އަބާ މުޙަންމަދު
30 ޖަނަވަރީ 2025
އިސްރާއީލުގެ އަސްކަރީ ބެހެއްޓުމުގެ ދަށުގައިވާ ނިތުސާރީމް ދޮރޯށީން ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން ވަދެގެން އެ އަންނަނީ ހަމައެކަނި ވަޠަނުގެ ލޯބީގައެވެ. އެ މީހުންގެ ރީތި ގެދޮރު ބިނާކޮށްފައި ހުރި ތާނގައި ހުރީ ފުނޑުފުނޑުވެފައިވާ ގާތަކެކެވެ. ގިނަ މީހުންގެ ޢާއިލާތައްވަނީ ޝަހީދުވެފައެވެ. ދުނިޔޭގައި ތިބި ގިނަ މީހުން ތިބީ ނުކުޅެދޭ މީހުންނަށް ވެފައެވެ. އަނގައަށް ލާނެ ކާއެއްޗެއް ނެތެވެ. ބޯނެ ފެނެއް ނެތެވެ. އަލިކުރާނެ ބައްތިއެއް ނެތެވެ. ބޯހިޔާކޮށްލާނެ ނިވަލެއް ނެތެވެ.
ނަމަވެސް ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ރަށަށް ޣައްޒާއަށް މި ހާލުގައި ވަންނާން އިސްރާއީލުގެ ސިފައިންގެ "އޯގާވެރިކަމުން" ހުއްދަދިނީ އެ މީހުން އެ ހާލުގައި ވަންނާން ބޭނުންނުވެ އަނބުރައިލައިފައި ދާނެކަމަށް ބަލައިގެންކަމަށް ވެދާނެވެ. ނަމަވެސް އިސްރާއީލުގެ ސިފައިން ހައިރާންވީ މި ދޮރޯށި ހުޅުވައިލުމާ އެކު، ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ތެރެއިން ތިން ލައްކައެއް ހައި މީހުން މި ދިޔަ ހޯމަދުވަހުގެ ނިޔަލަށް ޣައްޒާއަށް މި ޙާލުގައި އުފަލުން ވަނީތީއެވެ. މިއީ ޣައްޒާގައި އިސްރާއީލުން ހިންގި އަނިޔާވެރި ޢުދުވާނުގައި އެ ސަރަހައްދުން ބޭރުކޮށްލެވުނު ފަހުން، އެ މީހުންނަށް އެނބުރި އަމިއްލަ ވަޒަނަށް އާދެވުނު ފުރަތަމަ ފަހަރެވެ.
މުޅި ޣައްޒާ އޮތީ ގާފުނިތަކުން ފުރިފައެވެ. ބޯނެ ފެންފޮދެއް ވެސް ނެތެވެ. ނަމަވެސް ޣައްޒާގެ ސަރުކާރުން މިހާރު ފެންވަޅުތައް ކޮންނަމުން ގެންދާކަމަށް ޚަބަރު ލިބެއެވެ. އަދި ޣައްޒާއަށް އެނބުރި އަންނަ މީހުން ބޯހިޔާކޮށްލުމަށް ޓަކައި ފަންސާހަކަށް ފޭލިގެ ވެސް ވަނީ ތައްޔާރުކޮށްފައެވެ. ނަމަވެސް ޣައްޒާގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި މަދުވެގެން އެއް ލައްކަ ވިއްސަކަށް ހާސް ފޭލިގެ އެ މީހުންނަށް އެކަނި ވެސް ބޭނުންވާނެއެވެ. ނަމަވެސް މި މީހުންނަށް އަޅައިލާކަށް އެއްކަލަ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުންގެ ލޮލެއް، ކަންފަތެއް، އަތެއް ނެތް ފަދައެވެ. ހަމައެކަނި އޮތީ ޣައްޒާގެ ރައްޔިތުން ލޯބިވާ ޙަމާސްގެ ސަރުކާރެވެ. އެ މީހުންނަށް ވީ ވަރަކުން އެހީވެވޭތޯ އެބަ މަސައްކަތްކުރެއެވެ. ފައިމަގުގައި ހިނގައިފައި އަންނަ މީހުންނަށް ވަރުބަލިވެގެން މަސްޒިލުމަގުސޫދަށް ނާދެވޭ ހާލަތު ދިމާވާ މީހުންނަށް ވެސް އެބަ އެހީތެރިވެއެވެ.
