕު ގޮވައިގެން ވިޔަފާރިވެރިއެއްގެ ގެއަކަށް ވައްކަންކުރާން އެއް ރެޔަކު ވަނެވެ. އޭރު ވިޔަފާރިވެރިޔާ ކައިރީގައި އަންހެނުން ހުއްޓެވެ. ވަގު "الشاطر حمور" ވިޔަފާރިވެރިޔާއާ މުޚާޠަބުކޮށް ބުންޏެވެ. ތިމަން މެންނަކީ ވަގުންނެވެ. ކަލޭގެ އަހުލުވެރިން ފަރުދާކުރާށެވެ!
ވިޔަފާރިވެރިޔާ އޭނާގެ އަންހެނުން ފަރުދާކުރިއެވެ. އަދި "الشاطر حمور"އާ މުޚާޠަބުކޮށް ވިޔަފާރިވެރިޔާ ބުންޏެވެ. ތިޔަބައި މީހުން ބޭނުން އެއްޗެއް ގެންދާށެވެ. ނަމަވެސް ތިމަންމެން ޤަތުލުނުކުރާށެވެ. "الشاطر حمور" ބުންޏެވެ. ތިމަންމެން ކަލޭ ޤަތުލެއްނުކުރާނަމެވެ. ތިމަންމެން މިގެއަށް ވަނީ މީހުން ޤަތުލުކުރާކަށް ނޫނެވެ. ވައްކަންކުރާށެވެ! ބޭނުންވަނީ މިއަދަށް ފުދޭ ވަރަށް ކާބޯތަކެއްޗެވެ.
ވިޔަފާރީވެރިޔާ ސުވާލުކުރިއެވެ. [ކިތައް މީހުން ހެއްޔެވެ؟]
އޭނާ ޖަވާބުގައި ބުންޏެވެ. ތިމަންނައާ ތިމަންނާގެ ނުވަ ކުދީންނާއެވެ.
ކޮންމެ މީހަކަށް 1000 ހާސް ދީނާރުގެ މަގުން، ވިޔަފާރިވެރިޔާ 10 ހާސް ދީނާރު ގެނައެވެ. ވަގު "الشاطر حمور" ބުންޏެވެ. އަހަރެމެން ބޭނުންވާ މިންވަރަށް ނޫނީ އަހަރެމެން ނުނަގާނަމެވެ.
އެހެން ބުނުމަށްފަހު 1000 ދީނާރު ނެގިއެވެ. އަދި ބާކީ 9000 ދީނާރު އަނބުރައި ވިޔަފާރިވެރިއާއަށް ރައްދުކުރިއެވެ. އެ ވަގުން، އެ ގޭން ނުކުންނާން ދަނިކޮށް، ވަގުންގެ ތެރެއިން ވަގަކަށް މަތިޖަހައިފައިވާ ދަޅެއް ފެނި އެ ދަޅު ބޭނުންވިއެވެ. އޭނާ އެ ދަޅު ހުޅުވައިލުމަށް ފަހު އޭގައި ހުރި އެއްޗެއްގެ ރަހަބެލިއެވެ. ރަހަ ބެލިއިރު އޭގައި ހުރީ ލޮނެވެ. "الشاطر حمور" ބުންޏެވެ. މި ގެއިން އެއްޗެއްގެ ރަހަ ބެލުމަށްފަހު، މި ގެއިން ވައްކަންކުރުމުގެ ޙައްޤެއް އަހަރެމެންނަކަށް ނެތެވެ.
އަދި ގެއިން ވައްކަން ކުރި މުދާ އަނބުރައި ވިޔަފާރިވެރިޔާއަށް ރައްދުކުރުމަށް އޭނާ އަމުރުކުރިއެވެ. ވިޔާރިވެރިޔާ ދޭ ހިތުން 400 ދީނާރު ދިނުމުން ވެސް "الشاطر حمور" އޭގައި ހިފާން އިންކާރުކުރިއެވެ. އަދި ވިޔަފާރިވެރިޔާ 100 ދީނާރު ދޭން އުޅުމުން ވެސް ޤަބޫލެއްނުވިއެވެ. އަދި ފައިސާގެ ބަދަލުގައި ކާންދޭން އުޅުމުން ވެސް ޤަބޫލެއްނުކުރިއެވެ. އަދި އެ ކަމާ ބެހޭ ގޮތުން ވިޔަފާރިވެރިޔާއާ ވާހަކަދައްކަން ވެސް އިންކާރުކުރިއެވެ. އެ ވަގުން އެ ގެއިން ނުކުމެގެން ދިޔައީ، ސުވަލެއްގެ މިންވަރު ވެސް ވަގަށް ނުނަގައެވެ. އެއީ ވަގުންގެ ތެރެއިން ކުއްޖަކު އެ ގެއިން ލޮނުކޮޅެއްގައި ރަހަބެލީތީއެވެ.
އާދޭހެވެ! ޢައްބާސީ ދައުލަތުގެ ދުވަސްވަރު ބަޣްދާދުގެ ވަގުންނަކީ ވެސް ޝަރަފުވެރިންނެވެ. އެއީ އުސޫލުތަކުގައި ހިފަހައްޓާ އަބުރުވެރި ބަޔެކެވެ.