ad_banner
މި ވަގުތު ތައިލެންޑާއި ކެމްބޯޑިއާއަށް ދަތުރުކުރުމަކީ ރައްކާތެރި ކަމެއްތަ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

29 ޖުލައި 2025

މި ސަރަހައްދުގެ އަރައިރުން އަދިވެސް ދަނީ ހަމަ ކުރިއަށެވެ.

ތައިލެންޑާއި ކެމްބޯޑިއާއަށް ކޮންމެ އަހަރަކު އެތައް މިލިއަން ފަތުރުވެރީންނެއް ޒިޔާރަތްކުރެއެވެ. އެ ކަން އެ ހެން އޮތް ނަމަ ވެސް އެ ދެ ގައުމުގެ ސަރަހައްދީ އިމުގެ މައްސަލައިގައި ދެ ގައުމުގެ މެދުގައި އަރައިރުންތައް އުފެދި އެ ކަމާ ގުޅިގެން ދެ ގައުމުން އަސްކަރީ ކުރިމަތިލުމަށް މިހާރު ވަނީ ގޮސްފައެވެ. މި ދެބަސްވުންތައް މި ހައި ބޮޑުވެ، އަސްކަރީ ކުރިމަތިލުމަކަށް މި ދިޔައީ  މި ފަދަ ކަމެއް ނުހިނގާތާ ގަރުނަކަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށެވެ.

ތާރީހީ ގޮތުން ހަމަނުޖެހުންތައް އަބަދު ވެސް ހިނގައެވެ. ނަމަވެސް މި ހަފުތާގައި މި ވަނީ ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި ދެބަސްވުން އުފެދިފައިވާ އެކި ސަރަހައްދުގައި މި ވަނީ ބަޑިގެ ޙަމަލާތައް ވެސް ބަދަލުކޮށްފައެވެ. މި ޙަމަލާތަކުގެ ސަބަބުން އާންމުންގެ އެތައް ބަޔަކު މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ވަގުތު މި ކަން މި ހިނގަނީ ހަމައެކަނި ސަރަހައްދީ ރޮނގު ކައިރީގައި އެ ސަރަހައްދުގައެވެ. ނަމަވެސް މިއީ މިއިން ގައުމަކަށް ދަތުރުކުރުމުގެ ތަދުބީރެއް އޮތް ކޮންމެ މީހަކުމެ ކަންބޮޑުވާނެ ޚަބަރެކެވެ. އެހެންކަމުން، ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުން ކުރިއަށްދާ މިންވަރާއި އެކަމުގެ ސަބަބުން ފަތުރުވެރީންގެ ދަތުރުތަކަށް އަސަރުފޯރައިފާނެ މިންވަރާ ބެހޭ ގޮތުން އެނގޭން ޖެހޭ ހުރިހާ ކަމެއް މި ފަދަ ފަތުރުވެރީންނަށް އެނގޭން ޖެހޭނެއެވެ.

ކެންބޯޑިއާއަކީ ދިވެހީން އަދި އެހައި ގިނައިން ގޮސް އުޅޭ ގައުމަކަށް ނުވިޔަސް ތައިލެންޑަކީ ދިވެހީންގެ ގާތުގައި ވެސް ވަރަށް މަގުބޫލު މަންޒިލެކެވެ.

ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ހިނގަނީ ކޮން ކަންތައްގަނޑެއް؟

އަރައިރުން އުފެދި މައްސަލަ ބޮޑުވެފައިވާ ދެ ގައުމުގެ އިން ސަރަހައްދުގައި މި ދިޔަ މެއި މަހުފަހުކޮޅު ބަޑީގެ ޙަމަލާތައް ބަދަލުކޮށް ސިފައިންގެ މީހަކު މަރުވި ފަހުން ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް މި ވަނީ ގޯސްވެފައެވެ. މި ހިނގާ ޖުލައި މަހު 24ވަނަ ދުވަހު (ބުރާސްފަތި ދުވަހު) ކަންކަން އިތުރަށް ގޯސްވެ، ސަރަހައްދީ ސަރަހައްދުގެ އެކި ހިސާބުތަކުގައި ބަޑީގެ ޙަމަލާ ބަދަލުކުރުން އިތުރުވެފައި ވެއެވެ.

