ad_banner
ތާރީޚުގައި ރެކޯޑުކުރެވިފައިވާ އެންމެ ބާރުގަދަ އެއް ބިންހެލުން މިއަދު! ސުނާމީގެ އިންޒާރުވެސްދީފި!

އަބާ މުޙަންމަދު

30 ޖުލައި 2025

ސުނާމީގެ އަސަރު އެންމެ ބޮޑަށް ފޯރާނެކަމަށް ލަފާކުރެވޭ ސަރަހައްދުތައް

ސުނާމީއަކީ ދިވެހީންނަށް އަދި ދުނިޔޭގެ އެއްވެސް ގައުމަކަށް އާ ނަމަކަށް ނުވާނެއެވެ. އެއީ ގަހީގަތުގައި އަސްލު ޖަޕާނު ލަފުޒެއް ނަމަ ވެސް މިއަދު އެއީ ބައިނަލްއަގުވާމީ ލަފުޒެކެވެ. 2004ގައި ދިވެހީންނާއި އޭޝިއާގެ ގައުމުތަކުން ތަޖުރިބާކުޅަ ސުނާމީއަށް ފަހު [ސުނާމީ]އަކީ މީސްތަކުންގެ ހިތުގައި ބިރުވެރިކަން އުފައްދައިފައިވާ އެއްޗެކެވެ.

މިއަދު މި ވަނީ އަނެއްކާ ސުނާމީއެއްގެ އިންޒާރުދީފައެވެ. ސަމާލުވާން އަންގައިފައެވެ. ނަމަވެސް ﷲގެ ރަޙުމަތްފުޅުން މި ފަހަރު ސުނާމީ އަންނާނެކަމުގެ އިންޒާރު ލިބިފައި މިވަނީ މި ސަރަހައްދަކަށް ނޫނެވެ.

މި އަދު ސުނާމީގެ އިންޒާރު ނެރެފައި މި ވަނީ ރަޝިޔާގެ އިރުމަތީ ކަމްޗަޓްކާ ޕެނިންސިއުލާރުގެ ކަނޑުގެ ސަރަހައްދަށް 8.7ގެ ބާރުމިނުގައި އައި ބިންހެލުމަކަށް ފަހުގައެވެ.

މިއަދު (ބުދަ ދުވަހު)ގެ ވަގުތެއްގައި ރަޝިޔާގެ އިރުމަތީ ކަމްޗަޓްކާ ސަރަހައްދުގައި ހަތަރު މީޓަރު (13 ފޫޓު) އުސްމިނުގެ ސުނާމީއެއް އަރާނެކަމަށް ލަފާކުރެވޭތީ ޖަޕާނާއި އެމެރިކާއާއި، ފިލިޕީންސާއި، އިންޑޮނޭޝިއާއާއި، އިކުއެޑޯއާއި، ކޮސްޓަރިކާއާއި ޕެސިފިކްގެ ގިނަ ޖަޒީރާ ގައުމުތަކަށް ވަނީ ސުނާމީ އިންޒާރު ނެރެފައެވެ.

އެމެރިކާގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހަވާއީ އާއި އެލަސްކާގެ އެލެއުޝިއަން އައިލެންޑްސް ސްޓޭޓަށް ސުނާމީގެ އިންޒާރު ދީފައެވެ. އަދި ލޮސް އެންޖެލީހާއި އޮރެގަން ފަދަ ކެލިފޯނިއާގެ ބައެއް ހިސާބުތަކަށް ވެސް ސުނާމީގެ އިންޒާރުދީފައި ވެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (މަރުކަޒު)އިން ބުނާ ގޮތުގައި މި ބިންހެލުމުގެ މިންގަނޑު 8.8 މެގްނިޓިއުޑުގައި ރެކޯޑުކުރެވިފައިވާތީ މިއީ ތާރީޚުގައި ވެސް ރެކޯޑް ކުރެވިފައިވާ އެންމެ ބާރުގަދަ އެއް ބިންހެލުމެވެ.

މާ ނުރައްކާތެރި ދަރަޖައަކަށް ނޫނަސް މުޅި އެމެރިކާގެ ހުޅަނގު އައްސޭރިފަށަށް ވެސް ސުނާމީގެ އަސަރު ކުރާނެތީ އެ ސަރަހައްދުތަކަށް ވެސް ސުނާމީގެ އިންޒާރުވަނީ ދީފައެވެ.

ހަވާއީގެ ހޮނޮލޫލޫ ޑިޕާޓްމަންޓް އޮފް އިމަޖެންސީ މެނޭޖްމަންޓުން ވަނީ އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ދާން އިލްތިމާސްކޮށްފައެވެ.

