ad_banner
ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ މާލެ ވަޑައިގަތުން - ދެ ގައުމުގެ ގަދީމީ ގުޅުމަށް އިތުރު ބަދަހިކަމެއް!

އަބާ މުޙަންމަދު

28 ޖުލައި 2025

ލަނކާގެ ރައީސަށް ދިވެހިރާއްޖެއިން ކީ ވަރަށް ހޫނު ރައްތދޫލައިގެ މަރުޙަބާއެކެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ދައުވަތަކަށް ސްރީލަންކާގެ ރައީސް އަނޫރާކުމާރަ ޑިސަނަޔަކަ ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު 8:20ގައި ރާއްޖެ ވަޑައިގެންފިކަން ތިޔަ ހުރިހައި ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެއެވެ.

އެ މަނިކުފާނަށް ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުން ވަނީ ވަރަށް ހޫނު ރަތްދޫލައިގެ މަރުޙަބާއެއް ދަންނަވައިފައެވެ. މަރުޙަބާ ދެންނެވުމުގެ ގޮތުން ލޯބިލޯބި ކުދީންކޮޅެއް ވަރަށް ޚައްޞަ ނެށުމެއް ވެސް އެއަރޕޯޓުގައި ހުށައަޅައިދިނެވެ. އެ ނެށުމާއި ނެށުމުގެ ލަވައަށް ރައީސް ޑިސަނަޔަކަ ވަރަށް ހިތްޕުޅުހަމަޖެހުނުކަން އެ މަނިކުފާނުގެ މޫނުފުޅުމަތީގެ ޙަރަކާތްތަކުން ދޭހަވިއެވެ. ލަންކާގެ ރައީސަށް ވެލާނާ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން ރާޖޭގެ ފަރާތުން މަރުޙަބާވިދާޅުވީ ޚުދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒެވެ. އެނގިފައިވާ ގޮތުގައި އަދި ރަސްމީ ގޮތުން މަރުޙާބާދެންނެވުމުގެ ޚާއްޞަ އިޙުތިފާލެއް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ. 

މިއީ ރައީސް ޑިސަނަޔަކަ ރައީސްކަމާ ޙަވާލުވެވަޑައިގަތް ފަހުން އެ މަނިކުފާނު ރާއްޖެ ވަޑައިގަތް ފުރަތަމަ ފަހަރެވެ. އަދި ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖެވަޑައިގަތް ބޭރު ގައުމެއްގެ ފުރަތަމަ ރައީސެވެ. ނަމަވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މި މަހު 26ގައި މާލެ ވަޑައިގެންފައެވެ. 

ދިވެހިރާއްޖެއާއި ސްރީ ލަންކާއާ ދެމެދު އުފެދިފައިވާ ޚާއްޞަ ގުޅުމަކީ ފަސޭހައިން ބަޔާންކުރެވޭ ވަރަށް ވުރެ ބަދަހި އަދި ތާރީޚީ ގުޅުމެކެވެ. ދިވެހިރާއްޖެއަށް 1965ވަނަ އަހަރު މިނިވަންކަން ލިބުމާ އެކު، އެންމެ ފުރަތަމަ ރާއްޖޭގެ މިނިވަންކަން ގަބޫލުކުރި ގައުމުތަކުގެ ތެރޭގައި ސްރީލަންކާ ހިމެނެއެވެ. އޭގެ ފަހުން މި ދެ ގައުމަކީ ރަސްމީ ހައިސިއްޔަތުންނާއި އިގުތިސާދީ ގޮތުން ގުޅުން ބޮޑު އަދި ދުވަހަކު ވެސް އެ ގުޅުމަށް ބުރޫ ނާރާ ބަދަހި ގުޅުން ބޮޑު ދެގައުމެވެ. 1965 ޖުލައި މަހުގެ ތެރޭގައި ދިވެހި އެންބަސީއެއް ސްރީލަންކާގައި (އޭރުގެ ދަ ޑޮމިނިއަން އޮފް ސިލޯންގައި) ގާއިމުކުރި ފަހުން އަބަދު ވެސް ސްރީލަންކާގައި ދިވެހި އެންބަސީއެއް ހުރެއެވެ. އޭގެ މާކުރީއްސުރެ، ކޮޅުނބު ސޯސަންވިލާގައި ދިވެހި ކިޔަވާ ކުދީން ކިޔަވާން ގޮސް ތިބެއެވެ. އެއީ ލަންކާގައި ހުންނަ، ދިވެހީންގެ އަމިއްލަ ގެޔެކެވެ. ލަންކާގައި ހުރި އެކި ކޮލެޖުތަކާއި ޔުނިވަރސިޓީތަކުން ދިވެހި ދަރިވަރުން ތަޢުލީމު ޙާޞިލުކުރިއެވެ.