މައްސަލަ އެންމެ ހޫނުވެފައިވާކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ސަރަހައްދުތަކަކީ: ތައިލެންޑްގެ ސޫރިން ޕްރޮވިންސާއި ކެމްބޯޑިއާގެ އޮޑާ މީއަންޗޭ (ގަދީމީ ޕްރަސަތު ޓާ މޯއަން ތޮމް ފައްޅި ކައިރީގައި) އާއި ތައިލެންޑްގެ އުބޮން ރަޓްޗަތާނީ އާއި ކެމްބޯޑިއާގެ ޕްރޭއާ ވިހެއާ ޕްރޮވިންސް (ޕްރަސަތު ޓާ ކްރަބޭ)އާ ކައިރި ސަރަހައްދުތަކެވެ.

[ދި އިންޑިޕެންޑެންޓް] ނޫހުން ތައިލެންޑްގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކާ ޙަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އާންމުންގެ 14 މީހުންނާއި ސިފައިންގެ މީހަކު މަރުވެ، 46 މީހަކު ވަނީ ވަރަށް ބޮޑަށް ޒަޚަމުވެފައެވެ.

ދަތުރުކުރުން ރައްކާތެރިތަ؟

ބަޑީގެ ޙަމަލާތައް ބަދަލުކުރާން ފެށި ފަހުން ތައިލެންޑުން ކެމްބޯޑިއާއާ އެކު އޮންނަ 817 ކިލޯމީޓަރުގެ މުޅި ސަރަހައްދީ ރޮނގު ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އެހެންކަމުން އޮސްޓްރޭލިއާއާއި ނިއުޒީލެންޑާއި ސިންގަޕޫރާއި ޗައިނާއާއި ހޮންކޮންގާއި އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ބައެއް ގައުމުތަކުން ވަނީ ޙަމަލާތައް ބަދަލުކުރާ ސަރަހައްދުތަކާ ކައިރީގައިވާ ސަރަހައްދުތަކަށް ދަތުރުނުކުރުމަށް އެ ގައުމުތަކުގެ ރައްޔިތުންނަށް އިންޒާރުދީފައެވެ.

ނަމަވެސް މި ދެ ގައުމުން ކުރެ ކޮންމެ ގައުމެއްގެ ވެސް އެހެން ސަރަހައްދުތަކަށް މި ކަމުގެ އަސަރު ނުފޯރާނެކަމަށް ލަފާކޮށްފައިވާތީ ދަތުރު ނުކުރުމަށް ލަފާދީފައިވަނީ ހަމައެކަނި ސަރަހައްދީ ރޮނގާ ކައިރި ހިސާބުތަކަށެވެ.

ތައިލެންޑާއި ކެމްބޯޑިއާއަށް ކުރާ ދަތުރުތައް އަދިވެސް ކުރިއަށް އެބަ ގެންދޭތަ؟

މި ލިޔުން ޝާއިޢުކުރަމުންދާ އިރު، ރައިލެންޑްގެ ވެރިރަށް ބެންކޮކާއި، ކެމްބޯޑިއާގެ ވެރިރަށް ނޮމްޕެނާއި ސިމް ރީޕް ފަދަ މަގުބޫލު މަންޒިލްތަކަށް، ތައިލެންޑާއި ކެމްބޯޑިއާ އަށް ވެސް އާންމު ގޮތެއްގައި މަތީންދާބޯޓުގެ ދަތުރުތައް އެބަ ކުރިއަށް ގެންދެއެވެ. ނަމަވެސް މިއިން ގައުމަކަށް ދަތުރުކުރާން ރާވައިފައިވާ ނަމަ އުދުހުންތަކުގެ ހާލަތަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ވަނީ އިލްތިމާސްކޮށްފައެވެ.