"އަވަހަށް ފިޔަވަޅެއް އަޅާށެވެ! ފަނާކުރަނިވި ސުނާމީ ރާޅުތަކެއް އަރާނެކަމަށް ބެލެވޭ.] އެކްސްގައި އެ އިދާރާއިން ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ހަވާއީ އިމަޖެންސީ މެނޭޖްމަންޓް އެޖެންސީއިން ބުނެފައިވަނީ ފުރަތަމަ ރާޅު އަންނާނެކަމަށް ލަފާކުރެވެނީ ރާއްޖޭ ގަޑީން 7:10 ގައިކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަވާއީއާއި، އަލަސްކާއާއި ޕެސިފިކް ކަނޑުގެ އައްސޭރީގައި ދިރިއުޅޭ ރައްޔިތުންނަށް ސުނާމީއާ ގުޅުން ހުރި އިރުޝާދުތަކަށް ސަމާލުކަންދޭން ވެސް އިލްތިމާސުކޮށްފައެވެ.

[ހަމަޖެހިގެން ސަމާލުވެ ތިބޭ! ސަލާމަތާއި ރައްކާތެރިކަމާއެކު އެންމެން ތިބޭތި!] ޓުރަންޕު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.

ޖަޕާނުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކަށް ތިން މީޓަރު (9.8 ފޫޓު)ގެ އުސްމިނުގައި ސުނާމީ އަރާނެކަމަށް ލަފާކުރެވޭކަމަށެވެ.

[އައްސޭރި ސަރަހައްދުތަކުގައި ނުވަތަ ކޯރުތަކުގެ އައްސޭރީގައި ތިބި މީހުން ވަގުތުން އުސް ބިންތަކަށް ނުވަތަ މީހުން ބާއިތިއްބާ ރައްކާތެރި އިމާރާތްތައް ފަދަ ރައްކާތެރި ތަންތަނަށް އަވަހަށް ދާން ޖެހެއެވެ.] ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައި ވެއެވެ.

[އެއް ފަހަރަށް ވުރެ ގިނަ ފަހަރު، ސިލްސިލާކޮށް ސުނާމީ އަތުވެދާނެ. އެހެންވީމާ ސުނާމީގެ އިންޒާރު އުވައިލަންދެން ރައްކާތެރި ތަންތަނުން ނުނިކުންނާތި!]

ޖަޕާނުގެ ބޮޑުވަޒީރު ޝިގޭރޫ އިޝިބާ ވެސް ވަނީ ސުނާމީ އިންޒާރުދީފައިވާ ސަރަހައްދުތަކުން މީހުން ނިކުތުމަށް ރައްޔިތުންނަށް އިލްތިމާސުކުރައްވައިފައެވެ.

މީސްމީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޖަޕާނުގެ އައްސޭރިފަށުގެ ރައްޔިތުން ބައިބަޔަށް އުސް ބިންތަކަށް ބަދަލުވަމުންދާ މަންޒަރު ފެނެއެވެ.

ފިލިޕީންސް އިންސްޓިޓިއުޓް އޮފް ވޯލްކެނޮލޮޖީ އެންޑް ސެއިސްމޮލޮޖީން ބުނެފައިވާ ގޮތުގައި އެ ގައުމުގެ ޕެސިފިކް ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ސުނާމީ ރާޅުތައް އެއް މީޓަރަށް ވުރެ އުސްމިނުގައި އަރާނެކަމަށް ލަފާކުރެވެއެވެ. އެހެންކަމުން ރައްކާތެރި ސަރަހައްދުތަކަށް ދާން އެ ގައުމުން ވެސް ވަނީ އިސްލިމާސްކޮށްފައެވެ.

ފުރަތަމަ ސުނާމީ ރާޅުތައް އަންނާނެކަމަށް ލަފާކުރެވެނީ މިއަދު (ބުދަދުވަހު) މެންދުރު 01:20 އާއި މެންދުރު 02:40 އާ ދެމެދު (ޖީއެމްޓީ ގަޑިން ބުރާސްފަތި ދުވަހު 0620 އިން ދުވަހުގެ 07:40އަށް)އެވެ.

މި ފަހަރު ދިވެހިރާއްޖެއާއި މި ސަރަހައްދަށް ސުނާމީގެ އަސަރެއް ނުފޯރާނެކަމަށް ލަފާކުރެވޭތީ ﷲއަށް ޙަމަދުކުރަމެވެ. އެއީ ﷲގެ ރަޙުމަދާއި ފަޟުލުވަންތަކަމެވެ.

ކޮމެންޓު