ad_banner
އިންޓަނެޓަކީ ދިވެހީންނަށް ޒަރޫރަތެއް. އަގުހެޔޮ ހަލި އިސްޕީޑުގައި ޚިދުމަތް ލިބުމުގެ އުންމީދުގައި ދިވެހީން.

އަބާ މުޙަންމަދު

2 ފެބްރުވަރީ 2025

އުރީދޫގެ 2000 ކިލޯމީޓަރުގެ ވިއުގައިގެ އާ މަޝްރޫޢެއް (ފޮޓޯ: އެރޭބިއަން ގަލްފް ބިޒިނަސް އިންސައިޓް، އަލާމީ/ހަސަން ޒައިދީ)

އިންޓަނެޓަކީ މިއަދު ދިވެހީންގެ ޒަރޫރަތަކަށް ވަނީ ވެފައެވެ. ނަމަވެސް އަދިވެސް އިސްޕީޑު ލަސްކަމާއި ޚިދުމަތުގެ އަގުބޮޑުކަމަށް ކުރާ ޝަކުވާތަކަށް ނިމުމެއް ނާދެއެވެ. ރާއްޖޭގައި ދެތިން ކުންފުންޏަކުން މި ޚިދުމަތްދޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ދިވެހިރާއްޖޭގެ މުއާސަލާތީ އެންމެ އާންމު ޚިދުމަތްކަމަށްވާ އަތުފޯނުގެ ޚިދުމަތަށް ލުޔެއް ލިބުނީ ވަޠަނިއްޔާ (މިހާރުގެ އުރީދޫ) އެ ޚިދުމަތާ ގުޅުނު ހިސާބުންކަން އަދި ވެސް ގިނަ ބަޔަކު ހަނދާންހުންނާނެއެވެ. 500 ރުފިޔާއަށް ލިބުނު ސިމްކާޑު އެއީ އަގުހެޔޮ އެއްޗަކަށް ބަދަލުވިއެވެ. ފޯނުކުރާ މީހާއާއި ފޯނު ލިބިގަންނަ މީހާގެ އަތުން ވެސް ފައިސާ ކެނޑެމުން އައި އުޞޫލަށް ބަދަލު އައިސް އެއީ ގިނަ ބަޔަކަށް ބޭނުންކުރެވޭ ޚިދުމަތަކަށްވިއެވެ.

އިންޓަރނެޓު ޚިދުމަތް ވެސް ކުރިއާ އަޅައި ބަލާއިރު އެތައް ތަނެއް އަގުހެޔޮވިއެވެ. ވިޔަފާރީގެ ވާދަވެރިކަން އިތުރުވުމާ އެކު، ހުރިހައި ކުންފުނިތަކުން ވެސް އަގުހެޔޮކުރާން މަޖުބޫރުވިއެވެ. ނަމަވެސް ކުރީން ވެސް ދެންނެވި ފަދައިން އިސްޕީޑު އަވަސްވުމާއި އަގުހެޔޮވުމަކީ އަދިވެސް ރައްޔިތުންގެ އުންމީދެކެވެ. ސަބަބަކީ އިންޓަނެޓަކީ މިއަދު ރައްޔިތުންގެ ޒަރޫރަކަށް ވެފައިވާތީއެވެ.

މި ހުސްވި ހަފުތާގައި އުރީދޫ ގުރޫޕުން މި ވަނީ އާ ސަބުމެރީން ކޭބަލަކާއި ފައިބަރު ވިޔުގަޔެއް ގުޅައިލުމުގެ އެއްބަސްވުމެއްގައި ފަރަންސޭސި ކުންފުންޏެއްކަމަށްވާ "އަލްކަޓޭލް ސަބްމެރީން ނެޓްވަރކްސް"އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް ކަން ދިމާވި ގޮތުން މި ފަހަރު މި ޚިދުމަތް ފުޅާކުރަނީ ދިވެހިރާއްޖެއަކަށް ނޫނެވެ. އުރީދޫގެ މައިމަރުކަޒު ހުންނަ ޤަޠަރު ސަރަހައްދުގެ ހަތް ގައުމަކަށެވެ.

