ad_banner
ރައީސް، އަނޫރާކުމާރަ ޑިސަނަޔަކަގެ ހެދުންކޮޅުން އަޅުގަނޑުމެން ނަގާނީ ފައްސި މާނައެކެވެ.

މުޙަންމަދު ނަޞީރު ޢަލީ

28 ޖުލައި 2025

ރައީސް ޑރ. މުޢިއްޒު (ކ) ލަންކާގެ ރައީސް (ވ)އަށް މަރުޙަބާ ވިދާޅުވަނީ (ފޮޓޯ: ފޭސްބުކު/މުޙަންމަދު ނަޞީރު)

ސްރީލަންކާގެ ރައީސް، އަނޫރާކުމާރަ ޑިސަނަޔަކައަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ދަޢުވަތަކަށް އެ މަނިކުފާނު މިއަދު ހެނދުނު ރާއްޖެއަށް ވަޑައިގެންފިއެވެ.

އެ މަނިކުފާނުގެ އިސްތިގުބާލަށް ރައީސް މުޢިއްޒާއި ވަޒީރުން ވަޑައިގަތެވެ. އަދި ގާޑްއޮފް އޮނަރެއް ވެސް އެ މަނިކުފާނަށް ވަނީ އަރުވައިފައެވެ. މިއީ ޕްރޮޓޮކޯލް އޮންނަ ގޮތުން ދުރާލައި ތައްޔާރުވެގެން، ދެ ޤައުމުގެ އޮފިޝަލުން މެދުވެރިކޮށް ދެ ރައީސުންނަށް ވެސް ކުރީން މަޢުލޫމާތު ލިބިގެން ހިނގަމުންދާނެ ކަންކަމެވެ.

ދިވެހިރާއްޖެއިން މިހައި މަތީ ދަރަޖައެއްގައި އެ މަނިކުފާނަށް އިސްތިގުބާލުކުރާން ގޮސް ތިއްބައި، އެ މަނިކުފާނު މަތިންދާބޯޓުން ފައިބައިވަޑައިގަތީ، އެ ދަރަޖައާ ނުގުޅޭ ވަރަށް އާދައިގެ ހެދުންކޮޅެއް ތުރުކުރައްވައިގެން ހުންނަވައެވެ. މުޅި ދަތުރުފުޅުގައި މަތިންދާބޯޓުގެ ގޮނޑީގައި އިންނެވީ އެ އަތްދިގު ޓީޝާޓް ތުރުކުރައްވައިގެންހެން ހީވާ ކަހަލަ ގޮތަކަށް އޭގެ ފުރަގަހުގައި ވަނީ ވަރަށް ބޮޑަށް ރޫޖެހިފައި ވެސް މެއެވެ.

ކޮންމެއަކަސް، މިއީ ތަފާތު އެކި ގޮތްގޮތަށް ތަރުޖަމާކުރެވިދާނެ ކަމެކެވެ. އެންމެ ފައްސި ގޮތަކީ، އެ މަނިކުފާނަކީ ވަރަށް ސާދާ، އާދައިގެ ގޮތަކަށް އުޅުއްވާން ބޭނުންފުޅުވާ، އަދި އެ ގޮތަށް ޢަމަލުފުޅުކުރައްވާ ބޭފުޅެކޭ ބުނުމެވެ. އަނެއް ގޮތަކީ، ދިވެހިރާއްޖެއަކީ، ސަނީސައިޑް އޮފް ލައިފްކަމަށް ވާތީ، އެ މަނިކުފާނު ހުންނެވީ ގެސްޓް މޫޑުގައި ކެޝުއަލްކޮށްކަމުގައި ގަބޫލުކުރުމެވެ. އަނެއް ގޮތަކީ، އެ މަނިކުފާނުގެ ހެދުންކޮޅުން އެ ދައްކަވަނީ ސްރީލަންކާގެ އިގުތިސާދީ ޙާލަތޭ ބުނުމެވެ. އެންމެ ހުތުރު ގޮތަކީ، އެ މަނިކުފާނުގެ ނަޒަރުގައި ދިވެހީންނަކީ ކޯޓްފަޓުލޫނު ލައިގެން އައިސް ބައްދަލުކުރަންޖެހޭ ފެންވަރުގެ ބަޔަކަށް ނުވަނީއޭ ހިތަށްއަރުވައިލުމެވެ.

ޤައުމުތަކުގެ ވެރީން ރަސްމީ ކަންކަމުގައި ހެދުންކޮޅު ތުރުކުރައްވަނީ މައިގަނޑު ދެ ގޮތަކަށެވެ. އެއްގޮތަކީ، ބައިނަލްއަގުވާމީ މީޔާރެވެ. އެއީ ދިވެހީން މި ކިޔާ ކޯޓުފަޓުލޫނެވެ. އަނެއް ގޮތަކީ، އެ ޤައުމެއްގެ ޤައުމީ ހެދުންކޮޅެއް ތުރުކުރެއްވުމެވެ. މި ދެ ގޮތުންކުރެ ގޮތެއް ނުގެންގުޅުއްވަންޏާ އެ ކަން، އިސްސާފުކުރާނީ އެކި މީހުން އެކި ގޮތަށެވެ.

އެމެރިކާގެ ނައިބުރައީސް ޖޭޑީ ވޭންސް، ޔުކްރޭނުގެ ރައީސް ގާތުގައި ބުނީ، އޭނާ ވައިޓްހައުސްއަށް އަންނަންޖެހޭނީ ކޯޓުފަޓުލޫނު ލައިގެން ކަމަށާއި، މިލިޓްރީ ގަންޖުފަރާހެއް ލައިގެން، އެމެރިކާގެ ރައީސާ ބައްދަލުކުރަން ވައިޓްހައުސްއަށް އައުމަކީ އެމެރިކާގެ ރައްޔިތުންނަށް ކުރި އިހާނާތްތެރި ޢަމަލެއްކަމަށެވެ.

ކޮންމެއަކަސް، އެންމެ އަވަށްޓެރި ޤައުމުގެ ރައްޔިތުން ހޮވައިފައި ހުންނެވި ވެރިޔާއަކީ ކަނޑުކޮހަކަށް ނުވާނެކަމަށް ބަލަމާ ހިންގަވާށެވެ! އެމަނިކުފާނަކީ އަހަރެމެންގެ ޤައުމުގެ ރައީސްގެ ދަޢުވަތަކަށް ވަޑައިގަތް ޢިއްޒަތްތެރި މެހެމާނެއްކަމަށް ބަލައި، ދިވެހީންގެ މި ޢިއްޒަތްތެރި ބިމުން ދެވެންއޮތް އެންމެ މަތީ ކުލުނަކާއި ލޯތްބެއް، ސިލޯނުގެ އެކުވެރި ރައްޔިތުންގެ ޙައްޤުގައި އެ މަނިކުފާނަށް އަރުވަމާ ހިންގަވާށެވެ! އެ މަނިކުފާނު ތުރުކުރައްވައިގެން ހުންނެވި ގަމީސްކޮޅާއި އޭގައިހުރި ރޫތަކަށް ނުބަލައި، އެ މަނިކުފާނު ދިވެހިޤައުމާ މެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ ބަލާން އިންތިޒާރު ކުރަމާހިންގަވާށެވެ!

ކޮމެންޓު
ކޮމެންޓުތައް
ޚާލިދު
30 ޖުލައި 2025 10:05
އިސްލާމީ ވިސްނުމަކުން ވިސްނާނަމަ، އެކުވެރި ލަންކާގެ ރައީސް ދައްކުވައިދެއްވީ ތަވާޟުޢު ވެރިކަމެވެ.