އިނގިރޭސިވިލާތުގެ ޚާރިޖިއްޔާގެ ދަތުރުފަތުރުގެ އެންމެ ފަހުގެ އިރުޝާދަކީ ކޮބާ؟

ދަތުރުފަތުރާ ބެހޭ ވެބުސައިޓުތަކުގައި އަދާހަމަކޮށްފައިވާ އެންމެ ފަހުގެ އިރުޝާދުތަކުގައި ބުނެފައި ވަނީ [ޖުލައި 24ވަނަ ދުވަހު ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ސަރަހައްދީ އިމުގެ ބައެއް ސަރަހައްދުތަކުގައި ރޮކެޓާއި އާޓިލަރީގެ ހަމަލާތައް ހިމެނޭ ގޮތަށް ހަނގުރާމައިގެ ޙާލަތު އެބަ އޮތެވެ. ދެ ފަރާތަށް ވެސް ގެއްލުންތަކެއް ލިބިފައިވާތީ، ސަރަހައްދީ ރޮނގާ ކައިރި ސަރަހައްދުތަކުން ވެސް މީހުން ހުސްކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު އޮންނަ ސަރަހައްދީ ރޮނގު ހުރަސްކުރުން މިހާރު ވަނީ މެދުކަނޑައިލައިފައެވެ. ސަރަހައްޑި ރޮނގާ ކައިރި ސަރަހައްދުތަކުގައި ހުންނަ، ފަތުރުވެރީންނަށް މަގުބޫނު މަންޒިލްތައްކަމަށްވާ ޚާއޯ ފްރާ ވިހާން/ޕްރެއާ ވިހެއާ ފައްޅި، ޓާ ކުވައި/ޓާ ކްރަބޭ ފައްޅި، ޓާ މުއެން ތޮމް/ތަމޯނޭ ތޮމް ފައްޅި މިހާރު ވަނީ ބަންދުކޮށްފއެވެ. އަދި ސަރަހައްދީ އިމުގައި ވެސް ނުގޮވައި ހުރި ބިމގެ މައިނުތައް ވެސް ހުރިކަމަށް މަޢުލޫމާތު ލިބެއެވެ. ވީމާ މި ސަރަހައްދުތަކަށް ކޮންމެހެން ކުރާން ލާޒިމު ދަތުރުތަކެއް ނޫނީ  ނުކުރުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވަމެވެ.]

ވަކިން ޚާއްސަކޮށް އިންސަރަހައްދާ 50 ކިލޯމީޓަރަށް ވުރެ ކައިރިއަށް ކޮންމެހެން ކުރާންޖެހެ ދަތުރުތައް ފިޔަވައި އެހެން ހުރިހައި ދަތުރުތަކުން ދުރުހެލިވުމަށް އަންގައިފައިވާތީ، މި އިރުޝާދަށް ތަބާނުވުމަކީ [ޓްރެވަލް އިންޝުއަރެންސް] ބާތިލްވާނެ ކަމެއްކަން ވެސް ވަނީ ހަނދާންކޮށްދީފައެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުނުކުރާން ނިންމައިފި ނަމަ، ޓިކެޓުގެ ފައިސާ އަނބުރައި ލިބޭނެތަ؟

ތައިލެންޑާއި ކެމްބޯޑިއާއަށް ކުރާ ހުރިހާ ދަތުރުތަކެއް (ސަރަހައްދީ ރޮނގުގެ 50 ކިލޯމީޓަރުގެ ތެރެއަށް ދަތުރު ނުކުރުން ފިޔަވައި)، އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލްޕމެންޓު އޮފީސް (އެފްސީޑީއޯ)އިން އިންޒާރުދީފައި ނުވާތީ، ފައިސާ ލިބޭ ގޮތަށް ދަތުރު ކެންސަލްކުރެވޭނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ. މި ގޮތަށް ކެންސަލްކުރުމުގެ ޝަރުތުތައް ބިނާވެފައި އޮންނާނީ ދަތުރުގެ ކަންކަން ރާވައިދިން ކުންފުންޏަކަށް ކަމަށް ވާތީ، މި ވަގުރު ދަތުރުނުކުރާން ނިންމާ ނަމަ އެންމެ ރަނގަޅު ގޮތަކީ ސީދާ އެ ފަރާތްތަކާ ގުޅުމެވެ.

ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު އެންމެ ފަހުން އަރައިރުން އުފެދުނީ ކޮން އިރަކު؟

ފަންނީ ގޮތުން މީގެ ގަރުނަކަށް ވުރެ ވެސް ކުރީން، މި ދެ ގައުމުގެ ސަރަހައްދީ ރޮނގު ކުރަހައިފައި ވަނީ ފަރަންސޭސިވިލާތުން ކެމްބޯޑިއާ ހިފުމަށް ފަހުގައެވެ. އެގާރަ ވަނަ ގަރުނުގެ ފައްޅިއެއް ޔުނެސްކޯގެ ދުނިޔޭގެ ތަރިކަ ސަރަހައްދެއްގެ ގޮތުގައި ރަޖިސްޓްރީކުރާން މީގެ ކުރީން 2008ވަނަ އަހަރު ކެމްބޯޑިއާއިން މަސައްކަތް ކުރި އިރު، އެ ފައްޅިއަކީ އަރައިރުން ބޮޑު ސަރަހައްދެއްގެ ތެރޭގައި ހުރި ފައްޅިއެކެވެ.