ދިވެހިރާއްޖޭގައި ވެސް ސްރީ ލަންކާގެ ހައިކޮމިޝަނެއް ހުރެއެވެ. ދިވެހިރާއްޖޭގައި އިނގިރޭސި މީޑިއަމަށް ތަޢުލީމު ބަދަލުކުރިފަހުން ދާދި ފަހަކާ ޖެހެންދެން ދިވެހިރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ލަންކާގެ ޓީޗަރުން އަދާކުރި ދައުރު ވަރަށް ބޮޑެވެ. މިއަދު ވެސް ތަފާތު ފަންނީ އަދި ދަންނީ މަގާމުތަކުގައި ސްރީލަންކާގެ ރައްޔިތުން ޙަރަކާތްތެރިވަމުން އެބަ ދެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ވެސް ލަންކާގެ ރައްޔިތުން ގިނަ ޢަދަދަކަށް ވަޒީފާ އަދާކުރަމުން އެބަ ގެންދެއެވެ.

ދިވެހިރާއްޖެއާއި ލަންކާއަކީ ސަގާފީ ގޮތުން ވަރަށް ގާތް އެކުވެރި ދެ ގައުމެވެ. ސަގާފީ އެންމެ ބޮޑު ގުޅުމަކީ ދިވެހިބަހާއި ސިންގަޅަބަހަކީ އެއް މާބަނޑު ދެބެއިންކަމުގައިވާކަމެވެ. ދިވެހިބަހާއި ސިންގަޅަބަސް ވަކި ދެ ބަހުގެ ގޮތުގައި އުފެދުނީ މީލާދީ ސަނަތުގެ 500 އަހަރުފެ ކުރީން، ސާންސްކިރިތު މައި ބަހުން އުފެދުނު ޕްރާކްރިތަކުންކަމަށް ބަސްވާރުން ވިދާޅުވެއެވެ. އަދި ދިވެހި ހިކި ކަނޑުމަހަކީ ލަންކާ ރައްޔިތުންނަށް ވަރަށް މަގުބޫލު އެއްޗަކަށް ވާތީ، އެއީ ލަންކާއަށް ދިވެހިރާއްޖެއިން އެކުސްޕޯޓުކުރާ މުހިންމު މުދަލެކެވެ.

ދިވެހީން އެންމެ އިހު ޒަމާނުއްސުރެ ރިޔާ ނެގި އޮޑިފަހަރުގައި ކޮޅުންބަށް ދަތުރުކޮށް އުޅުނެވެ. މިހާރު ވެސް ދިވެހީން އެ ބައި މީހުންގެ އަމިއްލަ ވަޒަންކަމަށް ބަލައިގެން އެތައް ހާސް ދިވެހީންނެއް ލަންކާގައި އެބަ ދިރިއުޅެއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ސްރީ ލަންކާ އަކީ 22.88 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ. މި އާބާދީގައި 2.1 މިލިއަން މުސްލިމުން ހިމެނެއެވެ. އެއީ އެ ގައުމުގެ ޖުމުލަ އާބާދީގެ ގާތްގަނޑަކަށް 9.7 އިންސައްތައެވެ. މުޅި އާބާދީގެ 70.1 އިންސައްތައަކީ ބުދުދީނެވެ. ރަސްމީ ދީނެއް ގާނޫނުއަސާސީގައި ކަނޑައެޅިފައި ނެތަސް ރަސްމީ ދީނެއްކަމަށް އެ ގައުމުގައި ބަލައި އުޅެނީ [ތެރަވަދާ ބުޑިޒަމް]ކިޔާ ފަލަސަފާއެކެވެ. އަދި އެ ދީން ޙިމާޔަތްކުރުމާއި އެ ދީނުގެ ތަޢުލީމާތު ފެތުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް މަސްއޫލިއްޔަތަކަށް ހަދައެވެ.  