"ގަލްފު އިން ފައިބަރ" މި ނަމުގައި ހިންގާ މި މަޝްރޫޢުން ގުޅައިލަނީ ޖީސީސީގެ ހަ ގައުމެއްކަމަށްވާ ސުޢޫދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބު އިމާރާތާއި، ޤަޠަރާއި ބަޙުރައިނާއި ކުވައިތާއި ޢުމާނާއެވެ. މީގެ އިތުރަށް މި މަޝްރޫޢޫގެ ދަށުން ފައިބަރ އޮބްޓިކް ކޭބަލް ވިއުގައަކުން އިރާގާ ވެސް ގުޅައިލާނެއެވެ. މި މަޝްރޫޢުގެ ބޭނުމަކީ މިހާރު ބޭނުންކުރާ ޓެލެމުވާސަލާތާއި އިންޓަނެޓުގެ ސަގާފީ ކޭބަލުގެ ބޭރުން ހަލި އިސްޕީޑުގައި ވިލާތާ ގުޅައިލެވޭނެ މަގެއް ހުޅުވައިލުމެވެ.

މި ސަރަހައްދުގެ މުވާސަލާތީ ހަތް ކުންފުނީން ވަނީ އެފުރިކާއާއި ވިލާތާއި އޭޝިއާ ގުޅުވައިލަދޭ މަޝްރޫޢެއް އިފުތިތާޙުކޮށްފައެވެ. އެއީ ރަތްކަނޑުގައި ޓޭޓާ ވައިރުތަކަށް ޙަމަލާދީ ކަނޑައިލައިފައިވާތީ ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމަށް ޓަކައެވެ.

އުރީދޫން ބުނެފައިވަނީ މި އާ އިސްތިރާޖީ ގުޅުމުގެ ސަބަބުން ވިލާތާއި އޭޝިއާގެ ބައެއްގައި އިތުރުވެފައިވާ ޑިމާންޑާ އެއް ވަރަށް ސިކުންތަކު 120 ޓެރަބައިޓުގެ އިސްޕީޑެއްގައި ޚިދުމަތް ލިބޭނެކަމަށެވެ.

އުރީދޫ ގުރޫޕުން ބުނެފައިވާ ގޮތުގައި އަލަށް މި ގުޅާ ވިއުގައިގައި ދެ ހާސް ކިލޯމީޓަރުގެ ދިގު ދޫ ކޭބަލުގެ ސަބަބުން، ފުޅާ ދާއިރާއެއްގައި ކުލައުޑުގެ ޚިދުމަތް ދޭ ފަރާތްތަކަށާއި ވިޔަފާރިކުރާ ކަސްޓަމަރުންނަށާއި ސަރުކާރުތަކަށާއި ސިނާއީ ތޫނު ވިސްނުން (އޭއައި)ގެ ޚިދުމަތްދޭ ފަރާތްތަކަށައި ޑޭޓާ މަރުކަޒުތަކަށާއި މުއާސަލާތީ ކުންފުނިތަކަށް ވެސް ރައްކާތެރިކަމާއި އިތުބާރު ލިބޭނެކަމަށެވެ. އަދި ގުޅުންތަކުގެ އިސްޕީޑު ވަރަށް ބޮޑަށް އަވަސްވާނެކަމަށެވެ. އުރީދޫގެ މި މުހިންމު މަޝްރޫޢު 2027ގައި ނިމޭނެކަމަށް ވެއެވެ.

މިއީ އުފާވެރި ޚަބަރެކެވެ. ނަމަވެސް މި ފަދަ މަޝްރޫޢެއް މި ސަރަހައްދަށް ޚާއްސަކޮށް ދިވެހިރާއްޖެއަށް ހިންގައިގެން ދިވެހީން އެދޭ ފަދަ ހެޔޮ އަގުގައި އަވަސް އިސްޕީޑުގައި އިންޓަނެޓުގެ ޚިދުމަތް ލިބުމަކީ ދިވެހީންގެ މިއަދުގެ އުންމީދެވެ.  

ކޮމެންޓު