އޭގެ ފަހުން އެކި އަހަރުތަކުގައި މެދުކެނޑުމެއް ނެތި ހަމަނުޖެހުންތައް ހިނގައިފައިވީ ނަމަވެސް އަލުން މި އުދާސްތައް އުފެދި އިތުރުވީ މި ދިޔަ މެއި މަހު ކެމްބޯޑިއާ ސިފައިންގެ މީހަކު އެ ސަރަހައްދުގައި ބަދަލުކުރެވުނު ޙަމަލާއެއްގައި މަރުވުމުންކަމަށް ޚަބަރު ލިބެއެވެ.

މިހާރު، ޙާލަތު އޮތީ ކިހިނެއް؟

ކެންބޯޑިއާއާއި ތައިލެންޑާ ދެމެދު އުފެދިފައިވާ އަރައިރުން އިތުރަށް ގޯސްވެ ދެ ފަރާތުގެ ސިފައިން ވަނީ ސަރަޙައްދީ ރޮނގު ކައިރީގައި ޙަމަލާ ބަދަލުކޮށްފައިވަނީ ދެ ފަރާތުން ވެސް ޙަމަލާދޭން ވަރުގަދަ ހަތިޔާރު ވަނީ ބޭނުންކޮށަފައެވެ. އަދި އާޓިލަރީގެ އިތުރަށް ވައިގެ މަގުން ބޮމާއި ރޮކެޓުގެ ޙަމަލާތައް ވެސް ވަނީ ދީފައެވެ. އަދިވެސް ހުއްޓުމަކަށް ނާދެއެވެ. މި ޙަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ ސާޅީހާ ކައިރިކޮށްފައެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ މަދަނީންނެވެ. އަދި ޙަމަލާތައް ބަދަލުކުރާތީ، ސަރަޙައްދީ ރޮނގު ކައިރީގައި ދިރިއުޅޭ 300،ތިންލައްކައެއް ހައި  މީހުންނަށް ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވާން މަޖުބޫރުވެފައެވެ.

ކެމްބޯޑިޔާއާއި ތައިލެންޑަކީ ވެސް އާސިއާނުގެ މެންބަރު ދެ ގައުމަށް ވާތީ، މި ހަމަނުޖެހުން ފެށުމާ އެކު، ޗައިނާގެ އެހީތެރިކަމާއެކު މެލޭޝިއާއިން ވަނީ ދެ ގައުމު ސުލްޙަކޮށް މި ހަމަނުޖެހުން ހުއްޓުވޭތޯ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ކުރެވުނު މަސައްކަތުގެ ނަތީޖާ މިހާރު ފެންނާން ފަށައިފިކަމަށް ޚަބަރު ލިބެއެވެ. ތައިލެންޑާއި ކެމްބޯޑިޔާގެ އިސްވެރީން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށާއި، ދެ ޤައުމުގެ ދެމެދުގައި ސީދާ މަޝްވަރާތައް އަލުން ފަށާން އެއްބަސްވެފައެވެ. އަދި ޙަމަލާދިނުން ހުއްޓައިލާން ވެފައިވާ އެއްބަސްވުން ތަންފީޒުކުރާނެ ގޮތްތަކާ މެދު ވެސް އެއްބަސްވުމަކާ ހަމައަށް ވަނީ އާދެވިފައިކަމަށް ޚަބަރު ލިބެއެވެ.

މަޝްވަރާތަކުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަތް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާޙިމް ވިދާޅުވީ ތަންފީޒީ މަރުހަލާ ފުރިހަމައަށް ކުރިއަށް ގެންދޭތޯ ބެލުމަށް ޓަކައި، މެލޭޝިޔާގެ ޚާއްޞަ ޓީމެއް ކަނޑައަޅުއްވާނެކަމަށެވެ. އެއީ ޞުލްޙަ ޤާއިމުކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުން ވެސް ސުލްޙަ ޤާއިމުކުރާން އެއްބަސްވެފައިވާ ކަމަށާއި މި ކަމުގައި މިހާރު ޚިޔާލު ތަފާތުވުމެއް ނެތްކަމަށް ވެސް އަންވަރު ވިދާޅުވިއެވެ. މި ހަމަނުޖެހުމުގެ ސަބަބުން އެއް ގައުމަކަށް ވެސް ކުރި އަދި ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމަށް ވެސް ދެ ގައުމުން ގަބޫލުކުރެއެވެ.

ކޮމެންޓު