އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
29 ޖަނަވަރީ 2025
ފަލަސްޠީނުގެ ބިމުން ބައެއް ފޭރިގަތުމަށް ފަހު، އދ.ގެ އެހީގައި 1948ގައި ޤާއިމުކުރި "އިސްރާއީލު" އެންމެ ފުރަތަމަ ޤަބޫލުކުރެއްވީ އެމެރިކާގެ އެއިރުގެ ރައީސް ހެރީ ޓްރޫމަންއެވެ. އެ ހިސާބުން ފެށިގެން އިސްރާއީލުގެ އެންމެ ގާތް އެކުވެރިއަކީ އެމެރިކާއެވެ. އެމެރިކާގެ ތަފާތު އެހީ މެދުނުކެނޑި އެންމެ ގިނައިން ލިބެމުންދާ ތަނަކީ އިސްރާއީލެވެ.
އެމެރިކާއިން އެ ގައުމުގެ ހުޅަނގުގެ ބައިވެރީންނަށް މި ފަދަ ދީލަތި އެހީތަކެއް ނުދެއެވެ. ފަލަސްޠީނުގެ ބިމުގައި އިސްރާއީލު އިންދުނު ހިސާބުން ފަށައިގެން މިހާތަނަށް އެމެރިކާއިން އިސްރާއީލަށް 310 ބިލިއަން ޑޮލަރުގެ އެހީ ދީފައިވެއެވެ.
2001ވަނަ އަހަރާއި 2020ވަނަ އަހަރާ ދެމެދުގައި އެމެރިކާއިން އިސްރާއީލަށް ދީފައިވާ ޢަސްކަރީ އެހީތަކަކީ ދުނިޔޭގެ އެއްވެސް ގައުމަކަށް އެމެރިކާއިން ދީފައިނުވާ ވަރުގެ ބޮޑު އެހީތަކެކެވެ. .
1971ވަނަ އަހަރާއި 2007ވަނަ އަހަރާ ދެމެދުގައި އެމެރިކާއިން އިސްރާއީލަށް ދީފައިވާ އިގުތިސާދީ އެހީއަކީ އެހެން ގައުމަކަށް ދީފައިނުވާ ފަދަ ބޮޑެތި އެހީތަކެކެވެ. އެމެރިކާއިން އިސްރާއީލަށް މި ދޭ އެހީތަކަކީ އިސްރާއީލުގެ ޢަސްކަރީ ބާރާއި ދިފާޢީ ބާރު ވަރުގަދަކުރުމަށް ދެމުންދާ އެހީތަކެކެވެ. އެމެރިކާގެ މި އެހީތަކުގެ މަގުސަދަކީ މެދުއިރުމަތީގައި ވާ އެންމެ ބާރުގަދަ އަދި ޢަސްކަރީ ގޮތުން އެންމެ ކުރިއަރައިފައިވާ ދައުލަތުގެ ގޮތުގައި އިސްރާއީލު ދެމެހެއްޓުމެވެ.
ރައީސް ކްލިންޓަންގެ ވެރިކަމުގައި 1991ވަނަ އަހަރު އެމެރިކާއިން އިސްރާއީލަށް އަހަރަކު 2.7 ބިލިއަން ޑޮލަރު ދޭން ކަށަވެތިވިއެވެ. އެއީ ދިހަ އަހަރު ދުވަހުގެ މުއްދަތަށެވެ. ޖޯޖު ބުޝް (ދަރި)ގެ ވެރިކަމުގައި 2009ވަނަ އަހަރު މި އެހީ ވަނީ ތިން ބިލިއަނަށް އިތުރުކޮށްދެއްވައިފައެވެ. ބަރަކް އޮބާމާގެ ވެރިކަމުގައި 2019ގައި މި ޢަދަދު ވަނީ 3.8 ބިލިއަނަށް އިތުރުކޮށްދެއްވައިފައެވެ.
އަޤްޞާ ޠޫފާނުގެ ހަނގުރާމައިގެ ތެރޭގައި އެމެރިކާއިން ވަނީ އިޤްތިޞާދީ އަދި ޢަސްކަރީ މައިދާނުގައި އިސްރާއީލަށް އެންމެ އަހަރެއްގެ ތެރޭގައި 22 ބިލިއަން ޑޮލަރު ދީފައެވެ. މިއީ އެމެރިކާއިން އިސްރާއީލަށް ދިން އެންމެ ބޮޑު އެހީއެވެ.
އިސްރާއީލުގައި ޢިބްރީ ބަހުން ޝާއީކުރާ, ދުވަހު ނޫސް ކަލްކަލިސްޓްގެ ރިޕޯޓެއް ބުނާ ގޮތުގައި ރައީސް ޓްރަމްޕްގެ ރޭވުންތަކަށް އިސްރާއީލުން އިޖާބަދޭ ވަރަކަށް އެމެރިކާގެ އެހީތައް އިތުރުވަމުންދާނެއެވެ. ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރައީސް ޓްރަމްޕް އިސްރާއީލަށް ދެއްވާ މިންވަރު އިތުރުކުރައްވާނެއެވެ.