ނިތުސާރީމް ދޮރޯށި އިސްރާއީލު ސިފައިން ހުޅުވައިލީ އެ މީހުން ރައްޔިތުން ރަށަށް ދާން ދޮރުހުޅުވައިލަދިނަސް އެބައިމީހުން ނުދިޔައީއްޔޭ ބުނާށެވެ. ނަމަވެސް ޣައްޒާގެ ރައްޔިތުން ތިބީ އެ މީހުންގެ ގޭގެ ގާފުނިތަކުގެ މަތީގައި ތިބޭން ވިޔަސް ރަށަށް ދާހިތުން ކެތް މަދުވެފައެވެ. އެ ހައި ވެސް އެ މީހުން އަމިއްލަ ފަސްގަނޑު ދެކެ ލޯބިވެއެވެ. އެ މީހުންގެ ޝިޢާރަކީ "އެ މީހުން ދިރި ތިބޭނީ ވެސް އަދި ޝަހިދުވެ ދާނީ ވެސް އެ މުގައްދަސު ބިމުގައެވެ."
ޣައްޒާ ބޮޑު ގާފުނިތަކަކަށް ހެދުމަށް ފަހު އެ ތަނަށް ދާން އިސްރާއީލުގެ "ހެޔޮކަމުން" ކުޑަ ދޮރެއް ހުޅުވައިލުމާ އެކު، ހުޅަނގު އައސޭރިއަށް ޙަމަލާދޭން ފަށައިފިއެވެ. މިއީ ހުޅަނގު އައްސޭރީގައި ތިބި ހަތިޔާރު އެޅި ޖަމާޢަތްތައް ނައްތައިލުމަށްކަމަށް ބުނެ ދޭން ފެށި ވައިގެ ޙަމަލާތަކެކެވެ. މި ޙަމާލާތަކުގައި ތުލްކަރީމް ސިޓީއިން މަދުވެގެން ފަލަސްތީނުގެ ދެ މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އެއީ އާދައިގެ ރައްޔިތުންނެވެ. ހަތިޔާރުއެޅި ބަޔެއް ނޫނެވެ.
މީގެ އިތުރަށް، މީހުން އުފުލަމުން ދިޔަ އަސްގާޑިޔާތަކަށް ޙަމަލާދީ ކުޑަކުއްޖަކު ހިމެނޭހެން އެތައް ބަޔަކު ވަނީ ޝަހީދުވެސްކޮށްލައިފައެވެ.
އިސްރާއީލުގެ މި "ދީލަތި"ކަމާ އެކު ވެސް ފަލަސްތީނު މީހުން ގެންދަނީ އެ މީހުން އުރުދުނަށާއި މިސްރަށް ރެފިޔުޖީންގެ ގޮތުގައި ބަދަލުކުރާން ޓުރަންޕު ރާވާ ތަދުބީރަށް ފިސާރިކެރިގެން ދެކޮޅުހަދަމުންނެވެ.
އިސްރާއީލުން ޣައްޒާއަށް ދިން ޢުދުވާނުގައި ސާޅީސް އަށް ހާހަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. މީގެ އިތުރަށް އެއް ލައްކަ އެގާރަ ހާހަށްވުރެ ގިނަ މީހުން ވަނީ ވަރަށް ބޮޑަށް ޒަޚަމުކޮށްލައިފައެވެ. ގިނަ މީހުން ވަނީ އަތްފައި ނެތިވެ ގޮސްފައެވެ. ނުކުޅެދޭ މީހުންނަށް ހަދައިލައިފައެވެ.
_____________________________________________________
ލަފުޒެއްގެ މާނަ:
ތަދުބީރު ނ. (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާރޭވުން. (2) ޙިކުމަތް.