ad_banner
ދިވެހިރާއްޖޭގެ އެންމެ ފަހުގެ ބޮޑު ވަޒީރުގެ މަތީން އެންމެން ހަނދާން ނެތުނީތަ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

27 ޖުލައި 2025

އަޙުމަދު ޒަކީއކީ ރާއްޖޭގެ މާޒީގެ ސިޔާސީ ވަރުގަދަ ޝަޚުޞިއްޔަތެކެވެ.

ހ. އޯކިޑުމާގޭ ހިޒް އެކްސެލެންސީ އަލްފާޟިލް އަޙުމަދު ޒަކީ (رحمه الله)އަކީ ރާއްޖޭގެ ސިޔާސީ ޙަޔާތުގައި ކުލަގަދަ ޝަޚުޞިއްޔަތެކެވެ. އެ މަނިކުފާނު ވަނީ ރައީސް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ރިޔާސަތުގައި ރާއްޖޭގެ ބޮޑުވަޒީރުކަން ވެސް ކުރައްވައިފައެވެ. އެއީ 1972ވަނަ އަހަރު އޮގަސްޓު މަހު ފުރަތަމަ ދުވަހުން ފެށިގެން 1975ވަނަ އަހަރު މާރިޗު މަހު 6އަށެވެ. ބޮޑުވަޒީރެއްގެ ހައިސިއްޔަތުން ސަރުކާރުގެ އެންމެ އިސް ވެރިއަކީ އެ ދުވަސްވަރު އެ މަނިކުފާނެވެ. އަދި ފާހަގަކޮށްލާން ޖެހޭ އެންމެ މުހިންމު ކަމަކީ އެ މަނިކުފާނަކީ ރާއްޖޭގެ އެންމެ ފަހުގެ ބޮޑުވަޒީރުކަމެވެ. އެ މަނިކުފާނަށް ފަހު އެއްވެސް ބޭފުޅަކު ރާއްޖޭގެ ބޮޑުވަޒީރުކަމެއް ނުކުރައްވައެވެ.

1931ވަނަ އަހަރު އެޕްރީލް 16ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގެން 65 އަހަރު ދުނިޔޭގައި އުޅުއްވުމަށް ފަހު 1996 ނޮވެންބަރު 15ގައި (ސިންގަޕޫރުގައި) ދުނިޔެ ދޫކުރެއްވި އޮންރަބްލް އަޙުމަދު ޒަކީއަކީ ވަރަށް ސަމާސާ މިޒާޖުފުޅެއްގެ ވަރަށް ސާދާ ބޭފުޅެކެވެ. މީހުންނާ ގުޅޭ، ހިތްޕުޅު ހެޔޮ ބޭފުޅެކެވެ. ދައުލަތުގެ މުހިންމު މަޤާމުތަކެއް ފުރުއްވި އަދި ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް އަދާކުރެއްވި ބޭފުޅެކެވެ. 1983އިން ފެށިގެން 1990އަށް ދިވެހި ދައުލަތުގެ ބަންޑާރަ ނާއިބުގެ މަގާމުގައި ހުންނަވައިގެން އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅު އެ ދުވަސްވަރުގެ ޖީލުގެ މީހުންގެ ހިތްތަކުގައި ބިންވަޅު ނެގިފައި ވެއެވެ. އޭރު ރާއްޖޭގައި ޕްރޮސެކިޔުޓަރޖެނެރަލަކު ނުހުންނަވާތީ، ދައުލަތުގެ ފަރާތުން ކޯޓުތަކުގައި ވަކާލާތުކުރެއްވުމަކީ ބަންޑާރަނާއިބުގެ މަސްއޫލިއްޔަތެކެވެ. އެ ކަމަށް ޓަކައި ކޯޓުތަކަށް އާންމު ގޮތެއްގައި ވަޑައިގަންނަވާނީ ބަންޑާރަ ނާއިބުގެ އެހީތެރީންނެވެ.

ނަމަވެސް 1988ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގައި ބައިވެރިވި މީހުންގެ މައްސަލަތައް ތަޙުޤީޤުކުރެއްވުމާއި މައްސަލައިގައި ދަޢުވާކުރައްވައި ކޯޓުގައި ވަކާލާތުކުރެއްވުމުގައި ޚުދު ބަންޑާރަ ނާއިބު އަޙުމަދު ޒަކީ އިސް ދައުރެއް އަދާކުރެއްވިއެވެ. އެ މަނިކުފާނުގެ ސާފު ސީދާ ޞަރީޙަ ބަސްމަގާއި ސުވާލުގެ ސީދާކަމުން ރާއްޖޭގައި އެ ދުވަސްވަރު ކުޑަކުދީން ވެސް އެ ވާހަކަފުޅުތައް ކޮޕީކޮށް ކުޅިވަރުގައި ތަމްސީލުކޮށް އުޅުނެވެ. ޝައުގުވެރިކަން ހުރިވަރުންނެވެ. އެއީ ހުޝިޔާރު ގާބިލު ބަންޑާރަ ނާއިބެއްކަން މުޅި ރާއްޖެއަށް ސާބިތުކޮށްދެއްވިއެވެ. ބަޣީންނާ ކޮށްލައްވާ ސުވާލުން އެ މީހުންގެ އަނގަ ބަންދުކޮށްލައްވައެވެ.