މި ނޫސް ބުނާގޮތުގައި އެމެރިކާގައި ވާރުދައްކާ މީހުންގެ ފައިސާއިން އެންމެ އިސްކަން ދެވޭ ގައުމުގެ ގޮތުގައި އިސްރާއީލު ދެމި އޮންނާނެކަން ޓްރަމްޕް ކަށަވަރުކޮށްދެއްވާނެއެވެ. މެދުއިރުމަތީގައި ޢަސްކަރީ ރޮނގުންނާއި ފަންނިއްޔާތުގެ މައިދާނުގައި އެންމެ ބޮޑަށް ކުރިއަރައިފައިވާ ކިޔާންކަމުގައި އިސްރާއީލު ދަމަހައްޓަވާނެކަމަށް ރައީސް ޓްރަމްޕް ވަޢުދުވެވަޑައިގަންނަވައެވެ.
އެއްވެސް ޝަރްޠަކާ ނުލައި އެމެރިކާއިން އެހީ ދޭ ހަމައެކަނި ގައުމަކީ އިސްރާއީލެވެ. ނޭޓޯގެ ގައުމުތަކަށް ޒަމާނީ ހަތިޔާރު ނުދޭ ގޮތަށް އެމެރިކާއިން އިސްރާއީލަށް އެންމެ ފަހުގެ ހަތިޔާރުތައް ދެއެވެ. އެމެރިކާއިން އިސްރާއިލަށް އެފް 16އާއި އެފް 15އާއި އެފް 35ގެ ހަނގުރާމަމަތީ މަތިންދާބޯޓާއި އަޕާޗީ ހެލިކޮޕްޓަރާއި ޖައްވުގެ ތެރޭގައި ތެޔޮއަޅައިދޭ މަތީންދާބޯޓު ފަދަ އެންމެ ފަހުގެ ޒަމާނީ ހަތިޔާރު ދީފައި ވެއެވެ. ތުރުކީވިލާތް ފަދަ ނޭޓޯގެ ބައެއް މެންބަރުންނަށް އެމެރިކާއިން ވަނީ މި ފަދަ ހަތިޔާރު ނުދީ ހިފަހައްޓައިފައެވެ.
ކުރިއަށް އޮތް ދިހަ އަހަރަށް އިސްރާއީލަށް ބޭނުންވާ ސަލާމަތީ އެހީތަކާ ބެހޭ ގޮތުން އިސްރާއީލާއި އެމެރިކާއިން މިހާރު ވަނީ ދިރާސާތައް ފަށައި ފައިލުތައް ތައްޔާރުކުރާން ފަށައިފައެވެ. ކަލްކަލިސްޓް ނެޓް ބުނާ ގޮތުގައި ސަލާމަތީ އެހީތަކާ ބެހޭ ހަތަރުވަނަ އެއްބަސްވުމުގެ މަސައްކަތް މި އަހަރު ފެށޭނެއެވެ.
ރިޚްމަން ޔުނިވަރސިޓީގެ މެދުއިރުމައްޗާ ބެހޭ އިދާރާގެ ރައީސް ޗާއި ހާރު ޒުވީ، ކަލްކަލިސްޓް ނެޓު ސަފުހާގައި ލިޔުއްވައިފައިވާ ގޮތުގައި ރައީސް ޓްރަމްޕްގެ ރިޔާސީ 4 އަހަރުގެ ތެރޭގައި އިސްރާއީލަށް ބޭނުންވާ ހުރިހައި އެހީއެއް ލިބޭނެކަމާ މެދު ޝައްކެއްނެތެވެ.
އިސްރާއީލުން ޙަމާސާ ދެކޮޅަށް ކުރި 15 މަސްދުވަހުގެ ހަނގުރާމައިގައި އިސްރާއީލަށް 2024ވަނަ އަހަރު 76.57 ބިލިއަން ޑޮލަރުގެ ގެއްލުން ތަޙައްމުލުކުރާން ޖެހިފައިވެއެވެ. މީގެ ތެރޭގައި ސަލާމަތީ ކަންކަމަށް ކޮށްފައިވާ ހޭދަތަކާއި މަދަނީ ގެއްލުންތަކަށް ކުރި ހޭދަތައް ހިމެނެއެވެ. މި ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ 2024ވަނަ އަހަރުގެ ބަޖެޓުގައި 37.7 ބިލިއަން ޑޮލަރުގެ ދަރަންޏެއް ޖެހިފައިވެއެވެ. އިސްރާއީލު ސަރުކާރު ލަފާކުރާ ގޮތުގައި މި އަންނަ 10 އަހަރުގެ ތެރޭގައި އިސްރާއީލުގެ ދިފާޢި ބަޖެޓް 74 ބިލިއަން ޑޮލަރަށް އުފުއްލިގެންދާނެއެވެ.
ކަލްކަލިސްޓް ދުވަހު ނޫސް ބުނާ ގޮތުގައި ޣައްޒާ ހަނގުރާމައަކީ އިސްރާއީލުގެ އިޤްތިޞާދަށް ވަރަށް "ބުރަ" ހަނގުރާމައެކެވެ. މި ކަމުގެ ސަބަބަކީ އެ ހަނގުރާމަ ނާކާމިޔާބު ހަނގުރާމައަކަށް ވުންކަމަށް މި ނޫސް ބުންޏެވެ.