ސްރީ ލަންކާގެ އިގުތިސާދުގެ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމެވެ.ޚާއްޞަކޮށް ސައިފަތެވެ. މީގެ އިތުރަށް ޞީނާޢީ އުފެއްދުންތެރިކަމާއި ފަތުރުވެރިކަމަކީ ވެސް އެ ގައުމުގެ އުފެއްދުންތެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ދެ ޞިނާޢަތެވެ.

ދިވެހިރާއްޖޭގެ ހުރިހައި ވެރީން ވެސް ސްރީ ލަންކާއަށް ވަޑައިގަތެވެ. އަދި ސްރީލަންކާގެ ވަރަށް ގިނަ ރައީސުންނާއި ބޮޑުވަޒީރުން ވެސް ރަސްމީ ދަތުރުފުޅުތަކުގައި ދިވެހިރާއްޖެއަށް ވަނީ ވަޑައިގެންފައެވެ.

ސްރީ ލަންކާގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ސިރީމާވޯ ބަންޑާރަނައިކެ 1970ގެ ތެރޭގައި ރަސްމީ ދަތުރުފުޅެއްގައި މާލެ ވަޑައިގަތެވެ. އެއީ ރައީސް އިބްރާހީމް ނާޞިރުގެ ޒަޢާމަތުގައެވެ. އަޅުގަނޑު ހަނދާން ހުންނަނީ މިހާ ވަރަށެވެ. ވަރަށް ގިނަ ގިޑިގެތައް ހަދައިފައި ހުރީމާ ބަލާން ގޮސް އުޅުނު ހަނދާންވެއެވެ.

ސިރީމާއޯ ބަންޑާރަނައިކެގެ ދަރިކަނބަލުން، ކުރީގެ ރައީސް ޗަންދްރިކާ ބަންޑާރަ ނައިކެ ކުމާރަތުންގާ ވެސް ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވައިފައެވެ. އެ ކަމަނާ 1994އިން 2005އަށް ސްރީ ލަންކާގެ ރައީސްކަން ކުރައްވައިފައި ވެއެވެ.

ރައީސް ނަޝީދުގެ ދަޢުވަތަކަށް ސްރީލަންކާގެ އޭރުގެ ރައީސް މަހިންދާ ރާޖްޕަކްސާ 2010ވަނަ އަހަރު މާލެވަޑައިގަތެވެ.

އޭގެ ތަންކޮޅެއް ފަހުން ރައީސް ޔާމީންގެ ދަޢުވަތަކަށް ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާ 2015ވަނަ އަހަރު ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މާލެވަޑައިގަތެވެ.

ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކުރަމަ ސިންހަ 2019ވަނަ އަހަރު ރާއްޖެ ވަޑައިގަތެވެ. އެ މަނިކުފާނު ވަނީ އޭގެ ކުރީން 2009ގައި ވެސް ރާއްޖެވަޑައިގެންފައެވެ. އަޅުގަނޑު ހަނދާންވަނީ މިއީ ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙު ރިޔާސީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އެރުވި ބޭރުގެ 300 ޑިޕްލޮމޭޓުންގެ ތެރޭގައި ހިމެނިވަޑައިގެން ކުރެއްވި ދަތުރުފުޅެއްކަމަށެވެ.

ކޮންމެއަކަސް ސްރީ ލަންކާއަކީ ދިވެހި ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ އަދި އެ ގުޅުމަށް ދުވަހަކު ވެސް ހީނަރުކަމެއް ނާންނަ އެކުވެރި އަވަށްޓެރި ދެ ގައުމެވެ. ރައީސް އަނޫރާކުމާރަ ޑިސަނަޔަކަގެ މި ފަހަރުގެ ދަތުރުފުޅުގެ ސަބަބުން ވެސް ދެ ގައުމުގެ ގުޅުމަށް އިތުރު ބަދަހކަން އަންނާނެކަމަށް އުންމީދުކުރެވެއެވެ.

ކޮމެންޓު