އިނގިރޭސިބަހަށް ވަރަށް ކުޅަދާނަފުޅު އަޙުމަދު ޒަކީ ވަނީ ދެ ފަހަރެއްގެމަތީން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފައެވެ. އެއީ 1959އިން 1972އަށާއި 1990އިން 1993އަށެވެ.

އަލްފާޟިލް އަޙުމަދު ޒަކީ ވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރުކަން 1968އިން ފެށިގެން 1975ގައި އެ މިނިސްޓްރީގެ ދަރަޖަ ޑިޕާޓްމަންޓަކަށް ބަދަލުކުރައްވަންދެން ނުހަނު ޤާބިލުކަމާ އެކު އަދާކުރައްވައިފައެވެ. އެއީ ވަޒީރުލްޚާރިޖިއްޔާގެ ނަންފުޅުގައްޔާއި މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒްގެ ނަންފުޅުގައެވެ.

މީގެ އިތުރަށް ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައެޅުއްވި ފުރަތަމަ ހައިކޮމިޝަނަރު (ސަފީރު)އަކީ ވެސް އެ މަނިކުފާނެވެ. އެ މަނިކުފާނު ސަފީރުކަން ކުރެއްވީ 1996 ހައިތާނގައެވެ. އަދި ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅުއްވައިފައި ހުންނަވަ ދާއިމީ މަންދޫބުގެ މަގާމު ވެސް އެ މަނިކުފާނު ވަނީ އަދާކުރައްވައިފައެވެ. އަދި އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާ ނަމަ، ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ހޯއްދަވާން ރައީސް ނާޞިރު ކުރެއްވި މަސައްކަތްޕުޅުގައި ވެސް އެ މަނިކުފާނުގެ ޙިއްޞާ ބޮޑެވެ.

މީގެ އިތުރަށް ވެސް ތަފާތު މަގާމުތައް ޒަކީ ފުރުއްވައިފައިވުމަކީ އެކަށީގެންވާ ކަމެކެވެ. އަޅުގަނޑު މި ދަންނަވައިލީ އަޅުގަނޑަށް މަޢުލޫމާތު ލިބުނު މިންވަރަށެވެ.

މިއީ އަޙުމަދު ޒަކީގެ ޙަޔާތުނާމާއެއްކަމަށް ނުވާތީ އެ މަނިކުފާނު ކާވެނިފުޅުބައްލަވައިގެން އުޅުއްވި އަލްއަމީރާ ފާޠިމަތު އިބްރާހީމް ދީދީއާއި ދެ ދަރިކަލުންގެ ވާހަކައެއް ނުދައްކާނަމެވެ. އެ މަނިކުފާނުގެ އެއް ދަރިކަލެއްކަމަށްވާ އޮންރަބްލް އިސްމާޢީލު ޝަފީޢު ރާއްޖޭގެ އެކި ވުޒާރާތަކުގައި ދިގު މުއްދަތެއް ވަންދެން ވަޒީރުކަން ކުރެއްވި ވާހަކައެއް ވެސް ނުދައްކާނަމެވެ.

އަޅުގަނޑުގެ އަސްލު ނުކުތާއަކީ، ގައުމީ އެކި އިޙުތިފާލުތަކުގައި ވެސް އަދި ގައުމަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ވާހަކަދައްކާ އިރު ވެސް އަޙުމަދު ޒަކީގެ ނަންފުޅު އަޑު ނީވޭތީ، އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދޭ ވާހަކައެވެ. އެ މަނިކުފާނަށް، އެ މަނިކުފާނުގެ ޚާރިޖީ ޚިދުމަތުގެ ހަނދާނަށް، ނަމަވެސް ޝަރަފެއް ނޭރުވޭ ވާހަކައެވެ. މި ކަމުގައި ސަބަބެއް އޮވެވެސްދާނެއެވެ. އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑާ ޖިސްމާނީ ގޮތުން އެ މަނިކުފާނާ ބައްދަލުވެފައެއް ވެސް ނެތެވެ. އަޅުގަނޑަށް ފެނި އިވިފައިވާ މަންޒަރުތަކާއި އަޑުތަކާއި ކީފައި ހުރި ފުރޭފުތަކުން އެ މަނިކުފާނަކީ ދިވެހިރާއްޖޭގައި މުހިންމު ޝަޚުޞިއްޔަތެއްކަމަށް ފާހަގަވީއެވެ. އަޅުގަނޑަށެވެ. ތިޔަބޭފުޅުންނަށް ނުވެދާނެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވެސް ބައެއް ބޭފުޅުންގެ ހަނދާނަށް ވެސް އިނާމު އަރުވައިފައި ހުރީމާ، އޮންރަބްލް ޒަކީގެ ނަންފުޅު މި ފަދަ ތާކުން ވެސް އަޑު ނީވޭތީ ހަމަ ހިތުގައި އުފެދުނު ޝުޢޫރުތަކެއް ތިޔަ ބޭފުޅުންނާ ޙިއްސާކޮށްލީއެވެ. ތާކުންތާކު ނުޖެހޭ ހާސަރަކަށް ވެއްޖެ ނަމަ، މާފެވެ.

ކޮމެންޓު
ކޮމެންޓުތައް
ފާތުން
27 ޖުލައި 2025 19:06
ހަނދާނެއް ނުނެތޭ. ހެހެހެ. އަދި އިނާމުދޭ ވަގުތު ނުޖެހެނީ