ނާޒިމާ ސަމީރު
30 ޖަނަވަރީ 2025
ދިވެހީންނަކީ ޒަމާނުއްސުރެ ރޯދަމަހަށް ވަރަށް ބޮޑަށް ތައްޔާރުވާ ބަޔެކެވެ. ގޭތެރެ ޒީނަތްތެރިކޮށް، ހިފައި ގެންގުޅޭ ތަކެތި އާކޮށްލުމަކީ ކާބަފައި ޒަމާނުއްސުރެ ދިވެހީން ކުރަމުން އަންނަ، އަހަރެމެންގެ ސަގާފަތާ ގުޅިފައިވާ އާދައެކެވެ. ކޮންމެ ދިވެއްސަކު ވެސް އެ މީހެއްގެ ފެންވަރަކުން މި ސަގާފަތް ދަމަހައްޓައެވެ. ލިބޭ މަދު ފައިސާކޮޅުން ފުއްދައިގެން ރޯދައަށް ފައިސާކޮޅެއް އިތުރުކޮށްގެން ވީހައި ވެސް އަގުހެޔޮކޮށް ރަނގަޅު ސާމާނު ގަތުމަށް ޓަކައި "އޮންލައިން" މަގު ޚިޔާރުކުރެއެވެ. މި ކަމަށް ކަޅިއަޅައިގެން ތިބޭ، ޓެކުމާއި ފޭރުމުމުގެ އުކުޅު ބޭނުންކޮށްގެން މީހުންގެ އަތުން ފައިސާ އަތުލާ "ވަގުން" ޒަމާނީ ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން މީހުންގެ ފައިސާކޮޅު ޓެކުން މިހާރު މި ވަނީ މެކުހަށް ޖަހައިފައެވެ.
ރޯދަމަހަށް ތަކެތި އާކޮށްލުކަށް ޓަކައި ގޭގައި ހަލާކުވެ، ބާވެ، މަސައްކަތް ނުކުރެވޭ ވަރު ވެފައިވާ ތަކެތި ވެސް ނުގަނެ ތިބެއެވެ. އެއީ ދިވެހީންގެ ތެރެއިން ގިނަ މީހުންނަކީ މެދު ފަންތީގެ ދިރިއުޅުމެއް އުޅެމުންދާ މީހުނަށް ވާތީއެވެ. ލިބޭ ފައިސާކޮޅުން މަހުގެ ޚަރަދުތައް ފުއްދުމަށް ފަހު، ފައިސާކޮޅެއް އިތުރުކުރެވޭނީ ހަމަ ނޭވާ ހިފަހައްޓައިލައިގެންނޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ސަބަބަކީ މި ގޮތަށް ފައިސާ ކޮޅެއް އެއްވަނީ ވަރަށް ގިނަ ކަންކަމުން މަހުރޫމު ވެގެންކަމަށް ވާތީއެވެ. ރީތި ހެދުން ގަތުން ހުއްޓައިލައިގެންނެވެ. މީރު ކެއުންތައް ތަންތަނުން ގަނެގެން ކެއުން ހުއްޓައިލައި ގޭގައި ކޮންމެވެސް އެއް ބާވަތެއް ކައްކައިލައިގެންނެވެ. މި ފަދަ ހާލަތުގައި ރައްކާކުރާ ފައިސާކޮޅަށް އަގު ހެޔޮކޮށް ތަކެތި ގަތުމަށް ޓަކައި ހެދޭ ގޯހުން ބައެއް ފަހަރު ޓެކޭ މީހުންގެ މަޅީގައި ޖެހެނީއެވެ. އެ މީހުންގެ އުކުޅުތަކުގެ މޮޅުކަމުންވެސްމެއެވެ.
އަޅުގަނޑުގެ ރައްޓެއްސަކު ބުނި ގޮތުގައި އޭނާ އޮންލައިންކޮށް އެއްޗިހި ގަންނަނީ ބިލު ފޮނުވައި ބިލު ނަންބަރު ވެސް ހޯދައިފައެވެ. ނަމަވެސް މި ފަހަރު އޮންލައިންކޮށް އެއްޗެއް ގަންނާންވެގެން އާންމުކޮށް އަގުހެޔޮކޮށް ރަނގަޅު އެއްޗިހި ހުންނަ "ޕޭޖް" ބަލައި ވަރަށް ގިނަ ފަހަރު ވާހަކަދައްކައި ބިލު ފޮނުވުމުން ބޮޑު ކުންފުންޏަކުން ކުރާ ކަމެކޭ ކިޔައި އެތައް ހެތްކެއް ދެއްކުމުން ބިލަށް ފައިސާ ދެއްކީއެވެ. ފައިސާ ދެއްކި ފަހުން ވެސް އެ އެއްޗެއް ފޮނުވައިދޭނެ ވާހަކަ ބުނެ ތަކުރާރުކޮށް މެސެޖު ފޮނިވިކަމަށް އޭނާ ބުންޏެވެ. ނަމަވެސް ތިން ދުވަސް ވުމުން ދެން ޚަބަރެއްދަބަރެއް ނުވިއެވެ. ފޯނަށް ނުވެސް ގުޅުނެވެ. އޭނާ އަތުގައި ފައިސާ ޖަމާކުރެވުނު މީހާގެ ފުރިހަމަ ނަމާއި ފައިސާ ޖަމާކުރި އެކައުންޓް ހެތްކާ އެކު (ފައިސާގެ ރަސީދު) އޮތުމުން ސިފައިންނަށް ރިޕޯޓު ކުރި އިރު އޭނާ ފަދައިން މި ކެހި ލިބުނު ހައެއްކަ މީހުން އެ ދުވަހު ވެސް ތިބިކަން އެނގުނެވެ. ހަމަ، އެއް ތަނަކު، އެއް ނަންބަރަކުން އެއް ބަޔެކެވެ. ފައިސާ ޖަމާކޮށްފައިވަނީ ވެސް އެއް އެކައުންޓަކަށެވެ.
ފޭރޭ މީހުންގެ މި މަސައްކަތް މެކުހަށްޖަހައިފައި މި ވަނީ ޒަމާނީ އުކުޅުތަކާ އެކުގައެވެ. އަދި ރޯދައަށް ދިވެހީން އެންމެ ގިނައިން ގަންނާނެ، އަދި ބޭނުން ވާނެ ތަކެތި ވެސް ބަލައިގެންނެވެ. ދިވެހީންގެ ތެރޭގައި އުޅޭ އެކަނިވެރި މައިންނާއި އަމިއްލައަށް ގޭގައި ބުރަ މަސައްކަތްކޮތް އެތައް ދަލެއް އޮހޮރުވައިގެން ލިބޭ މަދު ފައިސާކޮޅު ޓެކޭ މީހުން އަތުލައިގަންނަނީ ދަނޑިވަޅު ބަލައިފައެވެ. އެ މީހުންގެ އަމާޒުފަތްގަނޑަކަށް ހަދައިފައިވަނީ މި ދުވަސްވަރު އެންމެ ގިނައިން ގަންނާނެ ތަކެއްޗެވެ. އެ ތަކެތި ވިއްކަނީ ވެސް ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ބޮޑެތި ކުންފުނިތަކުން އެ ކަން ކުރާ ގޮތަށެވެ. އެ މީހުން ވާހަކަދައްކާ އުސޫލުން އެ ގޮތަށް ވާހަކަދައްކައިގެންނެވެ. މި ގޮތަށް ޓެކުމަށް އެ މީހުން ގެންގުޅޭ އެއް އުކުޅަކީ އާންމުކޮށް ތަކެތި ވިއްކާން ހުންނަ އަގަށް ވުރެ އެ މީހުން ވިއްކާ އަގު 100 ނުވަތަ 50 ރުފިޔާ ހެޔޮކުރުމެވެ.
ރޯދަޔަށް ތައްޔާރުވުމަށް ޓަކައި، ތަކެތި ގަންނަ އިރު، މި އޮތީ ވަރަށް ބޮޑަށް ވިސްނާން ޖެހިފައެވެ. ފޭރޭ މީހުންގެ މަޅީގައި ނުޖެހި ވޭތޯ ބަލާން ޖެހިފައެވެ. ޒަމާނީ ވަސީލަތްތަކާއި ގޮތްތައް ބޭނުންކޮށްގެން އެ ވަގުން އެ ކުރާ ވައްކަމާއި ޓެކުމާއި ފޭރުމަށް ފާރަވެރިނުވާ ނަމަ، އެ މީހުންގެ މަޅީގައި ޖެހި ރޯދައަށް ރައްކާކުރި ފައިސާކޮޅު ގެއްލިދާނެއެވެ.
____________________________________
ބައެއް ލަފުޒުގެ މާނަ:
މެކުހަށްޖެހުން ނ. (1) ދުއްވާ އެއްޗެހީގެ އިންޖީނުގެ ދުވެލި އެންމެ މައްޗަށް ޖެއްސުން. (2) އެންމެ މައްޗަށް ގެންދިޔުން
ފޭރުން ނ. އަނެކެއްގެ އެއްޗެއް ގަދަބަދަވިކަމުން އަތުލައިގަތުން.
ޓެކުން ނ. މީހުންގެ އަތުން ފައިސާ ނުވަތަ ތަކެތި ކެހިވެރި ގޮތުން އަތުލުން.